މާޝާ ކުޅެން އިނދެފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން އައިސް މަންމައަށް ގޮވާލާފައި ބުންޏެވެ. “މަންމާ، މަންމަ ބުނީމެއްނުމިއަދު ކޮއްކޮ ގޮވައިގެންމޫދަށް ދާނަމޭ…ކޮންއިރަކުން ދަނީ”.
މަންމަ: “އާނ،މަންމަ ހަނދާން ނެތިފައި މިހިރީ… އެކަމަކު މިހާރު ޢަޞުރު ވަގުތު ޖެހެނީ. އެހެންވީމަ ދާނީ ނަމާދު ކޮށްގެން ދޯ”.
މާޝާ: “މަންމާ، މިއަދު ކޮއްކޮ އެކަނި ނަމާދު ކޮށްލަންތަ؟”
މަންމަ އާނއެކޭ ބުނުމުން މާޝާ ވަރަށް އުފަލުން ހުރެ ތައްޔާރުވާން ދިޔައެވެ. އެންމެ ފުރަތަމަ ކުޅޭ އެއްޗެހި ވަށިގަނޑަށް އަޅާލާފައި ކުޅޭ ތަން ސާފު ކުރިއެވެ. އެއަށްފަހު ވުޟޫކޮށްގެން ނަމާދަށް ތައްޔާރުވިއެވެ. އަދި ބަންގި ގޮވުމުން ނަމާދު ކުރަންފެށިއެވެ. މާޝާ ހުރީ ވަރަށް ބޮޑަށް މޫދަށް ދާހިތުންނެވެ. މޫދުގައި ކުޅޭހިތުންނެވެ. އެހެންކަމުން މާޝާ ނަމާދު ކުރީ ވަރަށް އަވަސްއަރުވާލާފައެވެ. ނަމާދުގައި ކިޔަންޖެހޭ ޛިކުރުތައްވެސް ރަނގަޅަށް ނުކިޔައެވެ.
މަންމަ ބަދިގޭގެ މަސައްކަތް ނިންމާލާފައި ކޮޓަރިއަށް ވަންއިރު މާޝާ ނަމާދު ކުރަމުން ދިޔަގޮތް ފެނުނެވެ. އަދި ވަރަށް ހިތްހަމަ ނުޖެހުނެވެ. މަންމަ މާޝާ ނަމާދުކޮށް ނިމުމުން ގެނެސް ކައިރީގައި ބޭންދިއެވެ. އަދި ބުންޏެވެ. “ދަރިފުޅާ، މަންމަ ވާހަކައެއް ކިޔައިދެންތަ؟” މާޝާ ހުރީ ވަރަށް ބޮޑަށް މޫދަށް ދާހިތުންނެވެ. އެހެންނަމަވެސް މާޝާއަކީ ވާހަކަވެސް ވަރަށްއަޑުއަހާހިތްވާ ކުއްޖަކަށްވާތީ އުފަލުން އާއެކޭބުންޏެވެ. އެއާއެކު މަންމަ ވާހަކަ ކިޔައިދޭން ފެށިއެވެ.
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް މީހަކު މިސްކިތަށްއަރާ ދެރަކުޢަތް ނަމާދެއް ކުރިއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ވަޑައިގެން ސަލާމްދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ސަލާމުގެ ޖަވާބު ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. “ތިބާ އަލުން ނަމާދު ކުރަންދާށެވެ! ތިބާ އަދި ނަމާދެއްނުކުރެއެވެ.” އޭނާ އަނެއްކާވެސް އެނބުރިގޮސް ކުރިންކުރިފަދައިން ދެރަކުޢަތް ކުރުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ވަޑައިގެން ސަލާމްދަންނަވައިފިއެވެ. އެކަލޭގެފާނު ސަލާމުގެ ޖަވާބު ދެއްވުމަށްފަހު އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ.”ތިބާ އަލުން ނަމާދު ކުރަންދާށެވެ! ތިބާ އަދި ނަމާދެއްނުކުރެއެވެ.” މިފަދައިން ތިންފަހަރުވެސް ޙަދީޘް ކުރެއްވުމުން އެމީހާ ދެންނެވިއެވެ. “ޙައްޤުގެ މަގާއިގެން ކަލޭގެފާނު ފޮނުއްވެވި ފަރާތް ގަންދީ ދަންނަވަމެވެ. ތިމަންނާއަށް މިއަށްވުރެ ރަނގަޅަށް ނަމާދުކުރާކަށް ނޭނގެއެވެ. ތިމަންނާއަށް ދަސްކޮށްދެއްވާށެވެ.” ދެން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިބާ ނަމާދުކުރުމަށް ތެދުވެއްޖެނަމަ ތަކްބީރުކިއުމަށްފަހު ކީރިތި ޤުރުއާނުން ތިބާއަށް ފަސޭހަވީ މިންވަރެއް ކިޔަވާށެވެ. އަދި ތިބާއަށް ފަސޭހަވެ ހަމަޖެހެންދެން ގުދުވެ ރުކޫޢުކުރާށެވެ. އަދި މުޅިން ފުރިހަމައަށް ސީދާވާމިންވަރަށް ތެދުވާށެވެ. އަދި ކަށިތައްލެނބި ހަމަޖެހި ތިބާއަށް ފަސޭހަވާމިންވަރަށް ސަޖިދަކުރާށެވެ. އަދި މުޅި ނަމާދު ނިމެންދެން މިފަދައިން ޢަމަލުކުރާށެވެ.”(1)
މަންމަ ވާހަކަ ކިޔައިދެމުން ދިޔައިރު މާޝާއަށް ނަމާދުކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނެވެ. މާޝާ ނަމާދުކުރިއިރު ސަމާލުކަމެއްނުދެވެއެވެ. ރުކޫޢުއާއި ސުޖޫދު ފުރިހަމައެއް ނުކުރެވެއެވެ. އެހާމެ އަވަސް އަރުވާލާފައެވެ. މާޝާ ވަރަށް ދެރަވެފައި ބުންޏެވެ. “އެހެންވިއްޔާ ކޮއްކޮވެސް ދެންމެ ނަމާދު ކުރީ ރަނގަޅަކަށް ނޫން ދޯ….ކޮއްކޮ ބޭނުން އަލުން ރީތިކޮށް ކުރަން..އިންޝާﷲ މީގެފަހުން އަބަދުވެސް ނަމާދު ކުރާނީ ރީތިކޮށް މަޑުމައިތިރި ކޮށް” މާޝާއަށް ވިސްނުނީތީ މަންމަ ވަރަށް އުފާވިއެވެ.
މާޝާ ނަމާދުކޮށްގެން މަންމައާއެކު މޫދަށް ގޮސް ފަތަން ދަސްކޮށް ބޯޅަކުޅުނެވެ. އަދި ދޮންވެލިން ވަރަށްރީތި މިސްކިތެއްހެދިއެވެ. މަންމަ، މާޝާގޮވައިގެން މޫދަށް ދިޔުއީ ބަސްއަހައި މަންމަ ދޭ ނަޞޭޙަތް ޤަބޫލުކުރާތީއެވެ.
________________________
(1) صحيح البخاري: 757، 793، 6251، ومسلم: 397.