الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ޙަޟްރަތުގައި އެންމެ ހެޔޮ އަދި އެންމެ ރަނގަޅު ޢަމަލުތަކުގެ ތެރޭގައި، އެއިލާހު މަގަށް ދަޢުވަތުދިނުން ހިމެނެއެވެ. އަދި ﷲ ތަޢާލާގެ މީޒާނުގައި އެންމެ ރަނގަޅު ބަސްތަކުގެ ތެރޭގައި ދަޢުވަތުދޭ ދާޢީގެ ބަސްތައް ހިމެނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴾ (سورة فصلت ٣٣)
މާނައީ: “ﷲ ގެ މަގަށް ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ މުސްލިމުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ. [އެބަހީ: އެފަދަ މީހަކަށްވުރެ ރަނގަޅުބަސްބުނާ މީހަކު ނުވެއެވެ.]”
އަދި އެއީ ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބީވާމީހުންގެ މަގެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ ﴾ (سورة يوسف ١٠٨)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވީ މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، ޢިލްމުގެ މަތީގައެވެ. އަދި اﷲގެ ހުސްޠާހިރު ވަންތަކަމާއެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.”
ތިބާގެ އަތްމައްޗަށް ހިދާޔަތުލިބުނު މީހެއްގެ ކޮންމެ ޢަމަލަކުން ތިބާއަށް ބައެއްވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [رواه مسلم]
މާނައީ: “ހެޔޮކަމަކަށް މަގުދައްކާމީހަކަށް އެކަންކުރިމީހާއަށް ލިބޭފަދަ އަޖުރެއްވެއެވެ.”
ﷲގެ މަގަށް ދައުވަތު ދިނުމަކީ މިދީން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަންތައްތަކުގެ ތެރެއިންކަމެކެވެ. އަދި އެއީ ސަލާމަތުގެ މަގެވެ.
އިންސާނާ ހަތަރު ޙައްޤެއް އަދާކުރުމުން މެނުވީ ގެއްލުމާއިހަލާކުގެ ތެރޭގައިވާކަމަށް އަޅުގަނޑުމެންގެ ރައްބުވަނީ ބަޔާންކުރައްވާފައެވެ. އެއީ: ﷲއަށް އީމާންވުމާއި، ޞާލިޙު ޢަމަލުކުރުމާއި، ޙައްޤަށް ވަޞިއްޔަތްކުރުމާ އަދި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމެވެ. އެއްސޫރަތުގައި އެކީ އެވާހަކަ ﷲ ތަޢާލާ ޛިކުރުކުރެއްވިއެވެ. ﴿وَالْعَصْرِ * إِنَّ الْإِنسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾ (سورة العصر ١- ٣)
މާނައީ: “ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙުޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށްއުޅުނު މީހުން މެނުވީއެވެ.”
ފަހެ ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއި ހެޔޮވައުޟާއިއެކު ﷲގެ މަގަށް ދަޢުވަތުދޭށެވެ. އެހެންމީހުންނަށް ދަޢުވަތުދިނުމުގައި ފަސްނުޖެހޭށެވެ. މީހަކު ނަމާދަށް ކަންނެތްވާތަން ފެނުމުން ފަހެ އެކަން އަދާކުރުމަށް އިރުޝާދުދިނުމަކީ ދަޢުވަތެކެވެ އަދި މައިންބަފައިންނަށް ކަމޭނުހިތާމީހާއަށް އެކަމުގެ އުޤޫބާތްކިޔާދިނުމަކީ އިރުޝާދެކެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާމީހާއަށް ވައުޟެއްބުނުމަކީ ނަޞޭޙަތެކެވެ.
_________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.