[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

اللَّهُمَّ إِنَّكَ عَفُوٌّ [كَرِيْمٌ] تُحِبُّ الْعَفْوَ فَاعْفُ عَنِّي މިއީ ޞައްޙަ ދުޢާއެއްތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ލައިލަތުލް ޤަދްރިއަކީ ފޮރުވިފައިވާ ރެއެކެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އެރޭ ހާޞިލުކުރުމުގެ ގޮތުން ގަދައަޅާ މަސައްކަތްކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް ޞަޙާބީ ބޭކަލުން ނުހަނު ގަދައަޅާ މަސައްކަތްކުރެއްވިއެވެ.

އެގޮތުން އެރޭ ކިޔުމަށް އެންމެ ރަނގަޅު ދުޢާ ދެނެގަތުމަށްޓަކައި ޞަޙާބީ ބޭކަލުން ރަސޫލާ صلى الله عليه وسلم އަށް ސުވާލު ދަންނަވާފައިވެއެވެ.

މިގޮތުން ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެރޭގައި ކިޔާނެ ދުޢާއަކާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم އާ ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

 (صحيح) … تَقُوْلِيْنَ: ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ))

މާނައީ: ” ކަމަނާ ވިދާޅުވާށެވެ. “(އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.)”

މިލިޔުމުގައި އަލިއަޅުވާލާނީ މަތީގައި އެވާ ދުޢާއަށް “كَرِيْمٌ” މިލަފްޡު އިތުރުކުރުކޮށްގެން، ((اللَّهُمَّ إِنَّكَ عَفُوٌّ [كَرِيْمٌ] تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)) މި ޞީޣާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ވާރިދުވެފައިވޭތޯއެވެ. މިގޮތުން ތިރީގައިވާ ބަޙުޘްއަކީ ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއް ޝައިޚް ޢަބްދުއްރައްޒާޤު އަލްބަދްރު حفظه الله ލިޔުއްވާފައިވާ ދިރާސާއެއްގެ ތަރުޖަމާއެވެ.

 

اللَّهُمَّ إِنَّكَ عَفُوٌّ [كَرِيْمٌ] تُحِبُّ الْعَفْوَ فَاعْفُ عَنِّيْ މިފަދައިން ކިޔުން

މިޙަދީޘްއަކީ އިމާމް އައްތިރްމިޛީއާއި(٣٥١٣) އަލްޙާކިމް (١ / ٥٣۰) ރިވާކުރައްވާ، އަދި ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ. އަދި މިރިވާޔަތް އިބްނު މާޖާއާއި(٣٨٥۰) އިމާމު އަޙްމަދުވެސް (٢٥٤٢٣) ރިވާކުރެއްވިއެވެ.

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: يَا رَسُولَ اللَّهِ، أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُوْ؟ قَالَ: تَقُوْلِيْنَ: ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ))

الكَرِيْمُ އަކީ ﷲގެ ރިވެތިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ނަމަވެސް މިތާގައި (މި ޙަދީޘްގައި މިލަފްޡު) ޘާބިތުވެފައެއްނުވެއެވެ. އަދި މިޙަދީޘްގައި އެލަފްޡުގެ އަޞްލެއްނުވެއެވެ. އެފަދައިން އައްޝައިޚު ބަކްރު އަބޫ ޒައިދު رحمه الله އެބޭފުޅާގެ ފޮތެއްކަމުގައިވާ “تصحيح الدعاء” (ޞަފްޙާ ٥۰٦) ބަޔާންކުރައްވާފައިވެއެވެ.

ބޮޑަށް ބުރަވެވެނީ އިމާމުއް ތިރްމިޛީގެ ފޮތުގައި މިލަފުޡު ޘާބިތުކޮށްފައިވަނީ މިފޮތް ނަޤުލުކުރެއްވި ނުވަތަ ޗާޕުކުރެއްވި ބޭފުޅުންނެވެ.

“السلسلة الصحيحة” (٧/ ١۰١١ـ١۰١٢)ގައި އައްޝައިޚު އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ:

” “سنن الترمذي” ގައި “عَفُوٌّ” މިކަލިމައިގެ ފަހުން “كَرِيْمٌ” މިފަދައިން އިތުރަށް އައިސްފައިވެއެވެ. ނަމަވެސް އިސްވެ ބަޔާންކުރެވުނު އެއްވެސް މަޞްދަރެއްގައި އެލަފްޡުގެ އަޞްލެއް އައިސްފައިނުވެއެވެ. އަދި އެބޭފުޅުންގެ އަރިހުން ނަޤުލުކުރެއްވި އެހެން ބޭފުޅުންގެ އަރިހުންވެސް އެފަދައިން އައިސްފައިނުވެއެވެ.

ބޮޑަށް ބުރަވެވެނީ އެއީ (އެބަހީ: “كَرِيْمٌ” އެލަފްޡަކީ) ނަޤުލުކުރެއްވި ބޭފުޅުން ނުވަތަ ޗާޕުކުރެއްވި ބޭފުޅުންގެ ފުށުން ވަދެފައިވާ ކަލިމައެއްކަމުގައެވެ. އެހެނީ “سنن الترمذي” ޝަރަޙައެއްކަމަށްވާ “تُحْفَةُ الأَحْوَذِيْ” ލިޔުއްވުމުގައި އަލްމުބާރަކްޕޫރީ ބަރޯސާވެވަޑައިގަތް “سنن الترمذي” ގެ ހިންދީ ޗާޕުގައިވެސް އެލަފްޛު އައިސްފައިނުވެއެވެ. އަދި އެނޫން ޗާޕުތަކުގައިވެސްއެވެ.

އެކަން އިތުރަށް ކަށަވަރުވާކަމަކީ: ހަމަކަށަވަރުން އިމާމުއް ނަސާއީ އެކަލޭގެފާނުގެ ގެންނަވާފައިވާ ބައެއް ރިވާޔަތްތަކުގައި އިމާމުއް ތިރްމިޛީ ގެންނަވާފައިވާ މަގުން އެޙަދީޘް ރިވާކުރައްވާފައިވެއެވެ. އެދެބޭފުޅުންވެސް ރިވާކުރައްވާފައިވަނީ އެދެބޭފުޅުންގެ ޝައިޚެއްކަމަށްވާ قتيبة بن سعيد ގެ އަރިހުން، އެކަލޭގެފާނުގެ ސަނަދުންނެވެ. ނަމަވެސް އެލަފްޡު (އެބަހީ:”كَرِيْمٌ”) އާ ނުލައެވެ.”

އަދި އައްޝައިޚް ބައްޝާރު ޢައްވާދު “جامع الترمذي” ތަޙްޤީޤުކުރެއްވިއިރުވެސް އެލަފްޡު ޘާބިތެއްނުކުރައްވައެވެ. ( އެބަހީ: އެކަލިމައަކީ ޘާބިތު ލަފްޡެއްކަމުގައި ދެކިވަޑައިގެންފައިނުވެއެވެ.)

[ފަޟީލަތުއް ޝައިޚް ޢަބްދުއްރައްޒާޤު އަލްބަދްރު حفظه الله ގެ ދިރާސާ ނިމުނީ]

ޚުލާޞާ

1 ލައިލަތުލް ޤަދްރީގައި ކިޔުމަށް ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ ދުޢާއަކީ: ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ))އެވެ. އަދި މިއީ ޞައްޙަކޮށް ޘާބިތުވެފައިވާ ދުޢާއެކެވެ.

2 ((اللَّهُمَّ إِنَّكَ عَفُوٌّ [كَرِيْمٌ] تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)) މި ޞީޣާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ވާރިދުވެފައިވެފައިނުވެއެވެ.

3 މިފަދައިން ބުރަވެވަޑައިގެންނެވި ބައެއް ޢިލްމުވެރިންނަކީ އައްޝައިޚު ބަކްރު އަބޫ ޒައިދު رحمه الله [1]، އައްޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله [2]، ބައްޝާރު ޢައްވާދުއަދި ފަޟީލަތުއް ޝައިޚް ޢަބްދުއްރައްޒާޤު އަލްބަދްރި حفظه الله  [3] އެވެ.

والله تعالى أعلم.

_______________________________

1 تصحيح الدعاء لبكر أبو زيد / ص ٥١۰ / طبعة: دار العاصمة

2 سلسلة الأحاديث الصحيحة للألباني / رقم الحديث: ٣٣٣٧ / مجلد:٧ / ص: ١۰١١ـ١۰١٢ / طبعة: مكتبة المعارف

3 زيادات لا أصل لها في أدعية مأثورة މިލިޔުމުގެ އަޞްލު ބައްލަވާ: ލިންކު