[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަންކުރުން ގިނަކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢިލްމުގެ މޭވާއަކީ ޢަމަލުކުރުމެވެ. އަދި ދުނިޔޭގެ ލައްޛަތު ލިބޭނީ ހެޔޮޢަމަލުތައް އިތުރުކުރުމުންނެވެ. އަދި އިޚްލާޞްތެރިކަމުގެ ޢަލާމާތަކީ ﷲއަށް ކިޔަމަންގަތުން އިތުރުކުރުމެވެ. އަދި ސުވަރުގޭގައި މަންޒިލު އިތުރުވަނީ މާތްކަން އިތުރުކުރިވަރަކަށެވެ. މީސްތަކުންގެ ތެރެއިން އެންމެ ފަޟީލަތްތެރިމީހުންނީ ކިޔަމަންގަތުމުގެ ޢަމަލުތައް އިތުރުކުރުމުގެ ނަމޫނާއެވެ.

ފަހެ އިބްރާހީމް عليه السلامގެ ކިޔަމަންގަތުމުގެ ޢަމަލު ގިނަކަމުން ﷲތަޢާލާ އެކަލޭގެފާނާ ބެހޭގޮތުން ޘަނާގެ ބަސް ވަޙީކުރެއްވިއެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ…﴾ ( سورة النحل ١٢٠)

މާނައީ: “ހަމަކަށަވަރުން އިބްރާހީމްގެފާނީ ﷲއަށް ކިޔަމަންތެރިވެވަޑައިގެން ޝިރުކުން އެއްކިބާވެ ތައުޙީދުގެމަތީ ހުންނެވި އުންމަތެއްކަމުގައިވިއެވެ. (އެބަހީ: އިމާމެއްކަމުގައިވިއެވެ.) އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.”

ފަހެ އެކަލޭގެފާނަށް “ޤުނޫތު”ގެ ޞިފަލިބިފައިވާކަމަށް އެކަލާނގެ ޞިފަކުރެއްވިއެވެ. އެއީ ކިޔަމަންގަތުމުގައި ދާއިމުވުމެވެ.

ދާވޫދު عليه السلام އެއްދުވަހު ރޯދަހިއްޕަވާ އަނެއްދުވަހު ރޯދަ ނުހިއްޕަވާދޫކުރައްވައެވެ. އަދި ރޭގަނޑުގެ ދެބައިކޮޅު އެއްބައިގައި ނިދިކުރައްވައެވެ. އަދި ތިންބައިކުޅަ އެއްބައިގައި ނަމާދުކުރައްވައެވެ. އަދި (ދެން) ރޭގަނޑުގެ ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ.

ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ޔަޙްޔާ عليهم السلام އަށް ﷲތަޢާލާ އަންނަނިވި އާޔަތުގައި ޘަނާވަޙީކުރެއްވިއެވެ. ﴿فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾ (سورة الأنبياء ٩٠)

މާނައީ: “ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް ޚުޝޫޢަތްތެރިވާ ބަޔަކުކަމުގައި އެބޭކަލުންވިއެވެ.”

މިއުންމަތުގެ އިސްވެދިޔަ ބޭކަލުން ﷲއަށް އަޅުކަންކުރުން އިތުރުކުރެއްވިއެވެ.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: “ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާގެ އަރިހަށް ތިމަން ޙާޟިރުވީމެވެ. އެއްފަހަރަކު ފަތިސްނަމާދުކުރެއްވުމަށްފަހު ﷲތަޢާލާގެ ޛިކުރުކުމަށް އިށީނދެވަޑައިގަތެވެ. ދުވާލުދެބައިވުމަށް ގާތްވަންދެނެވެ. ދެން އެއަށްފަހު ބައްލަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ: މިއީ ތިމަންގެ ހެނދުނުގެ ނާސްތާއެވެ. މިނާސްތާޙާޞިލްނުވެއްޖެއްޔާ ތިމަންގެ ބާރު ފިލައިދެއެވެ.” أهـ [الوابل الصيب / ص: ٩٣]

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله، އެކަލޭގެފާނުގެ އަމިއްލަ ނަފްސާ ބެހޭގޮތުން  ވިދާޅުވިއެވެ. ” މައްސަލައަކާ ބެހޭގޮތުން އަދި އެއްޗަކާ ބެހޭގޮތުން ބައެއް ފަހަރު ތިމަންގެ ވިސްނުން ހުއްޓުން އަރައެވެ. ނުވަތަ ބައެއް ޙާލަތްތަކުގައި އޮޅުންވެސް އަރައެވެ. ފަހެ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްހާސް ފަހަރަށް ނުވަތަ އެއަށްވުރެވެސް ގިނަ ފަހަރު، ތިމަންގެ ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ. އެއީ އެކަމުގައި ތިމަންގެ މޭ ތަނަވަސްވެއްޖައުމަށް ދާންދެނެވެ. އަދި އެރި އޮޅުން ފިލައްޖައުމަށް ދާންދެނެވެ.” [العقود الدرية لابن عبدالهادي  (ص: ٧)]

އަދި ވިދާޅުވިއެވެ.“އަދި އޭރު ތިމަން ބާޒާރުގައި ނުވަތަ މިސްކިތުގައި ނުވަތަ ތަމްރީނުގައި ނުވަތަ މަދްރަސާގައިވަމެވެ. ނަމަވެސް ޛިކުރުކުރުމުންނާއި އިސްތިޣްފާރުކުރުމުން އެކަން ތިމަންނައަކަށް މަނައެއްނުކުރެއެވެ. އެއީ ތިމަން ބޭނުންވާ ކަމެއް ޙާޞިލުވަންދެނެވެ.”

އަދި އިބްނުލް ޤައްޔިމް رحمه الله އާ ބެހޭގޮތުން އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. “ތިމަންމެންގެ ޒަމާނުގެ ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި އެކަލޭގެފާނަށް ވުރެ ގިނައިން އަޅުކަންކުރާ ބޭކަލެއް ތިމަން ނުދަންނަމެވެ. އަދި ނަމާދުކުރާއިރު ދިގު ކުރެއްވުމުގެ ގޮތެއް ގެންގުޅުއްވިއެވެ. އަދި ރުކޫޢާއި ސުޖޫދުވެސް ދިގުކުރައްވައެވެ. އަދި އެކަލޭގެފާނާއި އެކީ އުޅުއްވާ ބައެއް ބޭކަލުން އެކަމާ ބަސްބުނެހަދައެވެ. ފަހެ އެކަލޭގެފާނު އެކަމުން ރުޖޫޢަވެވަޑައިނުގަންނަވައެވެ. އަދި އެކަންކުރުމުން ދުރުހެލިވެވަޑައިވެސް ނުގަންނަވައެވެ.” [البداية والنهاية  (١٨ / ٥٢٣)]

ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ހިތަށް ދެއްވާ ނޫރެކެވެ. ފަހެ ﷲއަށް ގިނަގިނައިން އަޅުކަން އަދާކުރުމާއި މަޑުމޮޅިވުން އިތުރުކުރާށެވެ. އެއީ ޙާޞިލުކުރަން އެދޭކަމެއް ޙާޞިލުކުރުމުގައި ވަރަށް ބޮޑު އެހީއަކަށް ވެގެންދާނޭ ކަމެކެވެ. ﷲ ހަނދުމަކުރުމާއި އެއިލާހުގެ ފޮތް ކިޔެވުން އިތުރުކުރާށެވެ. އަދި ރޭގަނޑުގެ އަނދިރީގައި ރޭއަޅުކަންކުރާށެވެ. ފަހެ ހިތް ސާފުވެއްޖެނަމަ އަޘަރުކުރާނެއެވެ. އަދި ކިލަނބުވެއްޖެނަމަ ގެއްލުންދޭނެއެވެ.

_____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް