[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲގެ އިރާދަކުރެއްވުން

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައާއި، އަދި އެއިލާހުގެ ރަސޫލާގެ ފަރާތްޕުޅުންނާއި، އަދި އެއިލާހުގެ ސިފަފުޅުތަކުގެ ޛަރީޢާއިން، އަޅުގަނޑުމެނަށް ޚަބަރު ދެއްވާފައިވަނީ އެއިލާހު ލޯބިވެވޮޑިގެންވަނީ މުޙުސިނުންނާއި، ތަޤުވާވެރިންނާއި، ކެތްތެރިންދެކެއެވެ. އަދި އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުންދެކެ އެއިލާހު ރުއްސަވާވޮޑިގެންވާކަމުގެ ޚަބަރު ވަނީ ދެއްވަވާފައެވެ. ހަމައެފަދައިން ކާފަރުންނާއި، އަނިޔާވެރިންނާއި، ފަސާދަކުރާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންނުވާކަމުގެ ޚަބަރުވެސް ވަނީ ދެއްވާފައިވެއެވެ. އަދި ކުފުރުގެ ޢަމަލުތައްކުރާ މީހުންދެކެ އެއިލާހު ރުއްސަވާވޮޑިގެންނުވާކަމުގެ ޚަބަރު ވަނީ ދެއްވާފައެވެ. މިހުރިހާކަމަކީ އެއިލާހުގެ އިރާދަކުރެއްވުމާއި ބޭނުންވެވޮޑިގަތުމުގެ ބާރުގެ ދަށުގައިވާ ކަންކަމެވެ. އެހެނީ ހަމަކަށަވަރުން އެއިލާހު އިރާދަކުރައްވައިފިކަމުގައިވާނަމަ މިފަދައިން ކަންތައްތައް ނުހިނގީހެވެ. އަދި އެއިލާހު ބޭނުންވެވޮޑިގެންނުވާކަމެއް އެއިލާހުގެ މިލްކުވެވޮޑިގަތުމުގައި ނުވީހެވެ. އެއިލާހު ނުރުއްސަވާކަމެއް އަދި އެއިލާހު ބޭނުންވެވޮޑިގެންނުވާކަމެއް އެއިލާހު އިރާދަކުރެއްވުމަކީ ކިހިނަކުންވާނޭކަމެއްހޭ މީހަކު ބުނެފިނަމަ އޭގެ ޖަވާބަކީ ކޮބާ؟

ޖަވާބު: ނައްޞުތަކުގައި އެއިލާހުގެ އިރާދަކުރެއްވުން ދެމާނައެއްގައި އައިސްފައިވާކަން ދެނެގަންނާށެވެ.

ފުރަތަމައީ: إِرَادَةُ كَوْنِيَّةٍ قَدَرِيَّةٍ (ކަވްނީ ޤަދަރީ އިރާދަކުރެއްވުމެވެ.) މިއިރާދަކުރެއްވުމާ، ލޯބިވެވޮޑިގަތުމާއި ރުއްސަވާވޮޑިގަތުމާ އެއްވެސް ގުޅުމެއް ނުވެއެވެ. ހަމައެހެންމެ، މިއިރާދަކުރެއްވުމުގެ ތެރެއަށް ކުފުރާއި، އީމާނާއި، ކިޔަމަންތެރިކަމާއި، ނުކިޔަމަންތެރިކަމާއި، ރުއްސަވާވޮޑިގެންވުމާއި، ލޯބިވެވޮޑިގެންވުމާއި، ރުއްސަވާވޮޑިގެންނުވުމާ މިއެންމެހާ ކަމެއް ޝާމިލުވާ ހުއްޓެވެ. މިއިރާދަކުރެއްވުމުން (މުސްލިމެއް ވިޔަސް ކާފަރެއްވިޔަސް) އިސްތިސްނާވެ، އަދި ސަލާމަތް ނުވާހުއްޓެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((فَمَنْ يُرِدْ اللَّهُ أَنْ يَهدِيَهُ يَشْرَحْ صَدْرَهُ لِلإِسْلامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً)) الأنعام: ١٢٥ މާނައީ: “ފަހެ، ﷲގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يُرِدْ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنْ اللَّهِ شَيْئاً أُوْلَئِكَ الَّذِينَ لَمْ يُرِدْ اللَّهُ أَنْ يُطَهِّرَ قُلُوبَهُمْ))  المائدة: ٤١ މާނައީ: “ﷲ އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ!) ފަހެ، ﷲގެ ޙަޟްރަތުން އެމީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވާނެއެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ހިތްތައް ޠާހިރުކުރެއްވުމަށް ﷲ އިރާދަކުރައްވާފައިނުވާ މީހުންނެވެ.” މިފަދަ އެހެން އާޔަތްތައްވެއެވެ.

ދެވަނައީ: إِرَادَةُ دِينِيَّةٍ شَرْعِيَّةٍ (ދީނީ ޝަރުޢީ އިރާދަކުރެއްވުމެވެ.) މިއިރާދަކުރެއްވުން ބިނާވެފައިވަނީ ﷲ ގެ ރުއްސަވާވޮޑިގަތުމާއި ލޯބިވެވޮޑިގަތުމާއެވެ. މިއިރާދަކުރެއްވުމުގެ ދަށުން އެއިލާހުގެ އަޅުތަކުންނަށް ކަންކަމަށް އަމުރުކުރައްވައި، ކަންކަން ނަހީ ކުރައްވައެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((يُرِيدُ اللَّهُ بِكُمْ الْيُسْرَ وَلا يُرِيدُ بِكُمْ الْعُسْرَ)) البقرة: ١٨٥ މާނައީ: “ﷲ އެދިވޮޑިގެންވަނީ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތެވެ. އަދި އެއިލާހު ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަށް އެދިވޮޑިނުގަންނަވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِنْ قَبْلِكُمْ وَيَتُوبَ عَلَيْكُمْ وَاللَّهُ عَلِيمٌ حَكِيمٌ))  النساء: ٢٦ މާނައީ: “ﷲ ބޭނުންވެވޮޑިގެންވަނީ، ތިޔަބައިމީހުންނަށް (މަޞްލަޙަތުހުރިގޮތް) ބަޔާން ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް ތަވްބާ ލެއްވުމަށެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.” މިފަދަ އެހެން އާޔަތްތައްވެއެވެ.

އިރާދަތުލް ކަވްނިއްޔާއަށްފަހު މެނުވީ މިއިރާދަ ކުރެއްވުން (އެބަހީ: އިރާދަތުއް ޝަރުޢިއްޔާ) ނާންނަހުއްޓެވެ. ކަންމިހެންހުރިއިރު، މިދެއިރާދަކުރެއްވުން ޖަމާވާހުށީ ކިޔަމަންތެރި މުއުމިނާއަށެވެ. އަދި ފާޖިރު އުރެދޭމީހާއަށް ވަނީ އިރާދަތުލް ކަވްނިއްޔާ އެކަންޏެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވަނީ އެއިލާހުގެ ރުއްސެވުމަށެވެ. ނަމަވެސް އެއިލާހަށް އިޖާބަދިނުމަށް ހިދާޔަތް ލިބޭހުށީ އެބައިމީހުންގެ ތެރެއިން އެއިލާހު އިރާދަކުރެއްވި ބަޔަކަށެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَاللَّهُ يَدْعُو إِلَى دَارِ السَّلامِ وَيَهْدِي مَنْ يَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ)) يونس: ٢٥ މާނައީ: “ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވައެވެ.”

ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަޢުވަތު އާއްމުވެގެންވެއެވެ. އަދި އެއިލާހުގެ ހިދާޔަތް ޚާއްޞަވެގެންވަނީ އެއިލާހު އިރާދަކުރެއްވި މީހަކަށެވެ. ((إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِمَنْ اهْتَدَى)) النجم: ٣٠ މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިއިލާހު، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ މޮޅަށް ދެނެވޮޑިގެންވޭމެއެވެ.”

(އަޅުތަކުންނަށް އޮތީ ހިދާޔަތް ހޯދުމަށާއި، ހިދާޔަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ. ހެޔޮކަމެއްކުރާމީހާގެ ހެޔޮކަން ﷲ ގެއްލެނި ނުކުރައްވާނެއެވެ. ހިދާޔަތް ދައްކަވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.)

____________________________

މަރުޖިޢު:

أعلام السنة المنشورة، لاعتقاد الطائفة الناجية المنصورة: للشيخ حافظ بن أحمد الحكمي رحمه الله.