ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަހެއްގައި ބަރަކާތް ލެއްވި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރަމުންދާއިރު، މިމަހަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ، މިމަހުގެ ކަންކަމާ ބެހޭ ޢިލްމު ހޯދުމެވެ. އެމަހުގައި ﷲ ފަރުޟުކުރައްވާފައިވާ ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި މިކަމުގެ ޢިލްމު އެނގިފައިވުމަކީ މުހިއްމުކަމެކެވެ. އެއީ ނޭނގިނަމަވެސް ރޯދަގެއްލޭ، ނުވަތަ ރޯދައިގެ ޘަވާބާއި ދަރުމަ އުނިވާ ކަމަކަށް އަރައިނުގެނެވުމަށްޓަކައެވެ. ބުއްދިވެރިއަކީ ކޮންމެ ކަމެއްވެސް ފެށުމުގެ ކުރިން އެކަމުގެ ޢިލްމު ލިބިފައިވާ މީހެކެވެ.
މިގޮތުން ސިލްސިލާގޮތުގައި ގެނެސްދެވޭ މި ބައިތަކަކީ ރަމަޟާންމަހާބެހޭގޮތުން އުފެދޭ ޢާއްމު ސުވާލުތަކާބެހޭގޮތުން ކުރުގޮތަކަށް އަލިއަޅުވާލެވިފައިވާ ސިލްސިލާތަކެކެވެ. އަޅުގަނޑު މިލިޔުންތައް އެކުލަވާލުމަށް އެންމެ މުހިއްމު މަރުޖިޢުއެއްގެ ގޮތުގައި ބަލާފައިވާނީ ޢަލަވީ ބުން ޢަބްދުލްޤާދިރު އައްސައްޤާފު ޙަފިޡަހުﷲގެ އިޝްރާފުކަމުގައި މުއައްސަސަތުއް ދުރަރު އައްސަނިއްޔާގެ ޢިލްމާބެހޭބައިން އެކުލަވާލައިފައިވާ “މުޚްތަޞަރު ފިޤްހު އައްޞަޥްމު” މިފޮތެވެ. މިފޮތުގައި ރޯދައާއި، އަދި ރޯދަމަހާބެހޭ އެކިމައްސަލަތަކަށް ކުރުގޮތަކަށް އަލިއަޅުވާލައިފައިވެއެވެ. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ މުހިއްމު ސުވާލުތަކެކެއްގެ ޖަވާބު މިފޮތުގައި ގެނެސްފައިވެއެވެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ލޮބުވެތި ކިޔުންތެރިންނަށް މިލިޔުންތަކުގެ ފައިދާ ފޯރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންގެ ޢިލްމު އިތުރުކޮށްދެއްވުމެވެ. އާމީން.
1. ރޯދަގެއްލޭ ކަންކަމުން ދުރުވުން ފެށޭވަގުތު، ނުވަތަ އިމްސާކުފެށޭ ވަގުތު:
ރޯދަގެއްލޭ ކަންކަމުން ދުރުވުން ފެށޭ ވަގުތަކީ ދެވަނަ ފަޖުރު (ފަޖުރުއް ޞާދިޤު) ގެ އަލިކަން ފާޅުވުމެވެ. މިއީ އެންމެހާ ޢާއްމު ޢިލްމުވެރިންގެ މަޛްހަބެވެ.(1) އަދި މިކަމަށް އިބްނު ޢަބުދުލް ބައްރު ރަޙިމަހުﷲ ވަނީ އިޖުމާޢު ގެންނަވާފައެވެ.(2)
މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު ((فَالآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ)) البقرة: 187 މާނައީ: “ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ((حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ)) ތަފްސީރުކުރައްވަމުން ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّمَا ذَلِكَ سَوَادُ اللَّيْلِ وَبَيَاضُ النَّهَارِ)) (البخاري: 1916، مسلم: 1090) މާނައީ: “ހަމަކަށަވަރުން އެއީ ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަމެވެ.” އަދި “التَبَينُّ” ގެ މާނައިގައި އައްޝަޥްކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެއީ އެކަތި އަނެއްކައްޗާ ވަކިކޮށްގަތުމެވެ. (އެބަހީ: ރޭގަނޑުގެ އަނދިރިކަމާއި، ދުވާލުގެ އަލިކަން ވަކިކޮށްގަތުމެވެ.) ފަޖުރުގެ ވަގުތުވަނުމުގެ ކުރިން މިފަދައިން ވަކިކޮށްނުގަނެވޭނެއެވެ.”(3)
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ فَإِنَّهُ لَا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ)) (البخاري: 1918، مسلم: 1092) މާނައީ: “އިބްނު އުއްމު މަކްތޫމު ބަންގިގޮވައިފުމަށްދާންދެން ތިޔަބައިމީހުން ކައިބައިއުޅޭށެވެ. ފަހެ، ހަމަކަށަވަރުން އިބްނު އުއްމު މަކްތޫމު ފަޖުރުވުމުން މެނުވީ ބަންގިނުދޭނެއެވެ.”
2. އިމްސާކުނިމޭ ވަގުތު:
އިމްސާކު ނިމޭ ވަގުތަކީ އިރުއޮއްސުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ)) البقرة: 187 މާނައީ: “ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.” މިއާޔަތުން އަންގައިދެނީ އިރުއޮއްސުމަށް ދާންދެން ރޯދަހިފުމަށެވެ. ފަހެ، ރޭގަނޑު އިރުމަތީ ފަރާތުން ބައްދަލުކޮށް، އަދި ހުޅަނގު ފަރާތުން ރޭގަނޑު ވަކިވެގެންދާއިރަކީ ރޯދަވެރިޔާ ރޯދަވިއްލާ ވަގުތެވެ. އަދި އޭނައަށް ކެއުމާއި، ބުއިމާއި، އެނޫން (ރޯދަހިފުމަށްޓަކައި ދޫކޮށްލި) ކަންކަން ޙަލާލުވާނެއެވެ.(4)
އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢުމަރުގެފާނު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ((إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا وَأَدْبَرَ النَّهَارُ مِنْ هَا هُنَا وَغَرَبَتِ الشَّمْسُ فَقَدْ أَفْطَرَ الصَّائِمُ)) (البخاري: 1954، مسلم: 1100) މާނައީ: “މިދިމާލުން (އިރުމަތީ ފަރާތުން) ރޭގަނޑު ކުރިމަތިލާ ހިނދު، އަދި މިދިމާއިން (ހުޅަނގުފަރާތުން) ދުވާލު ފުރަގަސްދީގޮސް، އިރުއޮއްސިއްޖެހިނދު، ފަހެ ހަމަކަށަވަރުން ރޯދަވެރިޔާ ރޯދަވީއްލައިފިއެވެ.”
އަދި ހަމައެފަދައިން އިބްނު ޙަޒަމްއާއި، އިބްނު ޢަބްދުލް ބައްރުއާއި، އަންނަވަވީ މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.(5)
3. ރޯދަވިއްލުމަށްފަހު، މަތިންދާބޯޓުގައި ދަތުރުފެށުމުން، އިރު ނުއޮއްސޭކަން އެނގިއްޖެނަމަ ކަންތައްކުރާނީ ކިހިނެއް؟
އެމީހަކު އެމީހެއްގެ ރަށުގައި އިރުއޮއްސުމުން ރޯދަވިއްލުމަށްފަހު، މަތިންދާބޯޓުގައި ދަތުރުފެށުމުން، ނުވަތަ މަތިންދާބޯޓު މައްޗަށް އެރުމުގެ ކުރިން ރޯދަވިއްލުމަށްފަހު ބޯޓު މައްޗަށް އެރުމުން އިރު ފެނުނު ނަމަވެސް އެމީހާއަކީ ރޯދަ ވިއްލައިފައިވާ މީހެކެވެ. (އެބަހީ: އެމީހާގެ ރޯދަ ޞައްޙަވާނެއެވެ. އަލުން އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.) ޢައްބުދުއްރައްޒާޤު ޢަފީފީއާއި، އިބްނު ބާޒާއި، އިބްނު ޢުޘައިމީން ވަނީ މިފަދައިން ފަތުވާ ދެއްވާފައެވެ.(6)
މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުގެ ޢާއްމު ޙުކުމެވެ. ((ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ)) البقرة: 187 މާނައީ: “ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.” އެބަހީ: އިރު އޮއްސިއްޖެއުމަށް ދާންދެނެވެ. ހަމައެފަދައިން ކުރިން ބަޔާންކުރެވުނު ޢުމަރުގެފާނުގެ ޙަދީޘްފުޅުގެ ޢާއްމު ޙުކުމެވެ. މިދެ ދަލީލުގައި، އިމްސާކުކުރުން ބިނާކުރައްވާފައިވަނީ ދެވަނަ ފަޖުރު (ފަޖުރުއް ޞަދިޤު) ވަނުމެވެ. އަދި ރޯދަވިއްލުން ބިނާކުރައްވާފައި އެވަނީ އިރުއޮއްސުމަށެވެ. ފަހެ، ރޯދަވެރިޔާ އޭނާ އެވަގުތު ހުރިތަނުން އިރު އޮއްސިއްޖެކަން އެނގިއްޖެނަމަ ރޯދަ ވިއްލޭނެއެވެ. އިރު ނުއޮއްސޭނަމަ ނުވިއްލޭނެއެވެ. ކޮންމެ ރޯދަވެރިޔަކަށް ވަނީ އެމީހާ ހުރިތަނެއްގެ ޙުކުމެވެ. އެއީ ބިމުގައި ހުރިނަމަވެސް، ނުވަތަ މަތިންދާބޯޓުގައި ނަމަވެސްމެއެވެ.
4. މަތިންދާބޯޓުގައި ވާ ރޯދަވެރިޔާ ރޯދަވިއްލުމަށް ބަލަންޖެހޭނީ އިރަށްތޯއެވެ؟ ނޫނީ އެވަގުތު ބޯޓު އޮންނަ އެންމެ ކައިރި ޤައުމެއްގެ ރޯދަވިއްލާވަގުތަށް ތޯއެވެ؟ އެފުރި ޤައުމެއްގެ ރޯދަވިއްލާ ވަގުތަށް ތޯއެވެ؟
ރޯދަވެރިއެއްގެގޮތުގައި މަތިންދާބޯޓުގައި ދަތުރުފަށައި، ގަޑި ނުވަތަ ޓީވީ ފަދަ އެއްޗެއްގެ އެހީގައި، އޭނާ އެފުރައިގެން އައި ޤައުމަށް، ނުވަތަ އެޤައުމެއްގެ މަތީގައި ބޯޓު އެވަގުތުއޮތް ޤައުމަށް ރޯދަ ވިއްލާގަޑިޖެހިއްޖެކަން އެނގި، ނަމަވެސް ބޯޓު މަތީގައި ވުމުގެ ސަބަބުން އިރު ފެންނަކަމުގައިވާނަމަ އެރޯދަވެރިޔާ ޖެހޭނީ އޭނާއަށް އިރުއޮއްސިއްޖެއުމަށް ދާންދެން ރޯދަ ކުރިއަށް ގެންދާށެވެ. ޢަބްދުއްރައްޒާޤު ޢަފީފީއާއި، އިބްނު ބާޒާއި، އިބްނު ޢުޘައިމީން ވަނީ މިފަދައިން ފަތުވާ ދެއްވާފައެވެ.(7)
މިކަމުގެ ދަލީލަކީ މަތީގައިވާ 3 ވަނަ މަސްއަލައިގެ ދަލީލުތަކެވެ.
5. ދުވާލު ދިގު ޤައުމުތަކުގައި ރޯދަވިއްލާނީ ކޮން އިރަކު؟
ސައުވީސްގަޑިއިރުގެ ތެރޭގައި ރޭގަނޑާއި ދުވާލު އަންނަ ކޮންމެ ޤައުމެއްގައިނަމަވެސް ވާޖިބުވެގެންވަނީ ފަޖުރުގެ އަލިކަން ފައުޅުވީއްސުރެގޮސް އިރުއޮއްސިއްޖެއުމަށް ދާންދެން ރޯދަގެއްލޭ އެންމެހާ ކަންކަމުން ދުރުވެހުރުމެވެ. ދުވާލު ކުރުވިނަމަވެސް، ނުވަތަ ދިގުވި ނަމަވެސް، ނުވަތަ ރޭގަނޑާއި ދުވާލު އެއްވަރުވީނަމަވެސް ތަފާތެއް ނެތެވެ. އެހެންނަމަވެސް، އާދަޔާ ޚިލާފަށް ދުވާލު ދިގުވެ، އެކަމުގެ ސަބަބުން ގެއްލުމެއް ނުވަތަ ބައްޔެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވާނަމަ، ރޯދަ ދޫކޮށްލުން ހުއްދަވާނެއެވެ. އެފަދަ ސަބަބަކާހުރެ ރޯދަދޫކޮށްލައިފިމީހެއްގެ މައްޗަށް ވަނީ ރޯދަ ޤަޟާކުރެވޭ ދުވަސްދުވަހުގައި އެ ރޯދަ ޤަޟާކުރުމެވެ. މިފަދައިން އިބްނު ބާޒާއި، އިބުނު ޢުޘައިމީންނާއި، އެނޫން ބޭކަލުން ފަތުވާ ދެއްވާފައިވެއެވެ. އަދި މިއީ އަލްމަޖްމަޢުލް ފިޤްހީ އަލްއިސްލާމީގެ ޤަރާރުވެސްމެއެވެ.(8)
މިކަމުގެ ދަލީލުތަކަކީ މަތީގައި ބަޔާންކުރެވުނު ދަލީލުތަކެވެ. އެދަލީލުތަކުން ދޭހަކޮށްދެނީ، ފަޖުރުގެ އަލިކަން ފައުޅުވީއްސުރެގޮސް އިރުއޮއްސިއްޖެއުމަށް ދާންދެން ރޯދަ ގެއްލޭ އެންމެ ކަންކަމުން ދުރުވެ ހުރުމެވެ. މިޙުކުމަކީ ޢާއްމު ޙުކުމެކެވެ. އެއީ ދުވާލު ދިގުނަމަވެސް، ނުވަތަ ކުރުނަމަވެސް، ނުވަތަ އެއްވަރުނަމަވެސް ތަފާތެއްނެތެވެ. ސައުވީސްގަޑިއިރުގެ ތެރޭގައި ރޭގަނޑާއި ދުވާލު އަންނަ ކޮންމެ ޤައުމެއްގައި އޮންނާނީ މިޙުކުމެވެ.
6. ސައުވީސްގަޑިއިރު ތެރޭގައި ރޭގަނޑާއި ދުވާލު ނާންނަ ޤައުމުތަކުގައި ރޯދަ ހިފުން:
ސައުވީސްގަޑި އިރުގެ ތެރޭގައި ދުވާލު ނާންނަ ޤައުމެއްގައި އުޅޭމީހާ (މިސާލަކަށް: ދުވާލަކީ ދެދުވަސް، ނުވަތަ ހަފުތާއެއް، ނުވަތަ މަހެއް، ނުވަތަ އެއްއަށްވުރެ ގިނަ ޤައުމެއްގައި އުޅޭމީހާ) ޖެހޭނީ ދުވާލާއި ރޭގަނޑުގެ މިންވަރު ކަނޑައަޅާށެވެ. މިމިންވަރު ކަނޑައަޅާނީ، އެންމެ ކައިރީގައި އޮތް ސައުވީސް ގަޑި ތެރޭގައި ރެއާއި ދުވާލު އަންނަ ޤައުމެއްގެ ވަގުތުތަކަށް ބަލައިގެންނެވެ. މިފަދައިން ފަތުވާ ދެއްވާފައިވާ ބޭކަލުންގެ ތެރޭގައި އިބްނު ބާޒާއި، އިބްނު ޢުޘައިމީންނާއި، އެނޫން ބޭކަލުންވެއެވެ. އަދި މިއީ އަލްމަޖްމަޢުލް ފިޤްހީ އަލްއިސްލާމީގެ ޤަރާރުވެސްމެއެވެ.(9)
މިކަމުގެ ދަލީލަކީ، ދައްޖާލުގެ ވާހަކަ ބަޔާންވެގެންވާ ނައްވާސް ބުން ސަމްޢާން ރަޟިޔަﷲ ޢަންހުގެ ޙަދީޘަށް ކުރައްވާފައިވާ ޤިޔާސެވެ. އެޙަދީޘްގައި ވެއެވެ. قُلْنَا: يَا رَسُولَ اللهِ وَمَا لَبْثُهُ فِي الْأَرْضِ؟ قَالَ: ((أَرْبَعُونَ يَوْمًا، يَوْمٌ كَسَنَةٍ، وَيَوْمٌ كَشَهْرٍ، وَيَوْمٌ كَجُمُعَةٍ، وَسَائِرُ أَيَّامِهِ كَأَيَّامِكُمْ)) قُلْنَا: يَا رَسُولَ اللهِ فَذَلِكَ الْيَوْمُ الَّذِي كَسَنَةٍ، أَتَكْفِينَا فِيهِ صَلَاةُ يَوْمٍ؟ قَالَ: ((لَا، اقْدُرُوا لَهُ قَدْرَهُ)) (مسلم: 2937)މާނައީ: ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ބިމުގައި އޭނާ (އެބަހީ: ދައްޖާލު) އުޅޭނީ ކިތައް ދުވަހު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ސާޅީސްދުވަހުއެވެ. ދުވަހެއް އަހަރެއްހާވާނެއެވެ. އަދި ދުވަހެއް މަސްދުވަހެއްހާވާނެއެވެ. އަދި ދުވަހެއް ޖުމްޢައެއްހާވާނެއެވެ. (އެބަހީ: ހަފްތާއެއްހާވާނެއެވެ.) އަދި އޭނާގެ ބާކީ ދުވަސްތައް ތިޔަބައިމީހުންގެ ދުވަސްތައް ފަދައެވެ.” ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ދުވަހެއް އަހަރެއްހާވާ ދުވަހު، ތިމަންމެން އެއްދުވަހުގެ ނަމާދުކުރުމުން ފުދޭނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ނަމާދުގެ މިންވަރު ތިޔަބައިމީހުން މިންވަރުކުރާށެވެ.”
މިޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ދުވަހެއް އަހަރެއްހާ ދިގުވެގެންދާއިރު، އެއްދުވަހުގެ ނަމާދު (އެބަހީ: ފަސްނަމާދު) ކޮށްލުމުން ނުފުދޭނެކަން ބަޔާންކުރައްވާފައެވެ. އޭގެ ބަދަލުގައި ކޮންމެ ސައްވީސްގަޑިއަކުން ފަސްނަމާދުކުރަންޖެހޭނެކަން އެވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން، ނަމާދާ ރޯދައާ މިކަމުގައި އެއްގޮތްވެއެވެ. އެހެނީ، މިއިންކޮންމެ އަޅުކަމަކީ ވަޤުތުތަކެއްގެ މައްޗަށް ބިނާވެފައިވާ އަޅުކަންތަކެކެވެ.
ދެން، ކައިރީގައި އޮންނަ ސައުވީސްގަޑިއިރު ތެރޭގައި ރޭދުވާ ބަދަލުވާ ޤައުމަށް ބަލަންޖެހެނީ، ދުރުގައިވާ ޤައުމަކަށްވުރެ އެޤައުމަކާ ކައިރީގައިވާ ޤައުމަކީ އެޤައުމަކާ އެންމެ އެއްގޮތް ޤައުމު ކަމަށްވާތީއެވެ.
_______________________
(1) المغني لابن قدامة: (3/ 4).
(2) التمهيد لابن عبد البر: (10/ 62).
(3) فتح القدير للشوكاني: (1/ 186).
(4) فتح القدير للشوكاني: (1/ 186).
(5) مراتب الإجماع: (ص. 36)، التمهيد لابن عبد البر: (10/ 62)، المجموع للنووي: (6/ 310).
(6) فتاوى الشيخ عبدالرزاق عفيفي: (ص. 168)، مجلة البحوث الإسلامية: (16/ 130)، الشرح الممتع لابن عثيمين: (6/ 397).
(7) فتاوى الشيخ عبدالرزاق عفيفي: (ص. 168)، مجموع فتاوى ابن باز: (15/ 293- 322)، الشرح الممتع لابن عثيمين: (6/ 398).
(8) مجموع فتاوى ابن باز: (15/ 293- 322)، مجموع فتاوى ورسائل العثيمين: (19/ 308- 309)، قرارات المجمع الفقهي الإسلامي التابع لرابطة العالم الإسلامية: 1/ 46، قرار رقم: 46 (6/ 9).
(9) مجموع فتاوى ابن باز: (15/ 293- 300)، مجموع فتاوى ورسائل العثيمين: (19/ 308- 309)، قرارات المجمع الفقهي الإسلامي التابع لرابطة العالم الإسلامية: 1/ 46، قرار رقم: 46 (6/ 9).