[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވާހަކަ: ކަރުނަ ތިކި

އިސްލާމް ގަޑި ފެށެން ތިން މިނެޓަށް ވީ އެވެ. ދިވެހި މުދައްރިސް މަސައްކަތް ނިންމާލުމަށްފަހު އަވަހަށް އިސްލާމް ގަޑިއަށް ތައްޔާރުވުމަށް ވިދާޅުވިއެވެ.

މުދައްރިސްގެ އިރުޝާދު ތަކަށް މާބޮޑު ސަމާލު ކަމެއް ދިނުމެއްނެތި ޝިއާނާ އޭނަގެ ރަޙްމަތްތެރިޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނަގެ ވާހަކަ އަކީ އޭނަގެ ބައްޕަގެ މުއްސަނދިކަމުގެ ވާހަކަ އެވެ. ފައިސާ ގިނަ ވާހަކައެވެ. ސަރުކާރުގެ ބޮޑެތި މީހުން އޭނަގެ ގެއަށް ވަޑައިގަންނަވާ ވާހަކައެވެ. ދިވެހި ގަޑި ނިމި އިސްލާމް ގަޑި ފެށުނުކަމެއްވެސް ޝިއާނާއަކަށް ނޭނގެއެވެ. ޝިއާނާއަށް އެނގުނީ އިސްލާމް މުދައްރިސް ޝިއާނާގެ ނަމުން ގޮވާލުމުން ނެވެ.

ޝިއާނާއަކީ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ތަނަވަސްސިކުނޑިއެއްގެ ވެރި ކުއްޖެކެވެ. އުމުރުން 13 އަހަރު ފުރިފައިވާ ޝިއާނާގެ ޢުމުރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ޝިއާނާގެ މަންމަ އާއި ބައްޕަ އޭނަ ހިތްއެދޭ ހުރިހާއެއްޗެއްހޯދާ ދެއެވެ.

ޝިއާނާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖަކަށް ވާތީ ޓީޗަރުން ނަންގަވާ ދެއްވާ ފިލާވަޅުވެސް އެނގި ފުރިހަމަކުރާކަށް މާގިނަ އިރެއް ހޭދަ ނުވެއެވެ. ފިލާވަޅު ނިންމާލުމަށްފަހު ކުލާހުގެ ޝިއާނާ އޭނަ ބޭނުންވާ ގޮތަކަށް ވަގުތު ހޭދަ ކުރެއެވެ. މިކަމަކީ ޓިޗަރުންނަށްވެސް ފުދޭވަރަކަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ޝިއާނާގެ އާދައިގެ މަތިން މިއަދުވެސް އޭނަގެ ބައްޕަގެ މުއްސަނދިވާހަކަ ދައްކަން ފެށީއެވެ. މުދައްރިސް ޝިއާނާއަށް ތަކުރާރުކޮށް ނަސޭޙަތް ދެއްވައި، އަދި އެހެންކުދިންގެ ސަމާލުކަން ހޯއްދެވުމަށްފަހު ފިލާވަޅު ފެށިއެވެ. ދުވަހުގެ ސުރުޚީއަކީ ﷲ ގެ ކުޅަދުންވަންތަކަމެވެ. އިސްލާމް މުދައްރިސް ހެއްކާއި ދަލީލު ދައްކަވަމުން ފިލާވަޅު ކުރިއަށް ގެންދެވިއެވެ.

“ތިޔަކުދިންނަށް އެނގޭތަ ދުނިޔޭގެ އެއްވެސް މީހެއްގެ އިނގިލީގެ ނިޝާން އެއްގޮތް ނުވާކަން؟. ތިޔަ ކުދިންނަށް އެގޭނތަ ދުނިޔޭގައި އެތައް އިންސާނުންނެއް އުޅޭއިރު އެމީހުންގެ ސިފައާ ވައްތަރު އެއްގޮތް ނޫންކަން؟ ތިޔަ ކުދިންނަށް އެގޭނތަ އުޑާއި ބިމާއި ދޭތެރޭގައި ވިލާތައް ކިޔަމަން ކުރައްވަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުންކަން؟ ތިކުދިންނަށް އެނގޭތަ ތިޔަ ކުދިންގެ މޫނުގައިވާ ކުޑަ ކުޑަ ދެ ލޮލުން ބޮޑު ބޮޑު ދުނިޔެއެއް ފެންނަ ގޮތް މިންވަރު ކުރެއްވިކަން………. މިކަހަލަ ކިތައްމެ ވާހަކަ ތަކާއި ހެކިތަކެއް ފެންނާނެ. މިކަންތައް އެނގޭނީ ފިކުރު ކުރާ ކުދިންނަށް. ވިސްނާ ކުދިންނަށް. ﷲ ވަޙީ ކުރައްވާފައިވަނީ ((إِنَّ فِي خَلْقِ السَّمَوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنْ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالأَرْضِ لآيَاتٍ لِقَوْمٍ يَعْقِلُونَ)) މިއާޔަތުގެ މާނައަކީ ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، ﷲ އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.”

މިހެން ވިދާޅުވެ ގުރުއަތުން ދިމާވާގޮތަށް ދެކުދިން ދެކުދިންގެ ގްރޫޕެއް މުދައްރިސް ހަދާލިއެވެ. ހުސްއަންހެން ކުދިން ކިޔަވަމުންދާ އެކުލާހުން ޝިއާނާއާ ދިމާވީ އެކުލާހުގައި ކިޔަވަމުންދާ ފަގީރު ޢާއިލާއެއްގެ ކުއްޖެއް ކަމަށްވާ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ އަނީޝާއެވެ. އަނީޝާއާ ދިމާވުމުން ޝިއާނާ ވަރަށް ފޫހިވިއެވެ. އަދި އެހެން ކުއްޖަކަށް ބަދަލުވޭތޯ މުދައްރިސް އަރިހުން އެދުނެވެ. މުދައްރިސް ވިދާޅުވިއެވެ. “ކޮންމެ ކުއްޖަކުވެސް ރައްޓެހި ކުއްޖާ ކައިރިއަށް ދާން ބޭނުންވާނެ. މުދައްރިސް ބަދަލު ކޮށްފައި ބަދަލު ނުކުރާނީ ކޮން ކުއްޖެއް. ދެން މުދައްރިސްގެ ބަސްއަހައިގެން ދޭ.” މިހެން ވިދާޅުވުމުން ޝިއާނާ އިތުރު ވާހަކަތަކެއް ނުދައްކާ ގޮސް އަނީޝާކައިރީގައި އިށީނީ އެފަދަ ޙަރަކާތްތަކުގައި ޝިއާނާ ބައިވެރިވާ ހިތްވާތީ އެވެ.

“ގްރޫޕްތައް ބޭރަށް ގޮސް އެއްކުއްޖަކަށް ފެންނަ ކުޅަދުންވަންތަކަމުގެ ހެކިތައް އެކުއްޖަކާ ދިމާވި ކުއްޖަކަށް ކިޔައިދީ” މުދައްރިސް ވިދާޅުވިއެވެ.

ޝިއާނާ އަނީޝާގެ މޫނަށް ބަލާލުމެއްނެތި ވާހަކަ ދައްކަން ފެށިއެވެ. އަދި ކަލެއަށް މިފެންނަ ކަންތައް ކިޔާދޭނީ ކިހިނެއްބާއޭ ބުނެ މަށަށް ފެންނަ އެއްޗެއް މަ ކިޔާ ދީފާނަމޭ ބުނެ ފެށިއެވެ. “އަނީޝާގެ ބޯ މަތީގައިވާ ނޫ ކުލައިގެ އުޑު ހެއްދެވީ ﷲ ގެ ކުޅަދުންވަންތަ ކަމުން. ވަށައިގެން މިވާ ފެހި ގަސްތައް ހެއްދެވީ ﷲ ގެ ކުޅަދުންވަންތަ ކަމުން. އަދިހަމަ އުޑުމަތީގައި އެތުރިފައިވާ ރީތި ކަފަ ވިލާތައްވެސް އެއީ ﷲ ގެ ކުޅަދުންވަންތަކަން އަންގައިދޭ ފާޅުކަން ބޮޑު ހެއްކެއް.” ޝިއާނާ އަކީ ވާހަކަ ދެއްކުމުގެ ހުނަރު ލިބިފައިވާ ކުއްޖަކަށް ވާތި އޭނާއަށް ފެންނަ ގުދުރަތީ މަންޒަރުތައް ކިޔައިދެމުން ގެންދިޔައެވެ.

ކުއްލިއަކަށް ޝިއާނާގެ ބަސް ހުއްޓި އަނގަމަތީގައި އަތް އެޅުނީ އޭނާގެ ކުރަކިކަމެއްނެތް އަތްތިލައިގައި ބޮޑު ކަރުނަތިއްކެއް އައިސް ޖެހުމުންނެވެ. އާއެކެވެ. ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ އަނީޝާ ރޮނީ އެވެ. ގިސްލާ  ރޮނީ އެވެ. ޝިއާނާ ހާސްވެ ކަންބޮޑުވިއެވެ. ހާސްވެފައިވާ ހިތަކާއެކު ރޮނީ ކީއްވެގެންހޭ އަހާލިއެވެ. ޖަވާބުގައި އަނީޝާ ބުންޏެވެ. ” ޝިއާނާ ތީ ކިހާ ނަސީބު ރަނގަޅު ކުއްޖެއް. ގުދުރަތީ ރީތި މަންޒަރުތައް ދުށުމުގެ ފުރިހަމަ ނަސީބު ލިބިފައިވޭ. އެކަމުން ހިތްހަމަ ޖެހުން ލިބި ދުނިޔޭގައި އުފާ ކުރަމުންދާއިރު އަހަރެމެން ކަހަލަ ކުދިން އުޅޭނެ ގޮތް ހިތަށް ގެނެވޭތަ؟ ޝިއާނާއަށް ތި މަންޒަރުތައް ފެނި ތަސައްވަރު ކުރަމުންދާއިރު އަހަރެމެން ކަހަލަ ކުދިން ތިކަން ހިތަށް ގެންނާނެގޮތެއް ބުނެބަލަ. އަމުދުން ޝިއާނާ އަހަންނާ ތިވާހަކަ ދައްކާގޮތާމެދު ވިސްނަ ބަލަ. ގުރުއަތުން އަހަރެންގެ ނަން ދިމާވީމަ އިންކާރު ކުރި އިރު، ﷲ ސުބްހާނަހޫ ވަތަޢާލާ ޝިއާނާއަށް ހުރިހާ ހިއްސެއް ސަލާމަތުން ލެއްވި ކުޅަދުންވަންތަ ފަރާތަށް ދުވަހަކުވެސް ސަޖިދައެއް ކުރިބާއޭ ހިތަށް އެރި… އަދި …..” މިހިސާބަށް އަނީޝާގެ ވާހަކަ ގެންދެވުނު ތަނާ ޝިއާނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ. އަދި އަޑުން އަޑު ނަގައި ރޯން ފެށިއެވެ.

އެވަގުތު މުދައްރިސް ދުރުވެ ވެގެން އުޅޭގޮތް ބެއްލެވިއެވެ. ޝިއާނާ ބުންޏެވެ. “މުދައްރިސް، އަޅުގަނޑަށް މަޢާފު ކުރައްވާ. ހިތާމަޔާ ހިތްދަތި ކަމަކީ ކުރިން ދަންނަ އެއްޗެއް ނޫން. އަޅުގަނޑުގެ އުމުރުން މިހާހިސާބަށް އައި އިރު ވަރަށް ތުއްތު ކުދިންގެ ލޮލުން ފިޔަވާ އެހެން ކުއްޖަކު ދެރަވެގެން ރޯ ތަނެއް ނުދެކެން. އެކަމަކު… އެކަމަކު އަނީޝާ… އަޅުގަނޑަށް މަޢާފު ކުރޭ. އަނީޝާ އާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް. އަނީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެންގެ އަތުގައި ޖެހުނު ހިނދު ހިތަށް ވަރަށް ބޮޑަށް އަސަރު ކުރި. ދުނިޔޭގައި ހިތާމަކުރާމީހުން އުޅޭކަން އިޙްސާސް ވެއްޖެ. މުދައްރިސް، އަޅުގަނޑުގެ ގެއަށް އަނީޝާ ގެންދަން ބޭނުން. އަނީޝާއަށް އެހީތެރިވެދޭން ބޭނުން.”

އެހިސާބުން ގަޑިވެސް ނިމިއްޖެއެވެ. މުދައްރިސް އެދުވަހު ގެއަށް ވަޑައިގަތީ ދުވަހަކުވެސް ސްކޫލުން ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބިގެންނެވެ.

ޝިއާނާއަކީ އޭގެ ފަހުން ވަރަށް ރަނގަޅު ކުއްޖެކެވެ. ޝިއާނާގެ މައިންބަފައިންގެ އެހީގައި ބޭސްކޮށް މިހާރު އަނީޝާގެ އެއް ލޮލަށް ފެނެއެވެ. މިހާރު ޝިއާނާއަކީ ފަރުޟު ފަސްނަމާދު އަދާ ކުރާ ހިތްތިރި ކުއްޖެކެވެ. ޚާއްސަކޮށް ނުކުޅެދޭ ކުދިންނަށް އެހީވާ އޯގާތެރި ކުއްޖެކެވެ. އޭނާގެ އަތުގައި ޖެހުނު ކަރުނަތިކީގެ އިޙްސާސް ދެންމެ ވީ ކަމެއްހެން ހަދާން ހުރި ކަހަލައެވެ.