[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިސްކިތުގެ ކުރިމަތީ ގަބުރެއްވާނަމަ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރަސޫލާ صلى الله عليه وسلم އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުވަނީ މިއުންމަތުގެ މީސްތަކުންނަށް އެންމެހާ ހެޔޮކަމަށް މަގުދައްކަވާފައެވެ. އަދި އެންމެހާ ނުބައިކަމުން ރައްކާތެރިވެ ތިބުމަށް އިންޛާރުދެއްވާފައެވެ. މިގޮތުން އެކަލޭގެފާނު ގޮވާލެއްވި ހެޔޮކަންކަމުގެ ތެރޭގައި ﷲ އެއްކައުވަންތަކުރުމާއި އެއިލާހު ރުހިވޮޑިގެންވާ އެންމެހާ ކަންކަން ހިމެނެއެވެ. އަދި މީސްތަކުން ރައްކާތެރިވެތިބުމަށް އެކަލޭގެފާނު އިންޛާރުދެއްވިކަންކަމުގެ ތެރޭގައި ޝިރުކުކުރުމާއި، އަދި ﷲ ތަޢާލާ ނުރުހުންވެވޮޑިގެންވާ އެންމެހާ ކަންކަން ހިމެނެއެވެ.

ރަސޫލާ صلى الله عليه وسلم އަވަހާރަވުމުގެ ކުރިން، އާލާސްކަންފުޅާ އުޅުއްވިއިރުވެސް އެކަލޭގެފާނު މިފަދަ އިންޛާރުކުރެއްވިއެވެ.

(صحيح) عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ فِي مَرَضِهِ الَّذِي مَاتَ فِيهِ: (لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسْجِدًا)… [صحيح البخاري / كتاب: الجنائز/ باب: ما يكره من اتخاذ المساجد على القبور / رقم الحديث: ١٣٣۰]

ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވި އާލާސްކަންފުޅުގައި ޙަދީޘްކުރެއްވިއެވެ: ނަޞާރާއިންނާއި ޔަހޫދީންނަށް ﷲ ލަޢުނަތްލައްވާށިއެވެ. އެބައިމީހުންގެ ނަބީބޭކަލުންގެ ގަބުރުތައް އަޅުކަންކުރާތަނަކަށް އެބައިމީހުން ހެދިއެވެ…

ގަބުރުސްތާނުތަކާއި ނުވަތަ ގަބުރުތަކާއި ދުރުގައި އަޅުކަންކުރާތަންތަން ހުންނަންޖެހޭ ސަބަބު މަތީގައި އެވާ ޙަދީޘުން އެނގިގެންދެއެވެ. އެއީ ﷲއަށް އެއްކައުވަންތަކޮށް އަޅުކަންކުރުމުގެ ބަދަލުގައި މަޚްލޫގަކަށް އަޅުކަންކޮށްފާނެތީ އެކަމުގެ މަގު ބަންދުކުރުމުގެ ގޮތުންނެވެ.

އެހެންކަމުން މިސްކިތުގެ ތެރޭގައި ގަބުރެއްވާނަމަ ނުވަތަ މިސްކިތުގެ ދަށުގައި ގަބަރެއް ވަޅުލާފައިވާނަމަ ނުވަތަ މިސްކިތުގެ ކުރިމަތީގައި ގަބުރެއްވާނަމަ އެތާގައި ނަމާދުކުރުން ހުއްދަވެގެންނުވެއެވެ.

މިގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތުގެ ދަށުގައި ގަބުރުވާކަން ޔަޤީންވުމުން އެމިސްކިތްތަކުގައި ނަމާދުކުރުންހުއްޓާލާފައިވާތަން އެބަފެނެއެވެ. ނަމަވެސް މިސްކިތުގެ ކުރިމަތީގައި ގަބުރުތަކެއްވާއިރު އެފަދަތަންތާގައި ނަމާދުކުރުމަކީ ކޮންކަހަލަކަމެއްކަން ވަރަށްގިނަ މީހުންނަށް އޮޅުންފިލާފައިނުވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(صحيح) عَنْ أَبِى مَرْثَدٍ الْغَنَوِىِّ قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ:  (لاَ تُصَلُّوا إِلَى الْقُبُورِ وَلاَ تَجْلِسُوا عَلَيْهَا) [صحيح مسلم/ كتاب: الجنائز / باب: النهي عن الجلوس على القبر والصلاة عليه /رقم الحديث: ٩٧٢]

އަބޫމަރުޘަދް އަލްޣަނަވީ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންއަޑުއެހީމެވެ. “ތިޔަބައިމީހުން ގަބުރުތަކާ ދިމާލަށް ނަމާދުނުކުރާށެވެ. އަދި އޭގެމަތީގައި ނުއިށީންނާށެވެ.”

އަބޫބަކުރު އަލްއަޘްރަމް رحمه اللهވިދާޅުވިއެވެ. “ގަބުރުސްތާނެއްގައި ނަމާދުކުރުމާއި ބެހޭގޮތުން އަބޫޢަބްދުﷲ (އެބަހީ: އިމާމް އަޙްމަދު އިބްނު ޙަމްބަލް رحمه الله) އާއި ސުވާލު ދެންނެވުނު އަޑުއެހީމެވެ. ފަހެ އެކަމާ އެކަލޭގެފާނު ނުރުހުންތެރިވެވަޑައިގަތެވެ. ފަހެ ދެން އެކަލޭގެފާނަށް ދެންނެވުނެވެ. ގަބުރުތަކެއްގެ މެދުގައިހުރި މިސްކިތެއްގައި ނަމާދުކުރާނެ ހެއްޔެވެ؟ ފަހެ އެކަލޭގެފާނު އެކަމާ ނުރުހުންތެރިވެވަޑައިގަތެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ހަމަކަށަވަރުން މިސްކިތާއި ގަބުރުތަކާއިދެމެދު ހުރަހެއްވެއެވެ. ފަހެ އެތާގައި ފަރުޟު ނަމާދުތައް ކުރުމަށް އެކަލޭގެފާނު ނުރުހުންތެރިވެވަޑައިގަތެވެ. އަދި ޖަނާޒާގެ މައްޗަށް އެތާގައި ނަމާދުކުރުމަށް އެކަލޭގެފާނު ހުއްދަ ދެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وعلى آله وسلمގެ އަރިހުން އައިސްފައިވާ އަބޫމަރުޘަދް އަލްޣަނަވީގެ ޙަދީޘް ޛިކުރުކުރެއްވިއެވެ. ވިދާޅުވިއެވެ. (( لا تصلوا إلى القبور)) މާނައީ: ” ގަބުރުތަކާ ދިމާލަށް ނަމާދުނުކުރާށެވެ.” އަދި ވިދާޅުވިއެވެ. އޭގެ ސަނަދު ރަނގަޅެވެ… أه. ” [فتح الباري لابن رجب / مجلد ٣/ ص ١٩٤، ١٩٥/ طبعة: مكتبة غرباء الأثرية]

މިގޮތުން އަޅުގަނޑުމެން ނަމާދުކުރުމުގައި އެންމެ ރައްކާތެރިކަންބޮޑީ ގަބުރުތަކާއި ދުރުގައި އެޅިފައިހުރި މިސްކިތްތަކުގައި ނަމާދުކުރުމެވެ. ނަމަވެސް ރަށުގައި އެންމެ މިސްކިތެއްހުރެ، އެމިސްކިތުގެ ކުރިމަތީގައި ގަބުރުތަކެއްވާނަމަ އާމިސްކިތެއް އެޅެންދެންވެސް ދެންހަދަންވީގޮތަކީކޮބާތޯ ބައެއްމީހުން ސުވާލު އުފެދެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްއުޘައިމީން رحمه الله ވިދާޅުވިއެވެ. “މިސްކިތުގެ ކުރިމަތީ ގަބުރުސްތާނެއް ހުންނަ މިސްކިތެއްގައި މީހަކު ނަމާދުކުރާހިނދު : އެދެމެދުގައި ހުރަހެއްވާނަމަ އެއީ މައްސަލައެއް ނޫނެވެ. (މިޘާލަކަށް މަގެއް ނުވަތަ ނަމާދުކުރާމީހުންނަށް ގަބުރުސްތާނު ނުފެންނާނެފަދަ ފުރިހަމަ ފާރެކެވެ.) ނަމަވެސް މިސްކިތާއި ނުހަނު ގާތުގައި ޖެހިގެންއޮތީ ގަބުރުސްތާނުނަމަ، އަދި އެދެމެދުގައި ފާރެއް ނުވާނަމަ ނުވަތަ (މިސްކިތުގައި) ނަމާދުކުރާމީހުންނަށް ގަބުރުތައް ފެންނާނެފަދަ ތިރިފާރެއް ހުރިނަމަ ފަހެ އެއީ ހުއްދަކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وعلى آله وسلم ޙަދީޘްކުރެއްވިއެވެ. (( لا تصلوا إلى القبور ولاتجلسوا عليها )) رواه مسلم މާނައީ: ‘ތިޔަބައިމީހުން ގަބުރުތަކާއިދިމާލަށް ނަމާދުނުކުރާށެވެ. އަދި އޭގެމަތީގައި ނުއިށީންނާށެވެ.’” [لقاء الباب المفتوح (١٣٧/ السؤال الأول)] 1

އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. “އަދި އާމިދީ އާއި އެހެނިހެން ބޭފުޅުންވެސް ވިދާޅުވިއެވެ: ހަމަކަށަވަރުން އެތާ ނަމާދުކުރުން ހުއްދައެއް ނުވާނެއެވެ (އެބަހީ: މިސްކިތުގެ ޤިބަލައާވީ ދިމާއަށް ޤަބުރެއްވާ މިސްކިތެއްގައެވެ.) [މިސްކިތުގެ] ފާރާއި ގަބުރުސްތާނުގެ ފާރާއި ދެމެދު އެހެން ހުރަހެއް ވުމަށްދާންދެނެވެ. އަދި މިއީ އިމާމް އަޙްމަދުގެ ފަރާތުން ވާރިދުވެފައިވާ ގޮތްކަމުގައި ބައެއް ބޭފުޅުން ޛިކުރު ކުރައްވާފައިވެއެވެ.” [ المستدرك على مجموع الفتاوى، جمع ابن القاسم/ كتاب: الصلاة / باب: اجتناب النجاسة / مجلد: ٣/ ص: ٧٥]

ވީމާ މިކަމުގެ ދާއިމީ ޙައްލަކީ މިސްކިތްތައް އަޅާއިރު ގަބުރުސްތާނުތަކާއި ދުރުގައި މިސްކިތްތައްއެޅުމެވެ. އަދި ގަބުރުސްތާނުތައް ބިނާކުރުމުގައި މިސްކިތްތަކާއި ދުރުގައި ގަބުރުސްތާނުތައް ބިނާކުރުމެވެ. ޒަމާނުއްސުރެ ރާއްޖޭގެ ގިނަ ރަށްރަށުގައި މިސްކިތާއި ގަބުރުސްތާނު އެކުއެކީގައި ބިނާކުރުމުގެ އާދަ ނައްތާލަން އެބަޖެހެއެވެ. އެހެނީ ޙައްޤުގޮތް އެނގިބަޔާންވުމުން ދެންއޮތީ އެގޮތަށްތަބާވުމެވެ.

ދުޢާއަކީ އަޅަމެންކުރާ އަޅުކަންތަކަކީ ﷲއަށް ޚާލިޞްކޮށް، އެއިލާހުގެ ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާގޮތަށް އަދާކުރެވޭ އަޅުކަންތަކެއްކަމުގައި ލެއްވުމެވެ.

_____________________________________

[1] لقاء الباب المفتوح (137)