އިސްރާއާއި މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި އެރެއަކީ ރަޖަބުމަހުގެ ހަތާވީސްވިލޭރޭ ތޯއެވެ؟
ޖަވާބު:
ޙަމްދުހުރީ ﷲއަށެވެ.
އިސްރާއާއި މިޢުރާޖަކީ ﷲގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެޙާދިޘާއިން ދަލީލުކޮށްދެނީ އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރަސޫލުކަމުގެ ތެދުކަމެވެ. އަދި ﷲގެ ޙަޟްރަތުގައި އެކަލޭގެފާނުގެ މަތިވެރި މަންޒިލެވެ. ހަމައެފަދައިން، އެޙާދިޘާއަކީ ﷲގެ އަޖައިބުކުރުވަނިވި ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ. އަދި އެއިލާހުގެ އެންމެހާ މަޚްލޫޤުންނަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންކަމުގެ ދަލީލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِنْ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ) الإسراء: 1
މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކީ އުޑުތަކަށް މިޢުރާޖުކުރެވުނުކަމާއި، އެކަލޭގެފާނު ހަތްވަނައުޑަށް ފޯރައްޖައުމަށްދާންދެން އެއުޑުތަކުގެ ދޮރުތައް އެކަލޭގެފާނަށްޓަކައި ހުޅުވުނުކަމާއި، އެކަލޭގެފާނުގެ ރައްބު ބޭނުންވެވޮޑިގެންނެވި ބަސްފުޅެއް އެކަލޭގެފާނަށް އެކަލާނގެ ވަޙީކުރެއްވިކަމާއި، އެކަލޭގެފާނުގެ މައްޗަށް ފަސްނަމާދު ފަރުޟުކުރެއްވިކަމާއި، އެއިލާހު އެންމެ ފުރަތަމަ ފަރުޟުކުރެއްވީ ފަންސާސްނަމާދުކަމާއި، ފަސްނަމާދަށް ލުއި ވެއްޖެއުމަށްދާންދެން ލުއިކޮށްދެއްވުމަށް އެކަލާނގެއަށް އެކަލޭގެފާނު ދެންނެވިކަމަށް އެކަލޭގެފާނުގެ އަރިހުން ޚަބަރުތައް މުތަވާތިރުކޮށް ރިވާވެފައިވެއެވެ. އެފަސްނަމާދަކީ ފަރުޟުކުރެވިގެންވާ ފަސްނަމާދެވެ. އަދި އަޖުރުގައި ފަންސާސްނަމާދު އެކުލެވިގެންވާ ފަސްނަމާދެވެ. އެހެނީ، ކޮންމެ ހެޔޮކަމަކީ އޭގެ އަޖުރުގައި ދިހަގުނަ އެކުލެވިގެންވާކަމެކެވެ. ފަހެ، ﷲގެ އެންމެހާ ނިޢުމަތްތަކަށް ޙަމްދާއި ޝުކުރުހުރީ އެއިލާހަށެވެ.
އިސްރާއާއި މިޢުރާޖުގެ ވާހަކަ އައިސްފައިވާ ޞައްޙަ ޙަދީޘްތަކުގައި، އިސްރާއާއި މިޢުރާޖުގެ ޙާދިޘާ ހިނގާދިޔަ ރެޔަކީ ކަނޑައެޅިގެން ކޮންރެއެއްކަން އައިސްފައެއް ނުވެއެވެ. ރަޖަބުމަހުގައި ކަމެއް ނުވަތަ އެނޫން މަހެއްކަމުގައި ކަމެއްވެސް އެނގޭކަށް ނެތެވެ. އެރެއަކީ ކަނޑައެޅިގެން ކޮންރެއެއްކަން ބަޔާންވެފައިވާ ޙަދީޘްތަކަކީ، ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ޘާބިތުވެގެންވާ ޙަދީޘެއް ނޫނެވެ. (އެބަހީ: ޞައްޙަ ޙަދީޘެއްނޫނެވެ.) އިންސާނުންނަށް މިދުވަސް ހަނދާންނެތުމުގެ ފުރިހަމަވެގެންވާ ޙިކުމަތް ވަނީ ﷲ އަށެވެ. އަދި އެރެއަކީ ކޮބައިކަން ކަނޑައެޅިގެން ސާބިތުވިޔަސް، އަޅުކަމުގެ އެއްވެސްކަމެއް އެރެއަށް ޚާއްޞަކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެރޭ ފާހަގަކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން رضي الله عنهم އެރޭ ފާހަގަކުރައްވާފައެއްނުވެއެވެ. އަދި އެބޭކަލުން އެރެއަށް އެއްވެސްކަމެއް ޚާއްޞަނުކުރައްވައެވެ. އެރެއަކީ ފާހަގަކުރުން ޝަރުޢުވެގެންވާ ކަމެއްކަމުގައިވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ އުންމަތަށް، އެކަލޭގެފާނުގެ ބަސްފުޅުން ނުވަތަ އެކަލޭގެފާނުގެ ޢަމަލުފުޅުން އެކަން ބަޔާންކޮށްދެއްވަވާނެއެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން އެފަދަކަމެއް ހިނގާފައިވާނަމަ އެކަން އެނގި މަޝްހޫރުވެފައިވާނެއެވެ. އަދި ޞަޙާބީން رضي الله عنهم އަހަރެމެންނާ ހިސާބަށް އެކަން ފޯރުކޮށްދެއްވާނެއެވެ. ފަހެ ހަމަކަށަވަރުން، އެބޭކަލުން ވަނީ އެބޭކަލުންގެ ނަބިއްޔާގެ އަރިހުން އުންމަތަށް ބޭނުންވާނެ އެންމެހާކަމެއް ފޯރުކޮށްދެއްވާފައެވެ. ދީނުގެ އެއްވެސްކަމެއް އެބޭކަލުން ގެއްލުވާލައްވާފައެއް ނުވެއެވެ. އެހެނެއްކަމަކު، އެބޭކަލުންނަކީ ކޮންމެ ހެޔޮކަމަކަށް ކުރިއަރުއްވާ ބޭކަލުންނެވެ.
ފަހެ، އެރެއަކީ ފާހަގަކުރުން ޝަރުޢުވެގެންވާ ރެއެއްކަމުގައިވާނަމަ، މީސްތަކުންކުރެ އެކަމަށް އެންމެ އަވަސްވެވަޑައިގަންނަވާނީ އެބޭކަލުންނެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ މީސްތަކުންކުރެ އެންމެ ބޮޑަށް މީސްތަކުންނަށް ނަޞޭޙަތްދެއްވި ކަލޭގެފާނެއެވެ. ރަސޫލުކަމުގެ ރިސާލަތު ވަނީ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނުގެ އަމާނާތް އަދާކުރައްވާފައެވެ. ފަހެ، އެރޭ މަތިވެރިކުރުމާއި ފާހަގަކުރުމަކީ ﷲގެ ދީނުގެ ތެރެއިންވާކަމެއްކަމުގައިވާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެކަމަށް ޣާފިލުވެވަޑައިގެން ނުވީހެވެ. އަދި އެކަން ބަޔާންކޮށްނުދެއްވައި ނުހިފެހެއްޓެވީހެވެ. އޭގެތެރެއިން (އެބަހީ: އެރޭ މަތިވެރިކުރުމުގެ ތެރެއިން) ކަމެއް ހިނގާފައިނުވުމުން އަންގައިދެނީ އެރޭ ފާހަގަކުރުމާއި، އެރޭ މަތިވެރިކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫންކަމެވެ. ހަމަކަށަވަރުން ﷲ ވަނީ މިއުންމަތުގެ ދީން ފުރިހަމަކޮށްދެއްވާފައެވެ. އަދި އުންމަތަށް ނިޢުމަތް ފުރިހަމަކޮށްދެއްވާފައެވެ. ﷲ އިޛުނަ ނުދެއްވާ ކަމެއް ދީނުގެ ނަމުގައި ޝަރުޢުކުރާމީހާއަށް ﷲ ވަނީ އިންކާރުގެ ބަސްފުޅު ވަޙީ ކުރައްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައިވެއެވެ.
(الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الإِسْلامَ دِيناً) المائدة: 3
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”
އަދި ﷲ عزّ وجلّ ޝޫރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.
(أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنْ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ) الشورى: 21
މާނައީ: “ނުވަތަ ﷲ، އިޛުނަދެއްވާފައިނުވާ ކަމެއް، އެބައިމީހުންނަށް، ޝަރުޢުކުރާނެ ޝަރީކުންތަކެއް އެބައިމީހުންނަށް ވަނީ ހެއްޔެވެ.”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޘާބިތުވެފައިވާ ޞައްޙަ ޙަދީޘްތަކުގައި، ބިދުޢައާ މެދު ރައްކާތެރިވުމަށާއި، އެއީ ކަނޑައެޅިގެން މަގުފުރެދުމެއްކަމުގައި ޞަރީޙަކޮށް އައިސްފައިވެއެވެ. އެއީ ބިދުޢައިގެ ނުރައްކާތެރިކަމާމެދު އުއްމަތް ސަމާލުކުރުވުމަށެވެ. އަދި އެބައިމީހުން ބިދުޢަހެދުމުން ދުރުކުރުވުމަށެވެ.
އެގޮތުން، ޞަޙީޙައިން (އެބަހީ: ބުޚާރީއާއި މުސްލިމް) ގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްވެއެވެ. އެޙަދީޘް ގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((مَنْ أَحْدَثَ فِى أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ))
މާނައީ: “އަހުރެމެންގެ ދީނުގައި ތެރެއިން ނުވާ އާކަމެއް މީހަކު ކޮށްފިނަމަ ފަހެ އެކަމެއް އޭނާއަށް ރައްދުވެގެން ވެއެވެ.” (އެބަހީ: އެކަމަކީ ދީނުގެ ތެރެއިންވާކަމެއް ނޫނެވެ. އެމީހާގެ އެބިދުޢައިން ދީން ވަނީ ބަރީޢަވެގެންނެވެ.)
އަދި މުސްލިމްގެ ރިވާޔަތުގައިވެއެވެ.
((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ))
މާނައީ: “ތިމަންމެންގެ މިދީނުގައި ނުކުރާ އާކަމެއް ކޮށްފިމީހާއަށް، އެކަން (އޭނާގެ މައްޗަށް) ރައްދުވެގެންވެއެވެ.”
އަދި ޞަޙީޙު މުސްލިމްގައި ޖާބިރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހުކުރުދުވަހު އެކަލޭގެފާނުގެ ޚުޠުބާގައި ވިދާޅުވާކަމުގައިވެއެވެ.
((أَمَّا بَعْدُ، فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللهِ، وَخَيْرُ الْهُدَى هُدَى مُحَمَّدٍ، وَشَرُّ الْأُمُورِ مُحْدَثَاتُهَا، وَكُلُّ بِدْعَةٍ ضَلَالَةٌ))
މާނައީ: “އެއަށްފަހު ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެންމެ ހެޔޮ ބަހަކީ ﷲގެ ފޮތެވެ. (އެބަހީ: އެފޮތުގައިވާ ވަޙީ ބަސްފުޅުތަކެވެ.) އަދި އެންމެ ރަނގަޅު ހިދާޔަތަކީ މުޙައްމަދުގެފާނުގެ ހިދާޔަތެވެ. އަދި ކަންތައްތަކުގެ ތެރެއިން އެންމެ ނުބައިކަމަކީ (ދީނުގައި ޝަރުޢުވެގެންނުވާ) އަލަށް ގެނެސްގަންނަ ކަންކަމެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
އަދި ރަނގަޅު ސަނަދަކުން ނަސާއީ ރިވާކުރައްވާފައިވާ ރިވާޔަތުގައިވެއެވެ.
((وَكُلُّ ضَلَالَةٍ فِي النَّارِ))
މާނައީ: “އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކާގައެވެ.”
އަދި ސުނަންފޮތްތަކުގައި ޢިރުބާޟު ބުން ސާރިޔާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ޢިރުބާޟުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަހުރެމެންނަށް ބަލާޣާތްތެރި ނަސޭހަތެއް ދެއްވިއެވެ. އެނަސޭހަތުން ހިތްތައް ބިރުވެތިވެގެންދިޔައެވެ. އަދި ލޯތަކުން ކަރުނަތައް އޮހިގެންދިޔައެވެ. ފަހެ، އަހުރެމެން ދެންނެވީމެވެ. “އޭ ﷲގެ ރަސޫލައެވެ! ތިޔަ ދެއްވި ނަސޭހަތް، އަހަރެމެންނާ ވަކިވަން އުޅޭ މީހެއްގެ ނަސޭހަތް ފަދައެވެ. ފަހެ، އަހުރެމެންނަށް ވަޞިއްޔަތް ކުރައްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ تَأَمَّرَ عَلَيكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ))
މާނައީ: “ﷲއަށް ތަޤްވާވެރިވުމަށާއި، އަޑުއަހާ ކިޔަމަންގަތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތްކުރައްވަމެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް އަޅަކު ވެރިކުރެވުނުކަމުގައި ޥިނަމަވެސްމެއެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށްފަހު ތިޔަބައިމީހުންކުރެ ދިރިހުރިމީހަކަށް ގިނަ އިޚްތިލާފުވުންތަކެއް ފެންނާނެއެވެ. (އެހިނދު) ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށްފަހު ހިދާޔަތް ލިބިގެންވި ޚުލަފާއުއްރާޝިދީންގެ ގޮތުގައި ހިފެހެއްޓުމެވެ. އެގޮތުގައި ގަދައަށް ކޮލުދަތްތަކުން (އެބަހީ: ބާރަށް) ހިފަހައްޓާށެވެ. އަދި ދީނުގައި އުފެއްދޭ އާކަންތައްތަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން (ދީނުގެ ނަމުގައި) އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
މިމާނައިގައި އެތައް ޙަދީޘްތަކެއް ވެއެވެ. އަދިހަމައެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ ފަރާތްޕުޅުންނާއި، އެބޭކަލުންގެ ފަހުން އައި ސަލަފުއްޞާލިޙުންގެ ފަރާތްޕުޅުން، ބިދުޢައަށް ރައްކާތެރިވުމާއި، އެކަމަށް ބިރުގަތުމުގެ (ބަސްފުޅުތައް) ސާބިތުވެފައިވެއެވެ. އެހެންކަމުން، (އިސްރާއާއި މިޢުރާޖުގެ ރޭ ފާހަގަކުރުމަކީ) ދީނަށް އަލަށް އިތުރުކުރެވޭ އިތުރުކުރުމެކެވެ. އަދި ﷲ އިޛުނަނުދެއްވާކަމެއް ޝަރުޢުކުރުމެވެ. އަދި ﷲގެ ޢަދުއްވުންކަމުގައިވި ޔަހޫދީންނާއި ނަޞާރާއިން އެބައިމީހުންގެ ދީނަށް އިތުރުކުރިގޮތާ އެއްގޮތްވުމުގެ ޢަމަލެކެވެ. އެބައިމީހުން، އެބައިމީހުންގެ ދީނަށް ﷲ އިޛުނަނުދެއްވާ ކަންކަން އުފެއްދީއެވެ. އެހެނީ، (އެފަދަކަމެއް ކުރުމުން) ލާޒިމުކުރަނީ އިސްލާމްދީން ފުރިހަމަނުވާކަމަށެވެ. އަދި އެދީން ފުރިހަމަނުވާކަމަށް ތުހުމަތުކުރެވެނީއެވެ. އަދި ކަނޑައެޅި އެނގިގެންވާގޮތުގައި މިކަމުގައި (އެބަހީ: އެރޭ ފާހަގަކުރުމުގައި) ބޮޑުވެގެންވާ ފަސާދަތަކެއް ވެއެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ މުންކަރާތްވެއެވެ. އަދި އެއީ ﷲ عزّ وجلّގެ ވަޙީ ބަސްފުޅު
(الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ) المائدة: 3
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ.”
މި ވަޙީ ބަސްފުޅާ ދެކޮޅަށްކުރެވޭ ހަނގުރާމައެކެވެ. އަދި ބިދުޢައިން ރައްކާތެރިވުމަށާއި، އެކަމާމެދު ހުޝިޔާރުވުމަށް އަންގަވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކާ ޞަރީޙަކޮށްވެވޭ ޚިލާފުވުމެކެވެ.
ބަޔާންކުރެވުނު ދަލީލުތަކަކީ އިސްރާއާއި މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ބިދުޢައަށް އިންކާރުކުރުމަށް ޙައްޤަށް އެދޭމީހަކަށާއި، އެކަމުން ރައްކާތެރިވުމަށް ފުދޭނެ ދަލީލުތަކެއްކަމުގައި ތިމަން އުއްމީދުކުރަމެވެ. ހަމަކަށަވަރުން އެކަމަކީ (އެބަހީ: އެރޭ ފާހަގަކުރުމަކީ) އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ.
މުސްލިމުތަކުންނަށް ނަސޭހަތްދިނުމާއި ދީނުގައި އެބައިމީހުންނަށް ޝަރުޢުކުރައްވާފައިވާ ކަންކަން ބަޔާންކޮށްދިނުމަކީ ﷲ ވާޖިބުކުރައްވާފައިވާކަމެއްކަމުގައިވުމާއި، ޢިލްމުފޮރުވުމަކީ ޙަރާމްކަމެއް ކަމުގައިވުމާއެކު، މިބިދުޢައާމެދު ތިމަންގެ މުސްލިމް އަޚުން ސަމާލުކުރުވުމަށް ތިމަން ޤަޞްދުކުރީމެވެ. އެހެނީ، މިބިދުޢައަކީ އެކިކަންކޮޅުތަކުގައި ފިސާރި ފެތުރިފައިވާ ކަމެކެވެ. އެކަން ފެތުރިފައިވާލެއް ބޮޑުކަމާހުރެ ބައެއްމީހުން ހީކުރާގޮތުގައި އެއީ ދީނީކަމެކެވެ. އެންމެހާ މުސްލިމުންގެ ޙާލުތައް ރަނގަޅުކުރައްވައި، އެބައިމީހުންނަށް ދީން ރަނގަޅަށް ފަހުމްކޮށްދެއްވާ ފަރާތަކީ ﷲއެވެ. އަހަރެމެންނަށާއި އެބައިމީހުންނަށް ޙައްޤުގައި ހިފެހެއްޓުމާއި، އެޙައްޤުގައި ޘާބިތުމުގެ ތަޥްފީޤު ދެއްވާށި! އަދި އެޙައްޤާ ޚިލާފުވާ ކަންކަން ދޫކޮށްލުމުގެ ތަޥްފީޤުވެސް ދެއްވާށި! ހަމަކަށަވަރުން އެއިލާހީ އެކަމުގެ ވެރި އިލާހެވެ. އަދި އެކަމަށް ކުޅަދުންވަންތަ އިލާހެވެ.
وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
ފަޟީލަތުއް ޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒު ރަޙިމަހުﷲ.
________________________________