[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވައްސުލު

ތަވައްސުލުގެ ތަޢުރީފު:

ޢަރަބިބަހުގައި ތަވައްސުލަކީ ކޮބައިކަން ބަޔާންކުރައްވައި، އަލްޖަވްހަރީ ވިދާޅުވެފައިވެއެވެ. “ވަސީލަތް ދަންނައެވެ. އެއީ އެހެން އެއްޗަކާ ކައިރިކޮށްދޭ ކައިރިކޮށްދިނުމެވެ.”(1) ފައިރޫޒްޢާބާދީ ވިދާޅުވެފައިވެއެވެ. “އަލްވަސީލާ އަދި ވާސިލާ ދަންނައެވެ. އެއީ ވެރިއެއްގެ އަރިހުގައި އެމީހާގެ މަންޒިލެވެ. އަދި ދަރަޖައެވެ. އަދި އަރިސްވުމެވެ.”(2)

ޝަރުޢީގޮތުން ތަވައްސުލަކީ ﷲއަށް ކިޔަމަންތެރިވުމުންނާއި، އެއިލާހަށް އަޅުކަންކުރުމުންނާއި، ނަބިއްޔުންނާއި ރަސޫލުންނަށް ތަބާވެގެންނާއި، އަދި ﷲ ރުއްސަވާ އެންމެހާ ޢަމަލުތައްކޮށްގެން އެއިލާހަށް ކުއްތަންވެވޭ ކުއްތަންވުމެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ވަސީލަތަކީ ކުއްތަންވުމެވެ.”(3)

ތަވައްސުލުގެ ވައްތަރުތައް:

އާއްމުކޮށް ބަލާއިރު ތަވައްސުލުގެ ތެރެއަށް ޝަރުޢުގައި ބަޔާންވެގެންވާ ކޮންމެ ތަވައްސުލަކާއި، ޝަރުޢުގައި މަނާކުރައްވާފައިވާ ތަވައްސުލުވުން ޝާމިލުވާ ހުއްޓެވެ. މިދެވައްތަރުގެ ތަވައްސުލު ތަފާތުކޮށް އެނގުމަށްޓަކައި ތަވައްސުލުގެ ވައްތަރުތައް އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. ތަވައްސުލުވުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޝަރުޢުގައި ހުއްދަ ދެއްވާފައިވާ ތަވައްސުލާއި، މަނާކުރައްވާފައިވާ ތަވައްސުލެވެ.

(1) ހުއްދަ ދެއްވާފައިވާ ތަވައްސުލު: މިވައްތަރުގެ ތަވައްސުލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޝަރުޢުކުރައްވާފައިވާ ގޮތާ އެއްގޮތަށް އެއިލާހަށް ކިޔަމަންގަތުމުންނާއި އެއިލާހު ރުއްސަވާ އަދި ލޯބިވެވޮޑިގަންނަވާ ޢަމަލުތައް ކޮށްގެން ކުއްތަންވެވޭ ކުއްތަންވުމެވެ. އެހެނީ، ހަމައެކަނި އެއިލާހު އަޅުގަނޑުމެންނަށް ކުރުމަށް އަންގަވާފައިވާ ކަންކަމަކީ އެއިލާހު ރުހިވޮޑިގެންވާ ކަންކަމެވެ. އެއިލާހު ކުރުމަށް އަންގަވަފައިވާ ނުވާކަމަކަށް އެއިލާހު ރުއްސަވާވޮޑިގެންނުވާނެތެވެ. އަދި ލޯބިވެވޮޑިގެންވެސް ނުވާނެތެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ، އެއިލާހުގެ ޚަލްޤުތަކަށް އެދުމަށް އަމުރުކުރައްވާފައިވާ ވަސީލަތުގެ މަގަކީ، ރަސޫލާގެންނެވި ކަންކަމަށް ތަބަޢަވެގެން އެއިލާހަށް ކުއްތަންވުމެވެ. އަދި އެއްވެސްމީހަކަށް މިނޫންގޮތަކަށް ﷲއަށް ކުއްތަންވުމެއް ނުވެއެވެ.”(4) މިގޮތުން ﷲ ހުއްދަދެއްވަފައިވަނީ ތިން ވައްތަރެއްގެ ތަވައްސުލެކެވެ.

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިވެގެންވާ އިސްމުފުޅުންނާއި ޞިފަފުޅުތަކުން ތަވައްސުލުވުމެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ )) الأعراف: ١٨٠ މާނައީ: “އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެބައިމީހުން ކޮށްއުޅުނު ކަންތަކަށް އެބައިމީހުންނަށް ޖަޒާ ދެއްވާހުށްޓެވެ.” ފަހެ، އެއިސްމުފުޅުތަކުން ދުޢާކުރުމުގެ މާނައަކީ: އެއިސްމުފުޅުތަކުން ﷲ އަށް ކުއްތަންވުމެވެ. މިސާލަކަށް، އޭ ރަޙްމާންވަންތަ އިލާހެވެ! މިއަޅާއަށް ރަޙުމަތް ލައްވާންދޭވެ! އޭ ފާފަފުއްސަވާ އިލާހެވެ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! މިފަދައިން އެއިލާހަށް ކުއްތަންވުމެވެ. ހަމައެފަދައިން އައްޔޫބުގެފާނު ކުއްތަންވުމުގެގޮތުން ވިދާޅުވެފައިވެއެވެ. ((أَنِّي مَسَّنِي الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ)) الأنبياء: ٨٣ މާނައީ: “ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ، ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.” ހަމައެފަދައިން ޔޫނުސްގެފާނު، ބޮޑުމަހެއްގެ ބަނޑުތެރޭގައި އޮންނަވައި ކުއްތަންވެވަޑައިގެންނެވުމުގެ ގޮތުން ވިދާޅުވިއެވެ. ((فَنَادَى فِي الظُّلُمَاتِ أَنْ لا إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنتُ مِنْ الظَّالِمِينَ (87) فَاسْتَجَبْنَا لَهُ )) الأنبياء: ٨٧ – ٨٨ މާނައީ: “ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވިއެވެ. އިބައިލާހު މެނުވީ، އިލާހަކު ނެތެވެ. އިބައިލާހު ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. ފަހެ، ތިމަންއިލާހު އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ.” ފަހެ، ޔޫނުސްގެފާނު ﷲ އެއްކައުވަންތަކުރުމުން ކުއްތަންވެވަޑައިގެންނެވިއެވެ. އަދި އެއިލާހަށް ތަސްބީޙަ ވިދާޅުވެ، އެކަލޭގެފާނުގެ ކުށަށް އިޢުތިރާފުވެވަޑައިގެން ކުއްތަންވެވަޑައިގެންނެވިއެވެ. ފަހެ، ﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. މިފަދަ އެތައް މިސާލުތަކެއް ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވެއެވެ.(5)

ށ. ދުޢާކުރާމީހާ ކޮށްފައިވާ ޞާލިޙުހެޔޮ ޢަމަލުން ތަވައްސުލުވުމެވެ. މީގެ މިސާލަކީ، އޭﷲ! މިއަޅާ އިބަﷲ އަށް ވެފައިވާ އީމާންކަމާއި، އިބަﷲ ދެކެވާ ލޯތްބާއި، އިބައިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވުމުގެ ސަބަބުން މިއަޅާއަށް ފާފަ ފުއްސވާނދޭވެ! މިފަދަ ޢިބާރާތްތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ )) آل عمران: ١٦ މާނައީ: “އެބައިމީހުންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ )) آل عمران: ٥٣ މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން އީމާންވެއްޖައީމުއެވެ. އަދި، ރަސޫލާޔަށް (އެބަހީ: ޢީސާގެފާނަށް) އަޅަމެން ތަބާވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، ރަސޫލާއީ، އިބަރަސްކަލާނގެ ޙައްޤު ރަސޫލާކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ!” މިފަދަ އެތައް އާޔަތްތަކެކެވެ. މިގޮތުން ޢަބްދުﷲ ބުން ޢުމަރު ކިބައިން، ބުޚާރީއާއި މުސްލިމުގައި ރިވާކުރައްވާފައިވާ، ހޮހަޅައިގައި ތާށިވި ތިންމީހުންގެ ޙަދީޘްވެއެވެ.(6)

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފަހެ، ﷲ އެދުމަށް އަމުރުކުރައްވާފައިވާ ވަސީލަތުގެ މަގަކީ، އަދި މަލާއިކަތުންނާއި ނަބިއްޔުންގެ ފަރާތުން އައިސްފައިވާ ޚަބަރުތަކުގައި، އެބޭކަލުން އެދިވަޑައިގަތް ވަސީލަތުގެ މަގަކީ، ވާޖިބުކަންތައްތަކުންނާއި މުސްތަޙައްބު ކަންތައްތަކުން އެއިލާހަށް ކުއްތަންވުމެވެ. ފަހެ، މުއުމިނުތަކުންނަށް އެދިމަށް ﷲ އަމުރުކުރައްވާފައިވާ ވަސީލަތުގެ މިމަގުގައި ކޮންމެ ވާޖިބުކަމަކާއި، ކޮންމެ މުސްތަޙައްބުކަމެއް ހިމެނިގެންވެއެވެ. ވާޖިބުކަމަކަށްނުވާކަމެއް، އަދި މުސްތަޙައްބުކަމަކަށްނުވާކަމެއް މީގެ ތެރެއަށް ނުވަންނަ ހުއްޓެވެ. އެއީ ޙަރާމްކަމެއްކަމުގައިވިޔަސް، މަކްރޫޙަކަމެއްކަމުގައިވިޔަސް، ނުވަތަ މުބާޙުކަމެއްކަމުގައިވިޔަސްމެއެވެ. ފަހެ، ވާޖިބުކަންތައްތަކާއި މުސްތަޙައްބުކަންތައްތަކަކީ،  ވާޖިބުކޮށާއި މުސްތަޙައްބުކޮށް އަމުރުކުރައްވާފައިވާގޮތުގެ މަތިން ރަސޫލާ ގެނެސްދެއްވި ޝަރުޢުއެވެ. އެހެންކަމުން، މިކަމުގެ އަޞްލު ބިނާވެފައިވަނީ ރަސޫލާގެނެސްދެއްވިކަންކަމަށް އީމާންވުމުގެ މައްޗަށެވެ.”(7)

ނ. ޞާލިޙުމީހެއްގެ ދުޢާއިން ތަވައްސުލުވުމެވެ.

ބަޔާންވެގެންދިޔަ ގޮތުގައި، ޝަރުޢުވެގެންވާ ތަވައްސުލުވުމަކީ ކީރިތިޤުރުއާނުންނާއި ސުންނަތުގެ ނައްޞުތަކަށް ބިނާވެފައިވާ، ސަލަފުއްޞާލިޙުން ޢަމަލުކުރައްވާފައިވާ، އަދި މުސްލިމުން އެއްބަސްވެފައިވާ ތަވައްސުލުވުމެވެ. އެއީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުންނާއި ޞިފަފުޅުތަކުންނާއި، ދުޢާކުރާމީހާކޮށްފައިވާ ޞާލިޙުޢަމަލަކުންނާއި، ޞާލިޙުމީހެއްގެ ދުޢާއިން ވެވޭ ތަވައްޞުލެވެ. މިތިން ވައްތަރުގެ ތަވައްސުލު ފިޔަވައި ދެންހުރި ވައްތަރުތަކަކީ ހުއްދަވެގެންނުވާ، އަދި ޝަރުޢުވެގެންނުވާ ވައްތަރުތަކެވެ. އެހެނީ، އެވައްތަރުތަކުގެ ތަވައްސުލު ހުއްދަކޮށްދޭފަދަ ދަލީލެއް ވާރިދުވެފައެއްނުވެއެވެ.(8) އަޅުކަމެއްގެ ޤަވާޢިދަކީ ޞައްޙަ ދަލީލެއް ނުލިބޭހާ ހިނދަކު މަނާވުމެވެ. އެބަހީ އަޅުގަނޑުމެން އަޅުކަމެއް ކުރަން ބޭނުންވާކަމުގައިވާނަމަ އެކަމަށް ދަލީލުކުރާ ޞައްޙަ ޞަރީޙަ ދަލީލެއް އޮންނަންވާނެއެވެ. މިސާލެއްގެގޮތުން ނަމާދު، ރޯދަ ހިފުން ފަދަ އަޅުކަންތަކެވެ. މިފަދަ އަޅުކަންތަކަށް ދަލީލުކުރާ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ބަޔާންވެފައިވެއެވެ. ނަމަވެސް ޒިޔާރަތްތަކަށް ގޮސް ނަދުރުބުނުން، މަރުވެފައިވާ މީހުންނަށް ކަންކަމުގައި އެދުން ފަދަ ކަންކަމަކީ އެކަންކަމަށް އެއްވެސް ޝަރުޢީ ދަލީލެއް ހުރި ކަންކަމެއް ނޫނެވެ. އަދި ޝަރުޢީ ދަލީލުތައް އައިސްފައިވަނީ މިފަދަ ކަންކަމާ އިދިކޮޅަށެވެ.

(2) ހުއްދަ ދެއްވާފައިނުވާ ތަވައްސުލު: ބަޔާންވެދިޔަ، ޝަރުޢުގައި ހުއްދަދެއްވާފައިވާ ތަވައްސުލުގައި ހިމެނިގެންވާ ތިން ވައްތަރުގެ ތަވައްސުލު ފިޔަވައި ދެންހުރި ވައްތަރުތަކަކީ މަނާވެގެންވާ ތަވައްސުލުތަކެވެ.   މިގޮތުން މަރުވެފައިވާ މީހުން މެދުވެރިކޮށް ތަވައްސުލުވުމާއި، ޝަރުޢުގައި ބަޔާންވެގެންނުވާ ތަންތަން އެއީ އެތަނެއްގައި ހުރުމުން ދުޢާ އިޖާބަވާނެ ތަނެއްކަންދަނެ އެތަންތަނުގައި ހުރެ ދުޢާކުރުން (މިސާލަކަށް، މަރުވެފައިވާ މީހެއްގެ ޤަބުރުކައިރީގައި ހުރެ، އެތަނަކީ ޚާއްޞަތަނެއްކަންދަނެ ދުޢާކުރުން) ފަދަ އެންމެހާ ޝަރުޢުގައި ހުއްދަވެގެންނުވާ ތަވައްސުލުތައް މިބަޔަށް ވަންނަހުއްޓެވެ.

ވުމާއިއެކު، މިދެވައްތަރުގެ ތަވައްސުލު އެނގި، މިދެވައްތަރުގެ ތަވައްސުލު ވަކިކޮށްގަތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެހެނީ، މިދެވައްތަރު ވަކިކުރަން ނޭނގުމުގެ ސަބަބުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދުޢާކުރުމުގައި ޝިރުކުގެ އަނދަވަޅަށް ވެއްޓިގެން ދެއެވެ.

________________________________

(1) އަލްޤާމޫސުލް މުޙީޠު: ޞ. 1753 (وسل ގެ މާނަ ބައްލަވާ).

(2) މުޢުޖަމުއް ޞިޙާޙު: ޞ. 1139 (وسل ގެ މާނަ ބައްލަވާ).

(3) ތަފްސީރު އިބްނު ކަޘީރު (5/200).

(4) ޤާޢިދަތުން ޖަލީލަތުން ފީ އައްތަވަސުލް ވަލްވަސީލާ: ޞ. 83، 84.

(5) ބައްލަވާ: ޝަރަޙް ނަވާޤިޟުލް އިސްލާމް: ޞ. 67-68.

(6) ބައްލަވާ: އައްތަވައްސުލު ވައަންވާޢިހީ ވައަޙްކާމިހީ: ޞ. 32-34.

(7) ޤާޢިދަތުން ޖަލިއްޔަތުން ފީ އައްތަވަސުލް ވަލްވަސީލާ: ޞ. 83.

(8) ބައްލަވާ: އައްތަވައްސުލު ވައަންވާޢިހީ ވައަޙްކާމިހީ: ޞ. 42.