[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަލިވުމުން

ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އެންމެ މުހިއްމުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ރުހުމެވެ. އެއިލާހުގެ ޤަޟާ ޤަދަރަށް ރުހި އީމާންވުމެވެ. އަދި ކެތްތެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާ އިމްތިޙާންކުރައްވަނީ ކަން ދެނެގަތުމެވެ. ތިބާއަކީ ކެތްތެރިންގެ ތެރެއިން ވާ މީހެއްތޯ އެއިލާހު ތިބާ އިމްތިޙާންކުރައްވަނީކަން ދެނެގަނެ، ކެތްތެރިކަމާއި އީމާންކަމުގެ މަތީގައި ތިބާ ޘާބިތުވެ ތިބާއަކީ ކެތްތެރީންގެ ތެރެއިން ވާ މީހެއްކަން ތިބާ ސާބިތުކޮށްދިނުމެވެ. އިޢުތިޤާދުންނާއި ބަހާއި ޢަމަލުންވެސް މެއެވެ. އެއިލާހުގެ ޤަޞާއަށް ނުރެހެވޭނަމަ ތިބާގެ އީމާންކަމުގެ ފައިދާ ތިބާއަށް ނުކުރެއެވެ.

އެއްވެސް ޙާލެއްގައި، ތިމާއަށް ކިތަންމެ ބޮޑު މުޞީބާތަކާއި ބަލިމަޑުކަމެއް އަދި ކިތަންމެ ގަދަ ތަދެއް ކުރިމަތިވިކަމުގައިވިޔަސް، ﷲ ތަޢާލާއާމެދު ގޯސްކޮށް ވިސްނައި، ދުލުން އެކަށީގެންނުވާ އެއްޗިހި ގޮވައި ހަދައިގެންނުވާނެއެވެ. އެހެނީ ތިބާ ނުދަންނަ ކަންތައްތައް ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާ ސިއްރުން ކޮށްފައިވާ ފާފަތަކާއި ފާޅުގައި ކޮށްފައިވާ ފާފަތަކާއި ކުރިން ކުރި ފާފަތަކާއި ފަހުން ކުރި ފާފަތަކާއި ތިބާގެ ފާފަތަކުގެ ސަބަބުން ތިބާގެ ނަފްސަށާއި އެހެންމީހުންނަށް ކުރި އަސަރާއި، ތިބާގެ ގެ ފާފަތަކުގެ ސަބަބުން އެހެންމީހުންގެ ޙައްޤުތަކައި އައި އުނިކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެއިލާހެވެ. ތިބާގެ ޢަޤީދާއަކަށް ވާންވާނީ ހެޔޮގޮތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ މެދުވެރިކުރެއްވީކަމުގައެވެ. އެހެނީ ބަލިވުމުގެ ސަބަބުން އެބައްޔަށް ކެތްތެރި ވެއްޖެނަމަ އެކަމުގެ ބޮޑުވެގެންވާ އަޖުރު ތިބާއަށް ޙާޞިލްކުރެވެއެވެ. އަދި ހަމައެގޮތަށް ތިބާގެ ފާފަތައް ފުހެވިގެންދެއެވެ. ﷲ ދެއްވާފައިވާ، ތިބާ އެނިޢުމަތާމެދު ޣާފިލުވެފައިވާ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތާމެދު ސަހަރޯވެރިވެ ޢުމުރުގައި ބާކީއޮތްބައި އެއިލާހުގެ ކިޔަމަންތެރިކަމުގައި ހޭދަކުރުމަށް ތިބާގެ ވިސްނުން ބަދަލުކުރުމަށް ލިބޭ ފުރުޞަތަކަށް ބަލިވުމާއި ޢާފާތްތައް ކުރިމަތިވުން ވެގެންދެއެވެ.  އަޅުގަނޑުމެންނަކީ މުއުމިނުންކަމުގައިވާނަމަ ބަލިވުމަކީ އެކަމުގައި މާޔޫސްވާންޖެހޭނެކަމެއް ނޫނެވެ. ފުރިހަމަ ޞިއްޙަތުގައިވެސް، އަދި ބަލިމަޑުކަމުގައިވެސް މުއުމިނާއަށް އޮތީ ހެޔޮކަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ)) (مسلم) މާނައީ: މުއުމިނުމީހާގެ ކަންކަން ޢަޖައިބުވެގެންވެއެވެ. ހަމަކަށަވަރުން އޭނާގެ އެންމެހާ ކަމެއްގައި ވަނީ ހެޔޮކަމެވެ. މުއުމިނަކު ފިޔަވައި އެއްވެސް މީހަކަށް އެގޮތަށް (ދެގޮތުގައިވެސް ހެޔޮކަން) ލިބިގެންނުވެއެވެ. އޭނާއަށް ރަނގަޅުކަމެއް ކުރިމަތިވެއްޖެނަމަ ޝުކުރުވެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ. އަދި އޭނާއަށް ދެރަކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ.

ބަލިމީހާ އޮށްނަންޖެހޭނީ ތިމާގެ ފާފަތަކުގެ ސަބަބުން ﷲގެ ކޯފާއާއި ޢަޛާބަށް ބިރުވެތިވުމާއި، އެކަލާނގެ ރަހުމަތަށް އުއްމީދުކުރާހާލު އަސްތަޣުފާރުކުރުމާއި ތައުބާވުން ގިނަކުރުންމަތީގައެވެ. މިގޮތުގައި އޮއްވައި މަރުއައުމަކީ ރަނގަޅުމަރެއްކަމުގެ ޢަލާމާތެވެ.

ބަލިމީހާއަށްޓަކައި ހެޔޮދުޢާ ކޮށް، ހިތްވަރުދީ ހަދަންޖެހޭނެއެވެ. އޭނާ އުފާވާފަދަ ބަސްތައް ބުނެ ބަލިން ފަސޭހަވުމަށް ކުރެވޭ އުއްމީދު ހާމަކުރަންވާނެއެވެ. ހަމަމިފަދައިން އޭނާއަށް އުނދަގޫވެ، ރުޅި އަންނަ ކަންތައްތަކުން ދުރުހެލިވާންވާނެއެވެ.

ބަލިވުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެމަތީގައި އިންސާނުން އިމްތިޙާންކުރައްވާ އެއްގޮތެވެ. އެއިލާހުގެ ނަބިއްޔާ އައްޔޫބް ޢަލައިހިއްސަލާމް އެފަދަ ވަރުގަދަ އިމްތިޙާނަކުން އިމްތިޙާންކުރެއްވިއެވެ. އެކަލޭގެފާނު އެ އިމްތިޙާނުން ފާސްވެވަޑައިގެންނެވިއެވެ.

ތިބާގެ ވަށައިގެންވާ މީހުންނާމެދު ތިބާ ވިސްނާށެވެ. ފުރިހަމަ ޞިއްޙަތުގެ ނިޢުމަތް އެބަޔަކަށް ﷲ ދެއްވުމަށްފަހު އެ ނިޢުމަތް އެއިލާހު ގެންދަވާފައިވާ މީހުންނާއި، އެނދުމަތީގައި ނުވަތަ ފުރޮޅު ލީ ގޮނޑިއެއްގައި އެމީހުންގެ މުޅި ޢުމުރުދުވަސް ހޭދަކުރަން ޖެހުމުން ﷲ އެބައިމީހުން އިމްތިޙާންކުރައްވާ މީހުންގެ ޙާލާމެދު ވިސްނާށެވެ. ފަހެ ތިބާއަށް ލިބިފައިވާ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތާމެދު ތިބާ ޣާފިލުވެފައިވާ ޣާފިލުކަމުން ތިބާ ރޭކާލާނީ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތް އެ ނިޢުމަތްދެއްވި ފަރާތުން ގެންދެވުމުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، އެދުވަހު ތިމަންނާ ﷲ އަށް ޓަކައި ބިންމައްޗަށް ތިރިވެ ސަޖިދަ ކުރެވުނު ނަމައޭ ހިތަށް ނާރާނެ ހެއްޔެވެ؟

ބަލިތަކަށް ޝިފާދެއްވާ އިލާހު! މުސްލިމުންގެ ތެރެއިންވާ ބަލިމީހުންނަށް ޝިފާދެއްވާށީއެވެ! އެބައިމީހުންނަށް ކެތްތެރިކަން ދެއްވާށިއެވެ! އަޅަމެންނީ ފުރިހަމަ ޞިއްޙަތުގެ އަގު ވަޒަންކުރާ އެ ނިޢުމަތަށް ޝުކުރުވެރިވާ ބައެއްކަމުގައި ލައްވާށިއެވެ!  އާމީން