[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮލަފާ ޞާލިޙް އަންބެއްގެ ޞިފަތައް

އޭނާގެ އަޤީދާ: އޭނާގެ ޢަޤީދާއަކީ ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއެވެ. އެއީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުންނާއި ޞަޙާބާއިން ދިރިއުޅުއްވި ގޮތެވެ.

އޭނާގެ މަންހަޖު: އޭނާގެ ދިރިއުޅުން ބިނާވެފައި އޮންނާނީ މާތްވެގެންވާ ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް އަންގަވާފައިވާ ގޮތްތަކުގެ މައްޗަށެވެ. އޭނާގެ ޢަމަލުތަކަކީ މާތްނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައާއި އިތުރު އެކަލޭގެފާނަށް ތަބާވީ މީހުންގެ ޢަމަލުތަކެވެ. ޞަޙާބާއިންގެ މަގެވެ.

އޭނާގެ އަޚްލާޤު: އޭނާގެ ދިރިއުޅުމުގެ މުޢާމަލާތްތައް ހުންނާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައެވެ. އޭނާ ޒީނަތްތެރިވާނީ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ ގަހަނާއިންނެވެ.

އޭނާގެ ސުލޫކު: އޭނާއަކީ ޢިއްފަތްތެރި މީހެކެވެ. ލަދުވެތި މީހެކެވެ. އެއީ ސާފުޠާހިރުކަމަށް ލޯބިކުރުމާއެކު، އޭނާގެ ޢަޥްރަ ނިވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭމީހެކެވެ.

އޭނާގެ ޝަޚްސިއްޔަތު: އޭނާގެ ޝަޚްޞިއްޔަތު ބިނާކުރާނީ އެންމެހާ މުއުމިނުތަކުންގެ މަންމަ، އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ މަތިވެރި ޝަޚްޞިއްޔަތުގެ މައްޗަށެވެ. އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމްގެ ޞަޙާބާއިންގެ ދިރިއުޅުއްވުމުގެ މައްޗަށެވެ.

އޭނާ ލޯބިކުރަނީ: އޭނާ ލޯބިކުރަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށެވެ. އޭނާގެ ޢަމަލުތަކަކީ ﷲ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ. އެއީ އެއިލާހުގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރާ ޢަމަލުތަކެވެ.

އޭނާގެ ހުސް ވަޤުތު: އޭނާ ހުސްވަގުތުތައް ހޭދަކުރަނީ އާޚިރަތް ހަނދުމަކުރުމުގައެވެ. ﷲ އަށް ގިނަގިނައިން ތަޥްބާވުމާއި ފާފަފުއްސެވުން އެދި ދެންނެވުމާއި ކަށްވަޅުގެ އަނދިރިކަމާއި ނާމާންކަމުން ސަލާމަތްކުރެއްވުމަށާއި ނަރަކައިގެ ވޭންދެނެވި ޢަޛާބުން ސަލާމަތްކުރެއްވުމަށް ﷲ އަށް ދުޢާ ދެންނެވުމުގައެވެ.

އޭނާގެ އެކުވެރީން: އެއީ މާތް ﷲ އަށް ބިރުވެތިވެ، އެއިލާހުގެ ފޮތާއި އެންގެވި ގޮތުގައި ޘާބިތުކަމާއެކު ހިފަހައްޓާ މުސްލިމް އުޚްތުންނެވެ. އަދި ހެޔޮކަންތައްތައް ކުރުމަށް އޭނާއަށް ވާގިވެރިވާ، ނުބައިކަންތައްތަކާއި މުންކަރާތްތަކާ ދުރުހެލިވުމަށް އޭނާއަށް އެހީވާ މުސްލިމް އުޚްތުންނެވެ.

އޭނާ ނަފްރަތުކުރަނީ: ﷲ އެންގެވިގޮތާއި ޚިލާފަށް އުޅޭ، އެއިލާހުގެ އަމުރުފުޅުތަކާއި ދެކޮޅުހަދައި، ޢަޥްރަ ނިވާނުކޮށް އުޅޭ، މުޖްތަމަޢުގައި ފަސާދަ އުފައްދާ، އަދި އަންހެނުންގެ މިނިވަންކަމަށޭ ބުނެ އަންހެނުންނަށް އިސްލާމީ މުޖްތަމަޢުގައި ލިބިފައިވާ މަތިވެރި މަޤާމު ނަގާލުމަށް މަސައްކަތްކުރާ މީހުންނެވެ.

އޭނާގެ ދުޝްމަނުން: އޭނާގެ ޢަދުއްވަކީ އެންމެހާ މުސްލިމުންނާއި މުސްލިމާއިންގެ ޢަދުއްވު، ޝައިޠާނާއެވެ. މިއުޒިކާއި، ފާސިދު މަޖައްލާތަކާއި، ކޭބަލްޓީވީން ފޮނުވާ ފާޑުފާޑުގެ ޑްރާމާތަކާއި އަދި މިނޫންވެސް ހުރިހާ ޝަޢިޠާނީ އުފެއްދުންތަކަކީ އޭނާގެ ދާއިމީ ދުޝްމަނުންނެވެ.

އޭނާގެ ކައިވެނި: އެއީ އިސްލާމްދީނުގެ ޙުދޫދުތަކުގެ ތެރޭގައި ކުރެވިފައިވާ ކައިވެންޏެކެވެ. އޭނާގެ ކައިވެނީގެ ކުރީގައި ހިލޭ ފިރިހެނުންނާއި އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. އޭނާގެ ކައިވެނީގެ ޙަފްލާގައި މިޔުޒިކް ކުޅުމާއި، ނެށުމާއި ދެޖިންސް މަސްހުނިވުންފަދަ އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ނުހިމެނޭނެއެވެ. އޭނާގެ ކައިވެންޏަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނާއި، ޢަލީގެފާނު (އެދެކަނބަލުންނަށް ﷲ ރުއްސުން ލައްވާށި) ކުރެއްވިފަދަ ސާދާ ކައިވެންޏެކެވެ.

އޭނާގެ އުއްމީދު: އޭނާގެ އުއްމީދަކީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ލިބިފައިވާ ޢާއިލާއެއް ބިނާކުރުމެވެ. އެހެންކަމުން، އިސްލާމްދީނުގެ މަތީގައި ޘާބިތުކަމާއެކު ފައިތިލަ ޘާބިތުކުރެވިފައިވާ ޖީލެއް އުފެއްދުމަށް އޭނާ ވާގިވެރިވާނެއެވެ. އެކަމުގެ ހިތްހަމަޖެހުން ލިބިގަތުމަކީ އޭނާގެ އުއްމީދެވެ.

އޭނާގެ މުނިފޫހިފިލުވުން: އެއީ ފައިދާ ހުރި މަޢުލޫމާތު ލިބޭ ފޮތްތައް ކިޔުމާއި، ދީނީ ފޮތްތައް ކިޔުމާއި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސީރަތު ދިރާސާކުރުމާއި، ދީނީ ދަރުސްތައް އަޑުއެހުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރުމާއި، އަދި މީނޫންވެސް އިސްލާމްދީނުގައި ހުއްދަ މުނިފޫހިފިލުވުމުގެ ވަޞީލަތްތަކުގެ ބޭނުން ކޮށްގެން ތިމާގެ ދަރީންނާއި ޢާއިލާގެ އެހެންމީހުންގެ ދާޢީއަކަށް ވުމަށް މަސައްކަތްކުރުމެވެ.

އޭނާގެ ހެދުން އެޅުން: އޭނާގެ ހެދުމަކީ ފުރިހަމަ ޖިލްބާބެވެ. އެޙިޖާބަކީ؛

1    އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.

2    ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.

3    ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.

4    ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.

5    ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.

6    ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ. އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ” މާނައި: “ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ، ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ”. (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް).

މުޖްތަމަޢުގެ މުތްތައް ދެވަނަބައި

(ނުނިމޭ)