ދަންނާށެވެ! އިސްލާމްކަން ގެއްލޭ ދިހަކަމެއް ވެއެވެ.
1- ފުރަތަމަ ކަންތައް: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ- النساء 48 “ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. إنَّهُ مَنْ يُشْرِك بِاللهِ فَقَد حَرَّمَ اللهُ عَلَيْه الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِيْن مِنْ أنْصَارٍ- المائدة 72 “ހަމަކަށަވަރުން، މާތްﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން، މާތްﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އަދި އޭނާ ގޮސް އޮންނާނޭ ތަނަކީ، ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުވެރީން ކަމުގައިވާނޭ ބަޔަކު ނުވެއެވެ.”
އަދި މީގެ ތެރޭގައި ﷲނޫން އެހެން ފަރާތަކަށް ކަތިލުން ހިމެނެއެވެ. ޖިންނީންނަށް ނުވަތަ ޤަބުރަށް ކަތިލުން ފަދަ ކަންކަމެވެ.
2- ދެވަނަ ކަންތައް: އެފަރާތްތަކަށް ދުޢާ ދެންނެވުމާއި، އަދި އެފަރާތްތަކުން ޝަފާޢަތަށް އެދުމާއި، އަދި އެފަރާތްތަކަށް ވަކީލުކުރުމުގައި، އެމީހަކާއި މާތްﷲ އާއި ދެމެދު މެދުވެރީންތަކެއް ލައިފި މީހާ، ޢިލްމުވެރީން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި، އެއީ ކާފިރުވެއްޖެ މީހެކެވެ.
3- ތިންވަނަ ކަންތައް: މުޝްރިކުން ކާފިރުނުކޮށް، ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކޮށް، ނުވަތަ އެމީހުން ހިނގި މަގު އެއީ ޞައްޙަ މަގެއްކަމަށް ޤަބޫލުކޮށްފި މީހާ ކާފިރުވެއްޖެއެވެ.
4- ހަތަރުވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތު ފިޔަވާ އެހެން ހިދާޔަތެއް އެއީ މާ ފުރިހަމަ ހިދާޔަތެއްކަމުގައި ނުވަތަ އެކަލޭގެފާނުގެ ޙުކުމް ފިޔަވާ އެހެން ޙުކުމެއް އެއީ މާ ރަނގަޅު ޙުކުމެއް ކަމުގައި ޤަބޫލުކޮށްފިމީހާ، މިޘާލަކަށް އެކަލޭގެފާނުގެ ޙުކުމްގެ މައްޗަށް ޠާޣޫތުންގެ ޙުކުމް އިސްކުރާ މީހާ، އޭނާއީ ކާފިރެކެވެ.
5- ފަސްވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަންކަމައިގެން ވަޑައިގެންނެވި އެއްވެސް ކަމަކަށް ރުޅިއަރައްޖެމީހާ (ނުރުހިއްޖެމީހާ)، އެފަދަ ކަމަކަށް އޭނާ ޢަމަލުކުރި ކަމުގައިވިޔަސް، ކާފިރުވެއްޖެއެވެ.
6- ހަވަނަ ކަންތައް: ﷲ ދީނުގެ އެއްވެސް ކަމަކަށް ނުވަތަ އެދީނަށް ޢަމަލުކުރުމުން ލިބޭ ޘަވާބަށް، ނުވަތަ ޢަމަލު ނުކުރުމުން ލިބޭ ޢަޛާބަށް، ފުރައްސާރަ ކޮށްފި މީހާ ކާފިރުވެއްޖެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. قُلْ أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُم تَسْتَهْزِءُون * لاَ تَعْتَذِرُواْ قَدْ كَفَرْتُمْ بَعْد إيْمَانِكُمْ- التوبة 65-66 “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކޮށް ފުރައްސާރަކުރަންވީ ﷲ އަށާއި، އެއިލާހުގެ އާޔަތަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ބަހަނާ ނުދައްކާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން، އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަވަނީ ކާފިރުވެފައެވެ.”
7- ހަތްވަނަ ކަންތައް: ސިޙްރު ހެދުން – އޭގެ ތެރޭގައި ވަރިތޮޅި އަދި އިސްތިރި ހިމެނެއެވެ. ފަހެ، އެފަދަ ކަމެއް ކޮށްފިމީހަކު، ނުވަތަ އެފަދަކަމަކަށް ރުހިއްޖެ މީހަކު ކާފިރުވެއްޖެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ- البقرة 102 “ތިމަންބޭކަލުން މި އުނގަންނައިދޭ ތަކެއްޗަކީ އިމްތިޙާނެކޭ (މިތަކެތި ދަސްކޮށްގެން) ތިބާ ކާފިރުނުވާށޭ، މިހެން ވިދާޅުވެފައިމެނުވީ އެއްވެސްމީހަކަށް އެދެބޭކަލުން އުނގަންނަވައިދެއްވާކަމުގައި ނުވެއެވެ.”
8- އަށްވަނަ ކަންތައް: މުސްލިމުންގެ މައްޗަށް (މުސްލިމުންނާ ދެކޮޅަށް) މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުން – ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَن يَتَوَلَّهُم مِّنْكُمْ فَإنَّهُ مِنْهُمْ إنَّ اللهَ لاَ يَهْدِيْ الْقَوْمِ الظَّالِمِيْنَ- المائدة 51 “އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުންގެ އެހީތެރިކަމާއި އެކުވެރިކަން ހޯދައިގެންފި މީހާ، ހަމަކަށަވަރުން އެމީހާއީ އެމީހުންގެ ތެރެއިން ވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.” (މާއިދާ: 51)
9- ނުވަވަނަ ކަންތައް: މޫސާ ޢަލައިހިއްސަލާމްގެ ޝަރީޢަތުން، ޙަޟިރު ޢަލައިހިއްސަލާމް، ނުކުމެވަޑައިގަތުން ތަނަވަސްވެގެންވީ ފަދައިން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަރީޢަތުން ބޭރުވެގަތުން ތަނަވަސްވެގެންވާ ކަމަށް، ޤަބޫލުކޮށްފިމީހާއީ ކާފިރެކެވެ.
10- ދިހަވަނަ ކަންތައް: ﷲގެ ދީނުން އެއްކިބާވުން، އެދީން އުނގެނުމަށް މަސައްކަތް ނުކުރުމާއި، އެދީނަށް ޢަމަލުނުކުރުން. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَـا إنَّا مِنَ الْمُجْرِمِيْنَ مُنْتَقِمُونَ- السجدة 22 “އަދި އެމީހާގެ ރައްބުގެ އާޔަތްތައް އެމީހަކަށް ހަނދާންކޮށްދެވުމަށްފަހު، އެއިން އެއްކިބާވި މީހާ އަށްވުރެ ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ފާފަވެރިންގެ ކިބައިން، ތިމަން އިލާހު ބަދަލު ހިއްޕަވާ ހުށީމެވެ.”
އިސްލާމްކަން ގެއްލޭ މިހުރިހާ ކަމެއްގައި، މަޖްބޫރުވެގެން މެނުވީ، ސަމާސާއަކަށް އަދި ގަސްތުގައި އަދި ބިރުން މިކަންކަން ކުރާ މީހުންނާމެދު ތަފާތެއް ނެތެވެ.
އަދި މިހުރިހާ ކަމަކީވެސް ނުރައްކާތެރިކަން އެންމެ ބޮޑު، އަދި ވުން އެންމެ ގިނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ފަހެ، އެހެންކަމުން މުސްލިމާ މިކަންކަމަށް ރައްކާތެރިވުން ހުއްޓެވެ. އަދި އެމީހެއްގެ ނަފްސުގެ މައްޗަށް މިކަންކަމުން ބިރުވެތިވުން ހުއްޓެވެ.
އެއިލާހުގެ ކޯފާ އަހަރެމެންގެ މައްޗަށް ވާޖިބުވާ ކަންތައްތަކުންނާއި، އެއިލާހުގެ ވޭންދެނިވި ޢަޛާބުން ރައްކާތެރިކަމަށް ﷲ ގެ ޙަޟްރަތުން އަހަރެމެން އެދެމެވެ.
އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ އާލުންނަށާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
=ޝައިޚުލް އިސްލާމް މުޙައްމަދު ބިން ސުލައިމާން އައްތަމީމީ ލިޔުއްވާފައިވާ ނަވާޤިޟުލް އިސްލާމް (އިސްލާމްކަން ގެއްލޭކަންކަން) ތަރުޖަމާ=