ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (الحَجُّ عَرَفَة) [މާނަ: ޙައްޖަކީ ޢަރަފާތެވެ.] މިބަސްފުޅުގެ މާނައަކީ ކޮބާ ހެއްޔެވެ؟
الحمد لله
“ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅުގައި އައިސްފައިވާ (الحَجُّ عَرَفَة) [މާނަ: ޙައްޖަކީ ޢަރަފާތެވެ.] މިބަސްފުޅުގެ މާނައަކީ ހަމަކަށަވަރުން ޙައްޖުކުރާއިރު ޢަރަފާތުބިމުގައި މަޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމެވެ. ފަހެ ޢަރަފާތުބިމަށް ނުދެއްވިއްޖެމީހާއަށް ޙައްޖުފާއިތުވެއްޖެއެވެ.
އަދި މީގެ މާނައަކީ ޢަރަފާތުބިމަށް ދެވިއްޖެމީހަކަށް ދެން ޙައްޖުގެ އެހެން ޢަމަލުތައް ކުރަންނުޖެހޭ ވާހަކައެއްނޫނެއެވެ. މިކަމަކީ އިޖުމާޢުވެފައިވާކަމެކެވެ. ފަހެ ހަމަކަށަވަރުން މީހަކު ޢަރަފާތުބިމަށް ދިޔަޔަސް ދެންވެސް ޙައްޖުގެ ބާކީހުރި ޢަމަލުތައް އަދާކުރަންޖެހޭނެއެވެ. އެއީ މުޒްދަލިފާގައި ރޭ ހޭދަކުރުމާއި، ޠަވާފުލް އިފާޟާކުރުމާއި، ޞަފާއާއި މަރުވާއާ ދެމެދު ސަޢުޔުކުރުމާއި، ޖަމްރާތަކަށް ހިލައުކުމާއި، މިނާގައި ރޭ ހޭދަކުރުމެވެ.
ނަމަވެސް އެބަސްފުޅުގެ މާނައަކީ: ޙައްޖުކުރާއިރު ކޮންމެހެންވެސް ޢަރަފާތުބިމަށްދާންޖެހޭނެކަމެވެ. ޢަރަފާތުބިމަށް ނުދެވިއްޖެނަމަ އޭނާއަށް ޙައްޖެއްނުވެއެވެ. އެހެންކަމުން ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. [ޢަރަފާތުގައި]ހުރުން ފާއިތުވެއްޖެމީހަކަށް ޙައްޖުފާއިތުވެއްޖެއެވެ.”
ފަޟީލަތުއްޝައިޚު މުޙައްމަދު އިބްނު ޞާލިޙުލް ޢުޘައިމީން رحمه الله
“مجموع فتاوى ابن عثيمين” (23/24)
_____________________________________
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2(އިނގިރޭސި)