الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެންމެ ޤަދަރުވެރިވިމީހަކީ އަދި އެންމެ ޝަރަފުވެރިމީހަކީ އެމީހެއްގެ ނަފްސު އިޞްލާޙުކޮށް ދެންފަހެ އެހެންމީހުން އިޞްލާހުކޮށް ހެޔޮކަންތައްފޯރުކޮށްދީއުޅޭ މީހާއެވެ. އެއީ އަހަރުމެންގެ ނަބިއްޔާ صلى الله عليه وسلمގެ އެންމެ ޚާއްޞަ އެއްޞިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿…يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ…﴾ (سورة الأعراف ١٥٧)
މާނައީ: “އެކަލޭގެފާނު އެބައިމީހުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވައެވެ. އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީކުރައްވައެވެ.”
އުންމަތްތަކުގެ ތެރެއިން އެންމެ މާތް އުންމަތަށް މިއުންމަތްވީ މިޞިފައިގެ ސަބަބުންނެވެ. އަދި އެއީ މިއުންމަތަށް އެހެންއުންމަތްތަކުގެ މައްޗަށް ލިބިފައިވާ މަތިވެރިކަމުގެ މައްޗަށްވާ ތާޖެކެވެ. ހަމަކަށަވަރުން އެޝިޢާރާއިގެން ޤާއިމުވާ މުއުމިނުންނަށް ﷲ ތަޢާލާ ޘަނާގެ ބަސްވަޙީކުރެއްވިއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚأُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴾ (سورة التوبة ٧١)
މާނައީ: “މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތް ލައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.”
އަދި އެކަން ދޫކޮށްލުމަކީ މުނާފިޤުކަމުގެ އެންމެ ޚާއްޞަ އެއް ޞިފައެއްކަމުގައި ލެއްވިއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.
﴿الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّـهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ ﴾ (سورة التوبة ٦٧)
މާނައީ: “މުނާފިޤު ފިރިހެނުންނާއި މުނާފިޤު އަންހެނުންނީ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެބައިމީހުން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ހެޔޮކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެބައިމީހުން ﷲ ހަނދުމަނެތި ކުރިއެވެ. ދެން ﷲ އެބައިމީހުންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން މުނާފިޤުންނަކީ ހަމަ ފާސިޤުންނެވެ.”
މުދަލެއްނެތްނަމަވެސް އެކަންކުރާ މީހާ އެއީ ޞަދަޤާތްކުރާ މީހަކަށް ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ)) [رواه مسلم]
މާނައި: “ހެޔޮކަންތަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް ނަހީކުރުމަކީވެސް ޞަދަޤާތެކެވެ.”
އަދި އެއީ މަތިވެރިވެގެންވާ އަޅުކަމެކެވެ. އެކަމައިގެން އަޅާކުރިއަށްދިޔުމުން އޭނާގެ ފާފަތައް ފުހެވި، ކުށްތަކުގެ ކައްފާރާއަކަށްވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ ونَفْسِهِ وَوَلِدِهِ وَجَارِهِ تُكَفِّرُهَا الصِّيَامُ والصَّلَاةُ وَالصَّدَقَةُ وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنِ الْمُنْكَرِ)) [رواه البخاري]
މާނައީ: “މީހެއްގެ އަހުލުންނާއި މުދަލާއި ނަފްސާއި ދަރިންނާއި އަވަށްޓެރިންގެ ފިޠުނައިގައި، އޭނާއަށްވާ ކައްފާރާއަކީ ރޯދައާއި ނަމާދާއި ޞަދަޤާތާއި އަދި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.