އަމިއްލަ ނަފްސު އިޞްލާޙުކޮށް، ހިތްތައް ޠާހިރުކޮށް، އީމާންކަން ވަރުގަދަ ކުރުމަށްޓަކައި ޙައްޖުގެ އަޅުކަމަކީ ރަނުގެ ފުރުޞަތެކެވެ. ﷲތަޢާލާ، ބަރަކާތްތެރިކުރައްވައި މާތްކުރައްވާފައިވާ މިއަޅުކަމުން، އަޤީދާއާއި އަޅުކަމާއި އަޚްލާޤުގެ އެތައް ފިލާވަޅުތަކެއް މީސްތަކުންނަށް ލިބިގެންދެއެވެ. އެހެންކަމުން މިއަޅުކަން ވެފައިވަނީ ތަޤުވާވެރި މުއުމިނުންތަކެއް އުފައްދާ ތަރުބަވީ މަދަރުސާއަކަށެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ [٢٧] لِّيَشْهَدُوا مَنَافِعَ لَهُمْ﴾ [سورة الحج: ٢٧- ٢٨]
“އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެބައިމީހުންނަށްހުރި މަންފާތަކެއް ލިބިގަތުމަށްޓަކައެވެ.”
ޙައްޖުން ލިބިގެންދާ މަންފާތަކާއި ފައިދާތައް ގުނައި އަދަދު ނުކުރެވޭހާ ގިނައެވެ. އަދި އެއިން ލިބިގެންދާ ޢިބުރަތްތަކާއި ފިލާވަޅުތައްވެސް އެހާމެ ގިނައެވެ. ﷲތަޢާލާވަނީ ޙައްޖު ސޫރަތުގެ 28ވަނަ އާޔަތުގައި މިކަން ބަޔާންކުރައްވާފައެވެ. އެއާޔަތުގައި އެއިލާހު އަންގަވަނީ މީސްތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އައުންވަނީ، އެބައިމީހުންނަށްހުރި މަންފާތަކެއް ލިބިގަތުމަށްޓަކައި ކަމުގައެވެ. އެއާޔަތުގައި އައިސްފައިވާ مَنَافِع އަކީ މަންފަޢާގެ ޖަމްޢުއެވެ. އަދި ހަމައެއާއެކު މަޢުރިފާކޮށް (ޚާއްޞަކޮށް) އައުމުގެ ބަދަލުގައި، އެއާޔަތުގައި އައިސްފައިވަނީ ނަކިރާކޮށެވެ. (ޢާއްމުކޮށެވެ.) އެހެންވީމާ މިދެގޮތުންވެސް އެނގިގެންދަނީ އެމަންފަޢާތަކުގެ ގިނަކަމެވެ. ޚާއްޞަކޮށް ވަކިމަންފާތަކެއްގެ ބަދަލުގައި ޢާއްމުކޮށް ގިނަގުނަ މަންފާތަކެއް އެއިން ލިބިގެންދާ ކަމެވެ.
މި މަންފާތަށް ޙާޞިލުކުރުމަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު އެއްމަޤްޞަދެވެ. މިކަންވެސް ޙައްޖު ސޫރަތުގެ 28 ވަނަ އާޔަތުން އެނގިގެންދެއެވެ. އެއާޔަތުގައި އައިސްފައިވަނީ، ﴿لِّيَشْهَدُوا مَنَافِعَ لَهُمْ﴾ (“އެއީ އެބައިމީހުންނަށްހުރި މަންފާތަކެއް ލިބިގަތުމަށްޓަކައެވެ.”) މިފަދައިންނެވެ. މިއާޔަތުގެ ކުރީކޮޅުގައި އައިސްފައިމިވާ ل އަށް ޢަރަބިބަހުގެ ޤަވާޢިދުގައި ކިޔަނީ ‘ލާމުއްތަޢުލީލް’ އެވެ. އޭގެ މާނައަކީ ސަބަބު، ނުވަތަ މަޤްޞަދު ބަޔާންކުރާ ލާމް އެވެ. މިލާމު ގުޅިފައިވަނީ 27 ވަނަ އާޔަތުގައި އައިސްފައިވާ އަމުރުފުޅާއެވެ. އެހެންކަމުން ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު މަޤްޞަދަކީ މިމަންފާތައް ޙާޞިލުކުރުންކަން އެނގިގެންދެއެވެ.
މިމަންފާތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ހިތްތައް ޠާހިރުވެ، އީމާންކަން ވަރުގަދަވެ، ނަފްސު އިޞްލާޙުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ حَجَّ هَذَا البَيْتَ، فَلَمْ يَرْفُثْ، وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ» [رواه البخاري (1820) ومسلم (438 – (1350))]
“(ޙައްޖުތެރޭގައި) ފާޙިޝް އެއްވެސް ޢަމަލެއް ކުރުމަކާނުލައި، އަދި އެއްވެސް ފާފައެއްކުރުމަކާ ނުލައި، މިގެކޮޅަށް އައިސް ޙައްޖުވެއްޖެ މީހާ އެނބުރި ދާހުށީ މަންމަ އޭނާ ވިހެއި ދުވަހު ހުރިފަދައިންނެވެ. (އެބަހީ: އެއްވެސް ފާފާއަކާއި ނުލައި ޠާހިރުވެގެންވާ ޙާލުގައެވެ.)”
މިފަދަ މަތިވެރި މަންފާއެވެ ޙާޞިލުވެއްޖެ ކޮންމެ މީހަކުމެ، އޭނާގެ ޤައުމަށް އެނބުރި ދާހުށީ އާހަޔާތަކާއެކުގައެވެ. އީމާންކަމާއި، ތަޤުވާވެރިކަމުން ފުރިގެންވާ ހިތަކާއިގެންނެވެ. އިޞްލާޙުވެ، ހެޔޮޢަމަލުކުރުގައި މަޝްޣޫލުވެ، ﷲގެ ރުހިވޮޑިގަތުން ޙާޞިލްކުރަން މަސައްކަތް ކުރާ ނަފްސަކާއިގެންނެވެ. މިފަދަ ބަދަލުތަކެއް އޭނާގެ ޙަޔާތަށް އައުމަކީ ﷲގެ ރުހިވޮޑިގަތުން ޙާޞިލުވެ، އޭނާގެ ޙައްޖުގެ އަޅުކަން ޤަބޫލުވިކަމުގެ ޢަލާމާތެއް ކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ.