[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަރާމް ގޮތުގައި މުދާ ހޯދުން … ދުޢާ އިޖާބަނުވުމަށް އޮތް ސަބަބެއް.

ﷲ ތަޢާލާވަނީ، އެއިލާހަށް ދުޢާ ދަންނަވައި އެއިލާހުގެ ހަޞްރަތުން ކަންކަމަށް އެދުމަށް މީސްތަކުންނަށް އަންގަވާފައެވެ. އެހެނީ އެއިލާހީ ޞަމަދުވަންތައިލާހެވެ. ((اللَّـهُ الصَّمَدُ )) سورة الإخلاص ﴿٢﴾ މާނަ: ” ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. “ އެހެންކަމުން އެއީ އެންމެހައި ކަމަކުން ފުދިވޮޑިގެންވާ އިލާހެވެ.

އެއިލާހަށް ދުޢާ ދެންނެވުން އެއީ މަތިވެރިވެގެންވާ އަޅުކަމެކެވެ. މި އަޅުކަން އަދާކުރަން ނުޖެހޭކަމަށް ދެކި ބޮޑާވާ މީހުންނީ ނިކަމެތިކަމާއި އެކު ނަރަކައިގެ ޢަޒާބުގެ ތެރެއަށް ވަންނާނެ ބައެއްކަމުގައި ﷲ ތަޢާލާވަނީ ޚަބަރުދެއްވާފައެވެ. ﷲ ތަޢާލާވަޙީކުރައްވާފައި ވެއެވެ. ((وَقَالَ رَ‌بُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُ‌ونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِ‌ينَ )) سورة غافر ﴿٦٠ މާނަ: ” އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ދަންނަވާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް ދުޢާ ކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ! ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. “

ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައި މިވާފަދައިން ” ތިމަންރަސްކަލާނގެއަށް ދުޢާ ދަންނަވާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. “ އެއީ ދުޢާ އިޖާބަކޮށްދެއްވާ ދީލަތިވަންތަ އިލާހެވެ.

ނަމަވެސް އަޅާގެ ދުޢާ އިޖާބަނުވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ވެއެވެ. އޭގެތެރެއިން މައިގަނޑު އެއް ސަބަބު އަންނަނިވި ޙަދީޘް ގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށް ދެއްވާފައި ވެއެވެ. އެއީ ޙަރާމް ތަކެތިގޮތުގައި މުދާ ހޯދައި އެ ބޭނުންކޮށް އުޅުމެވެ. އެއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމެކެވެ. ރިޝްވަތު ނެގުމާއި، ރިބާ ކެއުމާއި، ކޮރަޕްޝަށް ފަދަ، ކަންކަން އާންމުވެ، އެއީ މާބޮޑު ކަމަކަށް ނުހަދައި، އެފަދަ ޙަރާމް ކަންކަމަށް މީސްތަކުން އަރައިގަންނަމުން ދަނީ މަދެއްކޮށެއްނޫނެވެ. މިފަދައިން ހޯދާ މުދަލާއި ފައިސާ  ހިމެނޭނީ ޙަރާމްގޮތުގައި ހޯދާ ތަކެތިކަމުގައެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( ދެން އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހެއްގެ ވާހަކަ ޒިކުރުކުރެއްވިއެވެ. އެމީހަކީ، އެމީހާ ކުރަމުން ދިޔަ ދަތުރު ދިގުވުމުގެ ސަބަބުން ބޯ ހޭވި ހިރަފުސް ވެފައިވާ މީހެކެވެ. އޭނަގެ ދެ އަތް މައްޗަށް އުފުލައި ދުޢާކުރަން ފެށިއެވެ. އޭ އަޅުގެ ވެރި ރައްބެވެ! އޭ އަޅުގެ ވެރި ރައްބެވެ! … އޭނަ ކަނީ ޙަރާމް އެއްޗިއްސެވެ. ނުވަތަ ޙަރާމް ގޮތުގައި ހޯދާ ތަކެއްޗެވެ. އޭނަ ބޮނީ ޙަރާމް އެއްޗިއްސެވެ. ނުވަތަ ޙަރާމް ގޮތުގައި ހޯދާ ތަކެއްޗެވެ. އޭނަ ލައިއުޅެނީ ޙަރާމް އެއްޗިއްސެވެ. އަދި އޭނާ ހެދި ބޮޑުވެފައިވަނީ ޙަރާމްތަކެއްޗަށް ބަރޯސާވެގެންނެވެ….ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ )) رواه مسلم

މި ހަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، ޙަރާމް ގޮތުގައި މުދާ ހޯދާމީހުންގެ ދުޢާ އިޖާބަވުން ދުރުވެގެންވާކަމެވެ. ރަނގަޅު ހެޔޮގޮތުގައި މުދާ ހޯދާ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލައްވާށިއެވެ. – އާމީން –