ގްރޭޑް ހަތަރެއް ބީ ކްލާހުގައި ބަހައްޓާފައި ހުރި ފަތި ޓީވީ ހަލާކު ވެއްޖެއެވެ. މިކަމާ ސްކޫލުގެ ވެރިންނާ ޓީޗަރުން ވަރަށް ކަންބޮޑު ވެއްޖެއެވެ. ޓީވީއަށް ބަލާލުމުން އެއީ ގަސްދުގައި ދީފައި ހުރި ގެއްލުމެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ހައެއްގެ ލީޑިން ޓީޗަރ މިކަން ކުރި ކުއްޖަކު ހޯދުމުގެ ނިޔަތުގައި އެކި ކުދިންނާ ވަކިވަކިން ސުވާލުކުރަން ފެށިއެވެ. އެހެންނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އެކުލާހުގެ ކުދިން ވަރަށް ހަމަޖެހިލާފައި ބުނަނީ އެކުލާހަކީ އެހެނިހެން ޙަރަކާތްތަކުގައިވެސް ބޭނުންކުރާ ކުލާހަކަށް ވާތީ އެއީ އިތުރު ޙަރަކާތްތަކުގައި އައިސް އުޅުނު ކުދިންގެ ކަމަކަށް ވެދާނެއެވެ. ހަތަރެއް ބީ ކުލާހަކީ މިކަހަލަ ތަފާތު މައްސަލަތައް ކުރިމަތިވާ ކުލާހެކެވެ.
ޓީވީ ހަލާކު ކުރެވުނު މައްސަލަ ނުހޯދި ދުވަސްތައް ފާއިތުވަމުން ދެއެވެ. މިއަދަކީ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ސްކޫލުގައި ބާއްވާ ދުވަހެވެ. ހަވީރު ހަތަރަކަށް ސްކޫލަށް ދިޔުމަށް އަރުޝަދު ތައްޔާރުވަމުން ދިޔައީ ވަރުގަދަ ޢަޒުމަކާ އެކުގައެވެ.
އަރުޝަދަކީ ފަޤީރު މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބަލާމީހުންނަށް ފެންނާނީ ހިމަތޮޅި ބަލިކަށި ހަށިގަނޑެކެވެ. އެހެނަސް އޭނަގެ ޢަޒުމް ބަލިކައްޓެއް ނޫނެވެ. ހިތްވަރު ދެރައެއް ނޫނެވެ.
ގަޑިން ހަތަރެއް ޖަހައިފިއެވެ. އަޒާން އިންޓަނޭޝަނަލް ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ފެށިއްޖެއެވެ. ޖަލްސާ ފެށިގެންގޮސް ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ވަގުތު ޖެހިއްޖެއެވެ.
އަރުޝަދު އޭނަ އިށީނދެގެން އިން ގޮނޑިން ތެދުވެއްޖެއެވެ. އަދި ސްޓޭޖަށް އަރާ ސްކޫލުގެ ޕްރިންސިޕަލް އަރިހު ދެންނެވުމަށްފަހު ޕޯޑިޔަމްކައިރީ ހުއްޓުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
އެންމެންގެ ލޯތަށް އަމާޒުވެފައި ހުރީ އަރުޝަދަށެވެ. ކުލާހުގައި ދުވަހަކުވެސް އަނގަވެސް ހުޅުވާ ނުލާ މަޑުމަޑުން އިންނަ އަރުޝަދު ކިޔަން މިއުޅެނީ ކީކޭ ބާވައެވެ.
އަރުޝަދު ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އަޅުގަނޑުމެން ކުލާހަކީ ޢާއްމުކޮށް މިކަހަލަ ކަންތައް ހިނގާ ކުލާހެއް. އެހެންނަމަވެސް އެއްވެސް ކުއްޖަކަށް މިވާހަކަތައް ދައްކާކަށް ނުކެރޭ. ސަބަބަކީ އެކަން ކުރާ ކުއްޖާކުދިންނަށް ބިރުދައްކާތީ. މާދީންވެރި ސާލިޙުވާން އުޅެނީޔޭ ކިޔާ ދިމާ ކުރާތީ.
އަޅުގަނޑު މިތާ މި ޖަލްސާގައި މިވާހަކަ މިދައްކަނީ މިކަން ކަން ހުއްޓުވުމުގެ ބޭނުމުގައި. މީގެފަހުން އަޅުގަނޑު ހުންނަ ތަނެއްގައި މިކަހަލަ ކަމެއް ނުހިނގާނެ. ސަބަބަކީ މި ސްކޫލުގެ ކޮންމެ ކުއްޖަކަށް އެނގޭނެ އަޅުގަނޑަށް ފެނިއްޖެއްޔާ އެވާހަކައެއް ދައްކާނެކަން. އެވާހަކަ ސްކޫލުގެ ޓީޗަރުން އަރިހު ދަންނަވާނެކަން. އަޅުގަނޑު ސްކޫލަށް ނާންނަ ދުވަހަކު މިސްކޫލުގެ ހަތަރެއް ބީ ކުލާހުގެ ޓީވީ ހަލާކުވި މައްސަލަ ބެލި ކަމަށްވޭ. އެކަމަކު އެމައްސަލަ ހިނގިކަން ދެނަހުރި ކަމަކަށް އެއްވެސް ކުއްޖަކު އެއްބަހެއް ނުވި. އެކަމަކު މިތާ ހަތަރެއް ބީ ކުލާހުގެ ހުރިހާ ކުދިން ކުރިމަތީ އަޅުގަނޑު ޔަޤީން ކަމާއެކު މި ދަންނަވަނީ ކްލާހުގެ ހުރިހާ ކުދިން އެހަދަނީ ދޮގު. ކްލާހުގެ ހުރިހާ ކުދިންނަށް އެކަން ކުރީ ކާކުކަން ކިހިނެތްކަން އިނގޭ. އަޅުގަނޑު އެކަން ކުރި ކުއްޖާގެ ނަން މިތާ ހާމަ ނުކުރިއަސް ހަލާކު ކުރި ސަބަބު ކިޔައިދޭނަން. އޭނަ ޓީވީ ހަލާކު ކުރީ ކުރީ ދުވަހު ހިސާބު ޓީޗަރު ވަޑައި ނުގަންނަވާތީ، އެ ކުލާހަށް ވަޑައިގަތް ޓީޗަރ ކުދިން ގޮވައިގެން ބޭރަށް ނުދިޔައިމަ.
އެވާހަކައިގެ އިތުރު ތަފްޞީލަކަށް މިވަގުތު ނުގޮސް އަޅުގަނޑު ދަންނަވާނީ ސްކޫލުތަކުގައި މިކަހަލަ ކަންކަން ހިނގަނީ ހަމަ ކުދިންގެ ސަބަބުންނޭ. ކަންކަމުގައި ނަމޫނާ ދައްކަން ތިބި ކުދިންވެސް މިބާވަތުގެ ކަންކަމުގައި ބައިވެރިވެ ސިއްރުކުރޭ. އަޅުގަނޑުމެން ވާންވީ އެއްކުއްޖަކު އަނެއް ކުއްޖަކަށް ނަމޫނާ ދައްކާ އަދި ސްކޫލުގައި ހިނގާ މިފަދަކަންކަމުގެ ވާހަކަ ސިއްރު ނުކޮށް އެކަން ހާމަ ކުރާ ކުދި ބަޔަކަށް. އަޅުގަނޑު ކިތަންމެ ފަޤީރަސް އަޅުގަނޑުގެ ހިތް ފަޤީރެއް ނޫން. އަޅުގަނޑަށް މި ސާބިތުކަން ދެއްވީތީ މާތްﷲ އަށް ޝުކުރު ދަންނަވަން. ވައްސަލާމް ޢަލައިކުމް.”
އަރުޝަދުގެ ވާހަކަ ނިމުމާއެކު އެންމެންގެ ތަރުޙީބުގެ އަތްތިލަބަޑީގެ އަޑު ތަނުގައި ފެތުރިގެން ދިޔައެވެ. އަދި ނަތީޖާ ފާޅުކުރަން ފެށުމުގެ ކުރީގައި ސްކޫލުގެ ޕްރިންސިޕަލް ވާހަކަ ދައްކަން ފެށިއެވެ. އަރުޝަދުގެ ފަރާތުން ލިބުނު މަޢުލޫމާތުގެއަލީގައި މައްސަލަ ރަނގަޅަށް ތަޙްޤީގު ކުރާނެކަމަށް ވިދާޅުވިއެވެ. އަދި ސްކޫލުގެ ހުރިހާކުދިންވެސް އަރުޝަދު ފަދަ ހިތްވަރުގަދަ، އަޚްލާގު ރަނގަޅު، ތެދުވެރި ކުއްޖަކަށް ވުމަށް ނަސޭޙަތްތެރި ވިއެވެ. އަދި މިއަދުން ފެށިގެން ސްކޫލުގައި “ހިތްވަރުގަދަ ކުއްޖާ” ގެ ނަމުގައި ސްކޫލުގައިއިތުރު އެވޯޑެއް ތަޢާރަފް ކުރެވޭނެ ކަމަށް ވިދާޅުވެ މި އެވޯޑުގެ ޙައްޤުވެރިންނަކީ ތަފާތު ގޮތްގޮތަށް ސްކޫލަށް ފައިދާ ހުންނަ ކަންކަމުގައި އެކުއްޖެއްގެ އަޒުމް ވަރުގަދަކަމާ ހިތްވަރާ ސާބިތުކަން ދައްކާ ކުދިން ކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ ޖަލްސާ ނިމުމުގެ ކުރިން އަރުޝަދުގެ ވާހަކައިގައި އެހާމަ ކުރިގޮތަށް ކަންހިނގާފައި ވޭތޯ ބަލާ އެގޮތަށް ހިނގާފައި ވާނަމަ އޭނައަށް ހިތްވަރުގަދަ ކުއްޖާގެ އެވޯޑު ލިބިގެން ދާނެ ކަމުގައި ވިދާޅުވިއެވެ.
އިނާމް ދިނުމުގެ ޖަލްސާ ނިމުމަކަށް އަންނަނީ އެވެ. ލީޑިން ޓީޗަރ އެންމެ ފަހު އިނާމް ޙާސިލު ކުރާ ދަރިވަރުގެނަން އިޢުލާންކުރަން ގޮސް ހުއްޓުނެވެ. އަދި އަރުޝަދު ހާމަކުރި ފަދައިން ކަންކަން ހިނގާފައި ވޭތޯ ބެލި ބެލުމުގައި ވާހަކަތައް ސައްޙަކަމުގައި ވިދާޅުވެ އެކަން ކުރި ކުއްޖާ އެއްބަސްވި ކަމުގައި ވިދާޅުވިއެވެ.
އަދި އަރުޝަދުގެ ހިތްވަރުގަދަކަން ފާހަގަ ކޮށް ހިތްވަރު ގަދަ ކުއްޖާގެ އެވޯޑްޙާސިލު ކުރާ ދަރިވަރަކީ އަރުޝަދު އަޙްމަދު ޢަލީ ކަމުގައި އިޢުލާން ކުރިއެވެ. އަދި މިއަދުގެ ޖަލްސާ އަކީ ސްކޫލުގެ ތާރީޚްގައި ބޭއްވުނު އެންމެ ޝައުގުވެރި އެންމެ ފާހަގަ ކުރެވޭ އިނާމް ދިނުމުގެ ޖަލްސާ ކަމުގައި ވިދާޅުވިއެވެ.
އަރުޝަދުގެ ފަޤީރު ދިރިއުޅުމަށް އެވޯޑްގެ ސަބަބުން ތިޔާގިކަން އިތުރު ވިއެވެ. އަރުޝަދު ވާހަކަދެއްކީ އެވޯޑް ހޯދާކަށް ނޫނެވެ. ސްކޫލުގައި ހިނގާ ކަންކަން ފޮރުވިފައި ހައްލު ނުވެ އޮންނާތީ އަރުޝަދަށް ކުރެވެން ހުރިކަމެއް ކޮށް ދިނުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ޕްރިންސިޕަލް އަރުޝަދަށް ޚާއްސަ ސަމާލުކަމެއް ދެއްވާ އެހާ އަވަހަށް ހިތްވަރުދެއްވީތީ އަރުޝަދު އަބަދުވެސް ޝުކުރުވެރި ވެއެވެ.
އަރުޝަދުގެ ހިތްވަރުން ހިތްވަރު ލިބިގަނެ އަޒާން އިންޓަޝަނަލް ސްކޫލުގެ ގިނަ ކުދިން ތަކެއް “ހިތްވަރުގަދަ ކުއްޖާ” ގެ އެވޯޑް ޙާސިލް ކޮށް ފިއެވެ. މިހާރު އަޒާން އިންޓަނޭޝަނަލް ސްކޫލަކީ ކުށްމަދު، ކުދިންނަށް ރައްކާތެރި ސްކޫލެކެވެ.