[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 12

ނަބީކަމުގެ ފެށުން:

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ގެ ޢުމުރުފުޅުން 40 އަހަރުފުޅުގައި އެކަލޭގެފާނަށް ނަބީކަން ޙަވާލުކުރެއްވުނެވެ. ﷲ ތަޢާލާގެ ރިސާލަތު އެންމެހާ މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ބުރަ މައްސޫލިއްޔަތު އެކަލޭގެފާނާ ހަވާލުކުރެވުނެވެ. 40 އަހަރަކީ އެންމެ ފުރިހަމަ ޢުމުރެވެ. އެހެންކަމުން ﷲ ތަޢާލާ ނަބީކަން ދެއްވަވަނީ ނަބިއްޔުންގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. މިގޮތުން އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه و سلم ގެ އަރިހަށް އެންމެ ފުރަތަމަ ވަޙީބަސްފުޅާއިގެން ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންނެވީ އެކަލޭގެފާނު ނޫރުފަރުބަދައިގެ ހިރާ އޭ ކިޔުނު ހޮހޮޅައިގައި ހުންނަވަނިކޮށެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު ވަޙީބަސްފުޅަކީ (اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾) އެވެ. މާނައީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. “ ފަހެ މިގޮތަށް ވަޙީ ބާވައިލެއްވުމުގެ ކުރިން ތެދުވެރި ހުވަފެންތަކުގެ ގޮތުގައި މާތްވެގެންވާ ނަބިއްޔާ صلى الله عليه و سلم އަށް ވަޙީބާއިލެއްވުނެވެ. މިގޮތުން ފަތިހުގެ އަލިކަންހާ ސާފުކޮށް އެނގިފާޅުވެގެން މެދުވެރިވާ ކަންތައްތައް އެކަލޭގެފާނުގެ ހުވަފެންފުޅުގައި ފެންނަމުން ދިޔައެވެ. އަދި ނަބީކަމުގެ އެހެނިހެން ޢަލާމާތްތައްވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވެއެވެ. މިގޮތުން ވަޙީބާވައިލެއްވުމުގެ ކުރިން މައްކާގައިވާ ހިލައެއް އެކަލޭގެފާނަށް ސަލާމް ދަންނަވައެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ އެއީ މައްކާގެ ކޮންތަނެއްގައިވާ ހިލައެއްކަން ފަހުން އެނގިވަޑައިނުގަންނަވާ ކަމުގައެވެ. މި ހަދީޘް ރިވާކުރައްވާފައިވަނީ އިމާމް މުސްލިމްއެވެ.

ރަސޫލުﷲ صلى الله عليه و سلم ގެ ދަޢުވަތު ފެށުން:

ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދަޢުވަތު އެންމެ ފުރަތަމަވެސް ފެއްޓެވީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށް ގޮވާލައްވަމުންނެވެ. ނުވަތަ ތަޥްޙީދަށް ގޮވާލައްވަމުންނެވެ. އަދި ޝިރުކުން ދުރުހެލިވުމަށް ގޮވާލައްވަމުންނެވެ. އެކަލޭގފާނުގެ ޤައުމު މައްކާގައި ވަރަށް ގިނަ ނުބައި ފާޙިޝްކަނަތްތައް ފެތުރިފައި ވުމާއެކުވެސްމެވެ. އެބައިމީހުންގެ ތެރޭގައިވަނީ އަންހެންކުދިން ދިރިތިއްބާ ވަޅުލުން ޢާއްމުވެފައެވެ. އަދި ޒިނޭކުރުން ޢާއްމުވެފައެވެ. އަދި ރާބުއިން ހައްދު ފަހަނައާޅާގޮސްފައެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ދަޢުވަތު ތަޥްޙީދުން ފެއްޓެވުމުން ދޭހަވާ ކަމަކީ އެކަލޭގެފާނު ތަޥްޙީދަށް ދެއްވި އަހައްމިޔަތުކަމުގެ ބޮޑުކަމެވެ. ތަޥްޙީދު ޤާއިމް ކުރެއްވުމަށާއި ޝިރުކު ނައްތާލެއްވުމަށް އެކަލޭގެފާނު އިންތިހާޔަށް މަސައްކަތްކުރެއްވިއެވެ. ސަބަބަކީ ހުރިހާ ޢަމަލެއް ބިނާވެގެންވަނީ ތަޥްހީދުގެ މައްޗަށްކަމަށްވާތީއެވެ. ތަޥްޙީދާއި ނުލާ ކުރާ އެއްވެސް އަޅުކަމަކުން އެއްވެސް މަންފާއެއްނުކުރާނެތީއެވެ. އަދި ﷲ ތަޢާލާ ތަޥްޙީދާއި ނުލާ އެއްވެސް ޢަލަމެއް ޤަބޫލް ނުކރައްވާނެތީއެވެ. އަދި ޝިރުކަކީ ކުރާ ހުރިހާ ޢަމަލެއް ނެތިކޮށްލާ އެއްޗެކެވެ. އަދި ކިތަންމެ ގަދައަޅައި މަސައްކަތްކުރިޔަސް އެޢަމަލެއްގައި ޝިރުކު ހިމެނޭ ކަމުގައި ވަނީނަމަ އެޢަމަލަކީ ބާޠިލްވެގެންވާ ޢަމަލެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ﴿٨٨﴾) (އަލްއަންޢާމް) މާނައީ: ” އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (اللَّه އަށް) ޝަރީކުކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލްވީހެވެ. “ އެހެންކަމުން މިގޮތަށް މާތް ނަބިއްޔާ صلى الله عليه و سلم ގެ ޢަމަލުފުޅާއި އެއްގޮތަށް ދީނަށް ގޮވާލާ ދަޢުވަތު ދިނުމަކީ ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައިވެސް އިސްލާމްދީނަށް ގޮވާލާ ކޮންމެ ދާޢީއެއްގެ ގޮތް ކަމުގައި ހަދަންޖެހެއެވެ. ކާމިޔާބާއި ފަލާޙާއި ނަޞްރު ލިބޭހުށީއޭރުންނެވެ. އަދި މި ގޮތަކީ ﷲ ތަޢާލާ އިންސާނުންގެ ގާތަށް ފޮނުއްވި ހުރިހާ ނަބިއްޔުންނާއި ރަސޫލުންގެވެސް މަންހަޖެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވަނީ އެންމެ ފުރަތަމަވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުމަށެވެ. އެއިލާހު އެއްކައުވަންތަ ކުރުމަކީ އެއިލާހަށް އެކަނި ޢަޅުކަންތައް ޚާލިސް ކުރުމެވެ. އަދި ކާއިނާތުގައި ހިނގާ ހުރިހާކަމެއް ތަދުބީރުކުރައްވައި ހިންގަވަނީ އެއިލާހު އެކަނިކަމަށް އީމާންވުމެވެ. އަދި އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އެއިލާހަށް ސާބިތުކުރެއްވި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހަށް ޘާބިތުކުރުމެވެ. އަދި އެއިލާހާއި އެއިލާހުގެ ނަބިއްޔާ ނަފީކުރެއްވި ހުރިހާ ނަންފުޅުތަކާއި ސިފަފުޅުތައް ނަފީކޮށް އޭގެ އިދިކޮޅު ސިފަ އެންމެ ފުރިހަމަ ގޮތުގައި އެއިލާހަށް ސާބިތުކުރުމެވެ.

މިފިލާވަޅުގެ ސުވާލުތައް:

1- ރަސޫލުﷲ صلى الله عليه و سلم އަށް އެންމެ ފުރަތަމަ ބާވައިލެއްވުނީ ކޮން އާޔަތެއް؟

2- ރަސޫލުﷲ صلى الله عليه و سلم އަށް އެންމެ ފުރަތަމަ ވަޙީބާވައިލެއްވުނީ ކޮންތަނެއްގައި ހުންނަވަނިކޮށް؟

3- ވަޙީގެ މަލާއިކަތާގެ ނަންފުޅަކީ ކޮބާ؟

4- ތަޥްހީދަކީ ކޮބައިކަން ކުރުގޮތަކަށް ބުނެދީ!

5- ޝިރުކުގެ ސުންޕާކަމުގެ ތެރެއިން ކަމެއް ބުނެދީ!

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް