[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ގެ ލޮލުން ކަރުނަ އޮހޮރުވާލި ބަސްކޮޅު

އެއްފަހަރެއްގައި ޢަބްދުލްމަލިކު ވަރަށް އަސަރުގަދަ ޚުތުބާއެއް ދެއްވިއެވެ. އެ ޚުތުބާ ދެއްވަމުން އަބްދުލްމަލިކު ކީރިތިކުރައްވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ފާފަފުއްސެވުން އެދި ވަޑައިގެން ދަންނަވަމުން ދިޔައެވެ.
” އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. މިއަޅާގެ ފާފަތައް ވަރަށްވެސް ގިނައެވެ. އެހެނެއްކަމަކު އެފާފަތަކުގެ ކުރިމަތީގައި އިބަﷲ ގެ ރަޙުމަތުގެ ކުޑަމިންވަރެއްވެސް ވަނީ އެޔަށްވުރެ މާ ގިނަވެ ފުޅާވެގެންނެވެ.
އޭ ﷲ އެވެ. އިބަﷲ ރަޙުމަތުގެ ކުޑަމިންވަރަކުން މިއަޅާގެ ގިނަ ފާފަތައް ފުއްސަވާންދޭވެ.”ދެން މިބަސްތަކުގެ ވާހަކަ ޙަސަނުލް ބަޞަރީގެ ކަންފަތްޕުޅަށް ފޯރުމާއެކު އެކަލޭގެފާނަށް ކުރި އަސަރެއްގެ ބޮޑުކަމުން ކީރިތިކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ.” މީހަކު ބުނެފައިވާ އެއްވެސް ބަހެއް ރަނުގައި ކަނޑާނަގައި ލިޔަންޖެހޭނެ ނަމަ އެބަސްތަކަކީ، އެބަސްފުޅުތަކެވެ. “ނޯޓު: މާނައަކީ މީހަކު ބުނެފައިވާ ބަހެއްގެ މޮޅުކަމުން ބަހެއް ރަނުގައި ކަނޑާ ނަގަންޖެހޭނެ ނަމަ ލިޔަންޖެހޭނީ އަބްދުލްމަލިކު ވިދާޅުވި އެބަސްފުޅުތަކެވެ.
ޢަބްދުލްމަލިކަކީ ޢުމަރުބިން ޢަބްދުލްއަޒީޒު ރަޙިމަހުﷲގެ އަނބިކަނބަލުން ކަމަށްވާ ފާތިމާގެ ބައްޕާފުޅެވެ.
ނިމުނީ
އަސްލު: އައްލުއުލުއު ވަލްމަންޘޫރު
ފޮޓޯގައިވާ ބަސްކޮޅުގެ މާނަ: ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.  އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. އެދުވަސްތަކުގެ ތެރެއިން ދުވަހެއް ގޮސްފިނަމަ އެދިޔައީ ތިބާގެ ގައިންވެސް ބަޔެކެވެ.
ޙަސަނުލް ބަޞަރީ ރަޙިމަހުﷲ އަކީ ކޮންބޭކަލެއް؟
ހަސަނުލް ބަޞަރީ ރަޙިމަޙުﷲ އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 21 ވަނަ އަހަރު އުމަރު ބުނުލް ޚައްތާބުގެ ހިލާފަތުގެ ފަހުކޮޅު މަދީނާގައެވެ. އެކަލޭގެފާނުގެ މަންމާ ފުޅަކީ މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ އުއްމު ސަލްމާ ރަޟިޔަﷲ އަންހާގެ ޙިދުމަތުގައި އުޅުއްވި ބޭކަނބަލެކެވެ. ބައެއްފަހަރު އެކަލޭގެފާނު ކުޑައިރު ކީރިތި ކުރައްވަން ފެއްޓެވުމުން އުއްމު ސަލްމާ ރަޟިޔަﷲ އަންހާ އެކަލޭގެފާނު އުރުވަޑުވައި މަސަލަސް ކުރައްވަން މަސައްކަތްކުރައްވައެވެ. މިކަލޭގެފާނުގެ ތުއްޕުޅު އިރުގެ ތަރުބިއްޔަތުގެ ބިންގާ އެޅުނީ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ގެކޮޅުގެ ތެރޭންނެވެ.
ޢުމަރު ބިން ޚައްތާބު ހަސަނުލްބަޞަރީއަށް ދުޢާކުރެއްވިއެވެ. ” އޭ ހައްދަވާ ބޮޑުކުރެއްވި ރައްބެވެ.  މިކުއްޖާއަށް ދީން އުގައްނައިދެއްވައި މީސްތަކުންގެ ލޯބި ލިބޭ މީހެއްކަމުގައި ލައްވާށިއެވެ”
އުމުރުފުޅުން ދިހަ އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ.އެކަލޭގެފާނު މަދީނާގައި އުޅުއްވީ ވާދިލްޤުރާ އޭ ކިޔުނުތަނެއްގައެވެ. އެކަލޭގެފާނު ހުކުރުނަމާދަށް ވަޑައިގަންނަވަނީ އުޘްމާން ރަޟިޔަﷲ އަންހުއާއި އެކުއެވެ. އުޘްމާނުގެފާނު ޝަހީދުކޮށްލެވުނު އިރު އެކަލޭގެފާނު އުމުރުފުޅަކީ 14 އަހަރެވެ
އަދި ފަހުން ޢަލީ ރަޟިޔަﷲ އަންހުގެ ހިލާފަތު އިރާޤަށް ބަދަލުވުމުން އެކަލޭގެފާނުވެސް އިރާޤަށް ހިޖުރަކުރެއްވިއެވެ. އަދި އެޔަށްފަހު އެކަލޭގެފާނުގެ ދިރިއުޅުއްވާފައިވަނީ ބަޞަރާގައެވެ.އެކަލޭގެފާނަކީ ދީންވެރި، ވާހަކަދައްކަވާ އިރު ފަޞާހާތްތެރި، މަޑުމައިތިރި ދިރިއުޅުމެއް އުޅުއްވި އަޅުވެރި ބޭކަލެކެވެ. އަދި ބަޞަރާގައި އެކަލޭގެފާނު ކިޔަވާދެއްވާފައިވެއެވެ.
އެކަލޭގެފާނު އަވަހާރަވި ހިޖުރީ ސަނަތުން 110 ވަނައަހަރު 1ވީ ރަޖަބުމަހުއެވެ. އޭރު އުމުރުފުޅުން 88 އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި ހެޔޮޖަޒާދެއްވާށިއެވެ.

އެއީ ބަޞަރާގެ އަހުލުވެރިންގެ ތެރޭގައި އެންމެ މަޝްހޫރު ތާބިއީ އެއްބޭކަލެވެ. ތާބިޢީ ބޭކަލުންނަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ނުވަތަ އެކަލޭގެފާނާއި ބައްދަލުވެ ވަޑައިގެންނެވި ޞަޙާބީ ބޭކަލުންނާއި ބައްދަލުވެވަޑައިގެންފައިވާ ބޭކަލުންނެވެ. އަދި އެގޮތުގައި އީމާންކަމުގައި އަވަހާރަވެ ވަޑައިގެންފައިވާ ބޭކަލުންނެވެ.

ނިމުނީ