[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 7

ގިނަ ފާޙިޝްކަންތައްތަކެއް ފުއްސަވާދެއްވުމަކީ ﷲ ތަޢާލާއަށް ދަތިކަމެއްކަމުގައި  ޤަބޫލުކުރާ  މީހުންނަށްޓަކައި މިޙަދީޘް މިތާނގައި ގެނެސްދޭނަމެވެ.

ސަތޭކަ މީހުން ޤަތުލުކުރިމީހާގެ ތައުބާ

عَنْ أَبِي سَعِيد سَعْد بن مَالِك بن سنان الْخُدْرِيِّ رضي الله عنه أَنَّ نَبِيَّ اللهِ صلى الله عليه وسلم قَالَ: ((كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا، فَسَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَاهِبٍ. فَأَتَاهُ فَقَالَ: إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنَ تَوْبَةٍ؟ فَقَالَ: لاَ. فَقَتَلَهُ فَكَمَّلَ بِهِ مِائَةً.

ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ، فَقَالَ: إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ؟ فَقَالَ: نَعَمْ، وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ، انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ تَعَالَى فَاعْبُدِ مَعَهُمْ، وَلاَ تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ.

فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ، فَاخْتَصَمَتْ فِيهِ مَلاَئِكَةُ الرَّحْمَةِ وَمَلاَئِكَةُ الْعَذَابِ. فَقَالَتْ مَلاَئِكَةُ الرَّحْمَةِ: جَاءَ تَائِبًا مُقْبِلاً بِقَلْبِهِ إِلَى اللَّهِ تَعَالَى. وَقَالَتْ مَلاَئِكَةُ الْعَذَابِ: إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ.

 فَأَتَاهُمْ مَلَكٌ فِى صُورَةِ آدَمِىٍّ فَجَعَلُوهُ بَيْنَهُمْ -أي حكما- فَقَالَ: قِيسُوا مَا بَيْنَ الأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ، فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الأَرْضِ الَّتِى أَرَادَ، فَقَبَضَتْهُ مَلاَئِكَةُ الرَّحْمَةِ)) [متفق عليه] މާނައީ: އަބޫ ސަޢީދު ސަޢުދު ބުން މާލިކު ބުން ސިނާނު އަލްޚުދްރީ رضي الله عنه ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ތެރޭގައި ނުވަދިހަނުވަ މީހުން ޤަތުލުކުރި މީހަކުވިއެވެ. ފަހެ ބިންމަތީގައިވާ އެންމެ ޢިލްމުވެރި މީހަކާބެހޭގޮތުން އޭނާ ސުވާލުކުރިއެވެ. ފަހެ އޭނާއަށް ރާހިބަކު ދެއްކުނެވެ. ފަހެ އޭނާ އެ (ރާހިބު) މީހާ ގާތަށް އައިސް އޭނާ ނުވަދިހަނުވަ މީހުން ޤަތުލުކުރިކަމަށް ބުނެ، އޭނާއަށް ތައުބާވެވޭނެތޯ ސުވާލުކުރިއެވެ. އެރާހިބު މީހާ ޖަވާބުދިނެވެ. “ނޫނެކެވެ.” ފަހެ އޭނާ އެ (ރާހިބު) މީހާ ޤަތުލުކޮށް ސަތޭކަ ފުރިހަމަކުރިއެވެ.

ދެންފަހެ އޭނާ ބިންމަތީގައިވާ އެންމެ ޢިލްމުވެރި މީހަކާބެހޭ ގޮތުން ސުވާލުކުރިއެވެ. ފަހެ އޭނާއަށް ޢިލްމުވެރި ބޭކަލަކު ދެއްކުނެވެ. ފަހެ އޭނާ ސަތޭކަ މީހުން ޤަތުލުކުރިކަމަށް ބުނެ އޭނާއަށް ތައުބާވެވޭނެތޯ އެމީހާކުރެން ސުވާލުކުރިއެވެ. އެމީހާ ޖަވާބުދިނެވެ. “އާއެކެވެ. ތިބާއާއި ތައުބާއާއި ދެމެދަށް ވަންނާނީ ކާކުހެއްޔެވެ؟ މިވެނި އެވެނި ބިމަކަށް ދާށެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުން އަޅުކަންކުރަނީ ﷲ ތަޢާލާއަށެވެ. އެބައިމީހުންނާ ބައިވެރިވެ ﷲއަށް އަޅުކަންކުރާށެވެ. އަދި ތިބާގެ ބިމަށް އެނބުރި ރުޖޫޢަނުވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ނުބައި ބިމެކެވެ.”

ފަހެ އޭނާ ދަތުރަށް ފެށިއެވެ. މަގުގެ މެދެއްހާ ހިސާބުން އޭނާ ގާތަށް މަރު އަތުވެއްޖެއެވެ. ރަޙްމަތުގެ މަލާއިކަތުންނާއި ޢަޛާބުގެ މަލާއިކަތުން އޭނާއާމެދު ދެބަސްވެއްޖެއެވެ. ރަޙްމަތުގެ މަލާއިކަތުން ދެންނެވިއެވެ. “އޭނާ އެއައި ތައުބާވާ ޙާލު، ﷲތަޢާލާއަށް ހިތްޚާލިޞްކޮށްގެނެވެ.” އަދި ޢަޛާބުގެ މަލާއިކަތުން ދެންނެވިއެވެ. “ހަމަކަށަވަރުން އޭނާ އެއްވެސް ހެޔޮ ޢަމަލެއް ނުކުރެއެވެ.”

ފަހެ އެބޭކަލުންގެ އަރިހަށް އިންސާނެއްގެ ޞޫރައިގައި މަލާއިކަތަކު އަތުވެއްޖެއެވެ. ފަހެ އެބައިމީހުންގެ މެދަށް އެބޭކަލަކު ލައްވައިފިއެވެ. – އެބަހީ ޙާކިމެއްގެ ގޮތުގައެވެ. – ފަހެ (އެމަލާއިކަތާ) ދެންނެވިއެވެ. “އޭނާ އާއި ދެ ބިމާދޭތެރޭގައި މިންއަޅާށެވެ. އޭނާ އެބިމަކާ އެންމެ ގާތުގައިވާ ބިން ވަނީ އޭނާއަށެވެ.” ފަހެ އެބައިމީހުން މިންއެޅުއްވިއެވެ. ފަހެ އޭނާ އެބިމަކާ އެންމެ ގާތުގައިވާ ބިމަކަށް އެބައިމީހުންނަށް ފެނިވަޑައިގަތީ އޭނާ އެބިމަކަށް ދިޔުމަށް ބޭނުންވި ބިމެވެ. ފަހެ ރަޙްމަތުގެ މަލާއިކަތުން އޭނާގެ ފުރާނަ ހިއްޕެވިއެވެ.”

އަދި ޞައްޙަ ރިވާޔަތެއްގައިވެއެވެ. ((فَكَانَ إِلَى الْقَرْيَةِ الصَّالِحَةِ أَقْرَبَ بِشِبْرٍ فَجُعِلَ مِنْ أَهْلِهَا (( މާނައީ: “ޞާލިޙު ރަށްވީ އޭނާއާއި ކައިވަތަކަށްވުރެ ގާތުގައެވެ. އެހެން ކަމުން އޭނާއެއީ އެރަށުގެ އަހުލުވެރިއެއްކަމުގައި ބެލުނެވެ.”

އަދި ޞައްޙަ ރިވާޔަތެއްގައިވެއެވެ. ((فَأَوْحَى اللَّهُ تعالى إِلَى هَذِهِ أَنْ أَنْ تَبَاعَدِي وَ إِلَى هَذِهِ أَنْ تَقَرَّبِي وَقَالَ: قِيسُوا مَا بَيْنَهُمَا، فَوَجَدُوْهُ إِلَى هَذِهِ أَقْرَبَ بِشِبْرٍ فَغُفِرَ لَهُ))  މާނައީ: “ފަހެ ﷲ ތަޢާލާ މިއަށް (އެބަހީ: ނުބައި މީހުންގެ ބިމަށް) އޭނާއާއި ދުރުވުމަށް، އަދި މިއަށް(އެބަހީ: ޞާލިޙުންގެ ބިމަށް) އޭނާއާއި ގާތްވުމަށް ވަޙީކުރެއްވިއެވެ. އަދި (މަލާއިކަތުންނަށް) ވަޙީކުރެއްވިއެވެ. “އޭނާއާއި ދެބިމާދެމެދު މިންއަޅާށެވެ.” ފަހެ އޭނާއާއި މިއާ (އެބަހީ: ޞާލިޙުންގެ ބިމަށް) ގާތުގައިވީތީ އެބޭކަލުންނަށް ފެނިވަޑައިގަތެވެ. ފަހެ އޭގެ ސަބަބުން އޭނާގެ ފާފަ ފުއްސެވުނެވެ”

އާދޭހެވެ. މީހަކާއި ތައުބާއާއި ދެމެދަށް ވަންނާނީ ކާކުހެއްޔެވެ! އޭ ތައުބާވާން ބޭނުންވާ މީހާއެވެ. ތިބާ ތައުބާވާން ބޭނުންވާ ފާފަތަކަށް ވުރެ، ﷲ ތަޢާލާ ތައުބާ ޤަބޫލުކުރެއްވި، މިމީހާގެ ފާފަތައް ބޮޑުކަމަށް ތިބާއަށް މިހާރު ފެނޭ ހެއްޔެވެ؟ ފަހެ ތިބާ އުންމީދު ކަނޑާލަނީ ކީއްވެގެން ހެއްޔެވެ؟

އަދި ކިއެއްހެއްޔެވެ. އޭ މުސްލިމް އަޚާއެވެ. އެއަށްވުރެވެސް މިކަން މާމަތިވެރިއެވެ. ﷲ ތަޢާލާގެ މިވަޙީބަސްފުޅާމެދު ވިސްނަވާށެވެ. ﴿وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ وَلَا يَزْنُونَ  وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا  * إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ  وَكَانَ اللَّـهُ غَفُورًا رَّحِيمًا﴾ (سورة الفرقان ٦٨-٧٠)  މާނައީ: “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވާހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ ﷲ އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

ﷲ ތަޢާލާގެ މިވަޙީބަސްފުޅާމެދު ވިސްނާލައްވާށެވެ. ﴿… فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ …﴾ (سورة الفرقان ٧٠) މާނައީ: “… ފަހެ ﷲ އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. …” ތިބާއަށް މިއިން ދައްކައިދެނީ ﷲ ތަޢާލާގެ ފަޟުލުވަންތަވެރިކަމުގެ މަތިވެރިކަމެވެ. ޢިލްމުވެރިން ވިދާޅުވިއެވެ. މިތާގައިމިވާ ބަދަލުކުރެއްވުމުގެ ދެ ވައްތަރެއްވެއެވެ.

ފުރަތަމަ: ނުބައި ޞިފަތައް ހެޔޮޞިފަތަކަށް ބަދަލުކޮށްދެއްވައެވެ. އެގޮތުން ޝިރުކުކުރުން އީމާންކަމަށް ބަދަލުކުރައްވައެވެ. އަދި ޒިނޭކުރުން ޢިއްފަތްތެރިކަމަށެވެ. އަދި ދޮގުހެދުން ތެދުވެރިކަމަށެވެ. އަދި ޚިޔާނާތްތެރިކަން އަމާނާތްތެރިކަމަށެވެ. އަދިވެސް މިފަދައިންނެވެ.

ދެވަނަ: އޭނާ ކޮށްފައިވާ ނުބައި ކަންތައްތައް ޤިޔާމަތް ދުވަހުން ހެޔޮކަންތައްތަކަށް ބަދަލުކޮށްދެއްވައެވެ. މިބަސްފުޅަށް ވިސްނާލައްވާށެވެ. ﴿… يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ …﴾ (سورة الفرقان ٧٠) މާނައީ: “ﷲ އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. …”

މިތާގައި ކޮންމެ ނުބައިކަމެއް ހެޔޮކަމަކަށް ބަދަލުކުރައްވާނެކަމަކަށް އެކަލާނގެ ވަޙީނުކުރައްވައެވެ. އެއީ ޢަދަދުގެ ގޮތުން ނުވަތަ އެކަންމެދުވެރިވާގޮތުން މަދު ނުވަތަ އެއްވަރު ނުވަތަ ގިނަވެސް ވެދާނެއެވެ. އެކަން ބިނާވެގެންވަނީ ތައުބާވާމީހާގެ ތައުބާގެ ތެދުވެރިކަމާއި ފުރިހަމަކަމުގެ މައްޗަށެވެ. މިއަށްވުރެ ބޮޑު ފަޟުލުވަންތަވެރިކަމެއް ތިބާ ދުށިންހެއްޔެވެ؟ އިލާހީ ދީލަތިވަންތަކަމުގެ ޝަރަޙަ އަންނަނިވި ރީތި ޙަދީޘުން ބައްލަވާލައްވާށެވެ.

عَنْ عَبْدُ الرَّحْمَنِ بن جُبَيْرٍ، عَنْ أَبِي طَوِيلٍ شَطَبٍ الْمَمْدُودِ، أَنَّهُ أَتَى النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ (وفي طرق أخرى  –جَاءَ شَيْخٌ هَرِم قَدْ سَقَطَ حَاجِبَاهُ عَلَى عَيْنَيْهِ وَهُوَ يَدْعمُ عَلَى عَصا حَتَّى قَامَ بَيْنَ يَدَي النبي صلى الله عليه وسلم).

فَقَالَ: أَرَأَيْتَ رَجُلا عَمِلَ الذُّنُوبَ كُلَّهَا، فَلَمْ يَتْرُكْ مِنْهَا شَيْئًا، وَهُوَ فِي ذَلِكَ لَمْ يَتْرُكْ حَاجَةً وَلا دَاجَةً (أي صغيرة ولا كبيرة) إِلا أَتَاهَا، (وفي رواية: إلا اقْتَطَعَهَا بِيَمِيْنِهِ، لَوْ قُسِّمَتْ خَطِيْئَتَهُ بَيْنَ أَهْلِ الأَرْضِ لأَوْبَقَتْهُمْ- أي: أَهْلَكَتْهُمْ- )

 فَهَلْ لِذلِكَ مِنْ تَوْبَةٍ ؟

قَالَ: (فَهَلْ أَسْلَمْتَ؟)

 قَالَ: أَمَّا أَنَا فَأَشْهَدُ أَنْ لا إِلَهَ إِلا اللَّهُ، وَأَنَّكَ رَسُولُ اللَّهِ.

قَالَ: (تَفْعَلُ الْخَيْرَاتِ، وَتَتْرُكُ السَّيِّئَاتِ، فَيَجْعَلُهُنَّ اللَّهُ لَكَ خَيْرَاتٍ كُلَّهُنَّ)

قَالَ: وَغَدَرَاتِي وَفَجَرَاتِي؟

قال: (نَعَمْ)

قَالَ: اللَّهُ أَكْبَرُ.

فَمَا زَالَ يُكَبِّرُ حَتَّى تَوَارَى. 1

މާނައީ: އަބޫ ޠަވީލު ޝަޠަބު އަލްމަމްދޫދުގެ ކިބައިން ޢަބްދުއްރަޙްމާނު ބުން ޖުބައިރު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ.

[އެހެން ރިވާޔަތެއްގައި ވާގޮތުން ވަރަށް މުސްކުޅި ބޭކަލަކު ވަޑައިގަތެވެ. އެމީހާގެ ބުމަ ވަނީ ލޮލުގެމައްޗަށް ވެއްޓިފައެވެ. ހިންގަވަނީ ޢަޞާއެއްގެ އެހީގައެވެ. އެމީހަކު ވަޑައިގެން ނަބިއްޔާ صلى الله عليه وسلم ގެ ކުރިފުޅުމަތީ ހުއްޓުނެވެ.]

ފަހެ (އެމީހާ) ދެންނެވިއެވެ. “އެއްވެސް ފާފައެއް ދޫނުކޮށް، އެންމެހާ ފާފައެއްކޮށްފައިވާ މީހެކެވެ. އެމީހާ އެކަމުގައި ކުޑަ ބޮޑު އެއްވެސް ފާފައަކަށް އަރައިނުގަނެ ދޫނުކުރެއެވެ. [އެހެން ރިވާޔަތެއްގައިވާގޮތުން އޭނާގެ ކަނާއަތުން އަރައިނުގަންނަ (ފާފައެއް) ނުވެއެވެ. އޭނާގެ ފާފަތައް ބިމުގެ އަހުލުވެރިންގެ މައްޗަށް ބަހާލެވުނުނަމަ އެ(ފާފަތައް) އެބައިމީހުން ހަލާކުކޮށްލީހެވެ.] ފަހެ އެކަމަށްޓަކައި ތައުބާއެއްވޭ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. “ތިބާ އިސްލާމްވީހެއްޔެވެ؟”

އެމީހާ ދެންނެވިއެވެ. “ފަހެ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި ކަލޭގެފާނީ ﷲގެ ރަސޫލާކަމަށްވެސް އަޅު ހެކިވަމެވެ.”

އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ” ހެޔޮކަންތައްތައްކޮށް، ނުބައިކަންތައްތަކުން ދުރުހެލިވާށެވެ. އޭރުން ތިބާއަށްޓަކައި ﷲތަޢާލާ އެހުރިހާކަމެއް ހެޔޮކަންތައްތައް ކަމުގައި ލައްވާނެއެވެ.”

އެމީހާ ދެންނެވިއެވެ. ” ތިމަންގެ ޚިޔާނާތްތަކާ ފާފަތައްވެސް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. ” اللَّهُ أَكْبَرُ “

ފަހެ އެމީހާ އޮބާލަންދެން މެދުނުކެނޑި ތަކުބީރު ކިޔަމުން ދިޔައެވެ.

މިހާހިސާބުން ތައުބާވާމީހާ ސުވާލުކޮށްފާނެއެވެ. ފަހެ އޭނާ ބުނާނެއެވެ. “އަހަރެން މަގުގެއްލިފައި ނަމާދުނުކޮށް އުޅުނުއިރު އަހަރެން ވަނީ އިސްލާމީ މިއްލަތުން ބޭރުގައެވެ. އެހެންނަމަވެސް އަހަރެން ބައެއް ޞާލިޙު ޢަމަލުތައް ކުރީމެވެ. އަހަރެން ތައުބާވުމަށްފަހު އެޢަމަލުތަކުން ފައިދާއެއް ކުރާނެހެއްޔެވެ. ނުވަތަ އެކަންތައްތައް ވަޔާދާނީ ހެއްޔެވެ؟”

ޖަވާބު މިވަނީއެވެ: عَنْ عُرْوَةُ بْنُ الزُّبَيْرِ أَنَّ حَكِيمَ بْنَ حِزَامٍ أَخْبَرَهُ أَنَّهُ قَالَ لِرَسُولِ اللَّهِ -صلى الله عليه وسلم- :أَىْ رَسُولَ اللَّهِ، أَرَأَيْتَ أُمُورًا كُنْتُ أَتَحَنَّثُ بِهَا فِى الْجَاهِلِيَّةِ مِنْ صَدَقَةٍ أَوْ عَتَاقَةٍ أَوْ صِلَةِ رَحِمٍ أَفِيهَا أَجْرٌ؟ فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- : ((أَسْلَمْتَ عَلَى مَا أَسْلَفْتَ مِنْ خَيْرٍ)). [رواه البخاري]

މާނައީ: ޢުރުވަތު ބުން ޒުބައިރު ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ޙަކީމު ބުން ޙިޒާމު އެކަލޭފާނަށް ޚަބަރުދެއްވިއެވެ. އެކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم އަށް ހަމަކަށަވަރުން ދެންވެނިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑު ޖާހިލިއްޔަތުގެ ދުވަސްވަރު ﷲއަށް ކުއްތަންވުމުގެ ގޮތުން ކޮށްފައިވާކަންތައްތަކުގެ ތެރެއިން ޞަދަޤާތްކުރުމާއި، އަޅުން މިނިވަންކުރުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންކަމުގެ އަޖުރު ލިބޭނެތޯއެވެ؟” ފަހެ ރަސޫލުﷲ  ޙަދީޘްކުރެއްވިއެވެ. “ތިބާ އިސްލާމްވީ ތިބާ އިހުގައިކޮށްފައިވާ ރަނގަޅުކަންތައްތަކުގެ މައްޗަށެވެ.”

ފަހެ މިފާފަތައް ފުއްސެވޭނެއެވެ. އަދި މިނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ބަދަލުކުރެވޭނެއެވެ. އަދި ޖާހިލިއްޔަތުގެ ދުވަސްވަރުގެ މި ހެޔޮ ޢަމަލުތައް އޭނާ ތައުބާވުމަށްފަހު އޭނާއަށް ޘާބިތުކޮށްދެވޭނެއެވެ. އިތުރަށް ދެން އޮންނާނީ ފަހެ ކޮންކަމެއްހެއްޔެވެ؟!

-ނުނިމޭ-

__________________________________

[1] އަލްހައިޘަމީ ވިދާޅުވިއެވެ: އައްޠަބަރާނީއާއި އަލްބައްޒާރު މިފަދަ ގޮތަކަށް ރިވާކުރެއްވިއެވެ. އަދި ބައްޒާރު ރިވާކުރެއްވި އިރު (އެސަނަދުގައި ތިބި) ބޭކަލުންނަކީ ޞައްޙަފޮތްތަކުގައި ރިވާކުރާފަދަ ބޭކަލުންނެވެ. محمد بن هارون بن نشيطة ފިޔަވައެވެ. އޭނާއަކީ ޘިޤާއެއް(އިތުބާރުހިފޭ މީހެއް) ކެވެ. (المجمع ١/٣٦)

އަދި އަލްމުންޛިރީ الترغيب ގައި ވިދާޅުވިއެވެ: މީގެސަނަދަކީ جيد قوي(ރަނގަޅު ވަރުގަދަ) ސަނަދެކެވެ. (٤/١١٣)

الإصابة ގައި އިބްނު ޙަޖަރުވިދާޅުވިއެވެ: އެވަނީ الصحيح ގެ ޝަރުޠުގައެވެ. (٤/١٤٩ ترجمة شطب)

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ