[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންސާނާގެ އަޞްލަކީ ތައުޙީދުތަ ނުވަތަ ޝިރުކުތަ؟

އާދަމުގެ ދަރީންގެ އަޞްލަކީ ތައުޙީދެވެ. ޝިރުކެއް ނޫނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުން ހައްދަވާފައިވަނީ އެއިލާހު އެއްކައުވަންތަކުރާ ބައެއްގެ ގޮތުގައެވެ. ޤުދުސިއްޔަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. إِنِّي خَلَقْتُ عِبَادِي حُنَفَاءَ فَاجْتَالَتْهُمْ الشَّيَاطِينُ[1]  މާނައީ: “ތިމަން އިލާހު ތިމަންއިލާހުގެ އަޅުން އުފެއްދެވީ ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބިފައިވާ ބައެއްގެ ގޮތުގައެވެ. އެބައިމީހުން މަގުފުރެއްދީ ޝައިޠާނުންނެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللهِ الَّتِي فَطَرَ النَّاسَ عَلَيْهَا لا تَبْدِيلَ لِخَلْقِ اللهِ[2] މާނައީ: “ފަހެ ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބިގެންވާ ޙާލު އިސްލާމްދީނަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ. އެއީ މީސްތަކުން އެ ފިތްރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނުވެއެވެ.”

އައްޞަޙީޙުގައި ވެއެވެ. “كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ ، أَوْ يُنَصِّرَانِهِ ، أَوْ يُمَجِّسَانِهِ”[3] މާނައީ: “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.”

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ[4]  މާނައީ: “މީސްތަކުން އެއް އުއްމަތެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، އުފާވެރިކަމުގެ ޚަބަރުދޭ ބަޔެއްގެ ގޮތުގައްޔާއި އަދި އިންޛާރުކުރަނިވި ބަޔެއްގެ ގޮތުގައި ﷲ ނަބީބޭކަލުން ފޮނުއްވިއެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَمَا كَانَ النَّاسُ إِلاَّ أُمَّةً وَاحِدَةً فَاخْتَلَفُوا[5]  މާނައީ: “އަދި މީސްތަކުން (އެންމެފުރަތަމަ) އެއް އުއްމަތެއް ކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށްފަހު) އެއުރެން ޚިލާފުވީއެވެ.”

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. كَانَ بَيْنَ آدَمَ وَنُوحٍ عَشَرَةُ قُرُونٍ كُلُّهُمْ عَلَى الإِسْلامِ[6]  ” އާދަމް ޢަލައިހިއްސަލާމާއި ނޫޙު ޢަލައިހިއްސަލާމާ ދެމެދު ދިހަ ޤަރުނުވިއެވެ. އެހުރިހާ އެންމެންވެސް ވީ އިސްލާމްދީން މަތީގައެވެ.”

އެހެންކަމުން ޝިރުކަކީ އާދަމުގެ ދަރީންގެ މައްޗަށް ފަހުން ފާޅުވެފައިވާ އެއްޗެކެވެ. އެބައިމީހުންގެ އަޞްލެއްނޫނެވެ. އެބައިމީހުންގެ އަޞްލަކީ ތައުޙީދެވެ. އެހެންކަމަށްވާނަމަ ޝިރުކު އުފެދިގެން އައީ ކިހިނެއް ހެއްޔެވެ؟

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު وَقَالُوا لاَ تَذَرُنَّ آَلِهَتَكُمْ وَلاَ تَذَرُنَّ وَدًّا وَلاَ سُوَاعًا وَلاَ يَغُوثَ وَيَعُوقَ وَنَسْرًا[7] “އަދި އެމީހުން ބުނެއުޅެތެވެ. ތިޔަބައިމީހުން(އަޅުކަންކުރާ) އިލާހުންތައް ހަމަ ހިލާ ދޫކޮށްނުލާށެވެ. އަދި ވައްދާޢި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި ނަސްރާ(މިތަކެތި) ދޫކޮށްނުލާށެވެ” އާ ބެހޭގޮތުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “މިއީ ނޫޙު ޢަލައިހިއްސަލާމުގެ ޤައުމުގައި  އުޅުނު ވަރަށް ޞާލިޙު ބައެއްގެ ނަންތަކެވެ. ވަރަށް ޞާލިޙު ބަޔަކު އުޅުނެވެ. އެމީހުން އެގޮތުގައި އުޅެ ފަނާވެ ދިޔުމަށްފަހު އެމީހުންގެ ޤައުމުގެ މީހުންގެ ކައިރިއަށް ޝައިޠާނާ އައިސް ވަސްވާސް ލައިދިނެވެ. އެ ވަސްވާހަކީ އެފަދަ މާތް ލަފާދާރު ބަޔަކު ދުނިޔެއިން ނެތި ދިޔައިރު އެމީހުންގެ ގޮތަށް ނޫޅެވޭ ތަނުގައި އެމީހުންގެ ނަން ދިރުވައި ހަނދާނެއްގެ ގޮތުން ސޫރަހަދާފައި ބެހެއްޓުމަށެވެ. އެހިނދު މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި މިބައިމީހުންނަށް ފެނި އެ އަޅުވެރީންގެ ސޫރަތައް ހަދާ ތަމްޘީލުކޮށްފައި ބަހައްޓައިފިއެވެ. މިދެންނެވި ޞާލިޙުންގެ ނަންތަކާ އެއްގޮތަށް މިބުދުތަކަށްވެސް ނަންދީފީއެވެ. އެނަންތަކީ ވައްދުއާއި ސުވާޢުއާއި ޔަޣޫޘުއާއި ޔަޢޫޤު އާއި އަދި ނަސްރު މިފަސް މީހުންގެ ނަމެވެ. ޖީލުތައް އުފަންވަމުން ދިޔަވަރަކަށް އެބައިމީހުންގެ އަޞްލު މަޤްޞަދު ހަނދުމަނެތިގޮސް، އެ ބުދުތަކަށް އަޅުކަންކުރާން ފެށިއްޖެއެވެ.”

މިކަމުގެ ސަބަބާމެދު ވިސްނާލާށެވެ. އެއީ ޖާހިލުކަމާއި ޢިލްމު ބީވެގެންދިޔުމާއި ޝައިޠާނާގެ މަކަރެވެ. ﷲ އަހަރެމެން މިކަންތައްތަކުން ރައްކާތެރިކުރައްވާށީއެވެ! އާމީން

ޢަރަބިންގެ ތެރޭގައި ޝިރުކު އާލާވެގެންދިޔައީވެސް މިފަދަ ގޮތަކަށެވެ. އެބައިމީހުން ތިބީ ﷲ ގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ދީންމަތީގައެވެ. ޖާހިލުކަން ފެތުރި ޢިލްމު ނެތިދިޔުމާއެކު ޢަމްރު ބުނު ލުޙައްޔު ކިޔާ މީހަކު ޝާމުކަރައިން ބުދެއް ހިފައިގެން ޙިޖާޒުކަރައަށް އައުމާއެކު އިސާހިތަކު ޢަރަބިކަރާގައި ޝިރުކު ފެތުރިގެންފިއެވެ. ތައުޙީދުގެ ބިމެއްގައި އަހަރެމެން އުޅެމުން ދިޔަކަމުގައިވިޔަސް ޝިރުކާމެދު ބިރު ގަންނަންޖެހޭލެއް ވަރަށް ބޮޑުކަން މިކަމުން އަހަރެމެންނަށް އެނގިގެން ހިނގައްޖެއެވެ. فَلاَ يَأْمَنُ مَكْرَ اللهِ إِلاَّ الْقَوْمُ الْخَاسِرُونَ[8]  “ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، ﷲގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާން ވެގެންނެއް ނުތިބޭނެތެވެ.”

ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ[9]  ‘އަދި އަހަރެންނާ އަހަރެންގެ ދަރީން ބުދަށް އަޅުކަން ކުރުމުން ދުރުކުރައްވާފާދޭވެ!’

ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްވައްހާބު އެކަލޭގެފާނުގެ “ކިތާބުއް ތައުޙީދި” ފޮތުގައި بَابُ الخَوْف مِنَ الشِّرْكِ “ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތްބާބު” ގެ ނަމުގައި ބާބެއް ބަންނަވާފައިވެއެވެ. އަދި ޝިރުކުން ރައްކާތެރިވުން ވާޖިބުކަމުގެ ބައެއް ނައްޞުތައް ގެންނަވާފައިވެއެވެ. ﷲ އަހަރެމެން މިކަންތައްތަކުން ރައްކާތެރިކުރައްވާށީއެވެ! އާމީން

 = أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=


[1] رواه مسلم

[2] الروم 30

[3] متفق عليه

[4] البقرة 213

[5] يونس  19

[6] تفسير ابن كثير

[7] نوح

[8] الأعراف 99

[9] إبراهيم 35