الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަޅުގަނޑުމެންގެ ތެރޭގައި މިވަނީ އިޖުތިމާޢީ ބައެއް މައްސަލަތައް ފެންނަން ފަށާފައެވެ. ޢާއިލާތަކުގައި މައްސަލަތައްޖެހި ކައިވެނީގެ ގޮށް މޮހާލެވޭތަން ބައެއްފަހަރު އެބަފެނެއެވެ. މައްސަލަތައް ޖެހެންމެދުވެރިވާ ސަބަބުހޯދާއިރު ގިނަފަހަރު ގޮސްނިމެނީ އެއްކަމަކަށެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ނޫޅެވޭކަމެވެ.
ވަރިކުރުމުން ޖޫރިމަނާއެއް ދައްކަން މަޖުބޫރުކުރުވިޔަސް އެއީ ވަރިކުރުން މަދުކުރުމަށް އޮތް ފުރިހަމަ ޙައްލެއްނޫނެވެ. އަޅުގަނޑުމެންގެ “މަސްހުނި” މުޖުތަމަޢު ފުރިހަމަ އިސްލާމީ ވެއްޓަކަށް ބަދަލުކުރެވުމުން ހަމަ ޔަޤީނުންވެސް ﷲގެ އިރާދަފުޅާއެކު މިފަދަ މައްސަލަތައް މަދުވާނެއެވެ. މިއަދު ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ސްކޫލްތަކުގައާއި ވަޒީފާގެ މައިދާނުގައާއި ގޯތިގެދޮރުގައި ‘މިކްސް’ ވުމުގެ ނަތީޖާ ދިވެހިންކޮށްފައި މިވަނީ ވަރަށްވެސް ހިތިކޮށެވެ.
“ބައެއް ޢާއިލާތައް އެއް ގެއެއްގައި ދިރިއުޅޭއިރު، އަންހެނުން އެބައިމީހުންގެ ފިރިންގެ ތިމާގެމީހުންގެ ކުރިމަތީގައި މޫނު ކަޝްފުކުރުމަކީ ބައެއް މުޖުތަމަޢުތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާ އާދައެކެވެ.”1 މިކަމާއިބެހޭ ގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙް އަލްއުޘައިމީން رحمه اللهގެ އަރިހުން ސުވާލު ދެންނެވުނެވެ. ތިރީގައި މިވަނީ ޝައިޚް ދެއްވާފައިވާ ޖަވާބެވެ.
“ޢާއިލާއެއްގެ މެމްބަރުން އެއްކޮން ދިރިއުޅޭނަމަ، އަންހެނާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއާއި (މަޙްރަމްކަމުގެ) ގުޅުމެއްނެތް މީހުންގެކުރިމަތީގައި ޙިޖާބުއެޅުމެވެ. އެހެންކަމުން އޭނާގެ ފިރިމީހާގެ ގާތްތިމާގެ ފިރިހެނުންގެ ކުރިމަތީގައި ޒީނަތްތެރިކަން ކަޝްފުކުރުން ހުއްދަވެގެންނުވެއެވެ. ސަބަބަކީ ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ ބެލުމާއި މަޙްރަމުކަމުގެ ގުޅުމަށްބަލާނަމަ އަންހެނާގެ ޙައްޤުގައި މަގުމަތިންދާ މީހެކޭ އެއްހަމަ ބަޔެކެވެ.2 މީގެ އިތުރުން ފިރިމީހާ ގެއިން ބޭރަށް ދިޔުމުން ފިރިމީހާގެ ގާތްތިމާގެ މީހުންނާއެކު އެކަހެރިވުން އޭނާއަށް ހުއްދަވެގެންނުވެއެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. މިޘާލަކަށް ދެ އަޚުން އެއްގެއެއްގައި އުޅޭއިރު، އޭގެތެރެއިން އެކަކު ކައިވެނިކޮށްގެން އުޅޭނަމައެވެ. ކައިވެނިކޮށްގެންއުޅޭ އަޚާ، އޭނާގެ އަންހެނުން އޭނާގެ އަޚާއެކު އެކަނި ގޭގައި ބަހައްޓައިގެން ނުވާނެއެވެ. އޭނާ މަސައްކަތްކުރުމަށް ނުވަތަ ކިޔެވުމަށް ގެއިން ބޭރަށް ދިޔަކަމުގައިވިޔަސްއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ )) [صحيح البخاري / كتاب: الجهاد والسير / باب: باب من اكتتب في جيش… / رقم: ٣٠٠٦ ] މާނައީ: “(ހިލޭ)ފިރިހެނަކު (ހިލޭ)އަންހެނަކާއެކު އެކަހެރި ނުވާހުށިކަމެވެ.” އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ )) މާނައީ: “އަންހެނުންގެ ގާތަށް ވަނުމުގައި ތިޔަބައިމީހުން ސަމާލުވެ ރައްކާތެރިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ފިރިމީހާގެ ގާތްތިމާގެ މީހުންނާއިމެދު ކަލޭގެފާނު ދެކިލައްވަނީ ކިހިނެއްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( الْحَمْوُ الْمَوْتُ )) މާނައީ: “ފިރިމީހާގެ ގާތްތިމާގެމީހުންނަކީ މަރެވެ.” [صحيح البخاري / كتاب: النكاح / باب: باب لا يخلون رجل بامرأة… / رقم: ٥٢٣٢ ]
މިފަދަ ޙާލަތްތަކުގައި ޒިނޭގެ ފާޙިޝް ޢަމަލާމެދު ޢާންމުގޮތެއްގައި ސުވާލުކުރެވެއެވެ. ފިރިހެނަކު ގެއިން ބޭރަށް ދިޔުމުން އޭނާގެ އަންހެނުން ފިރިމީހާގެ އަޚާއާއެކު ގޭގައި އެކަހެރިވެއެވެ. ދެން ޝައިޠާނާ އެދެމީހުން މަގުފުރައްދައެވެ. އަދި އެމީހުން ޒިނޭކުރެއެވެ. -ﷲ ތަޢާލާ އަޅަމެން މިޢަމަލުން ރައްކާތެރިކުރައްވާށިއެވެ.- އޭނާގެ އަވަށްޓެރިޔާގެ އަނބިމީހާއާއެކު ޒިނޭކުރުމަށްވުރެ، އޭނާގެ އަޚާގެ އަނބިމީހާއާއެކު ޒިނޭކުރުމުގެ ފާފަ މާބޮޑެވެ. އަދި ކިއެއްހެއްޔެވެ. ހަމަކަށަވަރުން މިޢަމަލަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ.
ކޮންމެ ޙާލެއްގައިވެސް، ﷲ ތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުގެ ޒިންމާއިން ބަރީއަވުމުގެގޮތުން ވާހަކައެއް ދަންނަވާލަން ބޭނުމެވެ. ހަމަކަށަވަރުން އެއްވެސް ޙާލެއްގައި އޭނާގެ އަޚާއާއެކު އޭނާގެ އަނބިމީހާ އެކަހެރިކޮށް އެއްގެއެއްގައި ބަހައްޓާފައިދިޔުން ފިރިމީހާގެ މައްޗަށް ހުއްދަވެގެން ނުވެއެވެ. އެންމެ އިތުބާރުހިފޭ، އަދި އެންމެ ތެދުވެރި، އެންމެ ހެޔޮލަފާ މީހުންގެ ތެރެއިން އޭނާގެ އަޚާވީނަމަވެސްއެވެ. ސަބަބަކީ ޝައިޠާނާ އާދަމުގެ ދަރީންގެ ހަށިގަނޑުގައި ލޭދައުރުކުރާފަދައިން ދައުރުކުރާތީއެވެ. ޖިންސީ އެދުންވެރިކަމުގައި ހައްދެއްނުވެއެވެ. އަދި ޚާއްޞަކޮން ޒުވާނުންގެ ކިބައިގައި މިކަން ފާހަގަކުރެވެއެވެ.
ގޭގައި ދެ އަޚުން ދިރިއުޅޭނަމަ އަދި އޭގެތެރެއިން އެކަކު ކައިވެނިކޮށްގެންއުޅޭނަމަ އަހަރެމެން ޢަމަލުކުރާނީ ކިހިނެތްހެއްޔެވެ؟ އޭނާ މަސައްކަތްކުރަންދާން ބޭނުންވާނަމަ އޭނާގެ އަންހެނުންވެސް ގޮވައިގެންދިއުމަށް އަހަރެމެންނަށް ބުނެވިދާނެ ހެއްޔެވެ؟
ނޫނެކެވެ. ނަމަވެސް ގެ ދެބަޔަށް ބައިކޮށްލެވިދާނެއެވެ. އެއްބައި އެއީ އޭނާގެ އަޚާ އެކަނި ހުންނައިރު ހުންނަތަނެއްގެ ގޮތަށެވެ. އެބަޔަށް ދެވޭގޮތަށް ތަޅުލެވޭ ދޮރެއް ހުންނަންވާނެއެވެ. ފިރިމީހާ ބޭރަށްދާއިރު އެދޮރުގެ ތަޅުދަނޑި އޮންނަންވާނީ ފިރިމީހާގެ އަތުގައެވެ. މިގޮތަށް ކަންތައްކުރުމުން އޭނާގެ އަންހެނުން އިންނާނީ ވަކި ބައެއްގައެވެ. އަދި އޭނާގެ އަޚާ ހުންނާނީ އެހެން ބައެއްގައެވެ.3
ނަމަވެސް ކައިވެނި ނުކޮށްހުރި އަޚާ އެކަމާ ދެދޮޅުހަދާފާނެއެވެ. އަދި ބުނެފާނެއެވެ. ‘މިގޮތަށް ކަންތައް ތިކުރަނީ ކީއްވެހެއްޔެވެ؟ އަހަރެންނަށް އިތުބާރުނުކުރަނީހެއްޔެވެ؟’
އޭނާ ޖަވާބުދޭންވާނީ މިދަފައިންނެވެ. ‘އަހަރެން މިގޮތަށް ކަންތައްކުރީ ތިބާއަށް ރަނގަޅަކަށްޓަކައެވެ. ސަބަބަކީ ޝައިޠާނާ އާދަމުގެ ދަރީންގެ ހަށިގަނޑުގައި ލޭދައުރުކުރާފަދައިން ދައުރުކުރާތީއެވެ. ފަހަރުގައި (ޝައިޠާނާ) ތިބާ މަގުފަރެއްދުމުން، ތިބާގެ ހިތުގައި ޝަހުވަތްތެރިކަން އުފެދި ތިބާގެ ބުއްދީގެ މައްޗަށް އެކަންގަދަވެ ބާރުފޯރުވަފާނެއެވެ. ނަތީޖާއެއްގެގޮތުން ޙަރާމްކުރެވިފައިވާ ކަމެއްގެތެރެއަށް ތިބާ ވެއްޓިދާނެއެވެ. އެހެންކަމުން އަހަރެން މިހެން ކަންމިކުރަނީ ތިބާގެ ރައްކާތެރިކަމަށްޓަކައެވެ. އެއީ އަހަންނަށާއި ތިބާއަށްވެސް މަޞްލަޙަތުހުރިގޮތެވެ.’ އޭނާ މިކަމުގެ ސަބަބުން ރުޅިއައިއްސިނަމަ، އޭނާ ރުޅިއައިއްސަހުއްޓަދޭށެވެ. އަދި އެކަމާ ތިބާ ކަންބޮޑުނުވާށެވެ. އަޅުގަނޑު ތިބާއަށް މިކަން މިބަޔާންކޮށްދެނީ، މިކަންތިބާއަށް ވަންހަނާކުރުމުގެ ފާފައިން ބަރީއަވުމުގެގޮތުންނެވެ. ތިބާގެ އެންމެހާ ކަމެއްވަނީ ﷲ ތަޢާލާގެ އަތްފުޅުގައެވެ.
މޫނު ކަޝްފުކުރުމުގައި ދަންނައެވެ. އެއީ ޙަރާމްކަމެކެވެ. އަދި އަންހެނާ އޭނާގެ ފިރިމީހާގެ ގާތްތިމާގެ މީހުންނަށް މޫނު ދެއްކުން ހުއްދައެއް ނޫނެވެ. ސަބަބަކީ އޭނާއަކީ އެއަންހެންމީހާގެ ޙައްޤުގައި ބީރައްޓެއްސަކަށްވާތީއެވެ. ފަހެ އަންހެނާގެ ޙައްޤުގައި އެމީހުންނަކީ މަގުމަތިން ދިމާވާ މީހުންނެކޭ އެއްފަދަ ބައެކެވެ.”4
އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ އިޖުތިމާޢި މައްސަލަތައް ހައްލުވާނީ މިފަދަ ކަންކަމާމެދު ފުންކޮށްވިސްނައިގެން އެގޮތަށް ޢަމަލުކުރެވިގެންނެވެ.
ދުޢާއަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގެމަތީގައި ފައިތިލަ ޘާބިތުކޮށްގެންތިބުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުމެވެ.
__________________________________________
[1] ، [4] ދާރުއްސަލާމް އިން ޗާޕްކޮށްފައިވާ (އަ ޓްރީޓައިސް އޮން ޙިޖާބް…) އެފޮތުން ނަގާފައި
[2] އެއީ އަތާއަތްޖޯޑުކޮށް ސަލާމްކުރުމާއި މޫނުކަޝްފުކުރުމާއި އެމީހުންނާއި އެކަހެރިވެ އެއްތަނެއްގައި ތިބުމާއި މިފަދަ މަހްރަމިއްޔަތާއި ގުޅުންހުރި ޙުކުމްތަކުގައެވެ.
[3] ދެބަޔަށް ބޭރުން އައިސްވަކިގެއެއްހެން ވަދެނުކުމެވޭނެއެވެ.