الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފިތުނަތައް ގިނަވެފައިވާ ޒަމާނެއްގައި އަޅުގަނޑުމެން އުޅެމުންދާއިރު ދިމާވާ މައްސަލަތަކުގައި ޢިލްމުވެރިންގެ ބަހެއް ލިބޭތޯ މަސައްކަތްކޮށް ބައެއް ފަހަރު ލިބޭގޮތް މެދުވެރި ނުވެއެވެ. މީގެ ސަބަބުން ޢިލްމުވެރިންނާއިމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ކިލަނބުކަން އުފެދުމަށް މެދުވެރިވެއެވެ.
ނަމަވެސް ޢިލްމުވެރިންނަކީ ޢާންމުންފަދަ ބައެއް ނޫނެވެ. ޢިލްމުވެރިންގެ ޤަދަރު ޢާންމުންގެ މައްޗަށް ﷲ ތަޢާލާ އުފުއްލަވާފައިވަނީ ސަބަބުތަކެއް ހުރެގެންނެވެ. މިގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿… إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ … ﴾ (سورة فاطر٢٧) މާނައީ: “ﷲ އަށް (ބިރުވެތިވުން ޙައްޤު ގޮތުގައި) ބިރުވެތިވަނީ ޢިލްމުވެރިންނެވެ.” އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿…قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ﴾ (سورة الزمر ٩) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެނގޭމީހުންނާއި ނޭނގޭމީހުން ހަމަހަމަވާނެ ހެއްޔެވެ؟ އެކަން ހަނދުމަކުރަނީ ބުއްދީގެ އަހުލުވެރިންނެވެ.”
ދީނުގެ ޢިލްމުވެރިންނަކީ ދީނީ މައްސަލައެއްގައި ވާހަކަދެއްކުމަށްފަހު ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭ ބައެކެވެ. އެބައިމީހުންނަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާގޮތާއި ނުރުހުންވެވޮޑިގަންނަވާގޮތް މިބިންމަތީ މީސްތަކުންނަށް ބަޔާންކޮށްދެއްވާ، އެބުނާބަހުގެ ތެދުކަމަށް “ސޮއި ކުރަން” ޖެހިފައިވާ ބައެކެވެ. މިބުރަ މަސްއޫލިއްޔަތު އުފުލަމުންދާ ބައެއްގެ ހައިސިއްޔަތުން ދިނީ މައްސަލައެއްގައި ހަނުހުރުމަކީ ޢިލްމުވެރިންގެ މައްޗަށް ބައެއް ޙާލަތްތަކުގައި ޙުއްދަކަމެކެވެ.
މިގޮތުން ފަތުވާ ދެއްވާ ބޭފުޅަކު ދީނީ މައްސަލައެއްގައި ޢާންމުގޮތެއްގައި ތިން ސަބަބަކާހުރެ ފަތުވާ ދިނުމުން އެއްކިބާވެދާނެއެވެ.
“1. މައްސަލައިގައި ދަލީލުތައް ތައާރުޟުވުން: އެއީ މިސާލަކަށް މައްސަލައެއްގައި ބައެއް ދަލީލުތަކުން އެކަމެއް ވާޖިބުކުރާއިރު އަނެއްބައި ދަލީލުތަކުން އެކަމެއް ޙަރާމްކުރާކަމަށް ފެނުމެވެ. ނުވަތަ ބައެއް ދަލީލުތަކުން ކަމެއް ޙަލާލުކަމަށް ފެންނައިރު އަނެއްބައި ދަލީލުތަކުގައި އެއާޚިލާފަށް ވާރިދުވެފައިވާކަމަށް ފެނުމެވެ. މިގޮތުން މިފަދަ މައްސަލައެއްގައި ރަނގަޅުގޮތް ސާފުވަންދެން ފަތުވާ ދެއްވާ ބޭފުޅުން އެފަދަ މައްސަލައެއްގައި ފަތުވާ ނުދެއްވަފާނެއެވެ.
2. މައްސަލައިގައި ވާރިދުވެފައިވާ ދަލީލުތައް އަދުގެ މުޖުތަމަޢަށް ނުވަތަ ޙާލަތަށް އެކަށީގެންވޭތޯ ނުވަތަ ނޫންތޯ ނިންމުމަށް ދަތިވުން: އެއީ އެމައްސަލައިގެ ދަލީލު މިޙާލަތަށް އެކަށީގެންވޭތޯ ނުވަތަ އެދަލީލު އެކަށީގެންވަނީ ބައެއް ވަގުތުތަކުގައިތޯ ކަނޑައަޅަން ދަތިވުމެވެ.
3. އެމައްސަލައިގައި މަސްލަހަތު ހުރިގޮތް ކަނޑައެޅުމަށް ދަތިވުން: އާޔަތަކުން ނުވަތަ ޙަދީޘަކުން ކަމެއް ވާޖިބުވާކަމަށް ދަލާލަތުކުރާކަން އޭނާއަށް އެނގިދާނެއެވެ. އަދި އެޙާލަތަށް އެކަށީގެންނާ ދަލީލެއްކަންވެސް އެނގިދާނެއެވެ. ނަމަވެސް ދަނޑިވަޅުގެގޮތުން އެގޮތަށް ފަތުވާ ދީފިނަމަ ބޮޑު ފަސާދައެއް ކުރިމަތިވެދާނެތީ އެކަން އެއްކިބާކުރުމުގެގޮތުން ފަތުވާ ނުދެއްވަފާނެއެވެ.”1
އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި ދީނީ ޢިލްމުވެރިން މައްސަލައެއްގައި ހަނުހުރުން އެއީ ބައެއް ޙާލަތްތަކުގައި ޙުއްދަކަމެއްކަން އެނގިގެންދެއެވެ. އަދި ކިއެއް ހެއްޔެވެ. އެބޭފުޅުންނަށް ވާޖިބުވެގެންވަނީވެސް ރަނގަޅަށް އޮޅުންނުފިލާ އަދި ރަނގަޅަށް ދިރާސާ ނުކުރެވޭ މައްސަލަތަކުގައި ވާހަކަ ނުދެއްކުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا ﴾ (سورة الإسراء ٣٦) މާނައީ “އަދި ތިބާޔަށް އެކަމަކާމެދު ޢިލްމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ. ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލެ ވެވޭނެ ކަމެއްކަމުގައިވިއެވެ.”
ވީމާ، އެ ޢިލްމުވެރިއަކު ނުވަތަ ދީން ކިޔަވައިގެންހުރި މީހަކު ޝަރުޢީ މައްސަލައެއްގައި ހަނުހުރުމުން އޭނާއަކީ “ވިކިފައިވާމީހެކޭ” ނުވަތަ އޭނާއަކީ “ވަކިފަރާތަކަށް ޖެހިފައިހުރިމީހެކޭ” ކިޔާ ހަދައިގެން ނުވާނެއެވެ. އެބޭފުޅުންގެ ހިސާބުބެލުން އެއީ ޢާންމުންގެ މައްޗަށް އޮތްކަމެއް ނޫނެވެ. އެބޭފުޅުންނާމެދު ފައިސަލާކުރައްވާނީ ﷲ ތަޢާލާއެވެ. އެހެނީ ހިސާބުބެއްލެވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އަދި ހިސާބުބައްލަވާ ފަރާތެއްކަމުގައި އެއިލާހު ފުދިވޮޑިގެންވެއެވެ.
____________________________
[1] މިލިޔުމުގެ އަޞްލު ނަގާފައިވަނީ މިދާރު އަލްވަޠަނު ލިންނަޝްރި އިން ޗާޕްކޮށްފައިވާ (އައްޞަޙްވަތު އަލްއިސްލާމިއްޔާ – ފަޟީލަތުއްޝައިޚް މުޙައްމަދު އިބުނު ޞާލިޙު އަލްޢުޘައިމީން رحمه الله) މިފޮތުގެ ޞަފްޙާ 127-128 ގައިވާ ފަތުވާ އަކުންނެވެ.