الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، އޭގެ ބޭރުފުށުގެ ފުރިހަމަކަމުގެ ތެރެއިން އެއްކަމަކީ މަރުވެފައިވާމީހުން ވަޅުލެވިފައިވާ ތަންތަނަށް އިޙްތިރާމްކުރުމާއި، އެތަނަށް ހެޔޮކޮށްހިތުމެވެ. އަދިހަމައެހެންމެ އެޝަރީޢަތުގައި ވަނީ މައްޔިތާ ޤަބުރުގައި ވާއިރު އެމީހާއަށް އިޙްތިރާމްކުރުމަކީ، އެމީހާ ދުނިޔޭގައި އޭނާގެ ގޭގައި އުޅޭއިރު އިޙްތިރާމްކުރުމާ އެއްހަމައެއްގައިވާކަމެއްކަމުގައި ލައްވާފައެވެ. ފަހެ، ޤަބުރުތަކަކީ މަރުވެފައިވާ މީހުންގެ ގޯއްޗެވެ. އަދި އެބައިމީހުންގެ މަންޒިލެވެ.
ޤަބުރުތަކަށް އިޙްތިރާމްކުރުމާއި، އެތަނަށް ހެޔޮކޮށް ހިތުމާބެހޭ އެތައް ދަލީލުތަކެއް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައިވެއެވެ. އެކަލޭގެފާނުގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައިވާ، ޤަބުރުމަތީ އިށީނުމާއި، ޤަބުރުތަކަށް ލެނގިގެން އިނުމާއި، ޤަބުރުތައް މަތީގައި ހިނގުން ފަދަ ކަންކަމަށް ވިސްނާލައިފިކަމުގައިވާނަމަ އެނގިގެންދާނީ، އެކަންކަން އެކަލޭގެފާނު ނަހީކުރައްވާފައިވަނީ އެތަނުގައި ވަޅުލެވިފައިވާ މީހުންގެ އިޙްތިރާމަށްޓަކައިކަމެވެ. މިގޮތުން މިލިޔުމުގައި އަލިއަޅުވާލަން ޤަޞްދުކޮށްފައިވަނީ ޤަބުރުސްތާނަށް ވަންނައިރު ޤަބުރުތަކުތެރޭގައި ފައިވާނާއެކު ހިނގުމުގެ މަސްއަލައަށެވެ.
ޤަބުރުތަކުގެ މައްޗަށް އެރުމަކާނުލައި، ޤަބުރުތަކުތެރޭގައި ފައިވާނާއެކު ހިނގުމުގެ މަސްއަލާގައި ޢިލްވެރިންގެ ދެބަސްފުޅެއްވެއެވެ.
ފުރަތަމަ ބަސްފުޅު:
ޤަބުރުތަކަށް އެރުމަކާނުލައި، ޤަބުރުތަކުގެ ތެރޭގައި ފައިވާނާއެކު ހިނގުމަކީ ހުއްދަކަމެއްކަމަށް އައިސްފައިވާ ބަސްފުޅެވެ. މިބަސްފުޅަކީ އަބޫ ޙަނީފާއާއި އެކަލޭގެފާނުގެ ދެޞާޙިބުންކަމުގައިވާ އަބޫ ޔޫސުފާއި، އަބޫ ޢަބްދުﷲ އައްޝައިބަނީގެ ބަސްފުޅެވެ.(1) އަދި ޝާފިޢީ މަޛްހަބުގެ މަޝްހޫރު ބަސްފުޅެވެ.(2) އަދި ހަމުން (ލެދަރުން) ވާ ފައިވާން ފިޔަވައި އެހެން ފައިވާންތަކުގައި ހިނގުން ހުއްދަކަމަށް އިބްނު ޙަޒްމު ވިދާޅުވެއެވެ.(3)
މިބަސްފުޅު ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތަކާއި އެދަލީލުތަކަށް ދެވިފައިވާ ޖަވާބުތައް:
ފުރަތަމަ ދަލީލު: ހުއްދަކަމަށް ވިދާޅުވާ ބޭކަލުންގެ އެއްދަލީލަކީ އަނަސް ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ وَتَوَلَّى عَنْهُ أَصْحَابُهُ وَإِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ …)) الحديث (متفق عليه) މާނައީ: “ހަމަކަށަވަރުން އަޅަކު އޭނާގެ ޤަބުރުގައި ބާއްވައި، އޭނާގެ ޞާޙިބުން (އެބަހީ: ވަޅުލަން އައިމީހުން) އޭނާދޫކޮށް އެނބުރި ދާހިނދު، ހަމަކަށަވަރުން އެބައިމީހުންގެ ފައިވާންތަކުގެ ފިޔަވަޅުތަކުގެ އަޑު އޭނާ އަހާނެއެވެ. (އެހިނދު) އޭނާގެ ކައިރިއަށް ދެމަލާއިކަތުން ވަޑައިގަންނަވާނެއެވެ…”
ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވެއެވެ. “ފަހެ، މިޙަދީޘުން ދަލީލުކުރަނީ ޤަބުރަށް ޒިޔާރަތްކުރާމީހުން ފައިވާނަށް އެރުމާއި، ޤަބުރުތަކަށް އެރުމަކާނުލައި ޤަބުރުތަކުގެ ތެރޭގައި ހިނގުމަކީ ހުއްދަކަމެއްކަމަށެވެ. ފަހެ، މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ އެފަދައިން (އެބަހީ: ފައިވާންތަކުގެ ފިޔަވަޅުތަކުގެ އަޑު މައްޔިތާ އަހާނެކަން) ޙަދީޘްކުރައްވައި އެކަން (ހުއްދަކަމަށް) އިޤްރާރުކުރައްވާފައެވެ. ފަހެ، ފައިވާނާއެކު ހިނގުމަކީ މަކްރޫހަ ކަމެއްކަމުގައިވާނަމަ އެކަލޭގެފާނު އެކަން ބަޔާންކުރެއްވީހެވެ.”(4)
މިބޭކަލުންގެ މިދަލީލަށް ދެވިފައިވާ ޖަވާބު:
(1) މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ހިނގާކަމެއްގެ ޚަބަރު ބަޔާންކުރައްވާފައެވެ. އެއީ ދިރިތިބިމީހުން މައްޔިތާ ވަޅުލުމަށްފަހު އެނބުރި އަންނައިރު، ދިރިތިބީންގެ ފައިވާނުގެ ފިޔަވަޅުތަކުގެ އަޑު މައްޔިތާއަށް އިވޭނެކަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވާފައި މިވާ ޚަބަރުން ޤަބުރުތަކުތެރޭގައި ފައިވާނާއެކު ފިޔަވަޅު އެޅޭނެކަމަށާއި، އެޤަބުރުތަކުތެރޭގައި ފައިވާނާއެކު ހިނގުމަކީ ހުއްދަދެއްވާފައިވާކަމެއްކަމަށް ދަލީލުނުކުރެއެވެ. އެހެނީ، ކަމެއް ވާކަމުގެ ޚަބަރަކީ އެކަމެއް ހުއްދަކޮށް އަދި ޙަރާމްކުރެވޭނެކަމެއް ނޫނެވެ.(5)
(2) މައްޔިތާއަށް އޭނަގެ އަޞްޙާބުންގެ ފައިވާނުގެ ފިޔަވަޅުތަކުގެ އަޑު އިވޭނެކަމަށް އޮތުމުން، އެއީ ދިރިތިބިމީހުން ޤަބުރުސްތާނުން ނުކުމެ، ޤަބުރުތަކާ ދުރުން ހިނގާފައިދާ އަޑުކަމުގައިވުމުގެ އިޙްތިމާލު އެބައޮތެވެ.(6) މިއީ އިތުބާރު ކުރެވޭ ވަރުގެ އިޙްތިމާލެކެވެ. އެހެނީ، ޙަދީޘްގައި އެވަނީ ((وَتَوَلَّى عَنْهُ أَصْحَابُهُ…)) “އޭނާގެ ޞާޙިބުން (އެބަހީ: ވަޅުލަން އައިމީހުން) އޭނާދޫކޮށް ދާހިނދުއެވެ.”
(3) ޙަދީޘުން ބަޔާންކޮށްދެނީ، މައްޔިތާ ވަޅުލުމަށްފަހު އޭނާއަށް ސުވާލުކުރެވޭލެއް އަވަސްކަމުގެ މިސާލެކެވެ. އެއްވެސް ޙާލެއްގައި ޙަދީޘްގައި އެވަނީ (ފައިވާނާއެކު ހިނގުމަށް) އައިސްފައިވާ ޙުކުމެއް ނޫނެވެ. އިސްޙާޤު ބިން އިބްރާހީމް އަންނައިސާބޫރީ އިމާމް އަޙްމަދު ކިބައިން ގެންނަވާފައިވާ ބަސްފުޅެއްގައިވެއެވެ. އަޙްމަދު ވިދާޅުވިއެވެ. “އަދި އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅު ((إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ)) (“ހަމަކަށަވަރުން އެބައިމީހުންގެ ފައިވާނުތަކުގެ ފިޔަވަޅުތަކުގެ އަޑު އޭނާ އަހާނެއެވެ.”) މިއީ ޤަބުރުގައި މީހާއާ ސުވާލުކުރެވޭލެއް އަވަސްކަން (ބަޔާންކޮށްދެއްވުމުގެ ގޮތުން) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޖެއްސެވި މިސާލެކެވެ.”(7)
ދެވަނަ ދަލީލު: ފައިވާނާއެކު ޤަބުރުތަކުގެ ތެރޭގައި ހިނގުމަކީ ހުއްދަކަމަށް ވިދާޅުވާ ބޭކަލުންގެ ދެވަނަ ދަލީލަކީ ޤިޔާސެވެ. އެބޭކަލުން މިސްކިތަށް ފައިވާނާއެކު ވަނުމާއި، ފައިވާނާއެކު ނަމާދުކުރުމާ، ޤަބުރުތަކުތެރޭގައި ފައިވާނާއެކު ހިނގުމާ ޤިޔާސްކުރައްވައެވެ. އެހެނީ، ފައިވާނާއެކު މިސްކިތަށް ވަނުމާއި، ފައިވާނާއެކު ނަމާދުކުރުމަކީ މަކްރޫހަކަމެއް ނޫނެވެ. ވީއިރު، ޤަބުރުތަކުގެ ތެރޭގައި ފައިވާނާއެކު ހިނގުން މަކްރޫހަނުވުން އައުލާވެގެންވެއެވެ.(8)
މިބޭކަލުންގެ މިޤިޔާސަށް އަންނަނިވި ޖަވާބުތައް ދެވިފައިވެއެވެ.
(1) މިޤިޔާސަކީ ރަނގަޅު ޤިޔާސެއްނޫނެވެ. އެހެނީ، މިޤިޔާސަކީ ފައިވާނާއެކު ޤަބުރުތަކުގެ ތެރޭގައި ހިނގުން ނަހީކުރައްވާފައިވާ ނައްޞާދެކޮޅަށް ކުރެވިފައިވާ ޤިޔާސެކެވެ. އެޙަދީޘް އަދި ބަޔާންވެ އަންނަހުށްޓެވެ. ޞަރީޙަ ނައްޞެއް އޮއްވައި، އެނައްޞާދެކޮޅަށް ޤިޔާސެއްނުކުރެވޭނެއެވެ.
(2) މިސްކިތްތަކާއި ޤަބުރުސްތާނުތަކާ ދެމެދުގައި ފަރަޤުތައް އެބަހުށްޓެވެ. ފަރަޤުހުރި ދޭއްޗެއް ޤިޔާސެއްނުކުރެވޭނެއެވެ. ޤަބުރުސްތާނުތަކަކީ މައްޔިތުންގެ ގޯއްޗެވެ. އެބައިމީހުންގެ ބޯތަކުގެ މަތީގައި ފައިވާނާއެކު ހިނގުން މަކްރޫހަވެގެންވެއެވެ. މިއާއިޚިލާފަށް މިސްކިތްތަކުގައި ފައިވާން ޠާހިރުކަމުގައިވާނަމަ ހިނގުމަކީ މަނާކަމެއް ނޫނެވެ. (ނޯޓް: މިސްކިތްތަކުގައި ފައިވާނާއެކު ހިނގުމަކީ މަނާކަމެއް ނޫނެވެ. އެހެންނަމަވެސް، މިސްކިތުގެ ސާފުޠާހިރުކަމަށާއި، މަޞްލަޙަތަށްޓަކައި ފައިވާނާއެކު މިސްކިތުގައި ހިނގުން މަނާކޮށްފައިވަނިކޮށް، ފައިވާނާއެކު ހިނގައިގެންނުވާނެއެވެ.)
ދެވަނަ ބަސްފުޅު:
ޤަބުރުސްތާނުގެ ތެރޭގައި، ޤަބުރުތަކުގެ ތެރޭގައި ހިނގާއިރު ފައިވާން ބޭލުމަކީ މުސްތަޙައްބުކަމެއްކަމަށް އައިސްފައިވާ ބަސްފުޅެވެ. މިއީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ބަސްފުޅެވެ.(9) އަދި އިބްނު ޙަޒްމު ހަމުގެ (ލެދަރުގެ) ފައިވާނާއެކު ހިނގުން ޙަރާމްކުރައްވާފައިވެއެވެ.(10)
މިބަސްފުޅު ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތަކާއި އެދަލީލުތަކަށް ދެވިފައިވާ ޖަވާބުތައް:
ފުރަތަމަ ދަލީލު: މިބަސްފުޅު ވިދާޅުވާ ބޭކަލުންގެ ދަލީލަކީ ބަޝީރު ބިން އަލްޚަޞާޞިޔަތި ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ޙަދީޘްފުޅެވެ. ބަޝީރު ވިދާޅުވިއެވެ. بَيْنَمَا أَنَا أُمَاشِى رَسُولَ اللَّهِ -صلى الله عليه وسلم- مَرَّ بِقُبُورِ الْمُشْرِكِينَ فَقَالَ: ((لَقَدْ سَبَقَ هَؤُلاَءِ خَيْرًا كَثِيرًا)). ثَلاَثًا ثُمَّ مَرَّ بِقُبُورِ الْمُسْلِمِينَ فَقَالَ: ((لَقَدْ أَدْرَكَ هَؤُلاَءِ خَيْرًا كَثِيرً)). وَحَانَتْ مِنْ رَسُولِ اللَّهِ -صلى الله عليه وسلم- نَظْرَةٌ فَإِذَا رَجُلٌ يَمْشِى فِى الْقُبُورِ عَلَيْهِ نَعْلاَنِ فَقَالَ: ((يَا صَاحِبَ السِّبْتِيَّتَيْنِ أَلْقِ سِبْتِيَّتَيْكَ)). فَنَظَرَ الرَّجُلُ، فَلَمَّا عَرَفَ رَسُولَ اللَّهِ -صلى الله عليه وسلم- خَلَعَهُمَا فَرَمَى بِهِمَا. (أبوداود، والنسائي، وابن ماجه وغيرهم) މާނައީ: ތިމަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ހިނގަމުން ދަނިކޮށް، މުޝްރިކުންގެ ޤަބުރުތަކެއް ކައިރިން ދިޔައީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން މިބައިމީހުން (އެބަހީ: މުޝްރިކުން) ގިނަވެގެންވާ ހެޔޮކަންތައްތަކެއް ދޫކޮށްލައިފިއެވެ.” މިފަދައިން ތިން ފަހަރު ޙަދީޘް ކުރެއްވިއެވެ. ދެން އޭގެފަހުން މުސްލިމުންގެ ޤަބުރުތަކެއް ކައިރިން ދިޔައީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން މިބައިމީހުން (އެބަހީ: މުސްލިމުން) ގިނަވެގެންވާ ހެޔޮކަންތައްތަކެއް ހޯދައިފިއެވެ.” އެހިނދު، ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަގެ ބެލުން ވަކިދިމާލަކަށް ހުއްޓުނެވެ. އޭރު، މީހަކު ޤަބުރުތަކުގެ ތެރޭގައި މީހަކު ހިނގަމުން ދަނީއެވެ. އޭނަގެ ދެފައިވާން ވެއެވެ. (އެބަހީ: ދެފައިވާނަށް އަރައިގެން ހިނގަމުން ދަނީއެވެ.) އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ހަމުގެ ދެފައިވާނުގެ ވެރިޔާއެވެ! ތިބާގެ ހަމުގެ ދެފައިވާން އެއްލައިލާށެވެ. (އެބަހީ: ފައިވާން ބާލާށެވެ.)” އެހިނދު، އެމީހާ ބަލާލިއެވެ. އެމީހާއަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަކަން އެނގުމުން ދެފައިވާން ބާލައި އެއްލައިލިއެވެ.(11)
ފަހެ، މިޙަދީޘްގައިވާ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރުފުޅުން ޙުކުމްގެ އެންމެ ދަށުދަރަޖައެއްކަމުގައި ސުންނަތެއްކަމުގެ އަމުރުނެގެއެވެ.(12) އަދި އެކަލޭގެފާނުގެ އެނަހީ ފުޅުގެ އެންމެ ކުޑަ މިންވަރަކަށް މަކްރޫހަވުން ނެގެއެވެ.
މިބޭކަލުންގެ މިދަލީލަށް ދެވިފައިވާ ޖަވާބު:
(1) މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެމީހާއަށް ފައިވާން ބޭލުމަށް އެންގެވީ، ޤަބުރުތަކުގެ ތެރޭގައި ފައިވާނާއެކު ހިނގުން މަކްރޫހަވެގެންނެއްނޫނެވެ. އެހެންނަމަވެސް، އެމީހާގެ ފައިވާނުގައި ހުރި ނަޖިހެއް ފެނިވަޑައިގެންނެއެވެ. އެކަލޭގެފާނު ނަހީ ކުރެއްވީ އެފައިވާނުގައިވާ ނަޖިހެއްވާތީ، އޭގެ ސަބަބުން ޤަބުރުތައް ނަޖިހުން ރައްކާތެރިކުރެއްވުމަށްޓަކައެވެ.(13)
ނަމަވެސް، މިއީ ވަރަށް ދުރު އިޙްތިމާލެކެވެ. އެހެނީ، ޙަދީޘުން އެކަން އެނގޭކަން ނެތެވެ. ޙަދީޘުން އެނގެން ނެތް ކަމެއް ޙަދީޘްގެ ތެރެއަކަށް ނުވެއްދޭނެއެވެ.
(2) މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެމީހާއަށް ފައިވާނާއެކު ހިނގުން ނަހީ ކުރެއްވީ، އެފައިވާން ޖޯޑަކީ ހަމުން ހަދާފައިވާ އެއްޗަކަށްވާތީއެވެ. އެހެނީ، އެއީ (އެޒަމާނުގައި) ބޮޑާވެރިކަމާއެކު މީހުން ލައިއުޅޭ ފައިވާނެކެވެ. އަދި ހަމުގެ ފައިވާނަކީ (އެޒަމާނުގައި) މުއްސަނދި މީހުން ލައިއުޅޭ އެއްޗެކެވެ.
މިއީވެސް ވަރަށް ދުރު އިޙްތިމާލެކެވެ. އެހެނީ، ޙަދީޘްގައި މިފަދަ އެއްވެސް ވާހަކައެއް ބަޔާންވެފައެއްނުވެއެވެ.(14) އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ހަމުގެ ފައިވާނަށް އެރުއްވިއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަމުގެ ފައިވާނަށް އަރުއްވާކަމުގައި އިބްނު ޢުމަރު ވިދާޅުވިއެވެ. މިޙަދީޘް ބުޚާރީއާއި މުސްލިމްގައި ރިވާވެފައިވެއެވެ.
ދެވަނަ ދަލީލު: ޤަބުރުތަކުގެ ތެރޭގައި ހިނގާއިރު ފައިވާން ބޭލުމަކީ އިސްތިޙްބާބުކަމެއްކަމަށް ވިދާޅުވާ ބޭކަލުން ވިދާޅުވާގޮތުގައި، ފައިވާން ބާލައިގެން ހިނގުމަކީ ޚުޝޫޢަތްތެރިކަމާ އެންމެ ކައިރިގޮތެވެ. އަދި ތަވާޟުޢުވެރިންގެ ގޮތެވެ. އަދި މަރުވެފައިވާ މުސްލިމުންނަށް ކުރެވޭ އިޙްތިރާމެކެވެ.(15)
ހަމުގެ ފައިވާނާ އެނޫން ފައިވާން ފަރަޤުކުރާ ޢިލްމުވެރިން ބަސްފުޅަށް ބަލާލުމެއް:
މަތީގައި ދެންނެވިފައިވާނޭ ފަދައިން ހަމުގެ ފައިވާނާ އެނޫން ފައިވާން ފަރަޤުކުރައްވާފައި ވަނީ އިބްނު ޙަޒްމު ރަޙިމަހުﷲއެވެ. އިބްނު ޙަޒްމުގެ އަރިހުގައި ނަހީކުރައްވާފައި ވަނީ ހަމުގެ (ލެދަރު) ފައިވާނުގައި ޤަބުރުތަކުގެ ތެރޭގައި ހިނގުމެވެ. އެނޫން އެހެން އެއްޗަކުން ހަދާފައިވާ ފައިވާނަކުން ހިނގުން ހުއްދައެވެ. އަދި ފައިވާނުގެ އެއްކިބަ ހަމުންވެފައި އަނެއްކިބަ އެހެން އެއްޗަކުން ހަދާފައިވާނަމަވެސް ހުއްދައެވެ. އިބްނު ޙަޒްމު ދެ ޙަދީޘްގެ ބޭރުފުށުގެ މާނަ ޖަމާކުރައްވަނީއެވެ. ބަޝީރު ބިން އަލްޚަޞާޞިޔާ ރަޟިޔަﷲ ޢަންހުގެ ޙަދީޘްގައި އެވަނީ ހަމުގެފައިވާނުގައި ހިނގުން ނަހީކުރައްވާފައެވެ. އަދި ކުރިން ދެންނެވުނު “މައްޔިތާއަށް އޭނާގެ ޞާޙިބުންގެ ފައިވާނުގެ އަޑުއިވޭނެކަމަށް” އައިސްފައިވާ ޙަދީޘުން ދޭހަވަނީ ހަމުން ނޫން އެހެން އެއްޗަކުން ހަދާފައިވާ ފައިވާނުގެ އަޑުގެ ވާހަކަކަމުގައެވެ.(16)
އިބްނު ޙަޒްމު ރަޙިމަހުﷲގެ މިރައުޔުގެ ޖަވާބަކީ، ހަމުގެ ފައިވާނާ އެނޫން ފައިވާނާ ޙުކުމުގައި ތަފާތެއް ނެތެވެ. އަދި ޙަދީޘްގައި ހަމުގެފައިވާނެއްކަމުގައި ބަޔާންވެފައި އޮތުމަކީ އެކަމުގެ ޙުކުމަށް އަޘަރުކުރުވާނެކަމެއް ނޫނެވެ. އިބްނު ޙަޒްމުގެ މިފަރަޤުކުރެއްވުން ރަނގަޅު ނޫންކަމުގައި އިބްނު ޙަޖަރު ރަޙިމަހުﷲ ފަތުޙުލްބާރީގައި ބަޔާންކުރައްވާފައިވެއެވެ.(17)
މަސްއަލައިގެ ރާޖިޙާއި ޚުލާޞާ:
ބަޔާންވެދިޔަ ޢިލްމުވެރިންގެ ބަސްފުޅުތަކުން މަސްއަލައިގެ ރާޖިޙު ބަސްފުޅަކީ ޤަބުރުތަކުތެރޭގައި ހިނގާއިރު ފައިވާން ބޭލުމަކީ މުސްތަޙައްބުކަމެއްކަމަށް އައިސްފައިވާ ބަސްފުޅެވެ. އަދި ހަމުންނާއި އެނޫން އެއްޗަކުން ހަދާފައިވާ ފައިވާނުގައި ޤަބުރުތަކުތެރޭގައި ހިނގުން މަކްރޫހަވެގެންވެއެވެ. އެއީ ބަޝީރު ބިން އަލްޚަޞާޞިޔާ ރަޟިޔަﷲ ޢަންހުގެ ޙަދީޘުން މިކަމަށް ޞަރީޙަކޮށް ދަލީލު ލިބޭތީއެވެ. އެނޫން ބަސްފުޅުތަކުގެ ޖަވާބުތައް އިސްވެހިނގައްޖެއެވެ.
ޤަބުރުސްތާނުތަކުގައި ޤަބުރުތަކާވަކިން ހިނގުމަށްޓަކައި ހަދާފައިވާ ޚާއްޞަ މަގުތަކުގައި ފައިވާނާއެކު ހިނގުމަކުން މައްސަލައެއްނެތެވެ. އެހެނީ، ޙަދީޘުން ސާބިތުވަނީ ޤަބުރުތަކުތެރޭގައި ހިނގުމެވެ.
ނަމަވެސް، ބައެއް ޙާލަތްތަކުގައި ހިނގުން ހުއްދައެވެ. އެގޮތުން އަންނަނިވި ޙާލަތްތައް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.
(1) ޤަބުރުތަކުތެރޭގައި ހިނގާއިރު، ފައިވާން ބޭލުން މަނާކުރާނެ ޢުޛުރެއް އޮތުމެވެ. އަދި ފައިވާން ނުލައި ހިނގައިފިނަމަ ގެއްލުމެއް ވެދާނެނަމައެވެ. އެގޮތުން، ޤަބުރުސްތާނުގައި ކަށި ހުރުން، ނުވަތަ ނަޖިހެއް ހުރުމެވެ. އަދި މީގެ ތެރޭގައި ބިންގަނޑު ހޫނުވުމުގެ ސަބަބުން ފައިވާނާ ނުލައި ހިނގައިފިނަމަ ގެއްލުމެއް ވެދާނެނަމައެވެ.
(2) ޚުއްފު ފަދަ ބޭލުން އުނދަގޫ އެއްޗެއް ލައިގެން ހުރުމެވެ. އިމާމް އަޙްމަދު ކިބައިން ރިވާވެފައިވަގޮތުގައި، އެކަލޭގެފާނު ޖަނާޒާއަކަށް ނުކުންނަވާކަމުގައި ވާނަމަ، ފައިވާން ބޭލުމަށް އަމުރުކުރެއްވުމާއެކު ޚުއްފަށް އަރުއްވައެވެ.(18)
والله أعلم.
__________________________
(1) شرح معاني الآثار: 512/1، وانظر: الفتاوى الهندية: 167/1.
(2) المجموع شرح المهذب: 288/5، السراج الوهاج (112).
(3) المحلى: 136/5.
(4) معالم السنن: 276/1، وفتح الباري: 206/3.
(5) تهذيب السنن: 93/9، وانظر: المغني: 515/3، وفتح الباري: 145/3.
(6) فتح الباري: 145/3.
(7) مسائل الإمام أحمد رواية إسحاق: 191/1.
(8) شرح معاني الآثار: 512/1.
(9) المغني: 514/3، والفروع: 302/2، والانصاف: 550/2.
(10) المحلى: 136/5.
(11) الحديث صححه الحاكم ووافقه الذهبي: 529/1، وحسّن إسناده النووي: المجموع: 288/5.
(12) المغني: 515/3.
(13) شرح معاني الآثار: 510/1، المجموع: 288/5.
(14) تهذيب السنن: 51/9.
(15) المغني: 515/3.
(16) انظر: المحلى: 136-137/5.
(17) فتح الباري: 206/3.
(18) المغني: 515/3، وكشاف القناع: 141/2.
______________________________
މަރުޖިޢު:
* أحكام المقابر في الشريعة الاسلامية: عبدالله بن عمر بن محمد السحيباني. (ކުދި ބަދަލުތަކާއެކު)