الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބައެއް މީހުން ހީކުރަނީ ބާއްޖަވެރިކަން ލިބޭނީ މުދަލުންނާއި މުއްސަނދިކަމުންކަމަށެވެ. އަދި ބައެއްމީހުންނަށް ހީވެފައިވަނީ އެކަންވަނީ ޖާހާއި މަންޞިބުގައިކަމަށެވެ. އަދި ބައެއް މީހުން އެއަށް އެދެނީ ޙަރާމް ކަންތައް ޙާޞިލުކޮށްގެންނެވެ. އެކަން ޙާޞިލުކުރުމުގައި މަޚްލޫގުން ވަނީ ވަރަށް ހަލުވި ހިނގުމެއްގައެވެ. އަދި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގައެވެ.
ފަހެ އެއަށް ވާޞިލުވާމީހުންނާއި އޭގެން މަޙްރޫމުވާމީހުންވެއެވެ. އަދި ބާއްޖަވެރިކަން ޙާޞިލުވިކަމަށް ވަހުމުވަދެފައިވާ އަބާއްޖަވެރިންވެސްވެއެވެ. ފަހެ އެބައިމީހުން ދީނުގެ މައްޗަށް ދުނިޔެއަށް އިސްކަންދިނެވެ. އަދި އާޚިރަތުގެ މައްޗަށް ހަވާނަފްސަށެވެ. ފަހެ ވަހުމާއި ކަންބޮޑުވުމާ އެބައިމީހުން ކުރިމަތިލިއެވެ. އަދި ދިރިއުޅުން ދަތިވިއެވެ. އަދި ހިތާމަތަށްވެސް ތަޙައްމަލުކުރިއެވެ.
ﷲ އަށް ތަޤްވާވެރިނުވެ ބާއްޖަވެރިކަން ޙާޞިލެއްނުވާނެއެވެ. އެއީ އެއިލާހަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމެވެ. އަދި ފާފަތަކާއި ނުބައިކަންތައްތަކާއި ދުރުހެލިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ (سورة الأحزاب ٧٠-٧١)
މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙްކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހާއަށް ކާމިޔާބު ލިބިއްޖެއެވެ.”
ޝައިޚުލް އިސްލާމް ވިދާޅުވިއެވެ: “ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އީމާންވުމަކީ ބާއްޖަވެރިކަން ޖަމާކުރެވޭކަމެކެވެ. އަދި އެއީ އޭގެ އަޞްލެވެ.” ފަހެ ދުނިޔަވީ ޙަޔާތާއި އޭގައިވާ އުފާތަކުގައި ތަޤްވާވެރިކަމެއްނުވާނަމަ ބާއްޖަވެރިކަމެއްނުވެއެވެ.
ޅެންވެރިޔާ ވިދާޅުވެފައިވެއެވެ:
ولست أرى السعادة َجمعَ مال … ولكنّ التقيّ هو السعيدُ
وتقوَى الله خيرُ الزاد ذخرا … وعند الله للأتقَى مَزِيدُ
މާނައީ: “ބާއްޖަވެރިކަމަކީ މުދާ އެއްކުރުންކަމުގައި އަހަރެން ނުދެކެމެވެ.
އެކަމަކު ބާއްޖަވެރިވަނީ ތަޤްވާވެރިންނެވެ.
ފަހެ ތިބާ އެއްކުރާ އެންމެ ހެޔޮ ކޮއްތަކީ ﷲއަށް ތަޤްވާވެރިވުމެވެ.
އަދި ﷲގެ ޙަޟްރަތުގައި ތަޤްވާވެރިންނަށް އިތުރަށްވެސް ވެއެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.