الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޙަދީޘެއް ޞައްޙަކޮށް ޘާބިތުވެއްޖެނަމަ އެޙަދީޘެއްގައި ވާއެއްޗަކަށް އީމާންވެ އެއާއި އެއްގޮތަށް ޢަމަލުކުރުން އެއީ މުސްލިމުންގެ ޢަޤީދާއެވެ. އަދި އެއީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތަރުބިއްޔަތު ކުރައްވާފައިވާ ގޮތެވެ. މިގޮތުން ބައެއްކަންކަމުގައި އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، އަނެއްބައިކަންކަމުގައި އެކަލޭގެފާނުގެ ހިދާޔަތު ދޫކޮށްލުން އެއީ އެބޭފުޅުންގެ ގޮތެއް ނޫނެވެ.
ރަސޫލާ صلى الله عليه وسلم ގެ ސުންނަތް އިންކާރުކުރާމީހުން އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި ފާޅުވެފައިވެއެވެ. އެކި މީހުން އިންކާރުކުރަނީ އެކިމިންވަރަށެވެ. އަދި އެކިމީހުން ދައްކަނީ އެކި ބަހަނާއެވެ. ނަމަވެސް މިފަދަ ކޮންމެ ބަޔަކީ ޙައްޤުން އެއްކިބާވެފައިވާ ބަޔެކެވެ. އެހެނީ މިފަދަ މީހުން ގިނަ މައްސަލަތަކެއްގައި އިސްލާމްދީނުގެ ޙުކުމްތައް އިންކާރުކުރަމުންދެއެވެ.
މިކަމުގެ މިޘާލެއް މިތާ ޛިކުރުކޮށްލާނަމެވެ. މުރުތައްދުވާ މީހާ ތައުބާ ނުވެއްޖެނަމަ އިސްލާމީ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛުކުރަން ޖެހެއެވެ. މިކަން މިފަދައިން ކުރަން ޖެހެނީ އިބްނު ޢައްބާސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވާ އަންނަނިވި ޞައްޙަ ޙަދީޘްގެ އަލީގައެވެ.
(صحيح) ((مَنْ بَدَّلَ دِينَهُ فَاقْتُلُوهُ)) [رواه البخاري / كتاب: استتابة المرتدين… / باب: حكم المرتد والمرتدة واستتابتهم / رقم: 6922 ]
މާނައީ: “އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރާށެވެ.”
ނަމަވެސް މިޙުކުމް އިންކާރުކުރާ ބަޔަކު އިސްލާމީ އުންމަތުގައި ވެއެވެ. މިބައިމީހުން މިޞައްޙަ ޙަދީޘް އިންކާރުކުރުމަށް ގެންނަ ބަހަނާތަކުގެ ތެރެއިން އެއްކަމަކީ ޙުދޫދުތައް ޘާބިތުކުރުމުގައި މިބައިމީހުން އާޙާދު ޙަދީޘް ޤަބޫލުނުކުރާކަމެވެ.[1] ނަމަވެސް މިބައިމީހުންގެ މިދަޢުވާއަކީ އުންމަތުގެ ސަލަފުންގެ ބަހާއި ޢަމަލާއި އަދި ޢިލްމުވެރީންގެ އިއްތިފާގާއިވެސް ޚިލާފު ބަހެކެވެ. މި ޤައުލުގެ ބާޠިލުކަން ބަޔާންކޮށްދެއްވާ ޢިލްމުވެރިންވަނީ ގިނަގުނަ ރައްދުދެއްވާ ދަލީލުތައް ބަޔާންކޮށްދެއްވާފައެވެ. އިސްލާމްދީނާއި ދެކޮޅަށްކުރެވޭ ފިކުރީ ހަނގުރާމާއިގައި މިބައިމީހުންގެ މިފަދަ ނުރައްކާތެރި ހަމަލާތަކަށް ކޮންމެ މުސްލިމަކުވެސް ހުށިޔާރުވެ ރައްކާތެރިވާން ޖެހެއެވެ.
މިބައިމީހުންގެ ތެރެއިން ބައެއް މީހުން ލިޔުންތަކުގައި ޞަރީޙަކޮށް ފާޅުކޮށްފައިވާ ޚިޔާލަކީ ބުޚާރީއާއި މުސްލިމު ރިވާކޮށްފައިވާ ނަމަވެސް ބައެއް ޙަދީޘްތަކަށް ޢަމަލުނުކުރެވޭނެކަމަށެވެ. އަދި ކުތުބުއްސިއްތާ ގެ 99 % ޙަދީޘްއަށް ޢަމަލުނުކުރެވޭނެކަމަށް ބުނެ އިސްލާމުންގެ ހިތްތަކުގައި ޝައްކު އުފައްދަން މިބައިމީހުން މަސައްކަތް ކުރެއެވެ.
އެހެންކަމުން މިލިޔުމުގައި އަލިއަޅުވާލެވިފައިވާނީ ޙަދީޘްތަކުގެ ތެރެއިން އާޙާދު ޙަދީޘް ޤަބޫލުކުރުމާއި ބެހޭގޮތުންނެވެ.
މިލިޔުމުގެ މައިގަނޑު މައުލޫމާތުތައް ނަގާފައިވާނީ د.عَبْدُاللهِ الشريف ލިޔުއްވާފައިވާ حُجِّيَّة خَبَرِ الآحَادِ فِيْ العَقَائِدِ وَالأَحْكَامِ [2] މިފޮތުންނާއި ފަޟީލަތުއްޝައިޚް ނާޞީރުއްދީން އަލްއަލްބާނީ رحمه الله ގެ ދަރުސްއަކުން އެކުލަވާލެވިފައިވާ الحَدِيْثُ حُجَّةٌ بِنَفْسِهِ فِيْ العَقَائِدِ وَالأَحْكَامِ [3] މި ރިސާލާއިންނެވެ.
އާޙާދު ޙަދީޘްއާއި މުތަވާތިރު ޙަދީޘް
ޙަދީޘްއެއް ވާރިދުވެފައިވާލެއް ގިނަކަމާއި މަދުކަމަށް ބަލާލާއިރު ޙަދީޘްތައް ދެބަޔަކަށް ބެހެއެވެ. އެއީ:
1މުތަވާތިރު ޙަދީޘް
2 އާޙާދު ޙަދީޘް
މުތަވާތިރު ޙަދީޘްއެއްގެ ދަރަޖައަށްނުދާ ކޮންމެ ޙަދީޘްއަކީ އާޙާދު ޙަދީޘެކެވެ.
މުތަވާތިރު ޙަދީޘްގެ ތަޢުރީފު:
އަރަބި ބަހުގައި: الْمُتَوَاتِرُ ނެގިފައިވަނީ التَّوَاتُرُ އިންނެވެ. التَّوَاتُرُ ގެ މާނައަކީ އެކަތީގެ ފަހަތުން އަނެކަތި އައިސް ތަބާވުމެވެ.
އިސްޠިލާޙީ ގޮތުން: އެއީ އާންމު ގޮތެއްގައި ދޮގެއްގެ މައްޗަށް އިއްތިފާޤުވެދާނެކަމަށް ޤަބޫލުނުކުރެވޭފަދަ (ބޮޑު) ޖަމާޢަތެއްގެ ބަޔަކު އެމީހުންފަދަ (ބޮޑު) ޖަމާޢަތެއްގެކިބައިން ރިވާކުރާ ޙަދީޘްއެވެ. އަދި އެބައިމީހުން އެޚަބަރު ގެނައުމުގައި ބުރަވާނީ ޙިއްސުތަކަށެވެ. އަދި އެބައިމީހުން އެގެންނަ ޚަބަރު އެކުލެވިގެންވާނީ އެޚަބަރުއިވޭ މީހައަށް އެޚަބަރު އަޑު އަހާލުމުން އޭގެ ޒާތުގައިވެސް ޢިލްމު ލިއްބައިދޭ އެއްޗަކަށެވެ.
އާޙާދު ޙަދީޘްގެ ތަޢުރީފު:
އަރަބި ބަހުގައި: الآحَاد އަކީ الأَحَدُ ގެ ގިނަގޮތެވެ. الأَحَدُގެ މާނައަކީ އެކެކެވެ.
އިސްޠިލާޙީ ގޮތުން: އެއީ މުތަވާޠިރު ދަރަޖައަށް ނުދާ ޙަދީޘްއެވެ.
الحَدِيْثُ المشْهُوْرُއާއި الحَدِيْثُ االعَزِيْزُ އަދި الحَدِيْثُ الغَرِيْبُ ހިމެނެނީ އާޙާދު ޙަދީޘްގެ ތެރެއިންނެވެ. [4]
އެހެންކަމުން އާޙާދު ޙަދީޘްއާއި މުތަވާތިރު ޙަދީޘްގެ ތަފާތަކީ ރިވާވެގެން އައިސްފައިވާ ގިނަކަމާއި މަދުކަމުގެ ތަފާތެވެ.
މަސްއަލައިގެ ތަޞައްވަރު:
- މުތަވާތިރު ޙަދީޘްއަކީ އޭގެ ޒާތުގައިވެސް ޢިލްމު ލިއްބައިދޭ އެއްޗެއްކަމާމެދު އުޞޫލު ފިޤުހާއި ޙަދީޘާއި ފިޤުހު އިލްމުވެރީންގެ މެދުގައި ޚިލާފެއް ނެތެވެ. އަދި ކިއެއްހެއްޔެވެ. އެހެން ދީންތަކުގެ މީހުންނާއި އަދި އެންމެހާ ބުއްދިވެރީންވެސް މިޙަޤީޤަތަށް އިޤުރާރުވެއެވެ. މީގެ މުރާދަކީ މުތަވާތިރު ޙަދީޘްގައިވާ ޚަބަރު ޤަބޫލުކޮށް އެއާއި އެއްގޮތަށް ޢަމަލުކުރަންޖެހޭނެކަމަށް މިބޭފުޅުން އެއްބަސްވެވަޑައިގަންނަވާކަމެވެ.
މިކަމުގައި ޚިލާފު ވެފައިވަނީ އިސްލާމީ ފިރުޤާއެއްކަމަށްވާ މުޢުތަޒިލީންނަށް ނިސްބަތްވާ މީހެއްކަމަށްވާ އައްނައްޡާމުއެވެ. އަދި ހިންދީންގެ ދެފިރުޤާއެއްކަމަށްވާ އަލްބަރާހަމާއިންނާއި އައްސުމަނިއްޔާއިންނެވެ.
- އިސްލާމީ ޢިލްމުވެރީންގެ މެދުގައި އުފެދިފައިވާ ޚިލާފަކީ ޢަޤީދާގެ މައްސަލަތަކުގައާއި ޝަރުޢީ ޙުކުމްތަށް ބަޔާންކުރުމުގައި ހުއްޖަތެއްގެ ގޮތުގައި އާޙާދު ޙަދީޘް ބޭނުންކުރެވިދާނެތޯ ނުވަތަ ނޫންތޯއެވެ.
ނަމަވެސް މިކަމުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ މިޚިލާފަކީ ޞަޙާބީ ބޭކަލުންގެ ޒަމާނުގައި އެބޭފުޅުންގެ މެދުގައިއޮތް ޚިލާފެއްނޫންކަމެވެ. އެބޭފުޅުންވަނީ ޙަދީޘްއެއް ޞައްޙަވެއްޖެނަމަ ޢަޤީދާގެ މައްސަލަކުގައިވެސް އަދި ޝަރުޢީ ހުކުމްތައް ޘާބިތުކުރުމުގައިވެސް އެއީ ހުއްޖަތެއްކަމުގައި އިއްތިފާޤުވެވަޑައިގެންފައެވެ. އެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު މިކަމާއި ޚިލާފަށް ވިދާޅުވެފައިވާކަމަށް ޘާބިތެއްނުވެއެވެ.
މިމަސްއަލާގައި ޢިލްމުވެރީންގެ ޤައުލުތައް:
1 އަޤީދާގެ މަސްއަލަތަކުގައާއި ޝަރުޢީ ޙުކުމްތަށް ބަޔާންކުރުމުގައި އާޙާދު ޙަދީޘްއަކީ ހުއްޖަތެކެވެ. (މިއީ މިމައްސަލާގައި ކުރީގެއާއި ފަހުގެ ޖުމްހޫރު ޢިލްމުވެރީންގެ ޤައުލެވެ).
2 އަޤީދާގެ މަސްއަލަތަކުގައާއި ޝަރުޢީ ޙުކުމްތަށް ބަޔާންކުރުމުގައި އާޙާދު ޙަދީޘްއަކީ ހުއްޖަތެއްނޫނެވެ. (މިއީ މުޢުތަޒިލާއިންގެ ފަހުގެ ޢިލްމުވެރީންގެ ޤައުލެވެ. އަދި ޝިޔައިންނާއި އަދި އަލްޤަދަރިއްޔާ ފިރުޤާގެ ޤައުލެވެ).
މިމައްސަލާގައި ތިންވަނަ ޤައުލެއްވެސް ބައެއް ޢިލްމުވެރީން ޛިކުރުކުރައްވައެވެ. އެއީ ޤަރީނާތަކާއި އެކު އާޙާދުޙަދީޘް ޤަބޫލުކުރުމެވެ.
ނަމަވެސް މިލިޔުން ކުރުކުރުމަށްޓަކައި އެޤައުލުގެ ތަފްޞީލު މިލިޔުމުގައި ޛިކުރުކުރަން ގަސްދެއް ނުކުރަމެވެ.
ފުރަތަމަ ޤައުލުގެ ދަލީލުތައް: (ޖުމްހޫރު ޢިލްމުވެރީންގެ ޤައުލު)
1 ﴿وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ﴾ [سورة التوبة ١٢٢]
މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ އެބައިމީހުންގެ ތެރެއިން ކޮންމެ ރަށަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެބައިމީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެބައިމީހުންގެ ޤައުމުގެ މީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެނބުރި އައުމުން، އެބައިމީހުންނަށް އިންޛާރު ކުރުމަށްޓަކައެވެ. (އެއީ) އެބައިމީހުން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވަނީ ދެ ގޮތަކަށެވެ:
ފުރަތަމައީ: އަރަބިބަހުގައި “الطَّائِفَةُ” ގެ މާނައަކީ އެއްޗަކުން ބުރިކުރެވޭ ނުވަތަ ވަކިކުރެވޭ ބައެވެ. މިގޮތުން “އެކަކު” “ދެމީހުން” އަދި “ތިންމީހުން” ވިޔަސް އެއީ “الطَّائِفَةُ” އަކަށްވާނެއެވެ. [5] މިގޮތުން މިއާޔަތުގައި ވާ ފަދައިން އެންމެ މީހަކުވެސް ކިޔަވައިގެން ދެން އެރަށެއްގެ ބާކީ ތިބި މީހުންނަށް އުނގަންނައިދީފިނަމަ އެވަރުން ފުދޭނެއެވެ. އެކެއްގެ ބަސް ޙުއްޖަތަކަށް ނުވާނަމަ ﷲ ތަޢާލާ މިއާޔަތުގައި ދީނީ ތަޢުލީމު އުނގެނުން ފަރުޟުކިފާޔަތެއްކަމުގައި ލެއްވި އިރު طَائِفَة އެއް އެކަންކުރުމަށް އަމުރު ނުކުރެއްވީހެވެ.
މިގޮތުން ޢަރަބި ބަހުގައި “الطَّائِفَةُ” އެންމެ މީހަކަށްވެސް ނިސްބަތްކުރެވޭކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿…إِن نَّعْفُ عَن طَائِفَةٍ مِّنكُمْ… ﴾ [سورة التوبة ٦٦]
މާނައީ:”… ތިޔަބައިމީހުންގެ ތެރެއިން طَائِفَةއަކަށް ތިމަން ﷲ ޢަފޫކޮށްދެއްވިނަމަވެސް…”
މިއާޔަތާއި ބެހޭގޮތުން ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އެ ޢަފޫކުރެވުނު طَائِفَةއަކީ އެންމެ ބޭކަލެއްކަމެވެ. އެއީ މަޚްޝިއްޔު އިބްނު ޙުމައްޔިރު ކިޔާ ބޭކަލެކެވެ. [6]
ދެވަނައީ: ﷲ ތަޢާލާ ވަނީ طَائِفَةއަކަށް(އެކަކު ނުވަތަ އެއަށްވުރެގިނަ ބަޔަކަށް) އެބައިމީހުންގެ ޤައުމުގެ މީހުންނަށް އިންޛާރުކުމަށް އަމުރުކުރެއްވިއެވެ. އެއިންޛާރުކުރާ މީހުންގެ ޢަދަދު ވަކި ޢަދަދަކަށްވުމަށް އެއިލާހު އަމުރެއް ނުކުރަށްވައެވެ. މިގޮތުން އެކަކު ނުކުމެ އިންޛާރުކުމުންވެސް އޭނާއަށް ތަބާވުން ލާޒިމުވާނެއެވެ. އޭނާއަށް ތަބާވުން ލާޒިމު ނުވާނަމަ އިންޛާރުކުރުމުގެ މަސްއޫލިއްޔަތު طَائِفَةއެއްގެ މައްޗަށް ވާކަން ބަޔާންކުރައްވާ އެކަމަށް އަމުރުކުރުމުގެ ބޭނުމެއްނެތެވެ.
2 ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ [سورة الحجرات ٦]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލާ ޙަޤީޤަތް ހޯދާށެވެ. އެއީ ނޭނގިތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.”
މިއާޔަތުން ޢިލްމުވެރިން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
ފާސިޤުން ގެންނަ ޚަބަރު ޘާބިތުކުރުމަށް މިއާޔަތުގައި އަމުރުކުރުވިފައިވެއެވެ. އެހެންކަމުން މި އާޔަތުން ދޭހަވާ މާނައަކީ ފާސިޤުނޫން މީހަކު ޚަބަރަކައިގެން އައުމުން އޭނާ އެ ގެންނަ ޚަބަރު ޘާބިތުކުރުން ލާޒިމުނުވާކަމެވެ. އަދި އެ ޚަބަރުން ޢިލްމު ލިއްބައިދޭކަމެވެ. އެންމެ މީހަކު ގެންނަ ޚަބަރުން ޢިލްމު ނުލިބޭނަމަ ފާސިޤުނޫން މީހަކު ޚަބަރެއް ގެނައުމުން އެޚަބަރުވެސް ޘާބިތުކުރުމަށް އަމުރުކުރެއްވީހެވެ.
3 ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾ [سورة الإسراء ٣٦]
މާނައި: “އަދި ތިބާޔަށް އެކަމަކާމެދު ޢިލްމެއް ނުވާކަމަކަށް ތިބާ ތަބާނުވާށެވެ. ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލެ ވެވޭނެ ކަމެއްކަމުގައިވިއެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
“لَا تَقْفُ”ގެ މުރާދަކީ “ތަބާނުވާށެވެ. އަދި އެއަށް ޢަމަލުނުކުރާށެވެ.”
މި އާޔަތުގައި މިވަނީ ޢިލްމު ލިބިގެންނުވާ ކަންކަމާއިމެދު ވާހަކަދެއްކުން ނަހީކުރެވިފައެވެ. ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މުސްލިމުންދަނީ މެދުނުކެނޑި އެންމެ މީހަކު ގެންނަ ޚަބަރަށް ތަބާވެ އެއާއި އެއްގޮތަށް ޢަމަލުކުރަމުންނެވެ. އާޙާދު ޙަދީޘަކީ ޢިލްމުލިއްބައިދޭ އެއްޗެއްނޫންނަމަ ޞަޙާބީ ބޭކަލުންނާއި އަދި އެބޭކަލުންނަށް ފަހުން ވަޑައިގެންނެވި އެންމެހާ ޢިލްމުވެރިންނާއި އަދި އެންމެހާ މުސްލިމުންނަކީ ޢިލްމެއްނެތި ކަންކަމަށް ތަބާވާ ބައެކޭ ބުނުން ލާޒިމުވެއެވެ. މިއީ ވާނޭ ކަމެއްނޫނެވެ.
4 ﴿…فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴾ [سورة الأنبياء ٧]
މާނައީ: ” ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، ޛިކުރުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
މިއާޔަތުގައި ﷲ ތަޢާލާ ވަނީ އިނގޭ މީހުންނާ ނޭންގޭ މީހުން ސުވާލުކުރުމަށް އަމުރުކުރައްވާފައެވެ. އެއީ ޢިލްމުގެ އަހުލުވެރިންގެ އަރިހުންނެވެ. މުތަވާތިރު ޢަދަދެއްގެ ގިނަ ޢިލްމުވެރިންތަކަކާއި ސުވާލުކުރުމަށް އެކަލާނގެ އަމުރުނުކުރައްވައެވެ.
5 ﴿إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَـٰئِكَ يَلْعَنُهُمُ اللَّـهُ وَيَلْعَنُهُمُ اللَّاعِنُونَ ﴾ [سورة البقرة ١٥٩]
މާނައީ: “ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުންނީ އެބައިމީހުންނަށް الله ލަޢުނަތް ލައްވާނެ މީހުންނެވެ. އަދި ލަޢުނަތް ދޭ މީހުންވެސް އެއުރެންނަށް އެބައިމީހުންނަށް ދޭނެއެވެ.”
﴿وَإِذْ أَخَذَ اللَّـهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا بِئْسَ مَا يَشْتَرُونَ﴾ [سورة آل عمران ١٨٧]
މާނައީ: “ފޮތް ދެވުނު މީހުންގެ ކިބައިން الله ޢަހުދުކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ. (އެ ޢަހުދަކީ ތިޔަބައިމީހުން) މީސްތަކުންނަށް އެ ފޮތް ބަޔާންކޮށްދިނުމަށާއި އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި ޢަހުދެކެވެ. ފަހެ އެބައިމީހުންގެ ފުރަގަހަށް އެ ޢަހުދު އެއްލައިލިއެވެ. އަދި އެބައިމީހުން އެ ފޮރުވި ފޮރުވުމަށް ކުޑައަގެއް ގަތެވެ. ފަހެ އެބައިމީހުން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
މިދެއާޔަތުންވެސް ދޭހަވާ މާނައަކީ ޢިލްމުފޯރުކޮށްދިނުމަކީ ވާޖިބުކަމެއްކަމަށެވެ. އެއީ އެންމެ މީހަކު އެންމެ މީހަކަށް ފޯރުކޮށްދޭން ޖެހުނުނަމަވެސްއެވެ.
6 ﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الْكَافِرِينَ﴾ [سورة المائدة ٦٧]
މާނައީ: “އޭ ރަސޫލާއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު ފޯރުކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ ކަލޭގެފާނު އެކަލާނގެ ރިސާލަތް އިއްވެވިކަމަކަށް ނުވާނެއެވެ. އަދި الله މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކޮށްދެއްވާނެވެ. ހަމަކަށަވަރުން ކާފަރުވި މީސްތަކުންނަށް الله ތެދުމަގެއް ނުދައްކަވާނެއެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
އެންމެ މީހަކު ގެންނަ ޚަބަރަކީ ނުވަތަ ޙަދީޘަކީ ޤަބޫލުކުރެވޭ އެއްޗަކަށް ނުވާނަމަ މިޝަރީޢަތް އެންމެހާ މީސްތަކުންނަށް ފޯރުކޮށްދިނުން އެއީ ވާނޭކަމެއްނޫނެވެ. އެހެނީ މި ޝަރީޢަތް ވާޞިލުވެފައިވަނީ ޙާޟިރުވެ ތިބިމީހުން އެތަނަށް ޙާޟިރުނުވާ މީހުންނަށް ފޯރުކޮށްދިނުމުންނެވެ. ދީނުގެ ކޮންމެ ކަމަކީ މުތަވާތިރުކޮށް މީސްތަކުންނަށް އެނގެން ޖެހޭނެ ކަންތައްކަމުގައި ޝަރުތުކުރެވިއްޖެނަމަ އެންމެހާ މީސްތަކުންގެ ގާތަށް މިޝަރީޢަތް ވާސިލުވުމަކީ އެއީ ވާނޭ ކަމެއްނޫނެވެ.
7 ﴿وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّـهِ وَالْحِكْمَةِ إِنَّ اللَّـهَ كَانَ لَطِيفًا خَبِيرًا ﴾ [سورة الأحزاب ٣٤]
މާނައީ: “އަދި ތިޔަކަނބަލުންގެ ގެތަކުގައި الله ގެ އާޔަތްތަކާއި، ޙިކްމަތުގެ ތެރެއިން (އެބަހީ: ސުންނަތުގެ ތެރެއިން) ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ. ހަމަކަށަވަރުން الله އީ އޯގާވަންތަކަން ބޮޑު، ފޮރުވިފައިވާ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.”
ޢިލްމުވެރިން މިއާޔަތުން ދަލާލަތު ނަންގަވާފައިވާ ގޮތަކީ:
މިއާޔަތުގައި “الْحِكْمَة” މުރާދަކީ ކީރިތި ޤުރުއާން ފިޔަވާ، ރަސޫލާ صلى الله عليه وسلم ގެ ގެކޮޅުގައި ތިލާވަތުކުރެވޭ ތަކެތިކަމަށް އިހުގެއާއި ފަހުގެ ގިނަ މުފައްސިރުން ވިދާޅުވެފައިވެއެވެ. އޭގެ މާނައަކީ އެކަނބަލުންގެ ގޯތިގެދޮރުގައި ރަސޫލާ صلى الله عليه وسلم ވިދާޅުވެފައިވާ ބަސްފުޅުތަކާއި ކުރައްވާފައިވާ ކަންކަން މިއުންމަތަށް ފޯރުކޮށްދިނުމުގެ ބުރަ މަސްއޫލިއްޔަތު އެކަނބަލުންނާ ހަވާލުކުރެވުނެވެ. މިގޮތުން އެކަނބަލުންގެ ތެރެއިން އެންމެ ބޭކަނބަލެއް ނަމަވެސް އެފަދަ ކަމެއް ޚަބަރުކުރުމުން އެޚަބަރާއި ތަބާވުން ވާޖިބުނުވާނަމަ އެކަނބަލުންނަށް ޚަބަރުކުރުމަށް ﷲ ތަޢާލާ އަމުރުނުކުރެއްވީހެވެ.
8 ޞަޙާބީ ބޭކަލުންގެ އިޖުމާޢު: އާޙާދު ޙަދީޘަކީ ޢަޤީދާގައާއި ޝަރުޢީ ޙުކުމްތައް ޘާބިތުކުރުމުގައި ހުއްޖަތެއްކަމުގައި ޞަޙާބީ ބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ. މިގޮތުން މި އިޖުމާޢު ނަޤުލުކުރެއްވި ޢިލްމުވެރީންގެ ތެރޭގައި އިބްނު ޢަބްދުލްބައްރު، އަލްޚަޠީބު އަލްބަޣްދާދީ، އިބްނު ދަޤީޤުލް ޢީދު، އިބްނުލް ޤައްޔިމް އަދި އައްޝައުކާނީ (رحمهم الله) ހިމެނިވަޑައިގަންނަވައެވެ. [8]
9 ޤިޔާސްކުރުން: ޙަދީޘްތަކުގެ ތެރެއިން ބައެއް ޙަދީޘްތައް (އެބަހީ: މުތަވާތިރު ޙަދީޘް) ޢަޤީދާ ޘާބިތުކުރުމުގައާއި ޙުކުމްތައް ޘާބިތުކުރުމުގައި ބޭނުންކުރެވޭ ހިނދު އަނެއްބައި ޙަދީޘްތައްވެސް (އެބަހީ: އާޙާދު ޙަދީޘްތައް) ޞައްޙަވެއްޖެނަމަ ބޭނުންކުރެވެން ޖެހެއެވެ. އެހެނީ ހުރިހާ ޙަދީޘެއްވެސް އައިސްވަނީ އެއްމަސްދަރުންނެވެ. އެއީ ރަސޫލާ صلى الله عليه وسلم ގެ އަރިހުންނެވެ.
މިމަސްއަލާގައި ޖުމްހޫރި ޢިލްމުވެރީންގެ ޤައުލަށް ބާރުދެއްވާ އިބްނުލް ޤައްޔިމު (رحمه الله) الصَّوَاعُقُ المُرْسَلَةُ އޭކިޔުނު ފޮތުގައި 21 ދަލީލު ޛިކުރުކުރައްވާފައިވެއެވެ. [9]
ދެވަނަ ޤައުލުގެ ދަލީލުތައް: (މުޢުތަޒިލާއިންގެ ފަހުގެ ޢިލްމުވެރީންނާއި ޝިޔައިންނާއި އަލްޤަދަރިއްޔާ ފިރުޤާގެ ޤައުލު)
މިމަސްއަލައަކީ ޢިލްމުވެރީން އިޖުމާޢުވެވަޑައިގެންފައިވާ މައްސަލައަކަށް ވާތީވެ އިޖުމާޢުއާއި ޚިލާފުވެފައިވާ ފަރާތްތަކުގެ ދަލީލުތަކުން މިތާ ޛިކުރުކުރާނީ އެންމެ މަޝްހޫރު ދަލީލުތަކެވެ. އެހެނީ ދީނީ މަސްއަލައެއްގައި ޢިލްމުވެރީން އިޖުމާޢުވުމަށް ފަހު އެއާ ޚިލާފުވާ ބައެއްގެ ޤައުލަކީ ބަލައިގަނެވޭނެ ޤައުލެއްނޫނެވެ.
1 ﴿…إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا﴾ [سورة النجم ٢٨]
މާނައީ: “…ހީއަކަށް މެނުވީ އެބައިމީހުން ތަބާވާކަމުގައެއް ނުވެއެވެ. އަދި ހަމަކަށަވަރުން ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.”
މިދަލީލަށް ޖުމްހޫރު ޢިލްމުވެރީން ޖަވާބުދާރީވާގޮތަކީ:
މިއާޔަތަކީ އެކަކު ގެންނަ ޚަބަރަކީ ކުށް ހީއެއްކަމަށް އިސްތިދުލާލުކުރެވޭނެ ދަލީލެއްނޫނެވެ. އަރަބިބަހުގައި “الظَّنَّ” ޔަގީނުގެ މާނައިގައާއި އަދި ޝައްކުގެ މާނައިގައި ބޭނުންކުރެވެއެވެ. ދީނީ ޢިލްމުވެރީން އެންމެހައި ظَّنّ އެއް އިންކާރެއް ނުކުރައްވައެވެ. އެބޭފުޅުން ރާޖިހު ހީތަކަށް މަސްއަލަތައް ނިންމަވައެވެ. އެހެންކަމުން މިއާޔަތުގައިވާ ތަބާވުންމަނާ ހީތަކުގެ ތެރެއަށް އެކަކު ގެންނަ ޚަބަރު ނުހިމެނޭނެއެވެ.
2 ޤިޔާސްކުރުން: ހެކިބަސް ޤަބޫލުކުރާއިރުވެސް ދެ ހެކީން ޙާޟިރުކުރެވޭފަދައިން ރިވާޔަތެއް ޤަބޫލުކުރާއިރު އެކެއްގެ ފުށުން އަތުވެފައިވާ ރިވާޔަތެއް ޤަބޫލުނުކުރެވޭނެއެވެ.
މިދަލީލަށް ޖަވާބުދާރީ ވެވޭގޮތަކީ:
މިޤިޔާސްއަކީ ޞައްޙަ ޤިޔާސެއްނޫންކަމެވެ. އެހެނީ ޙަދީޘްއެއްރިވާކުރުމުގައާއި ހެކިބަސްދިނުމުގައި ފަރުޤުތަކެއްވާތީއެވެ. މިޘާލެއްގެ ގޮތުން ހެކިބަސްދޭ އިރު އަންހެނާގެ ހެކިބަހާއި ފިރިހެނުންގެ ހެކިބަހާއި ފަރުޤުކުރެވިފައިވެއެވެ. ނަމަވެސް ޙަދީޘެއް ރިވާކުރައިރު ދެ އަންހެނުން އެއްޙަދީޘްއެއް ރިވާކުރުން އެއީ ޙަދީޘްއެއް ޤަބޫލުވުމުގެ ޝަރުތެއްނޫނެވެ.
ރާޖިޙު
އެއްވެސް ޝައްކެއްނެތްގޮތުގައި މިމަސްއަލައިގެ ރާޖިހު ޤައުލަކީ އާޙާދު ޙަދީޘަކީ ޢަޤީދާ ޘާބިތުކުރުމުގައާއި ޝަރުއީ ޙުކުމްތައް ޘާބިތުކުރުމުގައި ޙުއްޖަތެއްކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ޤައުލެވެ. މިއީ ކުރީގެއާއި ފަހުގެ އަހުލުއްސުންނަށް ވަލްޖަމާޢަތުގެ ގިނަ ޢިލްމުވެރިންގެ ޤައުލެވެ. މިފަދައިން މިމަސްއަލަ ރާޖިހުކުރައްވާފައިވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާ އިމާމު އިބްނުލް ޤައްޔިމް އިމާމު އައްޝައުކާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ސުޢޫދީ ޢަރަބިއްޔާގެ ދާރުލްއިފްތާ ޢުމަރު ސުލައިމާން އަލްއަޝްޤަރު رحمهم الله އަދި މިނޫނަސްވެސް ގިނަޢިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވައެވެ.
ސަލަފުންގެ އިޖުމާޢުއާއި ޚިލާފަށް މިމަސްއަލައިގެ ވާހަކަ ދެއްކުމަކީ ނުރައްކާތެރިކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا﴾ [سورة النساء ١١٥]
މާނައީ: “އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގުނޫން މަގަކަށް ތަބާވާމީހާ އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.”
ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެހާ ފިތުނަތަކުން ދުރުކުރައްވާ ދީނީ މަސްއަލަތުގައި ޙައްޤަށް ވާޞިލުވުމުގެ ތައުފީޤު ދެއްވުމެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.
________________________________________________
1 عقوبة الإعدام لـ(د.محمد بن سعد الغامدي) / ص:369 / طبعة: مكتبة دار السلام
2 މިފޮތް ޑައުންލޯޑުކުރެއްވުމަށް: ލިންކު
3 މިފޮތް ޑައުންލޯޑުކުރެއްވުމަށް: ލިންކު
4 اختصار علوم الحديث لـ (د.محمود الطحان) / ص: 29 / طبعة: مكتبة المعارف…
5 النهاية لإبن الإثير / مجلد: 2 / ص: 136 / طبعة: دار المعرفة
6 މިޞަޙާބީގެ ނަންގަނެވިފައިވަނީ އެކިފޮތްތަކުގައި ތަފާތުކޮށެވެ. މިގޮތުން (الإصابة في تمييز الصحابة) މިފޮތުގައި އަލްޙާފިޡް އިބްނު ޙަޖަރު ބުރަވެލައްވާފައިވަނީ އެއީ: مَخْشِي بْنُ الحُمَيِّر الأَشْجَعِيْ ކަމުގައެވެ. الإصابة / مجلد: 3 / ص: 1803 / طبعة: دار المعرفة
7 تفسير ابن كثير / مجلد: 7 / ص: 228 / طبعة: دار عالم الكتب
8 ބައްލަވާ حُجِّيَّة خَبَرِ الآحَادِ فِيْ العَقَائِدِ وَالأَحْكَامِ لـ (د.عبد الله الشريف) / ص:84-89 / طبعة: مجمع الملك فهد
9 ބައްލަވާ مختصر الصواعق المرسلة للموصيلي/ فصل: من الأدلة على إفادة خبر الواحد العدل العلم / مجلد: 4 / ص: 1534- 1556 / طبعة: أضواء السلف