الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ. ދުވަހަކަށްފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާވަރަކަށް ޢުމުރުތައް ހުސްވެއެވެ. އަދި އަޘަރުތައް ފުރިހަމަވެއެވެ. އަދި އަޖަލާ ގާތްވެއެވެ. އަދި ޢަމަލުގެ ޚަޒާނާތައް ބަންދުކުރެވެއެވެ. ކުޅަދާނަ ޒުވާނާ އޭނާގެ ޒުވާންކަމުގެ ކުންނުގެ ދުވަސްވަރު ހެޔޮގޮތުގައި ހިފައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމުގައާއި ޢިލްމީ މަތަނުތައް(ދީނީ އެކި މާއްދާތަކުގެ ބިންގާ އަޅާދޭ ފޮތްތައް) ހިތުދަސްކުރުމުގައެވެ. އަދި ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމުގައެވެ. އަދި ފޮތްކިޔުމާއި އަޅުކަންކުރުމުގައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ» [رواه مسلم (34 – (2664))]
މާނައީ: “ތިބާއަށް ފައިދާވަނިވި ކަންތައްތަކަށްޓަކައި އެދޭށެވެ. އަދި ﷲގެ ޙަޟްރަތުން ވާތްގަށްއެދޭށެވެ. އަދި ނުކުޅެދުންތެރިވެ ނުގަންނާށެވެ.”
ޢިލްމުވެރިންގެ ތެރެއިން ކުރި އަރައިގެން ދިޔަ ބޭފުޅުން، އެބޭފުޅުންގެ ޢުމުރުފުޅުތަކަށް ރައްކާތެރިވެގެން މެނުވީ ކުރިއަރައިގެން ގޮސްފައިނުވެއެވެ. އެކަންކޮށްފައިވަނީ ވަގުތަށް ރައްކާތެރިވުމުންނެވެ. އަދި އެބޭފުޅުންގެ ރައްބަށް ކިޔަމަންގަތުމަށް ވާގިވެރިވެ އުޅުއްވި ޞާލިޙު އެކުވެރިންނާއެކު ވުމުންނެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.