[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ފެންތަށި

 ޢުމުރުން ނުވަ އަހަރުގެ އާއިން ކޮމްޕިޔުޓަރު ކުޅެން އިނދެ އޭނަގެ ކޮއްކޮއަށް ގޮވާލާފައި ބުންޏެވެ. ” ކޮއްކޯ، ފެންތައްޓެއް ގެނެސް ދީބަލަ”

އޭރު އާއިންގެ ކޮއްކޮ ނާދިހު ހުރީ ކުރަހާށެވެ. އެހެންވެ އެއިން ގޮތަށް އިނދެ ބުންޏެވެ. “ނުވާނެ. ބޭބެ އަމިއްލަ އަށް ގޮސް ބޯލާ”

ނާދިހު މިހެން ބުނުމުން އާއިން ރުޅި އައިސްގެން ގޮސް ކޮއްކޮގެ ފޮތް ވީދާލިއެވެ.

މިދެކުދިންގެ ހަމަނުޖެހުމުގެ އަޑު އިވިގެން މަންމަ ބަދިގެ ތެރޭގައި ކައްކަން ހުރެފައި ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް ދިޔައެވެ.

އަދި ރުޅި ގަދަވެފައި ތިބި ދެބެއިން ދެ ގޮނޑީގައި ބޭތިއްބުމަށްފަހު ވީގޮތް އޮޅުން ފިލުވި އެވެ.

ދެކުދިން ފެން ގެނެސް ނުދިން ވާހަކައާއި ފޮތް ވީދާލި ވާހަކަ ބުންޏެވެ. މަންމަ މަޑުމައިތިރިކަމާއެކު ނާދިހު ގާތު ބޮލުގައި ފިރުމާލާފައި ބުންޏެވެ. “ދަރިފުޅާ، މަންމަ ބޭނުންވަނީ ކޮންމެ ކުއްޖަކަށްވެސް ކުރެވޭވަރުގެ ކަންތައް އަމިއްލައަށް ކުރުން. އެހެން ނަމަވެސް މީހަކު ބޯނެ ފެން ފޮދަކަށް އެދެފިނަމަ އަވަހަށް ފެން ދޭން ވާނެ. އެއީ އިންސާނަކަށްވީތީވެ ކޮށްދޭން ޖެހޭކަމެއް، އަމުދުން އަހަރެމެންގެ ދީން ނުހަނު ބޮޑަށް ބާރު އަޅާކަމެއް”.

މިވާހަކަ އަޑުއަހާފައި ފަސް އަހަރުގެ ނާދިހު، ބޭބެ ކުށްވެރި ކުރުމުގެ ގޮތުން ބުންޏެވެ. “ބޭބެ ކޮމްޕިޔުޓަރު ކުޅެން އިނީ މަންމަ ކިޔަވަން ބުނީމަ ނުވެސް ކިޔަވާ”.

މި އަޑު އަހާފައި މަންމަ ޔުމްނާ ބުންޏެވެ. “ތި ދެކުދިންނަށްވެސް ބައެއްފަހަރަށް މަންމަގެ ބަސް ހަނދާން ނައްތާލެވޭ. އެހެންވީމާ އާއިންގެ ސްކޫލް ރިޕޯޓު ރަނގަޅުވެ މަންމަ ނުބުނަނީސް ނަމާދުވެސް ކުރެވެންދެން ކޮމްޕިޔުޓަރުކުޅުން މަދުކޮށްލާ. އަދި ނާދިހުގެ އާންޓީވެސް ވިދާޅުވި ސޫރަތް ދަސްކޮށް، ލިޔަން ވިދާޅުވި އަކުރުތައް ރީތިކޮށް ލިޔެވެންދެން ގޭގައި ކުރެހުންވެސް ހުއްޓާލާ. މިކަންތައް ނުކޮށް އަބަދު ކުރެހުން ރަނގަޅެއް ނޫން.” މި އަޑު އިވުމުން ދެކުދިން ހަމަ ހިމޭންވެ އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ.

އޭގެ ދެ ހަފުތާފަހުން ސްކޫލުގެ ޓެސްޓް ނެގި އެވެ. އާއިން އާއި މަންމަ ޓެސްޓްގެ ނަތީޖާ ރިޕޯޓު ހޯދަން ސްކޫލަށްގޮސްފައި އައުމުން ނާދިހު ދުވެފައި ގޮސް ލިބުނީ ކޮންކަހަލަ ރިޕޯޓެއްތޯ އަހާލިއެވެ. ޖަވާބުގައި މަންމަ އުފަލުން ބުންޏެވެ. “ބޭބެ އަށް ލިބުނީ ކޮމެންޑެޑު ރިޕޯޓެއް”.

މި އަޑު އަހާފައި އެބަ އަންނަމޭ ބުނެ ދުވެފައި އައިސް މިހިރީ ބޭބެއަށް ގެނައި ފެންތައްޓެކޭ އަވަހަށް ބޯލާށޭ ބުންޏެވެ. އަދި މިއީ އެއްކަލަ ދުވަހުގެ ބަދަލުގައި ދިން ފެންތަށި ދޯ އޭ ބުނެހީނލާފައި ފެންތަށި ބޯލުމަށްފަހު ކޮއްކޮ ހާދަރަނގަޅޭބުނެ ކޮއްކޮ ގައިގައި ބައްދާލިއެވެ. މިމަންޒަރުބަލަން މަންމަ އުފަލުން ހެވިފައި ހުރެ ބުންޏެވެ. އަބަދުވެސް ތިގޮތަށް އެކުވެރިކަންމަތީ، ކިޔަވައިގެން ބަސްއަހައިގެން އުޅޭށެވެ. އެހެންނޫނީ މަންމަޔަށް ޖެހޭނީ ކޮއްކޮ ބޭބެއަށް ފެންތަށި ނުދިން ދުވަހު އެޅި ފިޔަވަޅު އަޅާށެވެ. މިއަޑު އަހާފައި ކޮއްކޮ ނާދިހު ބުންޏެވެ. “މަންމާ! މިހާރު އަޅުގަނޑު ބޭބެއަށް ފެން ދީފީމެއް ނޫންތޯ؟” މި އަޑު އަހާފައި މަންމަ ހެމުން ނާދިހުގެ ކޮލުގައި ކޮއްޓާލަމުން ބުންޏެވެ. “އާނ. ދަރިފުޅު ފެންތަށި ދީފި. އަދި ދަރިފުޅުވެސް، ބޭބެވެސް ނަތީޖާވެސް ރަނގަޅުކޮށްފި. އެހެންވެ މަންމަ މިހިރީ އުފަލުން” މިހެންބުނެ ތިންމައިން ކާން ދިޔައެވެ. އޭގެ ފަހުން ދެކުދިންވެސް މަންމަޔާއެކު އުފަލުގައި ދުވަސްތައް ހޭދަކުރިއެވެ.