[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲގެ ޙުކުމްފުޅުތަކަށް ބަދަލުނުގެންނާށެވެ!

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

މީސްތަކުންގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމުވެ، އެބައިމީހުންގެ މުޖުތަމަޢުތަކަކީ އަމާންކަން ލިބިގެންވާ މުޖުތަމަޢުތަކެއްކަމުގައިވުމަކީ މީސްތަކުންނަށް ލިބޭނޭ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތެކެވެ. ކޮންމެ މުޖުތަމަޢުއެއްގައި މިޒާޖުގެގޮތުންނާއި، ކެރުމާއިނުކެރުމުގެގޮތުންނާއި، ވިސްނުމާއި އަދި މިނޫންވެސް އެކިގޮތްގޮތުން ތަފާތު އެތައް ބަޔަކު އުޅޭނެއެވެ. މިކަމުގެ ސަބަބުން ސުލްޙަމަސަލަސްކަން ގެއްލޭ ކަންކަން ބައެއް މީހުންކުރެއެވެ. މިފަދަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމަކީ އަނެއްބައިކަންކަމަށްވުރެ ބޮޑެތި ޖަރީމާތަކެކެވެ. މިއީ ކޮންމެ މުޖުތަމަޢުއެއްގެވެސް ޙާލަތެވެ. ނަމަވެސް، ކޮންމެ މުޖުތަމަޢުއެއްގެ ސުލްޙަމަސަލަސްކަމަށްޓަކައި މިފަދަ ކަންކަން މުޖުތަމަޢުތެރޭގައި ފާޅުވެ، ޢާއްމުކަމެއް ކަމުގައި ވުމަށް ދޫކޮށްލެވުމަކީ ބިރުހުރިކަމެކެވެ. މުޖުތަމަޢުގައިވާ ކޮންމެ ފަރުދެއްގެ ޒިންމާއަކަށް ވާންވާނީ ވީވަރަކުން މިފަދަ ކަންކަން މުޖުތަމަޢުތެރެއިން ނައްތާލުމެވެ. ނުވަތަ އެންމެކުޑަމިނުން މިފަދަ ޖަރީމާތަކަކީ މުޖުތަމަޢުގައި ބީރަށްޓެހިކަންކަމުގައި ހެދޭތޯއެވެ.

މިގޮތުން، މުޅިކާއިނާތު ހައްދަވައި، އިންސާނުންގެ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުވަނީ އެބައިމީހުންގެ މުޖުތަމަޢުތަކަކީ ބުނެވިދިޔަ ޖަރީމާތަކުން ސަލާމަތްވެގެންވާ މުޖުތަމަޢުތަކެއްކަމުގައި ހެދޭނޭގޮތުގެ މައްޗަށް މަގުދައްކަވާފައެވެ. އެކަންކަން ބަޔާންކޮށްދެވި ފަރާތަކީ އިންސާނާގެ ޠަބީޢަތާއި، ދުނިޔޭގައި ވެފައިވާ އެންމެހާކަމަކާއި، ވާނޭ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. ހަމައެހެންމެ، އެފަރާތަކީ ޙިކުމަތްވަންތަ، އޯގާވަންތަ ޢަދުލުވެރި ފަރާތެވެ. އެއިލާހުގެ ޙިކުމަތްފުޅާއި، ޢަދުލުވެރިކަމުން އެއްވެސް މީހަކަށް ޛައްރެއްގެ މިންވަރަށްވެސް އަނިޔާވެރިވެވޮޑިގެންނުވެއެވެ. އެހެންކަމުން، އެފަދަ މާތް ފުރިހަމަ ޞިފަފުޅުތަކެއް ލިބިވޮޑިގެންވާ ފަރާތުގެ ޙުކުމްފުޅަކީ އެންމެ ފުރިހަމަ، ޢަދުލުވެރި ޙުކުމްފުޅުތަކެވެ. އާދެ، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކެވެ. މިފަދަ ފުރިހަމަ ފަރާތަކުން ބާވާލެއްވުނު ޙުކުމްފުޅުތައް ދޫކޮށް، އެހެންމީހުން ކޮށާމަށާ ހަދާފައިވާ ޙުކުމްތަކާއި ޤާނޫނުތަކަށް ތަބާވުމަކީ ބޮޑުވެގެންވާ މޮޔަކަމެކެވެ. އަމިއްލަ ނަފްސާއި، އަނބިންނާއި ދަރިންނާއި، މުޅިމުޖުތަމަޢު ހަލާކުގެ އަނދަވަޅުގެ ތެރެއަށް އެއްލާލެވެނީއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިއަދު އެފެންނަނީ އެކަމުގެ ހިތި ނަތީޖާއެވެ. ޤާތިލަށް އޭނާ ޤަތުލުކޮށްލިމީހާގެ ކުށެއް ނޭނގެއެވެ. މަޤްތޫލަށް އޭނާ މަރާލެވުނު ސަބަބު ނޭނގެއެވެ. ރޯމާދުވާލުއެވެ. މިކަމާގުޅޭ އެންމެހާކަމެއް ވަނީ ސުވާލުތަކެއްގެ ތެރޭގައެވެ.

މިފަދަ ދަށުދަރަޖައަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ގޮސްފައިވާއިރު، މިކަންކަން ހުއްޓުވުމަށްޓަކައި ކޮންމެ ބަޔަކުވެސް މަސައްކަތްކުރަންޖެހެއެވެ. ޢާއްމު ރައްޔިތުންނެވެ. ވެރިންނާއި، އަމަންއަމާންކަން ބެލެހެއްޓުމާ ޙަވާލުވެ ތިއްބެވި މީހުންނެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ފާސްކުރަން ތިއްބެވި މީހުންނެވެ. މުޖުތަމަޢުތެރޭގައި މިފަދަ ނޭއްގާނީ ޖަރީމާތައް ފެތުރެމުންދާއިރު، ކޮންމެ މީހަކީ އެމީހެއްގެ ކުޅަދާނަކަން ލިބިގެންވާ މިންވަރެއްގެ މަތިން އެކަންކަމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭނެ މީހެކެވެ. ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެމީހެކެވެ. އެދުވަހުން ތިމަންނައެއް ނޫނޭ އޭނައޭ، ޤާނޫނުތައް ތަންނުދެނީއޭ، އިންސާނީ ޙައްޤުތަކޭ، ނުވަތަ މިނޫންވެސް ބަހަނާތައް ދައްކައިގެން ސަލާމަތްނުވެވޭނެއެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހެއްގެ މަސްޢޫލިއްތުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ.

މިގޮތުން ޖިނާއީ ކުށްތަކުގެ ތެރެއިން އެއްކުށަކީ ޙައްޤަކާނުލައި މީހަކު މަރާލުމެވެ. އަދި އެއިގެ ތެރެއިންވެސް އެންމެ ބޮޑުވެގެންވަނީ ޤަޞްދުގައި މަރާލުމެވެ. އެންމެހާ މުސްލިމުން އިޖުމާޢުވެފައިވާގޮތުގައި ޙައްޤަކާނުލައި މީހަކު މަރާލުމަކީ ޙަރާމްކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ)) الإسراء: 33 މާނައީ: “އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ!” އަދި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنِّي رَسُولُ اللهِ، إِلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ)) (متفق عليه)މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހެއްނުވާކަމަށާއި، ތިމަންކަލޭގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލެއި ތިންގޮތަކުން މެނުވީ ޙަލާލުވެގެންނުވެއެވެ. އެއީ، މުޙްޞަން ޒިނޭކުރިމީހާއާއި، ނަފްސަކަށް ނަފްސެއްގެގޮތުންނާއި، އަދި އެމީހާގެ ދީން ދޫކޮށް ޖަމާޢަތާ ދުރުވެގަންނަމީހާއެވެ.”

ޤަޞްދުގައި މީހުންމެރުމަކީ، މަޢުޞޫމް އާދަމުދަރިއެއް، ޤަޞްދާއެކު، މަރުވާނެކަން ޔަޤީންވާފަދަ އެއްޗަކުން މަރާލުމެވެ. މިތަޢުރީފުން 3 ޝަރުޠެއްނެގެއެވެ. އެއީ، ލެއި ޙަރާމްވެގެންވާ މަޢުޞޫމް އާދަމުގެ ދަރިއަކަށްވުމާއި، ޤާތިލުގެ ޤަޞްދުގައި އެކަންކުރުމާއި، މަރާލުމަށް ބޭނުންކުރާ އެއްޗަކީ ޢާއްމުކޮށް އެއެއްޗަކުން މަރާލެވޭ ފަދަ އެއްޗަކަށްވުމެވެ. ތޫނު އެއްޗެއް ނަމަވެސް ނުވަތަ ތޫނު ނޫން އެއްޗެއް ނަމަވެސްމެއެވެ. ޤަޞްދުގައި މީހުން މެރުމުގެ 9 ޞިފައެއްވެއެވެ.

(1) ވަޅި، ކަޓަރު ފަދަ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިގެން މަރާލުމެވެ.

(2) ބޮޑު ހިލަގަނޑެއް ނުވަތަ ގާގަނޑެއްފަދަ ބަރު އެއްޗަކުން މަރާލުމެވެ. ޢާއްމުކޮށް މަރުނުވާނެވަރުގެ ކުޑަ ގަލަކުން ޖަހައިގެން މަރުވުމަކީ ޤަޞްދުގައި މެރުމަކަށް ނުވާނެއެވެ.

(3) މިނިކާވަގު، ހަރުފަ ފަދަ މިނިކާޖަނަވާރެއްގެ ތެރެއަށް ޤަޞްދުގައި އެއްލާލައިގެން މަރާލުމެވެ.

(4) އަލިފާނުގެ ތެރެއަށް އެއްލާލައިގެން، ނުވަތަ ފެނުގެ ތެރެއަށް ޣަރަޤުކޮށްގެން މަރާލުމެވެ.

(5) ދަންޖައްސައިގެން ނުވަތަ ނޭވާހާސްކޮށްގެން މަރާލުމެވެ.

(6) ބަނޑަށްޖައްސައިގެން މަރާލުމެވެ.

(7) ސިޙުރު ހަދައިގެން މަރާލުމެވެ. އެސިޙުރުގެ ސަބަބުން މަރުވާނެކަން ސިޙުރުހަދާމީހާއަށް އެނގެންޖެހޭނެއެވެ.

(8) ކާއެއްޗަކާ އެއްކޮށްގެން ނަމަވެސް ވިހައެއްދީގެން މަރާލުމެވެ.

(9) ޒިނޭކުރުން، މުރުތައްދުވުން، ނުވަތަ މީހަކުމެރިކަމުގެ ކުށް މީހެއްގެ ބޮލުގައި ހެކިވެރިން އަޅުވައި، އެމީހާ މަރާލުމަށްފަހު، ދޮގު ހެއްކެއްކަމަށް ހެކިވެރިން ބުނެފިކަމުގައިވާނަމައެވެ. އެކަމުގެ ސަބަބުން އެހެކިވެރިންގެ މައްޗަށް ޙައްދު އަންނާނެއެވެ. އެހެނީ، އެގޮތަށް ދޮގުހެކިދިނުމަކީ އެކަމުގެ ޙައްދު އެހެކިދެވުނުމީހާގެ މައްޗަށް އަންނާނެކަން ހެކިވެރިންނަށް އެނގޭނެތީއެވެ.

މީހުން ޤަޞްދުގައި ޙައްޤަކާނުލައި މެރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެޢަމަލުކުރާ މީހަކީ ފާސިޤެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَمَنْ يَقْتُلْ مُؤْمِناً مُتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً)) النساء: 93 މާނައީ: “އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.” މިޖަރީމާ ހިންގާމީހާ ވާހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޝީއަތުގައެވެ. އެއިލާހު އެދިވޮޑިގެންފިނަމަ އެމީހަކަށް ޢަފޫކުރައްވާ ހުއްޓެވެ. އަދި އެއިލާހު އިރާދަކުރައްވައިފިނަމަ ޢަޛާބުދައްކަވާ ހުއްޓެވެ. އެހެނީ، ޝިރުކު ފިޔަވައި އެހެންފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި ތަޥްބާވުމުން ޝިރުކުގެ ފާފަވެސް ފުއްސަވާހުއްޓެވެ. ނަމަވެސް އަޅުގަނޑުމެން ބިރުގަންނަންޖެހޭ ކަމަކީ، ތަޥްބާނުވެ ﷲ ޢަފޫކުރައްވާނޭ ކިޔައި ހުރުމެއްނޫނެވެ. އަޅުގަނޑުމެން ދެނެގަންނަޖެހޭކަމަކީ އެއިލާހީ އިންތިޤާމު ހިއްޕެވުމުގައި ގަދަފަދަވަންތަ އިލާހުކަމެވެ. އެއިލާހަށް އޮޅުވާލުމަށްޓަކައި، ހިތަށް އެރިހާގޮތަކަށް އުޅުމެއްނޫނެވެ.

ބަޔާންވެ މިދިޔައީ ތަޥްބާނުވެއްޖެމީހެއްގެ ވާހަކައެވެ. ތަޥްބާވެއްޖެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހާގެ ފާފަފުއްސަވާ ދެއްވާނެތެވެ. ނަމަވެސް ކަމުގެ ނުރައްކާތެރިކަމަކީ، މީހަކު މަރާލުމަކީ 3 ފަރާތެއްގެ ޙައްޤު އެކަމުގައި އޮތްކަމެކެވެ. އެއީ:

 (1) ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤެވެ. މީހުން ޤަޞްދުގައި ޙައްޤަކާނުލައި މަރާމީހުން އެއަރައިގަންނަނީ ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށެވެ. ތަޥްބާވުމުން ﷲ ފާފަފުއްސަވާ ދެއްވާނެތެވެ. ނަމަވެސް، އަންނަނިވި 2 ޙައްޤަކީ ތަޥްބާއިން ޢަފޫލިބޭނެ 2 ޙައްޤެއްނޫނެވެ.

(2) މަޤްތޫލު (މަރާލެވުނުމީހާ) ގެ ޙައްޤެވެ. ތަޥްބާވުމަކުން މިޙައްޤަށް ޢަފޫނުލިބޭނެއެވެ. ޤިޔާމަތްދުވަހުން މަރާލެވުނުމީހާ، ޤާތިލުގެ އަނިޔާއާ އެއްވަރަށް އެމީހާގެ ހެޔޮކަންތަކުން އެކަމުގެ ބަދަލު ހޯދާނެއެވެ. ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޝިއްޔަތުން ޤާތިލުގެ ބަދަލުގައި މަރާލެވުނުމީހާއަށް އެކަމުގެ ބަދަލުދެއްވައިފާހުއްޓެވެ. އަދި މަރަށްމަރުހިފުމަކުން މަރާލެވުނުމީހާގެ ޙައްޤު ފިލައިނުދާނެއެވެ. އެހެނީ، މަރަށް މަރުހިފުމަކީ މަރާލެވުނުމީހާގެ ވަލިއްޔުންގެ ޙައްޤެކެވެ. މިކަމުން ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިގެންދެއެވެ.

(3) މަރާލެވުނުމީހާގެ ވަލިއްޔުންގެ ޙައްޤެވެ. މިޙައްޤު ޢަފޫވާނީ ތިންކަމަކުންނެވެ. އެއީ ވަލިއްޔުން ޤާތިލަށް ޢަފޫކުރުން، ނުވަތަ މަރުގެ ދިޔަދިނުމަށް އެއްބަސްވުން، ނުވަތަ މަރަށް މަރުހިފުމެވެ. ކުރިން ދެންނެވުނު ފަދައިން މިކަންކަމުން މަރާލެވުނުމީހާގެ ޙައްޤު ޢަފޫއެއްނުވާނެއެވެ.

މިގޮތުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މަރާލެވުނުމީހާގެ ވަލިއްޔުންނަށް ބާރުތަކެއް ދެއްވާފައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَمَنْ قُتِلَ مَظْلُوماً فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَاناً فَلا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَ مَنصُوراً)) الإسراء: 33 މާނައީ: “އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރުލިބިގެންވާ މީހެއް ކަމުގައިވިއެވެ.” އެކަމުގައި ކަންކުރާނެގޮތުގެ ބާރު ލިބިގެންވަނީ ވަލިއްޔުންނަށެވެ. ކުރިން ބުނެވުނުފަދައިން އެބައިމީހުންނަށް ޤާތިލަށް ޢަފޫކުރެވިދާނެއެވެ. ނުވަތަ މަރުގެ ދިޔަދިނުމަށް އެއްބަސްވެވިދާނެއެވެ. ނުވަތަ މަރަށް މަރުހިފުމަށް އެދެވޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((وَمَنْ قَتَلَ مُؤْمِنًا مُتَعَمِّدًا، دُفِعَ إِلَى أَوْلِيَاءِ الْمَقْتُولِ، فَإِنْ شَاءُوا قَتَلُوهُ، وَإِنْ شَاءُوا أَخَذُوا الدِّيَةَ)) (أبوداود، وحسنه الألباني)މާނައީ: “އަދި މުއުމިނެއްގެ ޤަޞްދުގައި މަރައިފިމީހާގެ (ޙުކުމް) ދެވިފައިވަނީ މަރާލެވުނުމީހާގެ ވަލިއްޔުންނަށެވެ. ފަހެ، އެބައިމީހުން އެދިއްޖެނަމަ އޮތީ އެމީހާ ޤަތުލުކުރުމެވެ. އަދި އެބައިމީހުން އެދިއްޖެނަމަ އޮތީ ދިޔަ ހޯދުމެވެ.”

އެހެންކަމުން، މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅެވެ. އެއިލާހުގެ ޙައްދުތަކެވެ. އެއްވެސްމީހަކަށް މިޙުކުމްފުޅުތަކާ ޚިލާފަށް ޙުކުމްކުރުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. އަދި އެޙުކުމްފުޅުތައް ގޮތްގޮތަށް އަނބުރާ، މަރަށް މަރުއޮއްވައި އުމުރުދުވަހަށް ޖަލަށް ބަދަލުކޮށް ހެދުމަކީ އެއިލާހުގެ ޙުކުމްފުޅުތައް ބަދަލުކޮށް ހެދުމެވެ. އަދި ޙައްޤުތައް ލިބިގެންވާ ފަރާތުގެ ޙައްޤުތައް ނިގުޅައިގަތުމެވެ. މިއީ އަނިޔާވެރިންނަށާއި، މުޖުރިމުންނަށާއި، ޤާތިލުންނަށް ދެވޭ ހިތްވަރެކެވެ. ﷲގެ ޙުކުމްފުޅުތަކަކީ އެއަށްކުޅިވަރުކުޅެ، ހިތަށް އެރިއިރަކު ބަދަލުކޮށް، ޔަހޫދީންނާއި ނަޞާރާއިން ބަދަލުގެނައިފަދައިން ބަދަލުގެނެސް ހެދޭނެ އެއްޗެއް ނޫނެވެ. މިފަދަ ޙުކުމްފުޅުތައް ބޮލާލައިޖަހާ ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެކަމުގެ ސަބަބުން މީހާ މިއްލަތުން ބޭރުވެގެން ހިނގައިދާނެކަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރިފައިވާ ބިރުވެރިކަމުން ދުރުވުމަށްޓަކައި އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ ވެރި އިލާހުގެ ފޮތާއި، އެއިލާހުގެ ރަސޫލާ صلى الله عليه وسلمގެ ސުންނަތެވެ. އަޅުގަނޑުމެންނަށް އޮތީ އެދެމަޞްދަރުގައިވާ ޙުކުމްތައް ތަންފީޒުކުރުމެވެ. ﷲއަށް ބިރުވެތިވެ، އެއިލާހުގެ އަމުރުފުޅުތަކަށް ބޯލެނބުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ.

ﷲ އަޅަމަންނަށް ހިދާޔަތް ދައްކަވައި، އަޅުގަނޑުމެންގެ މުޖުތަމަޢުއަށް އަމާންކަމާއި ފާގަތިކަން މިންވަރުކުރައްވާށި! އާމީން.