[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބުރުގާއެޅުންވެސް ކުޅިވަރަކަށް…

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ތަޢާލާވަނީ އިންސާނުންނަށް އެބައިމީހުންގެ ޢައުރަތައް ނިވާކޮށް، ހޫނާ ފިނިން އެބައިމީހުންގެ ހަށިގަނޑު ރައްކާތެރިކުރުމަށްޓަކައި ފޭރާމުގެ ނިޢުމަތްދެއްވާފައެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِ‌ي سَوْآتِكُمْ وَرِ‌يشًا وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ‌ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُ‌ونَ ﴾ (سورة الأعراف ٢٦)

މާނައީ: “އޭ  އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.”

ފޭރާމުން ނިވާވެ އުޅުމުގައި ފިރިހެނުންނާއި އަންހެނުންނަށް އިސްލާމްދީނުގައިވަނީ ވަކި މިންގަނޑުތަކެއް ކަނޑައަޅުއްވާފައެވެ. އެއީ އެބައިމީހުންގެ ޢިއްޒަތާއި ކަރާމާތްތެރިކަން ރައްކާތެރިކޮށްދިނުމުގެ ގޮތުންނެވެ. ޚާއްޞަގޮތެއްގައި އަންހެން ބޭކަނބަލުން ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑު ކީރިތި ޤުރުއާނުގެ ނައްޞުގައި އައިސްފައިވައިވުމުން އެކަން ނުހަނު ސާފުވެފައިވެއެވެ.  އެއިލާހު ވަޙީކުރެއްވިއެވެ.

﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴾  (سورة الأحزاب ٥٩)

މާނައީ: ” އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.”

މިކަން އެނގުނު ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައިވެސް މިހާރު ހިތާމަވެރި މަންޒަރުތައް ފެނެއެވެ. ﷲ ތަޢާލާގެ މަތިވެރި އާޔަތްތައް ބޮލާލާޖަހުމަށްފަހު ދީނުގެ މިފަދަ މަތިވެރި ޝިޢާރުތައް ބައެއްމީހުން ކުޅިވަރަކަށް ހަދާތަން ފެނެއެވެ. ބުރުގާ އަޅައިގެން “ބޮޑުބެރަށް ނެށުމާއި” މުޒާހަރާތަކުގެ އެންމެ ކުރީގައި ތިބުމާއި އަދި ޖޯޑުޖޯޑަށް އަނދިރި ހިސާބުތަކުގައި ތިބޭކަމީ ހިތާމަހުރިކަމެކެވެ. ޢިއްފަތްތެރި އަންހެނަކަށް ނުވެވިއްޖެނަމަ އޭނާއަށް ހަމަޔަޤީނުންވެސް ބުރުގާ އެޅުމުގެ މަޤުޞަދާއި ޚިލާފުވެވިއްޖެއެވެ.

ބުރުގާ އެޅުމުގެ މަޤުޞަދަކީ އަންހެނާގެ ވަނާތައް ނިވާކޮށް މީސްތަކުންގެ ސަމާލުކަން ނުހުއްޓޭފަދަ ގޮތަކަށް ހުރުންކަމުގައިވީނަމަވެސް ތަފާތު “ސްޓައިލް” ތަކަށް މުސްލިމު އަންހެނުން މިއަދު ބުރުގާ އަޅައެވެ. ސުވާލަކީ މިފަދައިން ބުރުގާ އަޅާމީހުން މިމަސައްކަތްކުރަނީ ﷲ ތަޢާލާއަށް މަކަރުހަދާ ޤިޔާމަތްދުވަހުން ތިމަންވެސް ބުރުގާ އެޅީމޭ ބުނުމަށްޓަކައި ހެއްޔެވެ؟ އެފަދަ އަދަބުކުޑަ ގޮތްގޮތަށް ބުރުޤާ އަޅާ ބަޔަކު އެފަދައިން ދުލުން ނުބުނި ނަމަވެސް މީ އެބައިމީހުންގެ ޙާލުގެ ދުލުން ބުނެވޭ ބުނުމެކެވެ.

އަންހެނާއަށް ނިވާކަން ބޮޑީ ގެއިން ބޭރަށް ދާ ކޮންމެ ފަހަރަކު ކަރުގެ ވަށައިގެން ބުރުގާ އޮޅާލުމުންތޯއެވެ؟ ނުވަތަ ހުރިހާ ދިމާލަކުން ދަތި ޖަހައިގެން ބުރުގާ ވީހާވެސް ކުޑަކޮށްލީމާތޯއެވެ؟ ނުވަތަ ބޮލުން ފެންހިއްކުމަށް ތުވާއްޔެއް އޮޅާލާހެން ބުރުގާ ބޮލުގައި އޮޅާލުމުންތޯއެވެ؟ މިފަދައިން ކަންކުރާމީހުން އެކުރާ ކަމެއްގެ ނުބައިކަމާއެވެ. މިފަދަ މީހުންނަށް ނުވިސްނުނުނަމަވެސް، އެބައިމީހުންނަށް އެކުރެވޭކަމަކީ އަންހެނުންގެ ޝަރަފާއި ޢިއްޒަތްކަމުގައިވާ ޙިޖާބަށް މަލާމާތް ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَلَا تَتَّخِذُوا آيَاتِ اللَّـهِ هُزُوًا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ ﴾ (سورة البقرة ٢٣١)

މާނައީ: “އަދި ﷲގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ. އަދި ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކާ އަދި ފޮތާއި ޙިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެއިލާހު އެއިން ތިޔަބައިމީހުންނަށް ނަސޭހަތް ވަޙީކުރައްވައެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲއީ ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.”

ބުރުގާ ފެޝަނަކަށް ހަދައިގެންއުޅޭ މީހުން ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތި ނުވަނީތޯއެވެ. އެފަދަމީހުންނަށް އިންޒާރުދެއްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(( صِنْفَانِ مِنْ أَهْل النَّارِ لَمْ أَرَهُمَا، قَومٌ مَعَهُمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسَ،  وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ، رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ الماَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا. وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا )) [أخرجه مسلم / كتاب: اللباس والزينة / باب: النساء الكاسيات / رقم الحديث: ٢١٢٨]

މާނައީ: “ނަރަކައިގެ އަހުލުވެރިންގެތެރެއިން ތިމަންކަލޭގެފާނު އެ ދެ ބައިމީހުން ދެކެވަޑައިނުގަންނަވާ ދެބާވަތެއްގެ ބަޔަކުވެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެބައމީހުންނަކީ އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ އަދި ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައި ތިބޭ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި ރާސްތާއަކަށް ފޯރައެވެ.”

އާޚިރަތްދުވަހުން ނަރަކައިގެ ޢަޛާބަށް އަޅުގަނޑުމެންނަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން ﷲ ތަޢާލާގެ އާޔަތްތަކަށް ފުރައްސާރަކުރުމުގެ ބަދަލުގައި އެއާޔަތްތަކަށް ބޯލަނބާ ކިޔަމަންވާން އެބަޖެހެއެވެ. އަޅުގަނޑުމެން އަޅާ ބުރުގާއަކީވެސް އަޅުގަނޑުމެން ނަރަކައާއި ދުރުކުރުވާ އަދި ސުވަރުގެއާއި ގާތްކުރުވަނިވި އެއްޗަކަށް ހަދަމާ ހިނގާށެވެ. ވީހާވެސް ނިވާކަންބޮޑު ގޮތަކަށް ބުރުގާ އެޅުމަށް އާދަކުރަމާ ހިނގާށެވެ.

﴿ يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ ﴾ (سورة الأعراف ٢٧)

މާނައީ: “އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަހިނދުގައި، އެ ޝައިޠާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންއިލާހު ޝައިޠާނުން ލެއްވީމެވެ.”

މިފަދަ ވާހަކަތައް އިވުމުން ބައެއްމީހުން ބުނެފާނެއެވެ. “ތިމަން ބުރުގާ ނާޅާ މިހުންނަނީ ފާޑުފާޑު ގޮތްގޮތަކަށް ބުރުގާ ނާޅާންވެގެންނެވެ.” ދަންނާށެވެ. މިފަދަ ވާހަކަތަކަކީ ބުރުގާ ނޭޅުމަށްޓަކައި ދެއްކޭނެ ބަހަނާއެއްނޫނެވެ. ތައުބާވެ ހެޔޮކަމުގެމަގަށް އަވަސްވެގަންނާށެވެ. އެހެނީ ފިރުޢައުނުވެސް ޣަރަޤުވާންފެށުމުން ތައުބާވާން އުޅުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮމަގުގައި ފައިތިލަ ޘާބިތުކޮށްގެން ތިބުމުގެ ތައުފީޤުދެއްވުމެވެ.