[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ މުސްލިމް އަޚާ ފަޟީޙަތް ނުކުރާށެވެ.

ހަނދާންނެތުމަކީ ﷲ ތަޢާލާ އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ ސިފައެކެވެ. ވަކިމީހެއް މިކަމުގައި އިސްތިސްނާއެއްނުވެއެވެ. އެންމެ ފުރަތަމަ އިންސާނާ އަދި އަޅުގަނޑުމެން އެންމެހާ އިންސާނުންގެ ބައްޕަ އާދަމް ޢަލައިހިއްސަލާމްގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ޒިކުރުކުރައްވާފައިވެއެވެ. ((وَلَقَدْ عَهِدْنَا إِلَىٰ آدَمَ مِن قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا ﴿١١٥﴾)) سورة طه މާނަ : ((  ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ އާދަމުގެފާނަށް ވަޞިއްޔަތް ކުރައްވައި، ޢަހުދު ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ ޢަހުދު ) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް ޢަޒުމަކާއި، ޘާބިތުކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.))

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( … ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންފަދަ އިންސާނެކެވެ. ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުން ފަދައިން ހަނދުމަފުޅުނެތެއެވެ. ތިމަންކަލޭގެފާނު (ކަމެއްގައި) ހަނދުމަފުޅުނެތިއްޖެ ނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ހަނދާންކޮށްދޭށެވެ … )) – رواه البخاري –

ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އެއިލާހުގެ އަޅުތަކުންނަށް، ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވުމަށް އަންގަވައި އިންޒާރު ދެއްވާފައިވެއެވެ. އެހެނީ އެ ޝައިޠާނާ އަބަދުވެސް މަސައްކަތްކުރަނީ، ﷲ ތަޢާލާގެ މަގުން އެއިލާހުގެ އަޅުތަކުން އެއްފަރާތްކުރުމަށެވެ. ނަމާދާއި ﷲ ތަޢާލާގެ ޒިކުރުން އިންސާނާ ދުރުކުމަށެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ، އަބަދުވެސް އެއްބަޔަކު އަނެއްބަޔަކަށް ހައްޤައް ވަޞިއްޔަތްކޮށް އަދި ކެއްތެރިވުމަށް ވަޞިއްޔަތްކުރުމުގެ މަތިވެރި ވާޖިބުގެމަތީގައި ދެމިހުރުމެވެ. އެހެނީ އެއީ ފަލާޙާއި ކާމިޔާބުގެ އަހުލުވެރިންގެ މަގެވެ.

އަޅުގަނޑުމެންގެ ތެރެއިން މުސްލިމު އަޚަކަށް، ފާފައަކަށް އަރައިގެނެވޭ ކަމުގައިވާނަމަ، ނުވަތަ ދީނުގެ އަޅުކަންތަކާއިމެދު ފަރުވާކުޑަ ކުރެވޭ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް އޮތީ އެއަޚާއަށް ހަނދާންކޮށްދިނުމެވެ. ޙިކުމަތާއި އެކު، ރިވެތި ގޮތުގައި ނަސޭހަތްތެރިވުމެވެ. އެއްވެސް ޙާލެއްގައި އެ އަޚަކު ފަޞީހަތްވެ ބޭޒާރުވާގޮތައް އެއަޚާއާ މުޢާމަލާތްކުރުމެއްނެތެވެ. އެހެން ހަދައިފިނަމަ، އިސްލާޙުގެ ބަދަލުގައި އުފެދިގެންދާނީ ފަސާދައާއި ދެކޮޅުވެރިކަމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((وَذَكِّرْ‌ فَإِنَّ الذِّكْرَ‌ىٰ تَنفَعُ الْمُؤْمِنِينَ ﴿٥٥﴾ )) سورة الذاريات މާނަ : ”  އަދި ހަނދުމަ ކޮށްދޭށެވެ. ފަހެ ހަމަކަށަވަރުން ހަނދުމަކޮށްދިނުމުން، މުއުމިނުންނަށް ފައިދާ ކުރެއެވެ. “

މޫސާ ޢަލައިހިއްސަލާމްގެ ދުވަސްވަރު، ވާރޭނުވެހި ގިނަދުވަސްވެގެން، ފެނަށް ދަތިވެގެން، އެކަލޭގެފާނުގެ ގައުމުގެ އެތައްހާސް މީސްތަކުންނާއިގެން އެކަލޭގެފާނު ނިކުމެވަޑައިގަތެވެ. އަދި އެންމެ އެއްތަނަކަށް އެއްވެގެން ﷲ ތަޢާލާއަށް ވާރޭވެއްސަވާ ދެއްވުން އެދި ދުޢާ ދަންނަވަމުން ދިޔައެވެ. ނަމަވެސް ދުޢާ އިޖާބަނުވެ ދިގު ދެމިގެން ދިޔައެވެ. އެހެންކަމުން މޫސާ ޢަލައިހިއްސަލާމް ﷲ ތަޢާލާއަށް އެކަމާއިމެދު ދެންނެވިއެވެ. ދުޢާ އިޖާބަނުވާ ސަބަބެއްކަމުގައި، ﷲ ތަޢާލާ އެކަލޭގެފާނަށް އެންގެވީ، އެތައް އަހަރެއްވަންދެން ފާފަތަކަށް އަރައިގަންނަމުން ދިޔަ އަޅަކު، ތިޔަބައިމީހުންގެ ތެރޭގައި އެބަ ހުރިކަމެވެ. ކޮންމެ އަކަސް، މޫސާ ޢަލައިހިއްސަލާމް މީސްތަކުންނާއި މުޚާޠަބުކޮށް، ފާފަތަކަށް އަރައިގަންނަމުން ދިޔަ އެމީހަކު، އެމީހުންގެ ތެރެއިން ނުކުތުމަށް ދެންނެވިއެވެ. ނަމަވެސް އެއްވެސް މީހަކު ނުނިކުމެއެވެ. މީހަކު ނުކުމެގެން ނުދިޔަ ކަމުގައިވިޔަސް މާގިނައިރެއްނުވެ ވާރޭވެހެން ފަށައިފިއެވެ. މޫސާ ޢަލައިހިއްސަލާމަށް ހައިރާންކަންލިބިގެންދިޔައީ، ދުޢާ އިޖާބަވުމަށް ހުރަހެއްކަމުގައިވި، އެ މީހާ، މީސްތަކުންގެ ތެރެއިން ނުކުމެގެން ނުދަނީސް ދުޢާ އިޖާބަވެ ވާރޭވެހެން ފެށުމުންނެވެ. ކޮންމެއަކަސް، އެ ހިނދު އެއަޅާ އިޚްލާސްތެރި ތަވްބާއަކުން ތަވްބާވުމުގެ ސަބަބުން ﷲ ތަޢާލާ އެހިނދު އެބައިމީހުންގެ ދުޢާ އިޖާބކޮށްދެއްވާ، ވަރޭ ވެއްސެވީއެވެ. އެހެންކަމުން، ދުޢާއިޖާބަވުމަށް ހުރަހެއްކަމުގައިވެފައި، އަދި ފަހުން ތަވްބާވުމުން ދުޢާއިޖާބަވުމަށް ސަބަބެއްކަމުގައިވި މި އަޅަކީ ކާކުތޯ އެނގިލެއްވުމަށް އެދިވަޑައިގެން މޫސާޢަލައިހިއްސަލާމް ﷲ ތަޢާލާގެ ހަޟްރަތުގައި ދެންނެވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް އެންގެވިއެވެ. އެތައް އަހަރަކުއްސުރެ ތިމަން އިލާހަށް އެ އަޅާ އުރެދެމުން އައި އިރުވެސް ތިމަންއިލާހު އެ އަޅާ ފަޞީޙަތްނުކުރައްވަމެވެ. ދެން މިއަދު އެ އަޅާ ތަވްބާވެ ތިމަންއިލާހުގެ ހަޟްރަތަށް ރުޖޫޢަވުމުން އެއަޅާ ތިމަންއިލާހު ފަޞީހަތް ކުރައްވާނީ ކޮންފަދައަކުންހެއްޔެވެ!

ލޮބުވެތި އަޚުންނޭވެ! ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ތަޢާލާ ފޮނުއްވެވި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. ((وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ )) – رواه البخاري – މާނަ ” އަދި މުސްލިމެއްގެ އުނިކަމެއް ނުވަތަ ޢައިބެއް ދުނިޔޭގައި ފޮރުވައިދީފި މީހަކަށް، ﷲ ތަޢާލާ ޤިޔާމަތްދުވަހުގައި އެމީހެއްގެ ޢައިބެއް ފޮރުއްވާދެއްވައެވެ. “