[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ 8: ޒުވާން އިމާމް

 

((إِذَا كَانُوا ثَلاَثَةً فَلْيَؤُمَّهُمْ أَحَدُهُمْ وَأَحَقُّهُمْ بِالإِمَامَةِ أَقْرَؤُهُمْ)) رواه مسلم

މާނައީ: “އެބައިމީހުންނީ ތިންމީހުން ކަމުގައިވާނަމަ ފަހެ އެބައިމީހުންކުރެ އެކަކު އިމާމަކަށް ވާހުށިކަމެވެ. އަދި އެމީހުންކުރެ އިމާމަކަށް އެންމެ ޙައްޤުވެގެންވާ މީހަކީ އެމީހުންކުރެ ޤުރުއާން އެންމެ ހިތުދަސްމީހާއެވެ.”

((يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِى الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِى السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً فَإِنْ كَانُوا فِى الْهِجْرَةِ سَوَاءً فَأَقْدَمُهُمْ سِلْمًا وَلاَ يَؤُمَّنَّ الرَّجُلُ الرَّجُلَ فِى سُلْطَانِهِ وَلاَ يَقْعُدْ فِى بَيْتِهِ عَلَى تَكْرِمَتِهِ إِلاَّ بِإِذْنِهِ)) رواه مسلم

މާނައީ: “ބައެއްގެ އިމާމުކަން އެމީހުންކުރެ ﷲ ގެ ފޮތް އެންމެ ހިތުދަސްމީހާ ކުރާހުށިކަމެވެ. ފަހެ އެބައިމީހުން ޤުރުއާން ހިތަދަސްކުރުމުގައި ހަމަހަމަވެގެންވާނަމަ ފަހެ އެބައިމީހުންކުރެ ސުންނަތް އެންމެ ބޮޑަށް ދަންނަމީހާ އިމާމުކަންކުރާހުށިކަމެވެ. އަދި ސުންނަތް ދަތުމުގައި އެބައިމީހުން ހަމަހަމަވެގެންވާނަމަ ހިޖުރަކުރުމުގެ ގޮތުން އެންމެ އިސްމީހާ އިމާމުކަންކުރާހުށިކަމެވެ. އަދި ހިޖުރަކުރުމުގައި އެންމެން ހަމަހަމަވެގެންވާނަމަ އިސްލާމްވުމުގެ ގޮތުން އެންމެ އިސްމީހާ އިމާމުކަންކުރާހުށިކަމެވެ. އަދި މީހަކު އަނެއްމީހާގެ ވެރިކަމުގައި އޭނާގެ އިމާމަކަށް ނުވާހުށިކަމެވެ. އަދި އޭނާގެ ގޭގައި އޭނާގެ ތަންމަތީގައި އޭނާގެ ހުއްދައާއެކު މެނުވީ ނުއިށީންނަހުށިކަމެވެ.”

(ދެނަމާދު ދޭތެރޭގައި މިސްކިތުގެ އިމާމް މިސްކިތައް ވަދެއްޖެއެވެ. އަދި އެވަޤުތު ޖަމާޢަތެއްގައި ކުޑަކުއްޖަކު ޢިމާމްވެ ނަމާދުކުރާތަން ފެނުނެވެ. އެމަންޒަރު ފެނުމާއިއެކު ހައިރާންވެގެން އެކުދިންނާ ދިމާލަށް ބަލަހައްޓައިގެން އިމާމް ހުއްޓެވެ. އެކުދިން ނަމާދުކޮށް ނިމުމުން، އިމާމް އެކުދިންނަށް އަތުން އިޝާރަތްކޮށްލާފަ ކައިރިއަށް އައުމަށް ބުންޏެވެ…)

(ހުރިހާކުދިން އިމާމްގެ ގާތަށް އައެވެ.)

ކުދިން: އައްސަލާމް ޢަލައިކުމް

އިމާމް: ވަޢަލައިކުމުއް ސަލާމް. ތިކުދިން ފެނުނީމަ ބޭބެ ވަރަށް އުފާވެއްޖެ. ތިކުދިންނަށް ވަޤުތު އޮވެއްޖެނަމަ ދެތިން ސުވާލެއް ކޮށްލަން ބޭނުން.

ކުދިން: ލައްބަ، ބޭބެ އަޅުގަނޑުމެންނާ ވާހަކަދައްކާލުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް.

އިމާމް: ތިކުދިން ގޭގައި ނަމާދުނުކޮށް މިސްކިތަށް އައުމަށް މެދުވެރީ ކޮންކަމެއްތަ؟

އިމާމަކަށް ހުރި ޒުވާންކުއްޖާ: އަޅުގަނޑުމެން ބޭނުންވަނީ ސުވަރުގެ ލިބުމަށް. އިމާމް އަޙްމަދުއާއި، އިމާމް ބުޚާރީ އަދި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވާކަމަށް އަޅުގަނޑުމެންގެ އުސްތާޛު ވިދާޅުވި: ރަސޫލުﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. “މިސްކިތަށް ގޮސްފައި އަންނަމީހާއަށް ﷲ ސުވަރުގޭގައި މެހެމާންދާރީއެއް ތައްޔާރުކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސް އަންނަ ކޮންމެ ފަހަރަކުއެވެ.”

އިމާމް: ތިކުދިން ކީއްވެތަ ވަކިވަކިން ނަމާދު ނުކުރީ؟

ޒުވާން އިމާމް: އެއީ ޖަމާޢާތުގައި ކުރާ ނަމާދުން ލިބޭ އިތުރު ދަރުމައާއި ސަވާބު ޙާޞިލުކުރަން ބޭނުންވާތީވެ.

އިމާމް: ތިބުނީ ކޮން ސަވާބެއްތަ؟

ޒުވާން އިމާމް: ޖަމާޢަތުގައި ކުރާ ނަމާދުގެ ސަވާބު ވަކިވަކިން ކުރާ ނަމާދަށް ވުރެން 27 ގުނަ އިތުރުވެގެންވޭ. އިބްނު ޢުމަރު ވިދާޅުވި. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. ((صَلاَةُ الْجَمَاعَةِ أَفْضَلُ مِنْ صَلاَةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً)) رواه مسلم މާނައީ: “ޖަމާޢަތުގައި ކުރާނަމާދު އެކަހެރިކޮށް ކުރާނަދަށްވުރެ ހަތާވީސް ދަރަޖަ މާތްވެގެންވެއެވެ.”

އިމާމް: ދެން އެހެންވިއްޔާ ބުނެދީބަލަ ކީއްވެތަ އެންމެންގެ މައްޗަށް އިމާމަކަށް އިސްވީ؟

ޒުވާން އިމާމް: އަޅުގަނޑުމެން ހުރިހާކުދިން ފުރަތަމަ އަޅާކިޔާލީ. އެންމެފުރަތަމަ ޢުމުރު ބަލައިލިއިރު ހުރިހާކުދިންވެސް އެއް ޢުމުރެއް، އަދި ޢިލްމީ ގޮތުންވެސް އެއްވަރު، ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފަ ހުރި ހަމައެކަނި ކުއްޖަކީ އަޅުގަނޑު. އަޅުގަނޑު ޤުރުއާން ހިތުދަސްވާހަކަ ބުނުމުން ހުރިހާކުދިން އަޅުގަނޑު އިމާމަކަށް ހަމަޖެއްސީ.

އިމާމް: ތިހުރިހާ ކުދިންނަކީވެސް ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ކުދިންތަކެއް ކަމުގައިވަނީނަމަ ދެން ކަންތައް ކުރާނީ ކިހިނެތް؟

ޒުވާން އިމާމް: އެހެންވެއްޖާ އަހަރުމެން އައްޔަންކުރާނީ އެންމެ ރީތި ކޮށް ކިޔަވާ އެންމެ އަޑު ރީތި އަޑު ގަދަ ކުއްޖާ.

އިމާމް: ކޮއެފުޅުމެންނަށް ﷲ ބަރަކާތް ލައްވާށި! ﷲ ތިޔަކުދިންދެކެ ލޯބިވެވޮޑިގަންނަވަށީ! ހުރިހާކުދިން އަވަހަށް މަޑުމައިތިރިކަމާއެކު ގެއަށްދޭ.

ޒުވާން އިމާމް: ﷲ ބޭބެއަށް ހެޔޮކަންތައްތައް އިތުރުކޮށްދެއްވާ، ﷲ ބޭބެއަށް ރުހިވޮޑިގަންނަވާށި!

(ހުރިހާ ކުދިން އިމާމް ބޭބެއާ ސަލާމްކޮށްލަމުން..)

ހުރިހާކުދިން: އައްސަލާމް ޢަލައިކުމް.

އިމާމް: ވަޢަލައިކުމުއްސަލާމް.