ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ ﴿٣٩﴾ )) سورة النجم މާނަ: ” އަދި އިންސާނާއަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެއެވެ. “ އެއްވެސް މީހަކު ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރިވަނީ ނުވަތަ ޢިއްޒަތް ލިބިގެންވާ މީހެއްކަމުގައިވަނީ އެމީހެއްގެ ހަސަބާއި ނަޞަބުގެ މޮޅުކަމަކުން ނޫނެވެ. އޭނާގެ ބައްޕަ އަކީ ޞާލިޙު ތަޤުވާވެރިއަކަށްވުން ނުވަތަ އެމީހެއްގެ ފިރިމީހާ އަކީ ނުވަތަ އަނބި މީހާއަކީ ޞާލިޙު ތަޤުވާވެރިއަކަށްވުން އެއީ، އޭނާ އަށް ޤިޔާމަތްދުވަހުން ރައްކާތެރިކަން ލިބޭނޭ ސަބަބެއްނޫނެވެ.
އެއްވެސް މީހަކު ޤިޔާމަތް ދުވަހުގައި އަނެއްމީހާގެ ފާފައެއް ނޫފުލާނެއެވެ. އަދި އަނެއްމީހާގެ ހެޔޮ ޢަމަލެއްވެސް ނޫފުލާނެއެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ކުޅަކަމެކެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނާގައި ވެއެވެ. (( ތެދުމަގު ލިބިގެންފިމީހާ ދަންނާށެވެ! ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ ދަންނާށެވެ! ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ.. …)) ސޫރަތުލް އިސްރާ 15
އެއްވެސް މީހަކު އަނެއްމީހާގެ ޞާލިޙު ޢަމަލުތަކުގެ ސަބަބަކުން ސުވަރުގެއަކަށް ނުވަންނާނެއެވެ. އަދި އެއްވެސް މީހަކު އަނެއްމީހާގެ ފާފަތަކުގެ ސަބަބަކުން ނަރަކައަކަށް ނުވަންނާނެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހާ އަމިއްލައަށް ކުޅަކަމެއްގެ ޖަޒާއެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އެކަން ބަޔާންކޮށްދެއްވާ ޖައްސަވާފައިވާ މިސާލާއި މެދު ވިސްނަވާށެވެ. ((ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾ )) سورة التحريم މާނަ: ” ނޫޙްގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފަރުވިމީހުންނަށް ﷲ ތަޢާލާ، މިސާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން ދެ އަޅެއްގެ ބެއްލެވުމުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނާތް ތެރިވިއެވެ. ފަހެ، ﷲ ތާޢާލާގެ ހަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ! “
ނޫޙު ޢަލައިހިއްސަލާމާއި ލޫޠު ޢަލައިހިއްސަލާމާއި ދެބޭކަލުންނަކީ ﷲ ތަޢާލާގެ ޞާލިޙު ދެ ނަބިއްޔުން ކަމުގައި ވީ ހިނދުވެސް، އެ ދެބޭކަލުންގެ ކިބައިން އެދެ އަންހެނުންނަށް ކުރިފައިދާއެއް ނެތެވެ.
އަދިވެސް އެ އިލާހު ވަޙީކުރައްވާފައި ވެއެވެ. ((وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾ )) سورة التحريم މާނަ: ” އަދި ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ ތަޢާލާ މިސާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! “
ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާ ރަޞިޔަﷲ ޢަންހާ އަކީ ތަޤްވާވެރި ޞާލިޙް އަޅެއް ކަމުގައިވީ ހިނދުވެސް، އެކަނމަނާގެ ކިބަޔަަކުން އަނިޔާވެރި ފިރުޢައުނަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. އޭނާ ވެގެން ދިޔައީ ނަރަކައިގައި ދާއިމީ ގޮތެއްގައި އޮންނަން ޖެހޭ މީހުންގެ ތެރެއިންނެވެ.