[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (3)

2. ސުންނަތުގެ ދަލީލުތައް:

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅާއިގެން އުޑުތަކުގެ މަތީގައިކަމަށް ދަލީލުކުރާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. މިމަސްއަލާގައި ވާރިދުވެފައިވާ ޙަދީޘްތަކާއި އަޘަރުތައް ޖަމާކުރައްވައި އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ފޮތެއް ލިޔުއްވާފައިވެއެވެ. އެފޮތުގެ ނަމަކީ “العُلُوّ لِلْعَلِيِّ العَظِيمِ” އެވެ. އަދި މިފޮތަށް “كِتَابُ العَرْشِ” ވެސް ކިޔައެވެ. މިފޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ، އެންމެހާ ތަކެއްޗަށް ވުރެ މަތިވެރިވެވޮޑިގެންވާކަމާއި، އެއިލާހު ވޮޑިގެންވަނީ އުޑުތަކުގެ މަތީގައިކަމާއި، އަދި މިނޫނަސް މިމަސްއަލައާގުޅޭ ޙަދީޘްތަކާއި އަޘަރުތައް ޖަމާކުރައްވާފައިވެއެވެ. ޝެއިޚް އަލްއަލްބާނީ ރަޙިމަހުﷲ ވަނީ، އިމާމް އައްޛަހަބީގެ މިފޮތް ޚުލާޞާކުރައްވައި، ފޮތުގައިވާ ޙަދީޘްތަކުގެ ދަރަޖަ ބަޔާންކުރައްވާފައެވެ. ޝެއިޚް އަލްއަލްބާނީގެ މިޚުލާޞާ ފޮތަށް ކިޔަނީ “مُخْتَصَرُ العُلُوّ لِلْعَلِيِّ العَظِيمِ” އެވެ. އެގޮތުން މިތަނުގައި ބައެއް ޙަދީޘްތައް ޛިކުރުކޮށްލަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްރާއާއި މިޢުރާޖު ކުރެވުނުރޭ ބައިތުލް މަޤްދިސުން ހަތްވަނަ އުޑަށް އުފުއްލެވުނުކަމާއި، އަދި އެރޭ އެކަލޭގެފާނަށް ނަމާދު ފަރުޟުކުރެއްވުނުކަމާއި، ފަންސާސް ނަމާދު ފުރަތަމަ ފަރުޟުކުރެއްވުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި މޫސާ ޢަލައިހިއްސަލާމްއާ ދެމެދު ހިނގާދިޔަ ކަންތައްތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އުޑުތަކުގެ މަތީގައި ވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލެކެވެ.(1)

އަދި އެކަލޭގެފާނު ޖާރިޔާއަކަށް ޙަދީޘް ކުރެއްވިއެވެ. ((أَيْنَ اللهُ؟)) قَالَتْ: فِي السَّمَاءِ، قَالَ: ((مَنْ أَنَا؟)) قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: ((أَعْتِقْهَا، فَإِنَّهَا مُؤْمِنَةٌ)) (مسلم وأحمد) މާނައީ : “ﷲ (ވޮޑިގެންވަނީ) ކޮންތާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. އުޑުތަކުގެ މަތީގައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. “ކަލޭގެފާނަކީ ﷲގެ ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެކުއްޖާ މިނިވަންކުރާށެވެ. ފަހެ، އެކުއްޖާއަކީ މުއުމިނާއެކެވެ.”(2) މިހަދީޘާ ބެހޭގޮތުން އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިޚަބަރުގައި ދެމަސްއަލައެއް އެކުލެވިގެންވެއެވެ. ފުރަތަމައީ: ﷲ ވަނީ ކޮންތާކުތޯ ސުވާލުކުރުމަކީ މުސްލިމުންނަށް ޝަރުޢުވެގެންވާކަމެއްކަމެވެ. ދެވަނައީ: ސުވާލުވެވޭމީހާ އުޑުތަކުގެ މަތީގައޭ ބުނުމެވެ. ފަހެ، (މިޙަދީޘުން ދޭހަކޮށްދޭ) މިދެމަސްއަލައަށް އިންކާރުކޮށްފިމީހާ، އޭނާ އެއިންކާރުކުރަނީ އަލްމުޞްޠަފާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށެވެ.”(3) ބައެއް ބާޠިލު ފިރުޤާތަކުގެ މީހުންގެ ކައިރީ ﷲ ވޮޑިގެންވަނީ ކޮންތާކުތޯ ސުވާލުކުރުމަކީ ހުއްދަކަމެއްނޫނެވެ. މިޙަދީޘްގައި ޚުދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ އެސުވާލުކުރައްވާފައެވެ. އެއިން ދޭހަވަނީ އެސުވާލުކުރުމަކީ ހުއްދަކަމެއްކަމެވެ. އަދި ހަމައެހެންމެ، އެސުވާލަށް ރަނގަޅަށް ޖަވާބުދޭން އެނގުމަކީ އީމާންކަމުގެ ތެރެއިންވާކަމެއްކަމެވެ. މީގެ ކުރީބައިގައި އަލްބައިހަޤީ ރަޙިމަހުﷲ އެކަލޭގެފާނުގެ “އަލްއަސްމާއު ވައްޞިފާތު” މިފޮތުގައި ބަޔާންކުރައްވާފައިވާ ފަދައިން ޢަރަބިން “عَلَى” އޮންނަންޖެހޭ ތަންތަނަށް  “فِي” ބޭނުންކުރެއެވެ. މިތަނުގައިވާ ((فِي السَّمَاء)) ގެ މުރާދަކީ އުޑުތަކުގެ މަތީ ޢަރުޝި މަތީގައެވެ.

އަދި ޔަހޫދީ ޤަބީލާއެއްކަމުގައިވާ ޤުރައިޟާގެ މީހުންނާމެދު ޙުކުމް ކުރެއްވި ޙާދިސާގައި ސަޢުދު ބުން މުޢާޛަށް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لَقَدْ حَكَمْتَ فِيهِمْ بِحُكْمِ الْمَلِكِ مِنْ فَوْقِ سَبْعَةٍ أَرْقِعَةٍ)) (البخاري) މާނައީ : “ހަމަށަވަރުން، ތިބާ އެބައިމީހުންނާމެދު ޙުކުމްކޮށްފައިވަނީ، ހަތްއުޑުގެ މަތީ ވޮޑިގެންވާ ރަސްކަލާނގެ ޙުކުމްފުޅެވެ. (އެބަހީ އެއިލާހުގެ ޙުކުމްފުޅާ އެއްގޮތަށެވެ.)”(4)

އަދި އާދަމު ދަރިންގެ ކަންތައްތަކާ ޙަވާލުވެ ތިއްބަވާ މަލާއިކަތުންނާބެހޭގޮތުން އައިސްފައިވާ ޙަދީޘްގައިވެއެވެ. ((ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِهِمْ …)) (متفق عليه) މާނައީ : “އެއަށްފަހު، ތިޔަބައިމީހުންނާއެކު ރޭގަނޑު ހޭދަކުރެއްވި ބޭކަލުން (އެބަހީ މަލާއިކަތުން) މައްޗަށް އަރައިވަޑައިގަންނަވާނެއެވެ. އަދި އެބޭކަލުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ޙާލު، އެއިލާހު އެބޭކަލުންނާ ސުވާލުކުރައްވައެވެ…”(5)

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ وَلاَ يَصْعَدُ إِلَى اللَّهِ إِلاَّ الطَّيِّبُ)) (البخاري) މާނައީ : “ޙަލާލު ރަނގަޅު މުދަލުގެ ތެރެއިން ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ ދަންނާށެވެ. ޙަލާލު ރަނގަޅު (ތަކެތިން ކޮށްފައިވާ ޞަދާޤާތް) މެނުވީ އެއިލާހުގެ ޙަޟްރަތަށް އަރައިގެން ނުދެއެވެ.”(6)

އަދި ވަޙީއާބެހޭ ޙަދީޘްގައި ޙަދީޘް ކުރައްވާފައިވެއެވެ. ((إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتْ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ …)) (البخاري) މާނައީ : “ﷲ އުޑަށް އަމުރެއް ކުރައްވައިފި ހިނދު، އެއިލާހުގެ އެބަސްފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން މަޑުމޮޅިވެގެންވާ ޙާލު މަލާއިކަތުން، އެބޭކަލުންގެ ފިޔަފުޅުތައް ތިރިކުރައްވާ ހުށްޓެވެ. (އެބޭކަލުން އެކުރައްވާ ކަންތަކުން ނުކުންނަ އަޑުގެ) މިސާލަކީ ޗޭނުފައްޗެއް ގާތައްމަތީގައި ދަމާއަޑުގެ މިސާލެވެ.”(7)

މިފަދަ އެތައް އެތައް ޙަދީޘަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީގައިކަމަށް ދަލީލުކުރެއެވެ. ދިގުވެދާނެކަމަށް މިހައިވަރުން ފުއްދާލަމެވެ.

3. އިޖުމާޢު:

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންކަމުގައި މިއުއްމަތުގެ ސަލަފުން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲއަށް އީމާންވުމުގެ ތެރޭގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވަޑައިގެން އުޑުތަކުގެ މަތީ، އެއިލާހުގެ ޢަރުޝި މަތީކަމަށް އީމާންވުންވެއެވެ. އެއީ ﷲ އެއިލާހުގެ ފޮތުގައި ޚަބަރުދެއްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ތަވާތުރުކޮށް އައިސްފައިވާ، އަދި އުއްމަތުގެ ސަލަފުން އިޖުމާޢުވަޑައިގެންފައިވާކަމެކެވެ.”(8)

އިބްނު ތައިމިއްޔާގެ މިބަސްފުޅުގެ ޝަރަޙާގައި މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މިކަމަށް ވެވިފައިވާ) އިޖުމާޢު ދަންނައެވެ. ފަހެ، ސަލަފުން ވަނީ މިކަމަށް އިޖުމާޢުވެވަޑައިގެންފައެވެ. އެބޭކަލުން އިޖުމާޢުވެލެއްވިކަން އެނގޭގޮތަކީ، ޤުރުއާނާއި ސުންނަތުގައިވާގޮތާ އިދިކޮޅަށް (އެބަހީ ބޭރުފުށުގެ މާނައާ އިދިކޮޅަށް) އެބޭކަލުންގެ ކިބައިން ބަސްފުޅެއް ނަޤުލުވެފައިނެތުމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަކީ ޤުރުއާން ކިޔަވައި، (ރަސޫލާގެ ފަރާތްޕުޅުން) ޚަބަރުތައް ނަޤުލުކުރައްވައި، އޭގެ މާނަތައް ދެނެވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންގެ ކިބައިން (ޤުރުއާނާއި ސުންނަތުގެ) ބޭރުފުށުގެ މާނައާ ޚިލާފަށް ބަސްފުޅެއް ނަޤުލުވެފައިނުވުމުން އަންގައިދެނީ، އެބޭކަލުން (ޤުރުއާނާއި ސުންނަތުން އެދޭހަކޮށްދޭ) ބޭރުފުށުގެ މާނަނޫން އެހެންގޮތަކަށް އިޢުތިޤާދުނުކުރައްވާކަމެވެ. އަދި އެއެންމެހާ ބޭކަލުން އެކަމަށް އެއްބަސްވެވަޑައިގެން ތިއްބެވިކަމެވެ.”(9)

4. ހަމަބުއްދި:

ޤުރުއާނާއި ސުންނަތާއި ސަލަފުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތަކީ ހަމަބުއްދިވެސް އެކަމަށް ހެކިވާކަމެކެވެ. އެއީ ދެގޮތަކުންނެވެ.

ފުރަތަމައީ: އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރިވުމަކީ ފުރިހަމަ ޞިފައެއް ކަމަށް ހަމަބުއްދި ޤަބޫލުކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަނީ އެއިލާހަށް އެންމެހާ ފުރިހަމަ ޞިފަތައް ލިބިވޮޑިގެންވާކަން ބަޔާންކުރައްވާފައެވެ. އެހެންކަމުން، އެއިލާހަށް މަތިވެރިވެވޮޑިގަތުން ނިސްބަތްކުރުމަކީ ވާޖިބެކެވެ.

ދެވަނައީ: އަޅުގަނޑުމެން ބުއްދިން ވިސްނާލައިފިކަމުގައިވާނަމަ، އެއްޗެއް މަތީގައިނުވާނަމަ ދެން އެއެއްޗެއް ވާނީ ދަށުގައި ނުވަތަ އެއްވަރެއްގައެވެ. މަތީގައި ނުވެ ދަށުގައި ނުވަތަ އެއްވަރެއްގައި ވުމަކީ އުނިޞިފައެކެވެ. އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މަތިވެރިވެވޮޑިގަތުން ނިސްބަތްކުރުން ލާޒިމުވާނެއެވެ. އެހެނީ، އެއިލާހު ވަނީ އެންމެހާ އުނިޞިފަތަކުން ހުސްޠާހިރުވެވޮޑިގެންނެވެ.(10)

5. ފިޠުރަތު:

ސަލާމަތުން ހުރި ފިޠުރަތް މަގުދައްކާގޮތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ޚަލްޤުތަކުންނާ ވަކިން މަތީގައިކަމެވެ. އެހެނީ، ﷲ މަތީގައި ވޮޑިގެންވާކަމާ ދެކޮޅުހަދާމީހާގެ ސަލާމަތުން ހުރި ފިޠުރަތު ވަނީ ހަލާކުވެ، ޝައްކުތަކާއި ޝުބުހަތަކަށް ހެއްލިފައެވެ. އެހެނީ، ކޮންމެ އިންސާނަކުވެސް ދުޢާކުރުމަށް އަތްނަގައި އޭނާގެ ހިތް އަރައިގެން ދަނީ އުޑަށެވެ. އެއްވެސް ޙާލެއްގައި ކަނާތްފަރާތަށް ވާތްފަރާތަށް އެނބުރި ނަހަދައެވެ. އެކަމުން އެނގެނީ ﷲ ވަނީ އުޑުތަކުގެ މަތީގައިކަމެވެ.(11)

(ނުނިމޭ)

________________________________

(1) ބައްލަވާ: ޞަޙީޙުލް ބުޚާރީ: 349، 3342، ޞަޙީޙް މުސްލިމް: 161، 163.

(2) މުސްލިމް: 537، އަޙްމަދު: 17945، 19455.

(3) މުޚްތަޞަރުލް ޢުލުއްވު: ޞ. 81.

(4) ޞަޙީޙުލް ބުޚާރީ: 3043.

(5) ޞަޙީޙުލް ބުޚާރީ: 555، 7429، 7486، ޞަޙީޙް މުސްލިމް: 632.

(6) ޞަޙީޙުލް ބުޚާރީ: 1410.

(7) ޞަޙީޙުލް ބުޚާރީ: 4800، 7481.

(8) ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/66.

(9) ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67.

(10) ބައްލަވާ: ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67.

(11) ބައްލަވާ: ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67.

________________________________________

މަރުޖިޢުތައް:

* الأسماء والصفات: الإمام الحافظ أبوبكر البيهقي.

* مختصر العلو للعلي العظيم: للذهبي (اختصره وحققه الألباني).

* أعلام السنة المنشورة، لاعتقاد الطائفة الناجية المنصورة: للشيخ حافظ بن أحمد الحكمي.

* إثبات علو الله ومباينته لخلقه: حمود بن عبدالله بن حمود التويجري.

* شرح العقيدة الواسطية: محمد بن صالح العثيمين.

____________________________________

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (1)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (2)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (4)