الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
މިދުވަސްވަރަކީ ޤުދުރަތީ އެކިއެކި ލޮޅުންތައް ރާއްޖެއަށާއި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ދުވަސްވަރެކެވެ. މިގޮތުން ރާއްޖޭގެ ބައެއް ރަށްރަށުން ނަގޫރޯޅީގެ އަޘަރުފެނިފައިވެއެވެ. އަދި އާދަޔާ ޚިލާފަށް ހޫނުގަދަވެ ކަންބޮޑުވާންޖެހޭ މިންވަރަށް ކަނޑުގެ މަސްތައް މަރުވަމުންދެއެވެ. އަދި ހަމައެފަދައިން ދުނިޔެއަށް އަންނަ ބޮޑެތި ބިންހެލުންތަކުގެ އަޘަރު ރާއްޖެއަށް ކުރަމުންދެއެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި އައި ސުނާމީއަކީ ދިވެހިންގެ ހަނދާނުން ފޮހެލަން ދަތި އެއްޗަކަށްވަނީ ވެފައެވެ.
މިފަދަ ކޮންމެކަމެއް ފާޅުވާހިނދު މޫސުން ލަފާކުރާ ފަރާތްތަކުން އެކަން މެދުވެރިވީ ސަބަބުތައް އަންދާޒާކުރެއެވެ. “ޕްލޭޓް ޓެކްޓޮނިސްކް ” އާއި ގުޅުންހުރި ކަމެއްތޯ ނުވަތަ “ލޯ ޕްރެޝަރ ޒޯނެއް” އުފެދިގެން އުޅެނީތޯއެވެ. ނުވަތަ “އަލްގޭ” ގިނަވަނީތޯއެވެ. ޤުދުރަތީ ކާރިޘާތައް މެދުވެރިވަނީ ސަބަބުތައް މެދުވެރިވެގެންނެވެ. ނަމަވެސް މިއެންމެހާ ސަބަބުތައް މެދުވެރިކުރައްވާ ފަރާތް މިބައިމީހުން ހަނދާންނެއް ނުހުރެއެވެ.
ކުރީގެ އުންމަތްތަކުގެ މީހުންވެސް ޙައްދުފަހަނައަޅާ ދިޔުމުން އެބައިމީހުންގެ މައްޗަށް ގަދަކީރިތިވަންތަ ﷲ ތަޢާލާގެ ޢުޤޫބާތާއި ޢަޛާބު ޙައްޤުވެގެން ދިޔަކަން ޤުރުއާނުގެ އާޔަތްތަކުން އިނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
﴿ فَكُلًّا أَخَذْنَا بِذَنبِهِ ۖفَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّـهُ لِيَظْلِمَهُمْ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴾ (سورة العنكبوت ٤٠)
މާނައީ: “އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންއިލާހު ހިއްޕެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންއިލާހު އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި ޢަޛާބުގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި އެބައިމީހުންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި ޣަރަޤު ކުރެއްވި މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އެބައިމީހުންނަށް އަނިޔާކުރެއްވުމަށް الله އިރާދަ ނުކުރައްވައެވެ. އެހެނެއްކަމަކު، އެބައިމީހުންގެ ނަފްސުތަކަށް ހަމަ އެބައިމީހުން އަނިޔާކުރި ކަމުގައިވިއެވެ.”
މިއާޔަތުން އެނގިގެންދާގޮތުގައި ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބު މީސްތަކުންގެ މައްޗަށް ޙައްޤުވެގެންދަނީ މީސްތަކުންގެ ފާފަތަކުގެ ސަބަބުންނެވެ. މިގޮތުން ޢަޛާބުން ދުރުހެލިކުރުވާ މައިގަނޑު އެއްސަބަބަކީ ފާފަފުއްސެވުމަށް އެދިދެންނެވުމާއި އެކު ކޮންމެ މީހަކުވެސް ކުރަމުންދާ ފާފަތައް ވަގުތުން ހުއްޓާލުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴾ (سورة الأنفال ٣٣)
މާނައީ: “އަދި ކަލޭގެފާނު އެބައިމީހުންގެ މެދުގައި ހުންނަވަނިކޮށް، ﷲ އެބައިމީހުންނަކަށް ޢަޛާބެއް ނުދެއްވާނެއެވެ. އަދި އެބައިމީހުން އިސްތިޣުފާރު ކޮށްކޮށް ތިއްބައި، ﷲ އެބައިމީހުންނަކަށް ޢަޛާބެއް ނުދެއްވާނެއެވެ.”
އަޅުގަނޑުމެންގެ މުޖުތަޢުގައިވެސް ފާޅުކޮށްކުރެވޭ ފާފަތައް ގިނަގުނައެވެ. ކުފުރުގެ ބަސްތައް ބުނުމާއި، ދީނަށާއި ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުމާއި، ނަމާދު އެޅުމާއި، ޒަކާތް ނުދިނުމާއި،ޢުޛުރެއްނެތި ޤަޞްދުގައި ރަމަޟާންމަހުގެ ރޯދަ ދޫކުރުމާއި، ވައްކަންކުރުމާއި، މާރާމާރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ބަދުއަޚުލާޤީ ޢަމަލުތައްފަދަ ކަންކަމެވެ. މިފަދަ ފާފަތަކާއި ފާފަކުރާމީހުން އިތުރުވެއްޖެނަމަ ޢަޛާބެއް އައުން އެއީ ނުހަނު ގާތުގައި ވާކަމެކެވެ. މިގޮތުން ފިރުޢައުނާއި އޭނާއަށް ތަބާވީ މީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ ﴾ (سورة الزخرف ٥٥)
މާނައީ: “ފަހެ ތިމަންއިލާހު ކޯފާވެވޮޑިގަންނަވާގޮތަށް އެބައިމީހުން ކަންތައް ކުރިހިނދު، ތިމަންއިލާހު އެބައިމީހުންގެ ކިބައިން އިންތިޤާމު ހިއްޕެވީމެވެ. ފަހެ ތިމަންއިލާހު އެބައިމީހުން އެންމެން ޣަރަޤު ކުރެއްވީމެވެ.”
ފިރުޢައުނާއި އޭނާއަށް ތަބާވީމީހުންނަކީ ބިމުގައި ގަދަކަން ދައްކާ އުޅުނު ބަޔެކެވެ. އަދި އެބައިމީހުންގެ ގާތަށް ފޮނުވުނު ރަސޫލާ މޫސާ عليله السلام އަށް ފާޅުކޮށް ހަޖޫޖަހާ، ފުރައްސާރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ބަސްބުނެ އަދި ﷲ ގެ ޝަރީޢަތާއި ދެކޮޅަށް މަސައްކަތްކުރިއެވެ. މިގޮތުން އެބައިމީހުންނަށް އެކިއެކި އިންޛާރުތައް ﷲ ތަޢާލާ ދެއްވިއެވެ. އިންޛާރަކަށް ފަހު އިންޛާރެކެވެ.
﴿ وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِّنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ ﴾ (سورة الأعراف ١٣٠)
މާނައީ: “ހަމަކަށަވަރުން ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންއިލާހު ފިރުޢައުނުގެ މީހުން ހިއްޕެވީމެވެ. (އެއީ) އެބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.”
ނަމަވެސް މިކަންކަމަށް މާބޮޑުފަރުވާއެއް މިބައިމީހުން ނުބެހެއްޓުމުން އާޚިރު ނަތީޖާއަކަށްވީ އެބައިމީހުން ޣަރަޤުވެ ހަލާކުވުމެވެ.
އަޅުގަނޑުމެންނަކީ ޢަޛާބުން ރައްކާތެރިކުރުވަނިވި ޙަޤީޤީ ފިޔަވަޅުތަކެއް އަޅަންބޭނުން ބަޔަކުނަމަ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވަމާ ހިނގާށެވެ. އަދި ދީނުގެ ކަންކަމުގެ ތެރެއިން ފަރުވާކުޑަކުރެވޭ އަދި ފަސްކުރެވިފައިވާ ކަންކަމަށް ތައުބާވެ އައު ފެށުމަކުން ފަށަމާ ހިނގާށެވެ. އަދި ނުރައްކާތެރި ވަބާތަކުން އަޅުގަނޑުމެން އެއްކިބާކޮށްދެއްވުމަށް ރޮއި އާދޭސްކޮށް ﷲގެ ޙަޟްރަތަށް ދަންނަވަމާ ހިނގާށެވެ. ވަޤުތު ފާއިތުވުމުގެ ކުރިންނެވެ. އެހެނީ އެއްވެސް ފަރުވާލެއްނެތި ފާފަތަކުގައި ޣަރަޤުވެގެން ތިއްބާ ބޮޑު ޢުޤޫބާތެއް ޙައްޤުވެދާނެއެވެ.
﴿ أَفَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ * أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ * أَفَأَمِنُوا مَكْرَ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ اللَّـهِ إِلَّا الْقَوْمُ الْخَاسِرُونَ ﴾ (سورة الأعراف ٩٧- ٩٩)
މާނައީ: “ފަހެ، ރަށްތަކުގެ އަހުލުވެރިން އެބައިމީހުން ރޭގަނޑު ނިދާފައިތިއްބައި އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ * ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެބައިމީހުން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ * ފަހެ، ﷲގެ ރޭއްވެވުމާމެދު އެބައިމީހުން (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ ﷲގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެތެވެ.”
އެންމެހާ މީސްތަކުންނޭވެ! ތެދުވެރި ތައުބާއަކުން ﷲއަށް ތައުބާވަމާ ހިނގާށެވެ. މީސްތަކުންކުރާ ފާފަތައް ﷲ ތަޢާލާއަށް ވަންހަނާވެވޮޑިގެންނުވެއެވެ. ނަމަވެސް އެއިލާހުގެ އޯގާވަންތަކަމުން މީސްތަކުންނަށް މުހުލަތުދެއްވައެވެ.
﴿ نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ * وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ ﴾ (سورة الحجر ٤٩ – ٥٠)
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހުކަމުގައި، ތިމަންއިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހުގެ ޢަޛާބު އެއީ، ވޭންދެނިވި ޢަޛާބެއް ކަމަށްވެސްމެއެވެ.”
ﷲ ތަޢާލާގެ ޢަޛާބު އަޅުގަނޑުމެންގެ މައްޗަށް ޙައްޤުވެއްޖެނަމަ ދެން ފަހެ “ވޯނިންގް ސިސްޓަމަކުން” ކުރާނެ ފައިދާއެއް ނެތެވެ. އެއިލާހީ ހިއްޕެވުމުގައި އެންމެ ގަދަފަދަވަންތަ އިލާހެވެ.
އޭ ﷲ! އަޅަމެންނަށް ސިއްރުގައި އަދި ފާޅުގައި ކުރެވޭ އެންމެހާ ފާފަތައް ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ހެޔޮމަގަށް މަގުދައްކަވާނދޭވެ! އަދި އަޅަމެންގެ ތެރޭގައިތިބި ތަންދޮރު ނުފިލާ މީހުން ކުރާކަންކަމުގެ ސަބަބުން އަޅަމެންގެ މައްޗަށް ޢާންމުވެގެންވާފަދަ ޢުޤޫބާތެއް ނުފޮނުއްވާނދޭވެ!
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.