[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲގެ އިސްމުފުޅުތައް ދަސްކޮށްފިމީހަކު ސުވަރުގެ ވަންނަހުއްޓެވެ.

ސ : “الأسماء الحسنى” އާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَنْ  أَحْصَاهَا دَخَلَ الجَنَّة” (މާނައީ: “އެއިސްމުފުޅުތައް ދަސްކޮށް، އެއިސްމުފުޅަށް ދޭންޖެހޭ ޙައްޤުތައް ދީފިމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.”) މިޙަދީޘްފުޅުގެ މުރާދަކީ ކޮބާ؟

ޖ : މިޙަދީޘް ތަފާތު މާނާގައި ތަފްސީރުކުރައްވާފައިވެއެވެ. މިގޮތުން އެއް ތަފްސީރަކީ، އެއެންމެހާ އިސްމުފުޅުތައް ދަސްކޮށް، އެއިސްމުފުޅުތަކުން ﷲއަށް ދުޢާ ދަންނަވައި، އެއިލާހަށް ޘަނާ ދެންނެވުމެވެ.

އަދި އަނެއް ތަފްސީރަކީ، މިއިސްމުފުޅުތައް ތަފާތު ބަޔަށް ބެހެއެވެ. އެއިންކޮންމެ ބަޔަކަށްވެސް އޭގެ ޙައްޤު ދިނުމެވެ. އެބައިތަކަކީ:

(1) މިސާލީ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން “الرحيم” “الكريم” ފަދަ އިސްމުފުޅުތަކެވެ. އަޅާގެ މައްޗަށް ވަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން މިފަދަ މާތް ސިފަތަކުން ސިފަ ލިބިގަތުމެވެ. (އެބަހީ: މިފަދަ އިސްމުފުޅުތަކުން ދޭހަކޮށްދޭ ރަޙްމުކުރުމާއި، އޯގާވެރިވުން ފަދަ ރިވެތި ސިފަތަކުން ކުޅަދާނަވީ މިންވަރަކުން ސިފަ ލިބިގަތުމަށް މަސައްކަތްކުރުމެވެ.)

(2) ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން “الجبار” “العظيم” “المتكبر” ފަދަ އިސްމުފުޅުތަކެވެ. ފަހެ، އަޅާގެ މައްޗަށް ވަނީ މިފަދަ އިސްމުފުޅުތަކަށް އިޤްރާރުވުމާއި، އެއިސްމުފުޅުތަކަށް އިޙްތިރާމްކުރުމާއި، އަދި އެއިން ސިފައަކުން ސިފަ ލިބިގަތުމަށް މަސައްކަތް ނުކުރުމެވެ.

(3) ވަޢުދުގެ މާނަ އެކުލެވިގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން “الغفور” “الشكور” “العفو” “الرؤوف” “الحليم” “الجواد” “الكريم”  ފަދަ އިސްމުފުޅުތަކެވެ. މިފަދަ އިސްމުފުޅުތައް އިވޭ ހިނދު ހިތްހަމަޖެހުމާއި، އިސްމުފުޅުތަކުން ގެނެސްދޭ ކަންކަމަށް އެދުމެވެ. (އެބަހީ: ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ޢަފޫކުރައްވާ، އޯގާވަންތަ އިލާހުކަން ދެނެގަނެ، އެއިލާހުގެ ރަޙްމަތާއި މަދަދުން އުއްމީދުކަނޑާނުލުމެވެ. އަދި ފާފަފުއްސެވުމަށާއި، ދެއްވުމަށާއި، ކަންކަމުގައި އެއިލާހަށް ދެންނެވުމެވެ. މި ކަންކަން ހިތަށް ގެނެސް، ވިސްނައި ފިކުރުކުރުމަކީ އިންސާނާއަށް އުފާވެރިކަމާއި، ފާގަތިކަމާއި، ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. މާޔޫސްވުމާއި، ހިތްނުތަނަވަސްވުމުން ދުރުކޮށްދޭނެކަންކަމެވެ.)

(4) ވަޢީދުގެ މާނަ އެކުލެވިގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން “عزيز ذوانتقام” (އެބަހީ ޢަޒީޒުވަންތަ، ބަދަލު ހިއްޕެވުމުގައި ގަދަފަދަ ފަރާތް)  “شديد العقاب” (އެބަހީ ޢުޤޫބާތް ދެއްވުމުގައި ގަދަފަދަ ފަރާތް) “سريع الحساب” (އެބަހީ ޙިސާބުބެއްލެވުން އަވަސް ފަރާތް) ފަދަ އިސްމުފުޅުތަކެވެ. މިފަދަ އިސްމުފުޅެއް އިވޭ ހިނދު ބިރުވެތިވުމާއި، އެއިލާހުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދުން ހިމެނެއެވެ.

އަދި އަނެއް ތަފްސީރަކީ، އަޅާ އެއިސްމުފުޅުތަކަށް ހެކިވުމާއި، އެއިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުތައް ދެނެހުރެ ދިނުމާއި، އެއިސްމުފުޅުން އެއިލާހަށް އަޅުކަންކުރުމެވެ. އޭގެ މިސާލަކީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެގެންވާކަމަށާއި، އެތަކެއްޗަށް ވުރެ މަތީގައިވާކަމަށާއި، އެއިލާހު ޢަރުޝިއަށް އިސްތަވާ ވޮޑިގެންވާކަމަށާއި، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވޮޑިގެންވާކަމަށް ހެކިވުމާއެކު، އެއިލާހުގެ ޢިލްމުފުޅާއި ޤަދަރުފުޅު އެންމެހާ އެއްޗެއް ވަށާލައިގެންވާކަމަށް ހެކިވުމާއެކު، މިޞިފަފުޅުތައް އެއިލާހަށް ލިބިވޮޑިގެންވާކަން ދެނެހުރެ އެއިލާހަށް އަޅުކަންކުރުމެވެ. އެފަދަ ޙާލަތެއްގައި އަޅާގެ ހިތަށް އިޙްސާސްވެގެންދާނީ، އެމީހާގެ ހިތް އެއިލާހަށް ބިރުވެތިކަމާއެކު މުނާޖާ ދަންނަވާ ޙާލު އެއިލާހުގެ ޙަޟްރަތަށް ޙާޟިރުކުރެވިފައިވާ ކަމުގެ އިޙްސާސެވެ. އަދި ކުށްކުރެވިފައިވާ ނިކަމެތި އަޅާ ޢިއްޒަތްވަންތަ އެންމެހާ ކަމެއްގެ ވެރި އިލާހުގެ ޙަޟްރަތުގައި ކޮޅަށް ހުއްޓި ހުންނަ ކަމުގެ އިޙްސާސެވެ. އެފަދަ ޙާލުގައި އެމީހާއަށް ހިތަށް ކުރަމުން ދާނީ އެމީހާގެ އެންމެހާ ބަސްތަކަކާއި ޢަމަލުތަކެއް ޙާޟިރުކުރެވި އެކަމުގެ ހިސާބު ބެލެވެމުންދާކަމުގެ ޝުޢޫރެވެ. ވީހިނދު، އެމީހާ ހިތާމަކުރަންޖެހި، ފަޟީޙަތްވެދާފަދަ ޢަމަލުތަކާއެކު އެއިލާހުގެ ޙަޟްރަތައް ދިޔުމަށް އެފަދަ މީހަކު ލަދުވެތި ވާނެއެވެ. ހަމައެފަދައިން އެފަދަ މީހަކަށް ފެނި ޔަޤީންވެގެން ދާނީ އެއިލާހުގެ އަމުރުފުޅާއި، އިލާހީ ޙުކުމްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ހުރިހާ ވަގުތަކުވެސް (އުޑުން) ފައިބަމުންދާ މަންޒަރެވެ. މިގޮތުން އެއިލާހުގެ ތަދުބީރުކުރެއްވުމުގެ އެކި ވައްތަރުތަކާއި، ބާރުވަންތަކަމާއި، މެރުއްވުމާއި، ދިރުއްވުމާއި، ޢިއްޒަތްތެރިކުރެއްވުމާއި ނިކަމެތި ކުރެއްވުމާއި، ދަށްކުރެއްވުމާއި މަތިކުރެއްވުމާއި، ދެއްވުމާއި މަނާކުރެއްވުމާއި، މުޞީބާތްތައް ފާޅުކުރެއްވުމާއި މުޞީބާތްތައް އުފުއްލެވުމާއި، މީސްތަކުންގެ ތެރޭގައި ދުވަސްތައް ބަދަލުކުރެއްވުން ފަދަ އެއިލާހަށް ހަމައެކަނި މިލްކުވެވޮޑިގެންވާ ބާރުތައް ތަންފީޛުވެގެންވާކަން އެމީހަކަށް އެނގިގެންދާނެއެވެ. އެއިލާހުގެ އަމުރުފުޅު، އެއިލާހު އިރާދަކުރެއްވިގޮތަކަށް ތަންފީޛުވެގެންވެއެވެ. ((يُدَبِّرُ الْأَمْرَ مِنَ السَّمَاء إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ)) السجدة: 5 މާނައީ : “އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبيرކުރައްވައެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް އަރައިގެންދެއެވެ.”

ފަހެ، ޙައްޤުގޮތުގައި އެނގިހުރެ، އެއިލާހަށް އަޅުކަންކޮށް، މިފަދަ އިޙްސާސްތައް ކުރެވިއްޖެ މީހަކަށް އެމީހާގެ ވެރި އިލާހު ފުދިގެންވެއެވެ. ހަމައެފަދައިން އެއިލާހުގެ މޮޅު ޢިލްމުފުޅާއި، އައްސަވާވޮޑިގަތުމާއި، ބައްލަވާވޮޑިގަތުމާއި، އެއިލާހުގެ ދިރިދެމިވޮޑިގަތުމާއި، ޤާއިމުވެވޮޑިގަތުން ފަދަ އިސްމުފުޅުތަކަށް ހެކިވެއްޖެމީހަކުވެސް ހަމަ މިފަދައެވެ. ހެޔޮކަމުގައި ކުރިއަރައިގެން ގޮސްފައިވާ، އެއިލާހާ ކުއްތަންވެގެންވާ މީހަކަށް މެނުވީ މިފަދަ މަތިވެރި ދަރަޖައެއް ނުލިބޭނެއެވެ.

(އެހެންކަމުން، މިބުނެވިދިޔަ ފަދައިން އެޙަދީޘްގެ ތަފްސީރުތަކަށް ޢަމަލުކުރުމުން އަޅުގަނޑުމެނަށް އެޙަދީޘްގައިވާ މަތިވެރި ދަރަޖަލިބޭ ހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޢަމަލުކުރުމުގެ ތަޥްފީޤު ދެއްވާށި! އާމީން.)

____________________________

މަރުޖިޢު:

* أعلام السنة المنشورة، لاعتقاد الطائفة الناجية المنصورة: للشيخ حافظ بن أحمد الحكمي رحمه الله.