މީގެ ކުރީގެ ބައިތަކުގައި އަލިއަޅުވާލާފައިވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޛާތުފުޅާއެކު ވޮޑިގެންވާ ތަނާބެހޭގޮތުންނެވެ. ޤުރުއާނާއި، ސުންނަތާއި، ޢިލްމުވެރިންގެ އިޖުމާޢުއާއި، ހަމަބުއްދިއާއި، ފިޠުރަތު މަގުދައްކައިދޭގޮތަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ މަޚްލޫޤުތަކުންނާ ވަކިވެޑައިގެން ހަތްއުޑުގެ މަތީގައި ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. މިހާހިސާބުން އެނގުން މުހިއްމު ކަމަކީ ޢަރުޝިއަކީ ކޮބައިބާއެވެ؟ އެއީ ކޮންތަނެއްބާއެވެ؟ އިސްތަވާވޮޑިގަތުމަކީ ކޮބައިބާއެވެ؟
އަޅުގަނޑުމެންނަށް މިލަފުޒުތައް އަޑުއިވެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ކޮންލަފުޒުތަކެއްކަމެއް ނޭނގެއެވެ. މިލަފުޒުތަކުގެ ޙަޤީޤަތް އެނގުމަކީ އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށްދީ، އަޅުގަނޑުމެންގެ ނިކަމެތިކަމާއި ދެރަކަން އިޙްސާސްވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި، ހައިބަވަންތަކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭނެކަމެކެވެ. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ ޝައްކުތަކާއި ވަހުމުތައް ފިލައި، ޔަޤީންކަމާއި ޘާބިތުކަން ގެނެސްދޭނެކަމެކެވެ.
ޢަރުޝިއަކީ ކޮބާ؟
ޢަރަބިބަހުގައި “العَرْشُ” އޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ ރަސްރަސްކަލުންގެ ތަޚްތެވެ.(1) މިގޮތުން ސުލައިމާން ޢަލައިހިއްސަލާމްގެ ހުދުހުދު ސަބާގެ ރާނީ ސިފަކުރައްވަމުން ދަންނަވާފައިވެއެވެ. ((إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِنْ كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ)) النمل: 32 މާނައީ: “އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ ތަޚްތެއް ވެއެވެ.” އަދި ޔޫސުފުގެފާނުގެ ވާހަކަގެންނަވަމުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ)) يوسف: 100 މާނައީ: “އަދި އެކަލޭގެފާނު (އެބަހީ: ޔޫސުފުގެފާނު) އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚްތަށް އުފުއްލެވިއެވެ.” މިއީ ޢަރަބިބަހުގައި ބޭނުންކުރާގޮތެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވާފައިވާ، ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޢަރުޝި ދަންނައެވެ. އަލްއިމާމް ބައިހަޤީ ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް “އަލްއަސްމާއު ވައްޞިއްފާތު” ގައި، ޢަރުޝިއާބެހޭ އާޔަތްތައް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “ތަފްސީރު ޢިލްމުގެ އަހުލުވެރިން ޢަރުޝިއާ ބެހޭގޮތުން ވިދާޅުވެފައިވަނީ، އެއީ ތަޚްތެކެވެ. އަދި އެއީ (ޚާއްޞަ ޞިފަތަކަކާއެކު) ޖިސްމުކުރެވިފައިވާ އެއްޗެކެވެ. އެ ޚަލްޤުކުރައްވާފައިވަނީ ﷲ ޢައްޒަވަޖައްލަ އެވެ. އަދި މަލާއިކަތުންނަށް ވަނީ އެ އުފުއްލެވުމަށް އަމުރުކުރައްވާފައެވެ. އޭގެ ކައިރީ އެބޭކަލުން އެއިލާހު މަތިވެރިކުރުމުގެ ގޮތުން އަޅުކަންކޮށް، ޠަވާފުކޮށް ހަދައެވެ. ބިންމަތީގައި ގެއެއް ހައްދަވައި، އާދަމުގެ ދަރިންނަށް އެތަންވަށައިގެން ޠަވާފުކޮށް، ނަމާދުކުރާއިރު ކުރިމަތިލާ ފަދައިންނެވެ. (ޢަރުޝިއާބެހޭ) މިފަދަ ގިނައާޔަތްތަކުން ދަލީލުކުރަނީ އެބޭކަލުން (އެބަހީ: ތަފްސީރު ޢިލްމުވެރިން) ވިދާޅުވެފައިވާ ބަސްފުޅުގެ ތެދުކަމެވެ. އަދި މިކަމާބެހޭގޮތުން ވާރިދުވެފައިވާ ޚަބަރުތަކާއި އަޘަރުތަކުން އެބޭކަލުންގެ ބަސްފުޅު ޞައްޙަކަން ދަލީލުކޮށްދެއެވެ.”(2)
އަދި އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ “އަލްބިދާޔާ ވަންނިހާޔާ” އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. “އެއީ (އެބަހީ: ޢަރުޝިއަކީ) ފައިތަކެއް ލިބިގެންވާ، މަލާއިކަތުން އެއުފުއްލަވާ ތަޚްތެކެވެ. އޭގެ މިސާލަކީ ޢާލަމްތަކުގެ މަތީގައިވާ ޤުއްބެއްގެ މިސާލެވެ. އަދި އެއީ މަޚްލޫޤުތަކުންގެ މަތީގައިވާ ފުރާޅެކެވެ.”(3)
އަލްއިމާމް ބައިހަޤީއާއި އިބްނު ކަޘީރު ރަޙިމަހުމުﷲގެ މިދެބަސްފުޅުގައި އެވަނީ ޤުރުއާނާއި ސުންނަތުގައި ޢަރުޝީގެ ޞިފަތަކާބެހޭގޮތުން އައިސްފައިވާ ޞިފަތަކެވެ.
ޢަރުޝީގެ ޞިފަތައް:
ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝި ޚަލްޤުކުރައްވާފައިވަނީ ޚާއްޞަ ޞިފައެއްގައެވެ. މިގޮތުން ކީރިތި ޤުރުއާނުގައާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ޢަރުޝީގެ ބައެއް ޞިފަތައް ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ ޞިފަތައް ދަލީލާއެކު ކުރުގޮތަކަށް ބަޔާންކޮށްލަމެވެ.
1. ޢަރުޝި ޚަލްޤުކުރެއްވީ ﷲއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((اللَّهُ خَالِقُ كُلِّ شَيْءٍ)) الزمر: 62 މާނައީ: “އެންމެހާ ތަކެއްޗެއް ޚަލްޤުކުރެއްވި ފަރާތަކީ ﷲއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَهُوَ رَبُّ الْعَرْشِ الْعَظِيمِ)) التوبة: 129 މާނައީ: “އަދި އެކަލާނގެއީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރިރައްބެވެ.” އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މިއާޔަތުން) އިޝާރާތްކުރަނީ ޢަރުޝިއަކީ ރައްބަކު ވާއެއްޗެއްކަމެވެ. (އެބަހީ: ޢަރުޝި ޚަލްޤުކުރައްވައި، އޭގެ ކަންތައްތައް ބަލަހައްޓާނެ ފަރާތެއްވާކަމެވެ.) އެހެންކަމުން ރައްބަކުވާ ކޮންމެ އެއްޗަކީ ޚަލްޤުކުރެވިފައިވާ އެއްޗެކެވެ.”(4) އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((قُلْ مَنْ رَبُّ السَّمَوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ)) المؤمنون: 86 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަތްއުޑުގެ ރައްބާއި މަތިވެރިވެގެންވާ ޢަރުޝީގެ ރައްބަކީ ކޮންފަރާތެއް ހެއްޔެވެ؟”
2. ޢަރުޝިއަކީ އެންމެ ފުރަތަމަ ޚަލްޤުކުރެއްވި މަޚްލޫޤު ކަމުގައި ބުނެވިފައިވެއެވެ.
މިމައްސަލާގައި ޢިލްމުވެރިންގެ ދެބަސްފުޅެއްވެއެވެ.
ފުރަތަމަ ބަސްފުޅަކީ: އެންމެ ފުރަތަމަ މަޚްލޫޤަކީ ޢަރުޝިއެވެ. މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ، ޞަޙީޙު މުސްލިމްގައި ޢަބްދުﷲ ބުން ޢަމުރު ބުނުލްޢާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، قَالَ: وَعَرْشُهُ عَلَى الْمَاءِ)) (مسلم) މާނައީ: “އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރުކުރިން ޚަލްޤުތަކުންގެ ޤަދަރުކުރެއްވުން ﷲ ލިޔުއްވިއެވެ. ޙަދީޘްކުރެއްވިއެވެ. އޭރު އެއިލާހުގެ ޢަރުޝި ވަނީ ފެންމަތީގައެވެ.” މިޙަދީޘުން ދަލީލުކޮށްދެނީ އެންމެހާ ޚަލްޤުތަކެއްގެ ޤަދަރުކުރެއްވުން ﷲ ލިޔުއްވާފައިވަނީ ޢަރުޝި ޚަލްޤުކުރެއްވުމަށްފަހުގައިކަމެވެ. އަދި ޢިމްރާން ބުން ޙުޞައިން ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ((كَانَ اللهُ وَلَمْ يَكُنْ شَيْءٌ غَيْرُهُ، وَكَانَ عَرْشُهُ عَلَى الْمَاءِ، وَكَتَبَ فِي الذِّكْرِ كُلَّ شَيْءٍ، وَخَلَقَ السَّمَوَاتِ وَالْأَرْضَ)) (البخاري) މާނައީ: “ﷲ ފިޔަވައި އެއްވެސް އެއްޗެއް ނުވާއިރު، ﷲ ވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢަރުޝި ވަނީ ފެން މަތީގައެވެ. އަދި ޛިކުރުގައި (އެބަހީ: ލަވްޙުލް މަޙްފޫޡު) ގައި ހުރިހާ ކަމެއް ލިޔުއްވިއެވެ. އަދި އުޑުތަކާއި ބިން ހެއްދެވިއެވެ.” މިޙަދީޘުގައި ލަވްޙުލް މަޙްފޫޡުގައި ލިޔުއްވިކަމަށް އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައިވަނީ ޢަރުޝީގެ ވާހަކަ ގެންނެވުމަށްފަހުގައެވެ. އެއިން ދޭހަކޮށްދެނީ ޤަލަމަށްވުރެ ކުރިން ޢަރުޝި ޚަލްޤުކުރެއްވިކަމެވެ.
ދެވަނަ ބަސްފުޅަކީ: އެންމެ ފުރަތަމަ ޚަލްޤުކުރެއްވުނީ އަލްޤަލަމް ކަމުގައެވެ. މިއީ އައްޠަބަރީއާއި އިބްނުލް އަޘީރު ރަޙިމަހުމުﷲ އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި މިއީ ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝެއިޚް އަލްއަލްބާނީގެ ބަސްފުޅެވެ.(5) މިބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ ޙަދީޘެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ أَوَّلَ شَيْءٍ خَلَقَ اللهُ جَلَّ ثَنَاؤُهُ الْقَلَمُ وَأَمَرَهُ فَكَتَبَ كُلَّ شَيْءٍ يَكُونُ)) (سنن البيهقي، وصحّحه الألباني في الصحيحة) މާނައީ: “ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ޤަލަމެވެ. އަދި (ލިޔުމަށް) އަމުރުކުރެވުނެވެ. ފަހެ، ޤަލަމް ވާނެ ހުރިހާ ކަމެއް ލިޔުއްވިއެވެ.” ހަމަމިމާނައިގައި ޢުބާދާ ބުން ޞާމިތާއި އިބްނު ޢުމަރުގެ ކިބައިން ރިވާވެފައިވެއެވެ.
ކޮންމެއަކަސް، މިމައްސަލައަކީ ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވާ މައްސަލައެކެވެ. ދެގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައްވެސް ވަރުގަދައެވެ. ޙަދީޘްތަކުން ޚިލާފެއްނެތްގޮތުގައި އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިން ﷲ ވަނީ ޢަރުޝި ޚަލްޤުކުރައްވާފައެވެ. والله أعلم.
(ނުނިމޭ)
______________________________
(1) ބައްލަވާ: މުޢުޖަމު އައްޞިޙާޙް: ޞ. 689، ޤާމޫސުލް މުޙީޠު: ޞ. 1072، ޝަރަޙުއްޠަޙާވީ: އިބްނު ޢަބިލް ޢިއްޒު: ޞ. 256.
(2) އަލްއަސްމާއު ވައްޞިފާތު: ޞ. 497.
(3) އަލްބިދާޔާ ވަންނިހާޔާ: 1/20.
(4) ފަތުޙުލް ބާރީ: 13/405.
(5) ބައްލަވާ: އައްޞަޙީޙާ: 1/257، 258
______________________________