ވަޟްޢީ ޙުކުމަކީ، ވަޟުޢީގޮތެއްގައި އަޅުތަކުންގެ ނުވަތަ އެހެން ފަރާތްތަކުގެ ޢަމަލުތަކާގުޅޭގޮތުން އައިސްފައިވާ ﷲ ތަޢާލާގެ ޚިޠާބުގެ އަޘަރެވެ. އެއީ އެއްޗެއް އެހެން އެއްޗެއްގެ ރުކުނަކަށް ނުވަތަ އޭގެ ޝަރުޠަކަށް ނުވަތަ އޭގެ ސަބަބަކަށް ނުވަތަ އޭގެ މާނިޢުއަކަށް ނުވަތަ ޞައްޙަވާ އެއްޗަކަށް ނުވަތަ ފާސިދުވާ އެއްޗަކަށް ހަމަޖެއްސުމެވެ.
1. ސަބަބު: އެއީ އެކަމެއް މެދުވެރިވުމުން، އެކަން މެދުވެރިވުމުން މެދުވެރިވާކަންތަކަށް ލާޒިމުކުރާ، އަދި އެކަމެއް މެދުވެރިނުވުމުން، އެކަން މެދުވެރިވުމުން މެދުވެރިވާކަންތައް ލާޒިމުނުކުރާ ކަންކަމެވެ. މިސާލަކަށް، ރަމަޟާންމަސް ވަނުމަކީ ރަމަޟާންމަހުގެ ރޯދަހިފުން ވާޖިބުވާ ސަބަބެވެ. ރަމަޟާންމަސް ނުފެށޭނަމަ ރޯދަހިފުން ވާޖިބެއްނުވާނެއެވެ. ހަމައެފަދައިން ޒަކާތްނެރުން ވާޖިބުވާ ސަބަބެއްކަމުގައި ނިޞާބުހަމަވުންވެއެވެ. އަދި ވައްކަންކުރުމަކީ ވައްކަންކުރާމީހާގެ އަތްކެނޑުން ވާޖިބުކުރުވާ ސަބަބެކެވެ. މުސްލިމުންނަށް މުޝްރިކުންނާ ކައިވެނިކުރުން ޙަރާމްވެގެންވާ ސަބަބަކީ އެބައިމީހުން ޝަރީކު ކުރުމެވެ. އަދި ބަލިވުމަކީ ރަމަޟާންމަހުގެ ރޯދަދޫކޮށްލުން ހުއްދަކުރުވާ ސަބަބެކެވެ.
2. ޝަރުޠު: އެއީ އެކަމެއް ނުވާހާހިނދަކު އެކަމެއް މެދުވެރިވުމުން އަންނަކަންތައް ނުވުން ލާޒިމުކުރާ، އަދި އެކަމެއް ވާކަމުގައިވާނަމަ އެކަމެއް މެދުވެރިވުމުން އަންނަކަންތައް ވުން ލާޒިމުނުކުރާ ކަންކަމެވެ. އެގޮތުން ވަރިވުމަށްޓަކައި ކައިވެންޏެއް ކޮށްފައިވުމަކީ ޝަރުޠެކެވެ. ކައިވެނިނުވާކަމުގައިވާނަމަ ވަރިއެއްނުވާނެއެވެ. އަދި ހަމައެހެންމެ، ކޮންމެހެން ކައިވެނިވުމަކީ ވަރިވުން ލާޒިމުކުރާކަމެއް ނޫނެވެ. އަދި ދެޙަދަޘުން ޠާހިރުވެ ހުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިންވާ ކަމެކެވެ. ދެޙަދަޘުން ޠާހިރުނުވާނަމަ ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ. އަދި ދެޙަދަޘުން ޠާހިރުވާ ކޮންމެ ފަހަރަކީ ނަމާދުކުރުން ލާޒިމުކުރާކަމެއް ނޫނެވެ.
ޝަރުޠާއި ރުކުނަކީ އެ ޢަމަލެއް ޞައްޙަކުވުމަށްޓަކައި މުހިއްމު ދެކަމެވެ. ޝަރުޠެއް ނުވަތަ ރުކުނެއް އުނިވުމަކީ އެ ޢަމަލެއް ޞައްޙަވުމަށް ހުރަސްއަޅާނެކަމެކެވެ. ޝަރުޠާއި ރުކުނުގެ ތަފާތަކީ: ޝަރުޠަކީ އެ ޢަމަލެއްގެ ބޭރުންވާކަމެކެވެ. ނުވަތަ އެ ޢަމަލެއްގެ ތެރޭގައި ނުވާކަންކަމެވެ. އެއާޚިލާފަށް ރުކުނަކީ އެ ޢަމަލުގެ ތެރޭގައިވާ ކަންކަމެވެ. މިސާލަކަށް ޠަޙާރަތަކީ ނަމާދުން ބޭރު، ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ޙަޤީޤަތުގައި ނަމާދުގެ ބޭރު ކަމެކެވެ. ނަމާދުގައި ސަޖިދަކުރުމާއި، ރުކޫޢުކުރުމަކީ ނަމާދުގެ ރުކުންތަކެކެވެ. އެއީ ނަމާދުގެ ތެރޭގައިވާ ކަންކަމެވެ.
3. މާނިޢު: މާނިޢުއަކީ އެކަމެއް ވާކަމުގައިވާނަމަ އެކަމެއްގެ ޙުކުމްނާންނަކަންކަމެވެ. ނުވަތަ އެކަމެއް ވާނަމަ ސަބަބު ނެތިކޮށްލާ ކަންކަމެވެ. މިސާލަކަށް ޞައްޙަ ކައިވެންޏެއްގެ ކޮށްފައިވާނަމަވެސް ނުވަތަ ގާތްތިމާގެ ސަބަބުން މުދާ ވާރުތަކުރާމީހަކަށް، ވާރުތަ މުދާ ލިބޭ އަންހެންމީހަކީ އެހެން ދީނެއްގައިވާ މީހެއްކަމުގައިވާތީ، ނުވަތަ ވާރުތަކުރާމީހާ މަރާލައިފައިވުމުގެ ސަބަބުން ވާރުތަމުދާ ނުލިބޭނެއެވެ. އެއީ ވާރުތަމުދާ ލިބުން މަނާކުރާ ކަމެއް ވާތީއެވެ. އެއީ ދީންތަފާތުވުމާއި، ޤަތުލުކުރުމެވެ.
4. ރުޚްޞާ: ރުޚްޞާއަކީ، ޙުކުމްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކެއްގައި މުކައްލަފަށް ފަސޭހަކަން ނުވަތަ ލުއިކަން ދެއްވަވާފައިވާ ކަންކަމެވެ. ޟަރޫރީ ޙާލަތުގައާއި ޙާޖަތަށް ޖެހިފައިވާނަމަ މަނާވެގެންވާ ކަންކަން ހުއްދަވެގެންދެއެވެ. މިގޮތުން ކުފުރުގެ ބަހެއްބުނުމަށް މަޖުބޫރުކުރެވިފައިވާމީހާއަށް، ހިތުން އެކަން ޤަބޫލުކުރުމެއްނެތި އެފަދަ ބަހެއް ބުނުން ހުއްދަވެގެންވުމާއި، ބަނޑުހައިކަން ބޮޑުވުމުގެ ސަބަބުން ޙަރާމް އެއްޗެހި އެމީހަކަށް ހުއްދަވެގެންވުން ހިމެނެއެވެ. އަދި ރޯދަމަހުގައި ބަލިމީހަކުކަމުގައިވާމީހާއަށް ނުވަތަ ދަތުރުވެރިޔާއަށް އެރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އަދި ދަތުރުވެރިޔާއަށް ހަތަރު ރަކުޢަތުގެ ނަމާދުތައް ދެރަކުޢަތަށް ޤަޞްރުކުރުމުގެ ލުއިފަސޭހަކަންވެއެވެ.
5. ޞަޙީޙު: ޢަރަބިބަހުގައި ޞަޙީޙުއަކީ ބަލިން ސަލާމަތްވުމެވެ. އިޞްޠިލާޙުގައި ޞަޙީޙުއަކީ، ޢިބާދާތެއް ނުވަތަ ޢަޤުދެއް ރަނގަޅުވުން ބިނާވެފައިވާ ކަންކަމެވެ. ނަމާދު، ޒަކާތް، ރޯދަފަދަ ޢިބާދާތުގައި ޞަޙީޙުއަކީ ޒިންމާއިން ބަރީއަވާ ކަންކަމެވެ. އަދި އެކަމަކުން އެ އެދޭކަންތަކަށް ނިމުންގެނެސްދޭ ކަންކަމެވެ. އަދި ގަނެއްވިއްކުމާއި، ކުއްޔަށްދިނުންފަދަ ޢަޤުދުތަކުގައި ޞަޙީޙުއަކީ އެކަމެއް ރަނގަޅުވުމުގެ މައްޗަށް ބިނާވާކަންކަމެވެ. މިސާލަކަށް ވިއްކުމުގައި ވިއްކާމީހާއަށް އެވިއްކާއެއްޗެއް މިލްކުވެގެންވުމެވެ.
ކަމެއް ޞައްޙަވާނީ އެކަމެއްގެ ޝަރުޠުތައް ފުރިހަމަކުރުމާއެކު، އެކަން ޞައްޙަވުން މަނާކުރާ މާނިޢުތަކުން ދުރުވެގެންނެވެ. މިސާލަކަށް، ނަމާދު ޞައްޙަވުމަށްޓަކައި، އެނަމާދުގެ ވަޤުތުގައި ކުރުމާއި، ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައް ފުރިހަމަކުރަންޖެހެއެވެ. އަދި ޢަޤުދުތައް ޞައްޙަވުމަށް ހުރިހާ ޝަރުޠެއްފުރިހަމަކުރުމާއެކު، މާނިޢުތަކުން ދުރުވާންޖެހޭނެއެވެ.
ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް އުނިވެއްޖެނަމަ، ނުވަތަ ޞައްޙަވުން މަނާކުރާ މާނިޢުއެއް ވާކަމުގައިވާނަމަ އެކަމެއް ޞައްޙައެއް ނުވާނެއެވެ. މިސާލަކަށް، ޠަހާރަތާނުލައި ނަމާދުކުރުމެވެ. ޠަހާރަތުގެ މަތީގައި ހުރުމަކީ ނަމާދުގެ ޝަރުޠުތަކުގެ ތެރެއިންވާ ކަމެކެވެ. އެ ޝަރުޠު އުނިވެއްޖެނަމަ ޞައްޙައެއްނުވަނެއެވެ. ހަމައެފަދައިން ވިއްކާއިރު އެ ވިއްކާއެއްޗެއް ވިއްކާމީހާގެ މިލްކުގައިވުމަކީ ޝަރުޠެކެވެ. އެ ޝަރުޠު އުނިވެއްޖެނަމަ ޞައްޙައެއްނުވަނެއެވެ. މާނިޢުއެއް ވާކަމުގައިވާނަމަވެސް ހަމަ މިފަދައެވެ.
6. ފާސިދު: ޢަރަބިބަހުގައި އެއީ ގެއްލުމާއި ހަލާކުވުމެވެ. އިޞްޠިލާޙުގައި ފާސިދުއަކީ، ޢިބާދާތެއްނަމަވެސް ނުވަތަ ޢަޤުދެއްނަމަވެސް ރަނގަޅުވުމަށް ހުރަސްއަޅާ ކަންކަމެވެ. ނަމާދު، ޒަކާތް، ރޯދަފަދަ ޢިބާދާތުގައި ފާސިދުގެ ސަބަބުން ޒިންމާއިން ބަރީއަވާ ނުކޮށްދޭނެއެވެ. އަދި އެކަމަކުން އެ އެދޭކަންތަކަށް ނިމުންގެނެސްނުދޭ ކަންކަމެވެ. މިސާލަކަށް؛ ނަމާދުގެ ވަޤުތު ވަނުމުގެ ކުރިން ނަމާދުކުރުމެވެ. އަދި ގަނެއްވިއްކުމާއި، ކުއްޔަށްދިނުންފަދަ ޢަޤުދުތަކުގައި ފާސިދުއަކީ ރަނގަޅުވުމަށް ހުރަސްއަޅާ ކަންކަމެވެ. މިސާލަކަށް ނޭނގޭ އެއްޗެއް ގަނެވިއްކުމެވެ.
ޢިބާދާތުގައާއި، ޢަޤުދުތަކުގައި، އަދި ޝަރުޠުތަކުގައި ޤަޞްދުގައި ފާސިދުކަމެއް ގެނެސްގަތުމަކީ ޙަރާމްކަމެކެވެ. އެހެނީ، އެކަމަކީ ﷲގެ ޙައްދުތައް ފަހަނައަޅައިދާނެކަމެކެވެ. އަދި ﷲގެ އާޔަތްތަކަކީ މަޖާކޮށް މަލާމަތްކުރެވޭ އާޔަތްތަކެއްކަމުގައި ވެގެންދާނެކަމެކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ﷲގެ ފޮތުގައިނުވާ ޝަރުޠެއް ކުރިބަޔަކަށް އިންކާރުކުރައްވާފައެވެ.
ފާސިދުއާއި ބާޠިލަކީ ދެތަނެއްގައި ނޫނީ އެއްމާނައެއްގެ ދެބަހެވެ. ދެބަހުގެ މާނަ ތަފާތުވަނީ:
* ޙައްޖަށް ނުވަތަ ޢުމުރާއަށް އިޙްރާމްގައެވެ. ޢިލްމުވެރިން އިޙްރާމްގައި ފާސިދުއާއި ބާޠިލު ވަކިކުރައްވައެވެ. އެގޮތުން އިޙްރާމުގައި ފާސިދުއަކީ، ފުރަތަމަ ތަޙައްލުލުވުމުގެ ކުރިން އިޙްރާމް ބަނދެގެންހުރިމީހާ ޖިމާޢުވުމެވެ. އަދި ބާޠިލަކީ މުރުތައްދުވުމެވެ.
* ކައިވެނީގައެވެ. ކައިވެނީގައި ފާސިދުއަކީ ޢިލްމުވެރިން ކައިވެނި ފަސާދަވާނެކަމާމެދު އިޚްތިލާފުވެފައިވާ ކަންކަމެވެ. މިސާލަކަށް ވަލީއާނުލައި ކައިވެނި ކުރުމެވެ. އަދި ބާޠިލޭކިޔަނީ ކައިވެނި ބާޠިލުވާނެކަމަށް އެބޭކަލުން އެއްބަސްވެވަޑައިގަންނަވާ ކަންކަމަށެވެ. މިސާލަކަށް؛ ޢިއްދާގައި އިން އަންހެންކާ ކައިވެނިކުރުމެވެ.
__________________
މަރުޖިޢު:
الأصول من علم الأصول – محمد بن صالح العثيمين