الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާވަނީ އެކި ދުވަސްވަރު، ތަފާތު ޤައުމުތަކަށް އެބައިމީހުން އުޅެންވީ ގޮތާއި އުޅެގެން ނުވާނެ ގޮތްތައް އަންގަވާ ބަޔާންކޮށްދެއްވުމަށް އެބައިމީހުންގެ ތެރެއިން ރަސޫލުންނާއި ނަބިއްޔުން ފޮނުއްވާފައެވެ. އެއީ އެ އިލާހަށް އީމާންވީ ކިޔަމަންތެރި އަޅުން ސުވަރުގެ ވައްދަވައި ނުކިޔަމަންތެރި އަޅުން ނަރަކައަށް ވެއްދެވުމަށްޓަކައެވެ. އެގޮތުން މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ، ﷲ ތަޢާލާ ފޮނުއްވާފައިވަނީ ޚާއްސަކޮށް އެބޭކަލުންގެ ޤައުމަށެވެ. ނަމަވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވާފައިވަނީ ޤިޔާމަތާއި ޖެހެންދެން އާއްމުކޮށް އެންމެހައި މީސްތަކުންގެ ގާތަށެވެ. (( وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا … ﴿٢٨﴾)) سورة سبإ މާނަ: ” އެންމެހައި މީސްތަކުންނަށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވުމަށާއި ނަރައިގެ ބިރުވެރިކަމުން އިންޒާރުދެއްވާ ބޭކަލެއްގެ ގޮތުގައި މެނުވީ ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ… “ އެކަލޭގެފާނު ވަނީ އިންސާނާގެ މުޅި ޙަޔާތުގައިވެސް(އެންމެ ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑަތިކަންތައްވެސް) ތަންފީޒް ކުރަންޖެހޭ، ﷲ ތަޢާލާގެ ޝަރީޢަތް މީސްތަކުންނަށް ބަޔާން ކޮށްދެއްވާފައެވެ. އަދި އެ ޝަރީޢަތް ބިންމަތީގައި ތަޠުބީޤު ކުރައްވައި ނަމޫނާ ދައްކަވާފައެވެ. އެއަށްފަހު ﷲ ތަޢާލާގެ އަމުރުފުޅު އައުމުން އެކަލޭގެފާނުވަނީ މި ފަނާ ކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.
އެކަލޭގެފާނު އަވަހާރަވުމަށްފަހު ﷲ ތަޢާލާގެ ހަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތު މީސްތަކުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާއާއި ހަވާލުވެވަޑައިގަތީ ޞަޙާބީންނެވެ. އަދި އެއަށްފަހު ތާބިޢީންނެވެ. ދެން އެއަށްފަހު އައި ޢިލްމުގެ އަހުލުވެރިންނެވެ. އެހެނީ އެ ޝަރީޢަތަކީ ޤިޔާމަތާއި ހަމައަށް ދެމިގެންދާނެ، އެންމެހައި މީސްތަކުން އެއަށް ބޭނުން ޖެހޭނޭ އިލާހީ ޝަރީޢަތެވެ. އެ ޝަރީޢަތް ﷲ ތަޢާލާ ރައްކާތެރި ކުރައްވާނެއެވެ. އެހެންކަމުން އެ ދީނުގެ ޢިލްމު ލިބިގެން، އެ ޢިލްމު މީސްތަކުންނާއި ހަމަށް ފޯރުކޮށްދޭނޭ ޢިލްމުގެ އަހުލުވެރިން ކޮންމެ ޒަމާނެއްގައިވެސް ތިބޭނެއެވެ. އެބައިމީހުންނާއި ދެކޮޅުވާ މީސްތަކުންގެ ސަބަބަކުން އެބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނެތެވެ.
އެހެނީ އެބައިމީހުންވަނީ މަތިވެރި މަސްޢޫލިއްޔަތެއް އަދާކުރުމުގައެވެ. އެއީ އިލާހީ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގައެވެ. ހައްޤާއި ބާތިލު ވަކިކޮށް އަންގައި ދިނުމުގައެވެ. ހަނދާން ކޮށްދިނުމުގައެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ އެބައިމީހުންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތައިގެ ގޮތުގައި ދޫކޮށްފާ ވަޑައިގަތީ ރުފިޔާ ފައިސާއެނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّ الْعُلَمَاءَ وَرَثَةُ الأنْبِيَاءِ إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلا دِرْهَمًا إِنَّمَا وَرَّثُوا الْعِلْمَ فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ )) رواه الترمذي وصححه الألباني މާނަ: ” ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް ދިރުޙަމެއް ވާރުތައިގެ ގޮތުގައި ދޫނުކުރައްވައެވެ. ނަމަވެސް އެބޭކަލުން ދޫކުރެއްވި އެއްޗަކީ ޢިލްމެވެ. އެ ޢިލްމު ލިބިގެންފި މީހާ ފުރިހަމަވެގެންވާ ނަސީބެއްގައި ހިފައިފިއެވެ. “
ޢިލްމުވެރިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރި ދަރަޖަތަކެއް ލިބިފައިވާ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. (( އަދި ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުން ﷲ ތަޢާލާ މަތިވެރި ކުރެއްވިއެވެ. އަދި ޢިލްމު ދެއްވި މީހުން ދަރަޖަ ތަކަކަށް އުފުއްލެއްވިއެވެ. )) سورة المجادلة – އެހެނީ އެބައިމީހުންވަނީ ބޮޑުވެގެންވާ މަސްޢޫލިއްޔަތެއް އުފުލާފައެވެ. އެއީ އެމަސްޢޫލިއްޔަތުގެ ސަބަބުން ނަބީބޭކަލުން ޤަތުލުކުރެވުނު މަސްޢޫލިއްޔަތެވެ. އެއީ އެ ދަޢުވަތުގެ ސަބަބުން ނަބީބޭކަލުން ޖަލައް ލެވުނު މަސްޢޫލިއްޔަތެވެ. އެއީ އެ މަސްޢޫލިއްޔަތެއްގެ ސަބަބުން ނަބީބޭކަލުންނަށް އަނިޔާދެވި، ދޮގު ތުހުމަތު އެޅުވި ފުރައްސާރަ ކުރެވުނު މަސްޢޫލިއްޔަތެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. (( وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ ﴿٣٢﴾ )) سورة الرعد މާނަ: ” އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، ރަސޫލުންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، ކާފަރުވި މީހުންނަށް ތިމަންރަސްކަލާނގެ މުހުލަތު ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ވަނީ ކޮންފަދައަކުން ހެއްޔެވެ؟ “
ﷲ ތަޢާލާގެ ދީނުގެ ދަޢުވަތުދިނުމުގައި އުޅުއްވާ އެއްވެސް ބަޔަކު، ނަބީބޭކަލުންނަށް ކުރިމަތި ވެވަޑައިގެންނެވެ ބޮޑެތި އިމްތިހާންތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ. ދަތި އުނދަގޫ ދުވަސްތަކާއި މީސްތަކުންގެ ފުރައްސާރައާއި މަލާމާތް ކުރިމަތިނުވެ ނުދާނެއެވެ. ރަސޫލުﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެންމެ ބޮޑެތި އިމްތިޙާންތަކާއި ކުރިމަތިލާންޖެހޭނީ ނަބީބޭކަލުންނަށެވެ. ދެން ޞާލިހުންނަށެވެ. ދެން އެއާއި ޖެހުނު މީހުނަށެވެ.
އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ޢިލްމުވެރިންނަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަނިޔާވެރި ޖައްބާރު ވެރިއެއްގެ އަނިޔާވެރިކަމުގެ ދަށުގައި ޖަލުގައި ހޭދަކުރަން ޖެހިފައިވާ ޝެއިޚުންވެސް ރާއްޖެ ދެކިފައިވެއެވެ. އެބައިމީހުންގެ ހަމައެކަނި ކުށަކަށްވީ ﷲ ތަޢާލާގެ ދީނުގެ ޞައްޙަ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް މި ދިމާވާ ކަންކަމަކީ އާ ކަންކަމެއްނޫނެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ.
އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި މިއަދު، ﷲ ތަޢާލާގެ ދީނުގެ ދަޢުވަތަށް ހުރަސް އަޅަމުންދާ ދިޔުމަކީ “ސިޔާސީ” ކަމެއް ނޫނެވެ. އެކަމުގެ އަޑީގައި ތިބީ އިސްލާމް ދީނުގެ އަދުއްވުންނެވެ. ދިވެހި ރައްޔިތުން ދީނުގެ މަގަށް ރުޖޫޢަވެ އިސްލާމީ އުސޫލުތަކަށް ތަބާވާ މަންޒަރު ދެކޭކަށް އެބައިމީހުން ބޭނުމެއްނުވެއެވެ. އެހެންވެއްޖެ ނަމަ އެބައިމީހުންގެ ސިއްރު އެޖެންޑާ އެބައިމީހުންނަކަށް ކުރިޔަކަށް ނުގެންދެވޭނެއެވެ. އެހެންކަމުން “ސިޔާސީ” މި ލަފްޒުގެ ނިޔާފަތްގަނޑުގައި ތިބެގެން މީސްތަކުން ވާވައްދައި އެމީހުން ލައްވައި މިފަދަ ޖަރީމާތައް ހިންގަނީއެވެ. މިކަމާއި މިއަދު ވަރަށް ފުންކޮށް އަޅުގަނޑުމެން ވިސްނަން ވެއްޖެއެވެ.
ނަމަވެސް އުފާކުރަން ޖެހޭ ކަމަކީ އެބައިމީހުންގެ އެ މަޤްޞަދު ދުވަހަކުވެސް ޙާސިލު ނުވާނެކަމެވެ. ނަބީބޭކަލުންގެ އެ ދަޢުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޢިލްމުވެރިންނަށް ހުރަސް އަޅައިގެން އިސްލާމްދީނުގެ ނޫރު ދިވެހި ވަތަނުން ފުހެނުލެވޭނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. (( كَتَبَ اللَّـهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّـهَ قَوِيٌّ عَزِيزٌ ﴿٢١﴾ )) سورة المجادلة މާނަ: ” ﷲ ތަޢާލާ ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ މައްޗަށް ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން، ﷲ ތަޢާލާ އީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ ރަސްކަލާނގެއެވެ. “
ކިތައްމެ ގިނަބަޔަކު އެއްވެގެން ތުމުންފުމެ އަޑުގަދަކޮށް އެ ނޫރު ނިއްވާލައް މަސައްކަތްކުރިޔަސް އެކަމެއްނުވާނެއެވެ. ކިތައްމެވަރަކަށް ދަތިކޮށް ފިއްތި ކަމުގައިވިޔަސް އެނޫރު އަރައިގެން ދާނެއެވެ. އެއީ އެކަމަށް ކާފަރުންނާއި މުނާފިޤުން ކިތައްމެ ނުރުހުނަސް މެއެވެ.
ﷲ ތަޢާލާ އަޅަމެންނަށް ދީނުގައި ޘާބިތުވުމުގެ ތަވްފީޤު ދެއްވާށިއެވެ.