[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

“އޭޕްރީލް ފޫލްސް”ގެ ދުވަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކޮންމެ އަހަރަކުވެސް 1 އޭޕްރީލްގައި ‘އޭޕްރީލް ފޫލްސް’ގެ ދުވަސް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރެއެވެ. އެދުވަހަކީ ހީސަމާސާކޮށް މީސްތަކުންނަށް ލަނޑުދީ ލަދުގަންނަވާ އަދި ދޮގު ޚަބަރުތައް ފަތުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަން ފުށެނު ސަބަބު  ތާރީޚީ ގޮތުން މުޅިއަކުން ސާފުވާކަށް ނެތެވެ. ނަމަވެސް ތާރީޚު ދިރާސާކުރާ ގިނަބަޔަކު ދެކެނީ އެދުވަސް ފެށުނީ ފަރަންސޭސިވިލާތުގައި ކަމަށެވެ.

ބުނެވޭގޮތުން މީލާދީން 1500ގެ އަހަރުތަކުގައި ފްރާންސްގެ ކަލަންޑަރު އަދުގެ ‘ގްރެގޯރިއަން’ ކަލަންޑަރަށް ބަދަލުކުރެވުނެވެ. އިހުގެ ކަލަންޑަރުގައި އާ އަހަރު ފެށެނީ މާރޗް މަހުގެ 25 ގައެވެ. އަދި އާ އަހަރުގެ ހަފްލާތައް އޭޕްރިލް 1 ގެ ނިޔަލަށް ކުރިއަށް ގެންދެއެވެ. ނަމަވެސް އާ ކަލަންޑަރުގައި އާ އަހަރު ފެށޭ ދުވަހަކީ 1 ޖެނުއަރީ ކަމުގައިވުމުން ގިނަ ހިސާބުތަކުގައި އާ އަހަރުގެ ހަފްލާތައް 1 ޖެނުއަރީއަށް ބަދަލުކުރެވުނެވެ. ނަމަވެސް އިހުޒަމާނަކީ މުވާޞަލާތީ ޚިދުމަތްތައް އާންމު ދުވަސްވަރަކަށް ނުވާތީވެ އެތައް އަހަރުތަކެއް ވަންދެންވެސް ކަލަންޑަރު ބަދަލުވިކަމުގެ ޚަބަރު ނުފޯރާ މީހުން ފަރަންސޭސިވިލާތުގައި ތިއްބެވެ. މިފަދަ މީހުން ކަލަންޑަރު ބަދަލުވުމަށް ފަހުވެސް އާ އަހަރު ފާހަގަކުރަމުން އައީ މާރޗް 25ން ފެށިގެން 1 އޭޕްރިލް އަށެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރާ މީހުންނާއި ދިމާއަށް އަނެއްބައިމީހުން “ފޫލްސް” އޭ ނުވަތަ މޮޔައިންނޭ ކިޔައި މަލާމާތްކުރަން ފެށިއެވެ. ދެން މިކަން އާންމުވެގެންގޮސް އެދުވަހކީ މީހުންނަށް ލަނޑުދީ ލަދުގަންނަވާ އަދި ދޮގު ޚަބަރުތައް ފަތުރާ ދުވަހަކަށްވީއެވެ. 1

ކޮންމެއަކަސް މިކަމަކީ މުސްލިމުންގެ އަޚްލާޤީ މިންގަޑާއި ކަރާމަތާއި ފުށުއަރާ މުސްލިމު މުޖުތަމަޢުތަކާއި ނުގުޅޭކަމެކެވެ. އެހެނީ އެދުވަހަކީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ މުންކަރާތްތައް އިންތިހާއަށް ކުރެވި އެކަމަށް ހިތްވަރުވެސް ދެވޭ ދުވަހަކަށްވާތީއެވެ. އެބައިމީހުން އެދުވަހުގައި ފާޅުކަންބޮޑު ގޮތެއްގައި މީސްތަކުން މޮޔަ ހެއްދުމަށް ދޮގު ޚަބަރުތައް ފަތުރައެވެ. މިޘާލެއްގެ ގޮތުން 1957 ގައި ބީބީސީ އިން ފޮނުވި ޑޮކިއުމަންޓްރީއެއްގައި ބަޔާންކޮށްފައިވަނީ ސްވިޓްޒަލަންޑަކީ ސްޕެގެޓީ ގަސް ހެއްދުމަށް ނުހަނު އެކަށޭނަ ރަށެއްކަމަށެވެ. މި ޑޮކިއުމެންޓްރީ އަށް ފަހު އެތައް ސަތޭކަ ބަޔަކު ބީބީސީ އަށް ގުޅާ ސްޕެގެޓީ ގަސް ވިއްކާތަނެއް އޮޅުންފިލުވުމަށްވަނީ މަސައްކަތްކޮށްފައެވެ. 2

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ކާފަރުން ޖަހާ ކޮންމެ ބެރަކަށް ނަށާ ބަޔަކަށް އަޅުގަނޑުމެން ނުވަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި، މަރުވުމާއި، އުފާފާޅުކުރުމާ އަދި އެންމެހާ ކަންކަމަކީވެސް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ކުރެވޭ ކަންކަމަށް ހަދަމާ ހިނގާށެވެ. ރަސޫލާ صلى الله عليه وسلم ވެސް ސަމާސާ ކުރެއްވިއެވެ. ނަމަވެސް ޙައްޤު ތެދުބަހެއް ނޫނީ އެކަލޭގެފާނު ދުވަހަކުވެސް ވިދާޅުނުވެއެވެ.

ކާފަރުންނާއެކު އަޅުގަނޑުމެން މިފަދަ މުންކަރާތްތަކުގައި ބައިވެރިވުން އެއީ ހުއްދަކަމެއް ނޫންކަމުގައި ގިނަ ދަލީލުތަކެއް ބޭނުން ނުވެއެވެ. ދޮގު ހެދުމަކީ އެންމެހާ މިއްލަތްތަކެއްގެ މީހުން މުންކަރާތެއްކަމަށް ނުވަތަ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ނުވަތަ އެއީ ރަނގަޅުކަމެއް ނޫންކަމަށް އިއްތިފާޤު ވެފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.   

﴿ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ ﴾ [سورة غافر ٢٨]

މާނައީ: “ހަމަކަށަވަރުން އިސްރާފުކޮށް ގިނަގިނައިން ދޮގު ހަދާ މީހުންނަށް ﷲ ތަޢާލާ ހިދާޔަތު ނުދައްކަވައެވެ.”

އަދިވެސް މީސްތަކުން ހާސްކޮށްލާ “ކުޑަކޮށް ތަޅުވާލުމަށް” ޚަބަރުތައް ގެނައުމަކީވެސް މިދުވަހު ބައެއްމީހުން ކުރާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

((لاَ يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا )) [رواه أبوداود / كتاب: الأدب / باب:من يأخذ الشيء على المزاح / رقم الحديث:٥۰۰٤ / وصححه الألباني في غاية المرام رقم:٤٤٧ ]

މާނައީ: “އެއް މުސްލިމަކު އަނެއް މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.”

މަޖަލަކަށް ނަމަވެސް މިފަދަ ވާހަކައެއް ދެއްކުމުން އަޑުއަހާމީހާ ޝޮކެއް ލިބި ހާޓް އެޓޭކެއްފަދަކަމެއް މެދުވެރިވެ ފުރާނައަށް ނުރައްކާތެރިވުމަކީވެސް އެކަށީގެންވާކަމެކެވެ.

ދެން އެދުވަހުގެ އެންމެ ބޮޑު އެއްކަމަކަށްވެފައިވަނީ މީސްތަކުން ހެއްވުމަށްޓަކައި ހަދަހަދައިގެން ވާހަކަތައް ކިޔުމެވެ. މިކަމާއި ބެހޭ ގޮތުން ނަބިއްޔާصلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

((وَيْلٌ لِلَّذِى يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه الترمذي / كتاب: الزهد / باب: في من تكلم بكلمة… / رقم الحديث: ٢٣١٥ /  وحسنه الألباني في غاية المرام رقم:٣٧٦] 

މާނައީ: “ވާހަކައެއްދައްކާއިރު މީސްތަކުން ހެއްވުމަށްޓަކައި ދޮގުހަދާ މީހާއަށް ހަލާކު ހުއްޓެވެ. އޭނާއަށް ހަލާކު ހުއްޓެވެ. އޭނާއަށް ހަލާކު ހުއްޓެވެ.”

ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޙައްޤުމަގަށް މަގު ދައްކަވާ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބުމުގެ ތައުފީޤު ދެއްވުމެވެ.

_________________________________________

[1] http://www.islamweb.net/emainpage/index.php?page=articles&id=157646

[2] http://news.bbc.co.uk/onthisday/hi/dates/stories/april/1/newsid_2819000/2819261.stm

މިމައުޟޫގައި މުހިންމު މަސްދަރެއް