[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ރަތްކާރު

ރައްޔާން އާއި ޒަޔާން އަކީ ވަރަށް އެކުވެރި ދެކުދިންނެވެ. ދެކުދިން އުޅެނީ އެއްކުލާހެއްގައެވެ. ސްކޫލް ބަންދު ދުވަސްތަކުގައި އެއްކުއްޖަކު އަނެއްކުއްޖެއްގެ ގެއަށްގޮސް  ކުޅެހަދައެވެ.

މިއަދަކީވެސް ބަންދު ދުވަހެއްކަމުން ޒަޔާން، ބައްޕައާއެކު ރައްޔާންމެން ގެއަށް ދިޔައެވެ. ރައްޔާންއަށް ޒަޔާން ފެނުމާއެކު ވަރަށް އުފަލުން ސަލާމްކޮށް މަރުޙަބާ ކިއެވެ. އަދި ޒަޔާން ގޮވައިގެން ކުޅެން ދިޔައެވެ. ދެކުދިން ވަރަށް އެކުވެރިކަމާއެކު ބްލޮކްސް ކުޅެ ކާރު ދުއްވިއެވެ. ކުޅުމުގެތެރޭގައި ރައްޔާންގެ ކުޅޭތަކެތި އަޅާ ވަށިގަނޑުން ރަތްކުލައިގެ ކާރެއް ޒަޔާން އަށް ފެނުނެވެ. ޒަޔާންއަށް އެކާރު ވަރަށް ރީތިވިއެވެ. އަދި ވަރަށް ބޮޑަށް އެކާރު ބޭނުންވިއެވެ. އެހެންކަމުން ރައްޔާން ނުބަލައިހުރި ވަގުތެއްގައި ކާރު ޖީބަށް ލިއެވެ. އެވަގުތު ޒަޔާންއަށް ކުރެވުނީ ކިހާ ގޯސް ކަމެއްކަން ނުވިސްނައެވެ. އެއަށްވުރެބޮޑަށް  ޒަޔާން ހުރީ އެކާރު ބޭނުންވެފައެވެ.

ޒަޔާންގެ ބައްޕަ ބަލައި ދިޔުމުން ޒަޔާން ގެއަށް ދިޔައެވެ. ގެއަށް ދިޔަގޮތަށް ކޮޓަރިއަށްވަދެ، ވަރަށް ސިއްރުން ކުޅޭ ވަށިގަނޑަށް ކާރު ލިއެވެ. ޒަޔާން ކާރު ވަށިގަނޑަށްލީ ވަގުތު ބައްޕައަށް ކޮޓަރިއަށް ވަދެވުނެވެ. ބައްޕައަށް ކާރު ފެނުނުކަން ޒަޔާން އަކަށް ނޭނގެއެވެ.

ޒަޔާން އެހާ ސިއްރުން އުޅުނީމާ އެއީ ރައްޔާން ގާތުގައި ނުބުނެ ގެނައި ކާރެއްކަން ޒަޔާންގެ ބައްޕައަށް ވިސްނުނެވެ. އެކަހަލަ ކަމެއް ޒަޔާންގެ ފަރާތުން ފެނުމުން ބައްޕަ ވަރަށް ކަންބޮޑުވެ ދެރަވެސް ވިއެވެ. އަދި އެހެން ކުދިންގެ ތަކެތި އެކުދިންގެ ހުއްދަ ނުހޯދާ ސިއްރުން ނެގުމަކީ ކިހާ ގޯސް ކަމެއްކަން ޒަޔާންއަށް ވިސްނައިދޭން ބޭނުންވިއެވެ.

އޭގެ އަނެއްދުވަހުގެ ހެނދުނު ޒަޔާން ވަރަށް ދެރަވެފައި ހުރެގެން ބައްޕަގެ ގާތަށް ދިޔައެވެ. ބައްޕަ، ޒަޔާން އެހާ ދެރަވެފައި ހުރީ ކީއްވެގެންތޯ ސުވާލު ކުރިއެވެ. “ބައްޕާ، އަޅުގަނޑުގެ ހެލިކޮޕްޓަރު ގެއްލިއްޖެ…ހޯދާ ހޯދާވެސް ނުފެނުނު” ޒަޔާން ފެންކަޅިވެފައިހުރެ ޖަވާބު ދިނެވެ. ބައްޕަ ޒަޔާންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. “ދަރިފުޅު ހުރިހާ ތަނެއް ހޯދައިފިންތަ؟ އަދިވެސް ހޯދާލަންވީނު؟” ބައްޕަ ބުނުމުން ޒަޔާން އަނެއްކާވެސް ހެލިކޮޕްޓަރު ފެނޭތޯ ހޯދަންދިޔައެވެ. ނޫ ކުލައިގެ އެ ހެލިކޮޕްޓަރަކީ ޒަޔާންގެ ކުޅޭތަކެތީގެ ތެރެއިން ޒަޔާންއަށް އެންމެރީތި އެންމެ ލޯބިވާ ކުޅޭއެއްޗެވެ. އޭގައި ހުންނަ ވާކޮޅަކަށް ދަމައިލީމާ އަސްލު ހެލިކޮޕްޓަރު ދުއްވާއިރު ހުންނަކަހަލަ އަޑެއްހުރެ އެވެ. އަދި ހެލިކޮޕްޓަރުގެ ދެފަރާތުގައި ހުންނަ ރަތްކުލައި ބޮކިތައް ދިއްލެއެވެ. ކޮންމެ ދުވަހަކުވެސް ކުޅޭގަޑީގައި ޒަޔާން އެންމެގިނައިން ކުރާކަމަކީ ހެލިކޮޕްޓަރު ދުއްވުމެވެ. އެހެންކަމުން ހެލިކޮޕްޓަރު ގެއްލުމުން ޒަޔާން ވަރަށްބޮޑަށް ދެރަވިއެވެ.

އަނެއްކާވެސް ޒަޔާން ހެލިކޮޕްޓަރު ހޯދަންފެށިއެވެ. އެނދުތަންދޮށާއި އަލަމާރި ބެލިއެވެ. ބަދިގެ ތެރެއާއި ސިޓިންރޫމް ބެލިއެވެ. ބޭރު ގޯތިތެރެވެސް ބެލިއެވެ. ހުރިހާތަނެއް ހޯދިއިރުވެސް ނުފެނުނެވެ. އޭރު ޒަޔާން ހުރީ ވަރުބަލިވެގެންގޮސް ދާހިއްލާފައެވެ. ޒަޔާން އުޅުނީ ރައްޔާން ގެ ކާރާއި ޒަޔާންގެ ހެލިކޮޕްޓަރު ހިފައިގެން ކޮޓަރިތެރޭގައި ވަރަށް ގިނައިން ކުޅެލާށެވެ. އެކަމަކު ހެލިކޮޕްޓަރު ގެއްލުމުން ޒަޔާން ބޭނުންވިގޮތަށް ނުކުޅެވުނެވެ. އަދި ކުޅޭހިތްވާ ވަރަށްވުރެ ޒަޔާން ހުރީ  މާބޮޑަށް ދެރަވެސް ވެފައެވެ.

ޒަޔާންގެ ބައްޕަ ސިޓިންރޫމްގައި ފޮތް ކިޔަން ހުރިއިރު ހެލިކޮޕްޓަރު ހޯދަން ޒަޔާން ކުރި ހުރިހާ މަސައްކަތް ފެނުނެވެ. ޒަޔާންއަށް ހުރީ ރޮވިފައެވެ. އެންމެފަހުން ހެލިކޮޕްޓަރު ނުފެނުމުން ބައްޕަ ގާތުގައި ބުންޏެވެ. “ބައްޕާ… ދެން ކިހިނެތް ހަދާނީ؟” އެވަގުތު ބައްޕަ، ޒަޔާން ގެނެސް ކައިރީގައި ހުރި ގޮނޑީގައި ބޭންދުމަށްފަހު ބައްޕަ އަންނަންދެން މަޑުކުރުމަށް ބުންޏެވެ.

ބައްޕަގެ ކޮޓަރިއަށް ވަދެފައި ވަރަށް އަވަހަށް ނުކުތެވެ. އަދި އަތުގައި އޮތް ހެލިކޮޕްޓަރު ޒަޔާން އަށް ދިނެވެ. އެވަގުތު ޒަޔާންއަށް އުފަލުން ހެލިކޮޕްޓަރުގައި ބައްދައިލެވުނެވެ. ހަމައެއާއެކު ޙައިރާންވެފައި ބައްޕައާ ސުވާލުކުރިއެވެ. “ކިހިނެތް ބައްޕައަށް އެނގުނީ ކޮޓަރީގައި ހެލިކޮޕްޓަރު އޮތްކަން؟ ކާކު ކޮޓަރީގައި ބޭއްވީ؟؟” ބައްޕަ ޖަވާބުދިނެވެ. “ބައްޕަ ބޭއްވީ.”  ބައްޕަ ޖަވާބު ދިނުމުން ޒަޔާން ކުރިއަށްވުރެވެސް ބޮޑަށް ޙައިރާންވިއެވެ. އަދި ޝަކުވާގެ ރާގުގައި ބުންޏެވެ. “ބައްޕަ ކީއްވެ ދެން ނުބުނީ؟ ކޮއްކޮ ހާދަ ދެރަވިއޭ ހެލިކޮޕްޓަރު ގެއްލުނީމަ. އަދި ހޯދާހޯދާ ވަރަށް ބޮޑަށް ވަރުބަލިވެސްވެއްޖެ.” ޒަޔާން އެހެން ބުނުމުން ބައްޕަ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. މިފަހަރު ވަނީ ޒަޔާންގެ ކޮޓަރިއަށެވެ. އަދި ރައްޔާންގެ ކާރު ހިފައިގެން އައެވެ.

ކާރުފެނުމުން ޒަޔާން ވަރަށް ހާސްވިއެވެ. ބައްޕަގެ މޫނަށް ބަލާލަން ވެސް ނުކެރިފައި ހަދާނެގޮތެއް ނޭގިފައި ހުރެވުނެވެ. ކާރުގެނެސް މޭޒުތީގައި ބޭއްވުމަށްފަހު ބައްޕަ ޒަޔާންއާ މަޑުމައިތިރި ކަމާއެކު ކޮންތާކުންހޯދި ކާރެއްތޯ ސުވާލުކުރިއެވެ. ޒަޔާން ވަރަށް ޖެހިލުންވެހުރެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ބައްޕަ: “އެހެންވީމަ ރައްޔާން އަށް ނޭނގޭނެ ދޯ ދަރިފުޅު ކާރު ގެނައިކަން؟؟”

ޒަޔާން މަޑުމަޑުން ބޯ ޖަހަލިއެވެ. އެއާއެކު ބައްޕަ ވާހަކަ ދައްކަންފެށިއެވެ. “ބައްޕަ މިއަދު ވަރަށް ދެރަވެއްޖެ. ދަރިފުޅަށް އެނގޭތަ! އެއްވެސް އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތަށް ނާންގާ ނެގުމަކީ ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ ކަމެއް. އިސްލާމްދީން ނުހަނު މަނާކުރައްވާފައިވާ ކަމެއް. ދަރިފުޅު ވިސްނާލަބަލަ. ހެލިކޮޕްޓަރު ގެއްލުނީމަ ދަރިފުޅު ވަރަށް ދެރަވިއެއްނު. ހެލިކޮޕްޓަރު ފެނޭތޯ ވަރުބަލިވަންދެން ހޯދީމެއްނު. ހަމަ އެގޮތައް ކާރު ގެއްލުނީމަ ރައްޔާން ވެސް ހަމަ އެހާ ދެރަވާނެ. މިހާރު ރައްޔާންމެންގޭގެ އެންމެންވެގެން ރައްޔާންގެ ކާރު ހޯދާނެ. މީހަކަށް ނުފެންނާނޭ ކަމަށް ސިއްރުން ކަންތައް ކުރުމަކީ މުސްލިމުންގެ ގޮތެއްނޫން. މުސްލިމުން ހަނދާން ކުރަންވާނެ ﷲތަޢާލާ އަބަދުވެސް ބައްލަވާ ވޮޑިގެންވާކަން. ކިތަންމެ އަނދިރީގައި ކިތައްމެ ސިއްރުން ކުރިޔަސް އެކަލާނގެ ބައްލަވާވޮޑިގަންނަވާނެ.”

ބައްޕަ ވާހަކަ ދައްކާނިމުނު އިރު ޒަޔާން އަށް ހުރީ ރޮވިފައެވެ. ޒަޔާންއަށް ކުރެވުނީ ކުށެއްކަން ވިސްނުނެވެ. ޒަޔާންވެސް ބޭނުމީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާފަދަ ކުއްޖަކަށް ވާށެވެ. ޒަޔާން ބައްޕަ ކައިރިން މަޢާފަށް އެދުނެވެ. ބައްޕަ މަޢާފު ކުރިއެވެ. އަދި ޒަޔާން ދޮގު ނުހަދާ ހުރިހާ ވާހަކައެއް ކިޔައިދިނީތީ ވަރަށްއުފާވި ކަމަށް ބުންޏެވެ.

ޒަޔާން ވަގުތުން ރައްޔާންގެ ކާރު ހިފައިގެން އެގެއަށް ދިޔައެވެ. އޭރު ރައްޔާން ހުރީ ހަމަ ޒަޔާންވެސް ހެލިކޮޕްޓަރު ނުފެނިގެން ހޯދިއިރި ހުރިގޮތަށް ދެރަވެފައެވެ. ގޭގެ އެންމެން ރައްޔާންގެ ކާރު ހޯދަނީއެވެ. ޒަޔާން ވަރަށް ލަދުންހުރެ ރައްޔާންގެ ކާރުދީފައި މަޢާފަށް އެދުނެވެ. ރައްޔާން، ޒަޔާންއަށް މަޢާފުކުރިއެވެ. ރައްޔާން ހުރީ ރަތްކާރު ފެނުމުން ވަރަށް ބޮޑަށް އުފާވެފައެވެ.