ބަރަކާތްތެރި މަދީނާގެ މާތްކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް
ހަމަކަށަވަރުން މަދީނާ މާތްވެގެންވާ އެންމެ ބޮޑު އެއް ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބިމަކީ ޙުރުމަތްތެރިވެގެންވާ ބިމެއް ކަމުގައި ލެއްވުމެވެ. އެއީ މައްކާވެސް ޙުރުމަތްތެރިކުރެވުނު ތަނެއްކަމުގައި ލެއްވިފަދައިންނެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާކަމަށް އައިސްފައިވެއެވެ.
((إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ وَإِنِّى حَرَّمْتُ الْمَدِينَةَ…)) [رواه مسلم]
މާނައީ: “އިބްރާހީމް(ޢަލައިހިއްސަލާމް) މައްކާ ޙުރުމަތްތެރި ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު މަދީނާ ޙުރުމަތްތެރި ކުރެއްވީމެވެ.”
މިހަދީޘް ގައި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށާއި އިބްރާހީމް ޢަލައިހިއް ސަލާމް އަށް ނިސްބަތްކުރެވިފައި ޙުރުމަތްތެރި ކުރެއްވުމުގެ މުރާދަކީ އެތަންތަނަކީ ހުރުމަތްތެރި ތަނެއްކަން ބަޔާން ކުރައްވާ ފާޅުކުރެއްވުމެވެ. އެހެނީ ތަންތަން ޙުރުމަތްތެރި ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެއިލާހު މައްކާ އަދި މަދީނާ ޙަރަމްފުޅެއްކަމުގައި ލެއްވިއެވެ. ދުނިޔޭގެ އެހެން ހުރިހާ ބިމެއްގެ މައްޗަށް ﷲ ތަޢާލާ މައްކާ އަދި މަދީނާގެ ބިން މިޞިފައިން ޚާއްޞަކުރެއްވިއެވެ. މި ދެބިން ފިޔަވާ އެހެންބިމެއް ޙަރަމްފުޅެއްކަމުގައި ލެއްވިކަމަށް ޘާބިތު ދަލީލެއް ނެތެވެ.
މަސްޖިދުލް އަޤްޞާއަކީ ތިންވަނަ ޙަރަމްކަމަށް ބައެއްމީހުން ދެކެއެވެ. ނަމަވެސް މިއީ ވަރަށް [މިހާރު] ފެތުރިފައިވާ ކުށްހީއެކެވެ. ދެ ޙަރަމްފުޅުފިޔަވާ، އިތުރު ޙަރަމެއް ނުވެއެވެ. ރަނގަޅުގޮތަކީ މަސްޖިދުލް އަޤްޞާ އަކީ އެންމެ މާތް އެންމެ މަތިވެރި ތިން މިސްކިތުން ކުރެ މިސްކިތެކޭ ބުނުމެވެ. މިތިން މިސްކިތުގެ މާތްކަމާއި، މިތިން މިސްކިތަށް ނަމާދަށް ޤަޞްދުކޮށް ދިއުމުގެ މާތްކަން އަންގައިދޭ ޙަދީޘްތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ވާރިދުވެފައި ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِ الْحَرَامِ وَمَسْجِدِى هَذَا وَالْمَسْجِدِ الأَقْصَى)). [رواه البخارى ومسلم]
މާނައީ:” ތިންމިސްކިތަކަށް ފިޔަވާ ދަތުރުކުރުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމްއާއި ތިމަން ކަލޭގެފާނުގެ މި މިސްކިތާއި (އެބަހީ މަސްޖިދުއްނަބަވީ) މަސްޖިދުލް އަޤްޞާއެވެ.”
=ނުނިމޭ=