[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަ ފުއްސެވުން އެދި ކިޔާ ބައެއް ދުޢާ

ފާފަކުރެވޭ ބައެއް މީހުން ތައުބާވުމަށްފަހުވެސް ފާފަފުއްސެވުން އެދި ކިޔާ ދުޢާތައް ނޭނގިގެން އުޅެއެވެ. ތިރީގައި މިގެނެސްދެނީ، ފާފަފުއްސެވުން އެދި ކުރެވިދާނެ ބައެއް ދުޢާއެވެ. އެންމެންނަށްވެސް ފާފަކުރެވެއެވެ. އެންމެ ރަނގަޅު މީހާއަކީ ފާފަކުރެވުމުން އެކަމާ ހިތާމަކޮށް، ތައުބާވެ، އެފާފައަށް ދެވަނަފަހަރަށް އަރައިނުގަންނަ މީހާއެވެ.
اللَّهُمَّ إِنِّي ظَلَمْتُ نَفْسِيْ فَاغْفِرْ لِيْ، فَإِنَّهُ لاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ
އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ، މިއަޅާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަﷲ މެނުވީ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ. (ރަވާހު ބުޚާރީ ވަ މުސްލިމް)”سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ, أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ
“އިބަﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދި އެންމެހާ ޙަމްދު ތަޢުރީފެއް އިބަﷲއަށް ލިބިވޮޑިގެންވެއެވެ. އިބަﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާ އިބަﷲގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަﷲއަށް މިއަޅާ ތައުބާވަމެވެ.” (ރަވާހު އަހްލުއްސުނަން ވަޞައްޙަޙަހޫ އަލްއަލްބާނީ)

“اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ, دِقَّهُ وَجِلَّهُ, وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ”
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ހުރިހައި ފާފަތަކެއް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ.” (ރަވާހު މުސްލިމް)

“رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ”
“މިއަޅާ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!” (ރަވާހު އަބޫދާއޫދު)

“اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْماً كَثِيْرًا, وَلاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ, فَاغْفِرْ لِيْ مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ”
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާވަނީ މިއަޅާގެ އަމިއްލަ ނަފްސަށް ގިނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވެފައެވެ. އަދި އިބަﷲ ފިޔަވައި ފާފަތައްފުއްސަވާނެ އެހެންއެއްވެސް ފަރާތެއް ނުވެއެވެ. ފަހެ އިބަﷲގެ ޙަޟްރަތުންވާ ފާފަފުއްސެވުމަކުން މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް އޯގާވެރިވެވޮޑިގަންނަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.” (ރަވާހު އަލްބުޚާރީ ވަމުސްލިމް)

“اَللَّهُمَّ اغْفِرْ لِيْ ماَ قَدَّمْتُ, وَماَ أَخَّرْتُ, وَماَ أَسْرَرْتُ, وَماَ أَعْلَنْتُ, وَماَ أَسْرَفْتُ, وَماَ أَنْتَ أَعْلَمُ بِهِ مِنِّيْ. أَنْتَ الْمُقَدِّمُ, وَأَنْتَ الْمُؤَخِّرُ لاَ إِلٰهَ إِلاَّ أَنْتَ”
އޭ ހައްދަވާބޮޑުކުރައްވި ރަސްކަލާކޮ! މިއަޅާއަށް މިއަޅާގެ އިސްވެދިޔަހައި ފާފަތަކާއި ފަސްވެދިޔަހައި ފާފައެއް ފުއްސަވާނދޭވެ! އަދި މިއަޅާ ސިއްރުން ކުރިހައި ފާފަތަކާއި ފާޅުގައި ކުރިހައި ފާފައެއް ފުއްސަވާނދޭވެ! އަދި މިއަޅާ ހައްދުފަހަނަޅާވަރަށް ކޮށްފައިވާ ފާފަތައް ފުއްސަވާނދޭވެ! އަދި އެއީ ފާފައެއްކަން މިއަޅާއަށް ވުރެބޮޑަށް އިބަﷲ ދެނެވޮޑިގަންނަވާ ފާފަވެސް މިއަޅާއަށް ފުއްސަވާނދޭވެ! އިބަރސްކަލާނގެއީ އިސްވެވޮޑިގަންނަވާ އަދި ފަސްވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފިޔަވާ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. (ރަވާހު މުސްލިމް)

“أَسْتَغْفِرُ اللهَ الْعَظِيْمَ الَّذِيْ لاَ إِلٰهَ إِلاَّ هُوَ الْحَيُّ الْقَيُّوْمُ وَأَتُوْبُ إِلَيْهِ”
“މަތިވެރިވެގެންވާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ.” (ރަވާހު އަބޫދާއޫދު ވައްތިރިމިޛީ ވަ ޞައްޙަޙަހޫ އަލްއަލްބާނީ)