الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެކުގައިއުޅޭ އެއްމަޖްލިސް ކުރާމީހުންގެ ސަބަބުން އިންސާނާއަށް އަޘަރުތަކެއްކުރުވައެވެ. މީހާ ގޮސްއުޅޭ މަޖިލިހުގެ ޒަރިއްޔާއިން އެމީހަކު ދެނެގަނެވެއެވެ. އެކަހެރިވެގެން އޭނާގެ ރައްބަށް އަޅުކަންކޮށްއުޅުމުގައި މުސްލިމުމީހާ ބަލިކަށިވެއެވެ. އެހެންކަމުން އޭނާގެ ރައްބުގެ ޙަޟްރަތަށްކުރާ ދަތުރުގައި އޭނާއަށް ވާގިވެރިވެ ބާރުދެނިވި އެކުވެރިއެއްވުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ. އިސްލާމްދީނުގައި އެކުވެރިކަން ބޭއްވުމަށް (الصُحْبَة އަށް) ވަރަށްވެސް ބޮޑު އަހައްމިއްޔަތުކަމެއްދެވިފައިވެއެވެ. ނަބީބޭކަލުންނަށް އަޞްޙާބުންވިއެވެ. އަދި ކިއެއްހެއްޔެވެ. ރަސޫލުބޭކަލުންގެ ތެރެއިން އަޒުމު ވަރުގަދަ ބޭކަލުންވެސް އަޞްޙާބުން ނެންގެވިއެވެ. ފަހެ ޢީސާ عليه السلام ވިދާޅުވިއެވެ. ﴿…مَنْ أَنصَارِي إِلَى اللَّـهِ… ﴾ (سورة الصف ١٤)
މާނައީ: “…ﷲ އަށްޓަކައި ތިމަންކަލޭގެފާނަށް ނަޞްރުދޭނީ ކޮންބަޔެއްހެއްޔެވެ…”
އެބަހީ: ﷲގެ މަގަށް ދަޢުވަތުދިނުމުގައި ތިމަންކަލޭގެފާނަށް ވާގިވެރިވާނީ ކޮންބަޔެއްހެއްޔެވެ؟
އަދި އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޞާޙިބަކު ނެންގެވިއެވެ1. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿…إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا…﴾ (سورة التوبة ٤٠)
މާނައީ: “..އެކަލޭގެފާނުގެ ޞާޙިބަށް ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން اﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ…”
ފަހެ ﷲ ތަޢާލާ ޚަބަރުކުރައްވާފައިވަނީ އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އަށް ޞާހިބަކުވާކަމަށެވެ.
އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((لَوْ كُنْتُ مُتَّخِذًا خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً، وَلَكِنَّهُ أَخِى وَصَاحِبِى)) [متفق عليه]
މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ޚަލީލަކު (ހިތުގެ އެންމެ ފުންމިނަށް އެފަރާތެއްގެ ލޯބި ވާޞިލުވެފައިވާ ރަޙްމަތްތެރިއަކު) ނަންގަވާނަމަ، އަބޫބަކުރުގެފާނު ޚަލީލަކުކަމުގައި ނެންގެވީމުހެވެ. ނަމަވެސް އެކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަޚާ އަދި ޞާޙިބެވެ.”
ހަމަކަށަވަރުން ނަބިއްޔާ އެކަލޭގެފާނުގެ ޞާޙިބު އަބޫ ބަކުރު رضي الله عنه ގެ ގެކޮޅަށް ދުވާލަކު ދެފަހަރު ޒިޔާރަތްކޮށް އުޅުއްވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ((لَمْ أَعْقِلْ أَبَوَيَّ إِلَّا وَهُمَا يَدِينَانِ الدِّينَ وَلَمْ يَمُرَّ عَلَيْنَا يَوْمٌ إِلَّا يَأْتِينَا فِيهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَرَفَيْ النَّهَارِ بُكْرَةً وَعَشِيَّةً))
މާނައީ: “ތިމަންގެ މައިންބަފައިން (އިސްލާމް)ދީނަށް އުޅެނިކޮށްމެނުވީ ތިމަން ތަންދޮރުފިލާވަރުނުވެއެވެ.2 އަދި ދުވާލުދެކޮޅު ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ޒިޔާރަތް ނުކުރައްވާ ދުވަހެއްނުދެއެވެ. ހެނދުނާ ހަވީރުއެވެ.”
ޞާލިޙު އެކުވެރިން ތިބާނެތްއިރު ތިބާ(ގެ އަބުރަށް) ރައްކާތެރިވާނެއެވެ. އަދި ތިބާ ޙާޟިރުވުމުން އެބައިމީހުންގެ ލޯބި ފާޅުކުރާނެއެވެ. އަދި ތިބާގެ ރައްބަށް ކުއްތަންކުރުވާ ހެޔޮމަގަށް މަގުދައްކާ، ތިބާ ހަނދުމަނެތުމުން ހަނދުމަކޮށްދޭނެއެވެ. އަދި ތިބާ ޣާފިލުވުމުން ބާރުއަޅާދޭނެއެވެ. އޭނާގެ ފުށުން ހެޔޮބަހެއްނޫނީ ނީވޭނެއެވެ. އަދި (ފެންނާނީ) ހެޔޮ ޢަމަލުތަކެވެ.
ފަހެ ތިބާ (ދަތުރުކުރަމުންދާ)މަގުގައި އިޚްލާޞްތެރި ނަސޭޙަތްތެރިވާ އެކުވެރިއެއް ޚިޔާރުކުރާށެވެ. އޭރުން ތިބާ އެއްކިބާވެއްޖެނަމަ (ހެޔޮކަމަށް) ވާގިވެރިވާނެއެވެ. އަދި ތިބާގެ ހިންމަތް ނިކަމެތިވުމުން ވަރުގަދަކޮށްދޭނެއެވެ. އަދި ޞާލިޙުންނާއެކު އެއްމަޖިލިސްކުރުން އިތުރުކުރާށެވެ. އަދި ހެޔޮކަމުގެ އަހުލުވެރިންނާއި، މުރޫއަތުގެ އަހުލުވެރިންނާއި، ރިވެތި އަޚުލާޤުގެ އަހުލުވެރިންނާއި، ވަރަޢުވެރިންނާއި، ޢިލްމުގެ އަހުލުވެރިންނާއި އަދި (ރިވެތި) އަދަބުގެ އަހުލުވެރިންނާ އެއްމަޖިލިސްކުރުން އިތުރުކުރާށެވެ
_____________________________________________
[1] މިލިޔުމުގައި (ޞާޙިބު)ބޭނުންކުރެވިފައިމިވަނީ އެކުގައި އުޅޭ މީހުންނަށެވެ. މިއީ(ސާހިބު)ގެ ވާހަކައެއްނޫނެވެ. ދިވެހިބަހުގައި (ސާހިބު)ކިޔަނީ ވެރިމީހާ ނުވަތަ މާތްމީހާއަށެވެ.
[2] އެބަހީ: ތިމަން ހަމަވިސްނޭވަރުވިއިރު ތިމަންގެ މައިންބަފައިން އުޅެނީ އިސްލާމްދީނަށެވެ.
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.