ހުކުރުދުވަސް:
ހުކުރުދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އެހެންކަމުން މިދުވަހަށް ޚާއްސަ އަޅުކަމުގެ ޕުރޮގުރާމެއް ރާވާލުން ބުއްދިވެރިއެވެ. މީގައި އަންނަނިވި ކަންކަމަށް ސަމާލުވާށެވެ:
ހުކުރު ނަމާދަށް އަވަހަށް ދިއުން.
އަސުރުވަގުތަށް ފަހުގައި މިސްކިތުގައި މަޑުކުރުން، އަދި ޤުރުއާން ކިޔެވުމާއި ދުޢާ ކުރުމުގައި އެދުވަހުގެ އެންމެ ފަހުވަގުތު ޖެހިއްޖައުމަށް ދާންދެން މަޝްޣޫލުވާށެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ.
ހަފުތާގެ ދުވަސްތަކުގައި ފުރިހަމަ ނުކުރެވި ހުރި ކަންކަން ފުރިހަމަކޮށްލުމަށް މިދުވަސް ހަމަޖައްސާށެވެ. މިސާލަކަށް ޤުރުއާން ކިޔަވަން ކަނޑައަޅާފައިވާ މިންވަރަށް ކިޔަވައި ނިންމާލުން ނުވަތަ ފައިދާކުރަނިވި ފޮތެއް ކިޔައި ނިންމާލުން ނުވަތަ ދީނީ ތަޤުރީރެއް އަޑުއަހައިލުން ފަދަ ކަމެކެވެ.
ފަހު ދިހައެއް:
ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ވިލޭރޭ ވެއެވެ. އެރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. މިހެންކަމުން މިސްކިތުގައި އިޢުތިކާފުގައި އިނުމަށް މިދުވަސްތަކުގައި ޝަރުޢުވެގެން ވެއެވެ. މިއީ ރަސޫލުﷲ ލައިލަތުލް ގަދްރި ހޯއްދެވުމަށް ކަންކުރެއްވިގޮތެވެ. އެހެންކަމުން އިއުތިކާފުގައި އިނުމަށް ކުޅަދާނަވެއްޖެ މީހަކަށް އެލިބެނީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ.
ފަހުދިހައެއް އެކުގައި އިއުތިކާފުގައި ނީނދެވޭ މީ ހެއްކަމުގައި ވާނަމަ އެމީހަކަށް ވީވަރަކުން އިޢުތިކާފުގައި އިނުމަށް މަސައްކަތްކުރާށެވެ.
އެއްވެސްވަރަކަށް އިޢުތިކާފުގައި ނީނދެވޭނެ ކަމުގައި ވާނަމަ ރޭއަޅުކަން ކުރުމުގައި ވަގުތުހޭދަކުރުމަށް މަސައްކަތް ކުރާށެވެ. ދަމުނަމާދުކޮށް ޤުރުއާން ކިޔަވައި ޒިކުރުކޮށް ދުޢާކުރުމުގައެވެ. މިކަމަށް ތައްޔާރުވުމަށް ޓަކައި ދުވާލުގަޑީގައި އަރާމުކުރުން މުހިއްމެވެ. އޭރުން ރޭގަނޑު އަޅުކަމުގައި ހޭދަކުރުމަށް ފަސޭހަވާނެއެވެ. މީގެ މާނައަކީ ދުވާލު ހަތަރުދަމު ނިދުމެއް ނޫނެވެ. އެހެނަސް އަރާމުކުރުމަށް ވަގުތެއް ކަނޑައަޅާ އެވަގުތަކުގައި އަރާމުކުރެވޭތޯ ބަލާށެވެ.
ނޯޓު:
މިއީ ރޯދަމަހު ކަންކުރެވިދާނެ ގޮތުގެ ކުޑަ ތަސައްވުރެކެވެ. މިގައި ހިމެނިފައިވާ ކަންކަން ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމާއި ހާލަތަށް ވިސްނައިގެން ރާވައިލުން ރަނގަޅެވެ.
މިދެންނެވުނު ޕްރޮގުރާމުގައި ސުންނަތުން ސާބިތުވާ ކަންތައްތައް ކުރުމަށް ބާރުއަޅާފައިވާނެއެވެ. މީގެ މާނައަކީ އެއްވެސް ހާލެއްގައި މިހުރިހާ ކަމަކީ ކުރުން ވާޖިބު ކަންތަކެކޭ ނޫނެވެ. ނަމަވެސް މީގައި ހިމަނާފައިވާ ވަރަށް ގިނަ ކަންކަމަކީ ސުންނަތް އަދި މުސްތަޙައްބު ކަންކަމެވެ.
ދަންނާށެވެ. ﷲގެ ޙަޟުރަތުގައި އެންމެ ލޯބިވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ދާއިމީކޮށް މީހާ ކުރާކަންކަމެވެ. އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް ވެހެވެ. ރޯދަމަސް ފެށިގެން އަންނައިރު މީހުން އަޅުކަންތަކަށް ސަމާލުކަންދީ ބަރާބަރަށް ހުރިހާކަމެއް ކުރެއެވެ. ނަމަވެސް ބައެއް މީހުނަށް ވާގޮތަކީ ވަކި ހިސާބަކުން ގޮސް މިގޮތަށް ޢަމަލުކުރުން ހުއްޓާލެވެނީއެވެ. މިފަދައިން ތިބާ ނުވުމަށް ނަސޭހަތްތެރި ވަމެވެ. ރޯދަމަސް ފެށިގެން އަންނައިރު އަޅުކަންތަކަށް ހުންނަ ޝައުޤުވެރިކަމާއި ލޯބި، ރޯދަމަސް ނިމެން އަންނައިރު އެއަށްވުރެ ބޮޑުވޭތޯ މަސައްކަތްކުރާށެވެ.
އަޅުގަނޑުމެންގެ ވަގުތުތައް މި ބަރަކާތްތެރި މަހުގައި ރާވައިލަންވާނީ އަޅުކަންތަކުގެ ސަބަބުން ތިމާ މަޝްޣޫލުވާނޭ ގޮތަކަށެވެ. މި ބަރަކާތްތެރި މަހުގެ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެން ނުދާނޭ ފަދަ ގޮތަކަށް ވަގުތު ރާވާށެވެ. ގެއަށް ބޭނުންވާ ކާނާ އިސްރާފުނުވާނޭ ވަރަށް ރޯދަމަސް ފެށުމުގެ ކުރީން ގަނެފައި ބަހައްޓާށެވެ. އަދި ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުމަށްވެސް ފިހާރައިގައި މީހުން ގިނަނުވާނޭ ވަގުތެއްގައި ގޮސް ގަނެފައި ބަހައްޓާށެވެ. އަދި ރައްޓެހިންނާއި އާއިލާގެ މީހުނަށް ޒިޔާރަތްކުރުމުގައި ތިމާގެއާއި އެމީހުންގެ އަޅުކަމުގެ ވަގުތަށް ބުރޫ ނާރާނޭ ފަދަ ގޮތަކަށް ރާވާށެވެ.
ރޯދަމަސް ފެށުމުގެ ކުރީން މިސްކިތަށް ނަމާދުވަގުތު ޖެހުމުގެ ކުރީން ދިއުމަށް އަޒުމް ކަނޑައަޅާށެވެ. އަދި ޤުރުއާން އެކުގައި ޚަތިމްކުރުމަށާއި ކޮންމެ ރެއަކުވެސް ދަމުނަމާދުކޮށް ރޭއަޅުކަން ކުރުމަށާއި ގިނައިން ސަދަގާތްކުރުމަށްވެސް އަޒުމް ކަނޑައަޅާށެވެ.
ޤުރުއާންކިޔަވާއިރުގައި ރަނގަޅަށް ކިޔަވާށެވެ. ކިޔަވަން އިނގޭ މީހަކަށް އަޑުއިވޭ ހިސާބުގައި އިނދެ ކިޔަވާށެވެ. އޭރުން ނުބައިކޮށް ކިޔެވޭނަމަ (މަޚްރަޖުތަކާ ޚިލާފަށް ކިޔެވޭނަމަ) އެމީހަކު ރަނގަޅުކޮށްދޭނެއެވެ. މިފަދަ މީހަކު ނެތްނަމަ ކޮމްޕިއުޓަރުން ނުވަތަ ސީޑީ ޕުލޭޔަރަކުން ނަމަވެސް އަޑުއަހައިގެން ރީތިކޮށް ކިޔަވަން މަސައްކަތް ކުރާށެވެ.
ޤުރުއާނުން އެއްވެސް ވަރަކަށް ހިތުދަސް ކޮށްފައިވާނަމަ އެބައިތައް މުރާޖަޢާ ކޮށް އިތުރަށް ދަސްކުރާށެވެ. އަދި ދަސްކޮށްފައި ނެތްނަމަ ދަސްކުރުމަށް މަސައްކަތް ކުރާށެވެ.
ޤުރުއާނުގެ ތަފްސީރު ފޮތެއް ލިބޭނަމަ ތަފްސީރުވެސް ކިޔާށެވެ.
ޤުރުއާނުގެ އާޔަތްތަކުގައި އައިސްފައިވާ އަމުރުތައް ތިބާގެ ހަޔާތުގައި ތަންފީޒުކުރުމަށް މަސައްކަތް ކުރާށެވެ. ޤުރްއާނަކީ އެ ފޮތްކިޔަވައި އެފޮތުގައިވާ އަމުރުތަކަށް ތަބާވެ ނަހީކުރައްވާފައިވާ ކަންތަކުން ދުރުހެލިވުމަށާއި ދެ ދުނިޔޭގެ ބާއްޖެވެރިކަމަށް މަގު ދައްކައިދޭ ހިދާޔަތުގެ ދަންމަރެކެވެ. މަތިވެރި ﷲގެ ކަލާމްފުޅެވެ.
ﷲ އަޅުގަނޑުމެންނަށް މިބަރަކާތްތެރި މަހުގެ ނިޢުމަތް ފުރިހަމަގޮތުގައި ލިބުމުގެ ތައުފީޤު ދެއްވާށި. މިމާތް މައްސަރުގައި ރޯދަހިފާ ރޭއަޅުކަން ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އަދި އަޅަމެންގެ ކިބައިން މިއަޅުކަންތައް ޤަބޫލުކުރައްވާ އަޅަމެންގެ ފާފަތައް ފުއްސަވާށި. އަދި މި މައްސަރާ ބައްދަލުވެ މިމަހުގައި އެބަޔަކަށް ފާފަ ނުފުއްސެވޭ އަދި ރަޙްމަތާއި ބަރަކާތުން މަޙްރޫމް ވެގެންވާ މީހުންގެތެރެއިން އަޅަމެން ނުލައްވާނދޭވެ! އާމީން.
– ނިމުނީ –