[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަސަނުލް ބަޞަރީ އާއި އެކަލޭގެފާނުގެ އަވައްޓެރި މަޖޫސީމީހާގެ ވާހަކަ

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ގެޔާއި ޖެހިގެން ހުރި ގޭގައި އުޅޭ މަޖޫސީއެއްގެ ގެޔަށް ތިމަންކަލޭގެފާނު ވަދެވަޑައިގަތީމެވެ. އޭނާ އޭރުއޮތީ މަރު ބަލީގައި އެނދުގައެވެ. އޭނާއަކީ އަވައްޓެރިންނަށް ހިތްހެޔޮ އަޚުލާޤު ރަނގަޅުމީހެކެވެ.  ތިމަންކަލޭގެފާނު އޭނާއަށް މަރުމަތީގައި ﷲ ތަޢާލާ ތަޢުފީޤު ދެއްވައި އަދި އިސްލާމެއްގެ ގޮތުގައި މަރުގަންނަވާތޯ އުއްމީދުކުރީމެވެ.

އޭނާއަށް ތިމަންކަލޭގެފާނު ދެންނެވީމެވެ.: ކަންތައްތައް ފެންނަނީ ކިހިނަކުން ހެއްޔެވެ؟ އަދި ޙާލު ކިހިނެއްހެއްޔެވެ؟

އޭނާ ބުންޏެވެ. ތިމަންނައަށް ބަލިހިތެއްވެއެވެ. އަދި އެއްވެސް ޞިއްހަތެއް އަހަރެންނަށް ނުވެއެވެ. އަދި އަހަރެންގެ ހަށިގަނޑުވަނީ ބަލިވެފައެވެ. އަދި ގައިގައި އެއްވެސް ބާރެއްނެތެވެ. އަދި ޤަބުރަށް އެއްކުރެވޭނެއެވެ. އަހަރެންނަކަށް އެއްވެސް ފަރާތެއްނުވެއެވެ. އަދި ދަތުރުނުހަނު ދުރެވެ. އަހަރެންނަށް ދަތުރުގެ އެއްވެސް ކޮއްތެއްނުވެއެވެ. މަގު އަހަރެންގެ މައްޗަށް ވަނީ ހަނިވެގެންނެއެވެ. އަދި އަހަރެންނަށް ހުއްދައެއްނެތެވެ. އަދި ނަރަކައިގެ އަލިފާންގަނޑު ވަނީ އަނދައަނދައެވެ. އަހަރެންގެ ހަށިގަނޑެއްވާ ނެތެވެ. އަދި ސުވަރުގެވަނީ ނުހަނު މަތީގައެވެ. އަހަރެންގެ ނަސީބެއްނެތެވެ. އަދި ﷲއަކީ ޢަދުލުވެރި އިލާހެވެ. ނަމަވެސް އަހަރެން ދައްކާނެ ހުއްޖަތެއްނެތެވެ.

ޙަސަނުލް ބަޞަރީ ރަހިމަހުﷲ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އޭނާއަށް ﷲ ތައުފީޤުދެއްވާނެކަމަށް އުއްމީދުކުރީމެވެ. އަދި އޭނާއާއި ކުރިމަތިލައި ދެންނެވީމެވެ. އެހެންކަމުން މިހާރު އިސްލާމްނުވާންވީ ކީއްވެހެއްޔެވެ؟

އޭނާ ބުންޏެވެ. ތިކަމުގެ ބާރުވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަތްޕުޅުގެ މަތީގައެވެ. އަދި ޤާފިލުކަންވަނީ މިތަނުގައެވެ. އެހެންބުނެ އޭނާގެ މެޔަށް އިޝާރާތްކުރިއެވެ. އެކަންވަނީ އޭނާގެ މައްޗަށް ދަތިވެފައެވެ.

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދުޢާކުރެއްވީމެވެ. އޭ މިއަޅާގެ ކަންތައްތައް ބައްލަވާ ވޮޑިގެންވާ މިއަޅާގެ ވެރި އިލާހެވެ. ފަހެ މި މަޖޫސީގެ ކިބައިން ހެޔޮކަމެއް އިސްވެ ގޮސްފައިވާ ކަމުގައިވާނަމަ އޭނާގެ ރޫހު ދިޔުމުގެ ކުރިން އަދި އުއްމީދު ކެނޑުމުގެ ކުރިން އޭނާއަށް ތައުފީޤު ދެއްވާށިއެވެ.

އެވަޤުތު އޭނާގެ ލޯ ހުޅުވާލިއެވެ. އަދި އިސްލާމްދީން ޤަބޫލުކުރުމަށްފަހު ބުންޏެވެ. ހަމަކަށަވަރުން ތެދުމަގުދައްކަވާ އިލާހު އެއިލާހުގެ ރަޙުމަތުން މިއަޅާއަށް ތެދުމަގުދެއްކެވުމަށް އެކަމުގެ ތަޅުދަނޑި ފޮނުއްވައިފިއެވެ. ކަލޭގެފާނުގެ ކަނާއަތް ދައްކަވާށެވެ. އަދި ޝަހާދަތުގެ މަތިވެރި ދެކަލިމަ ކިޔާ އިސްލާމްވެއްޖެއެވެ. أشهد أن لا إله إلاَّ الله وأشهدُ أن محمداً رسول الله

އެޔާއެކު އޭނާގެ ރޫޙު އޭނާގެ ހަށިގަނޑާ ވަކިވެގެން ﷲގެ ރަޙުމަތަށް ދަތުރުކޮށްފިއެވެ.

ލިޔުއްވީ އިމާމު އިބުނުލް ޖަޢުޒީ.

ނިމުނީ

ދުޢާއަކީ އަޅުގަނޑުމެންނަކީވެސް މުސްލިމުންގެ ގޮތުގައި މަރުވުމުގެ ތައުފީޤު ދެއްވާ މީހުންގެ ތެރޭގައި ލެއްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރައްވާ އެއްދުޢާކަމުގައި މިދުޢާވެއެވެ.

(يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)

މާނައަކީ: އޭ ހިތްތައްބަދަލުކުރައްވާ އިލާހެވެ. އިބައިލާހުގެ ދީންމަތީގައި މިއަޅާ ޘާބިތުކަން ދެއްވާށީއެވެ. އާމީން

ނިމުނީ

ފޮޓޯގައިވާ ޙަދީޘްގެ މާނަ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރައްވާ ދުޢާ އަކީ (يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ) އެވެ.

ރަވާހުލް ބުޚާރީ.