الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ބުޚާރީއާއި އަދި މުސްލިމުގައި މުޢާވިޔަތު رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘް އެއްގައިވެއެވެ.
((مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ))
މާނައީ: ” ﷲ ތަޢާލާ މީހަކަށް ހެވެއް އިރާދަކުރައްވާނަމަ، އޭނާ ދީނުގައި ފިޤުހުވެރި ކުރައްވައެވެ. [އެބަހީ: ދީނުގެ ޢިލްމު ދެއްވައެވެ.]”
މިޙަދީޘްގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ ‘ހެވެއް އިރާދަކުރައްވާނަމަ’ މިފަދައިންނެވެ. މިހެން އެކަލޭގެފާނު ޙަދީޘް ކުރެއްވުމުން ދޭހަވަނީ ދީނުގައި ފިޤުހުވެރިވާމީހާގެ މާތްކަމާއި، ޝަރަފާއި އަދި އޭނާގެ ޢިލްމުގެ ސަބަބުން އޭނަޔާށް ޙާސިލް ކުރެވޭނެ ހެޔޮކަމުގެ ބޮޑުކަމެވެ. އެހެންވެ މުސްލިމަކު ދީނުގެ ޢިލްމު ހޯދަން މަގެއް އިޚްތިޔާރުކުމަކީ ﷲ ތަޢާލާ އޭނަޔަށް ހެވެއް އިރާދަކުރައްވައިފި ކަމުގެ ޢަލާމާތެކެއެވެ.
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.
“ﷲ ތަޢާލާ އޭނަޔަށް ހެވެއް އިރާދަކުރައްވާ، ދީނުގައި ފިޤްހުވެރިކުރައްވައިފިނަމަ އެޢިލްމަށް ޢަމަލުކުރަން އޭނަގެ މައްޗަށް ލާޒިމުކުރެއެވެ. އެހެން ނަމަވެސް އޭނާއަށް ޢިލްމުދެއްވާ، އެޢިލްމަކާ އެއްގޮތަށް އަމަލުނުކުރާނަމަ، އޭނާއަށް ﷲ ތަޢަލާ ހެވެއް އިރާދަކުރެއްވިކަމަކަށް ދަލީލެއް ނުކުރެއެވެ.”
މީހަކު ދީނުގައި ފިޤުހުވެރިވެ، ނުވަތަ ދީނުގެ ޢިލްމު ޙާސިލްކޮށް، އެޢިލްމާ އެއްގޮތަށް އަމަލުކޮށް އަދި އޭނަގެ މަގްޞަދަކީ ޖާހިލުކަން އޭނަގެ ކިބައިން ފިލުވުމާއި، ﷲ ތަޢާލާޔަށް ޙައްޤުވެގެންވާގޮތުގައި ޢިލްމާއި މަޢްރިފާގެމަތީ އެއިލާހަށް އަޅުކަން ކުރުން ކަމުގައި ވާނަމަ، އޭނާއަށް ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްގައި ބަޔާން ކޮށްފައިވާ ހެޔޮކަން ޙާސިލްވާނެއެވެ.
އަދިވެސް އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“އޭނަޔަށް ޢިލްމުދެއްވާ، އެޢިލްމަކާ އެއްގޮތަށް ޢަމަލުނުކުރާނަމަ އޭނަޔަށް ﷲ ތަޢަލާ ހެވެއް އިރާދަ ކުރެއްވިކަމަކަށް ދަލީލެއް ނުކުރެއެވެ. މިޙާލަތުގައި ﷲ އޭނާއަށް ދެއްވި ޢިލްމަކީ ހެވެއް ދެއްވުމަށް ޝަރުތުކުރާކަމެވެ. އެހެން ނަމަވެސް ޢިލްމަށް ޢަމަލުކުރިމީހާގެ މައްޗަށް (ހެޔޮ ޙާސިލްވުން) ވާޖިބުކުރެއެވެ.”
ޢިލްމު ހޯދުމުގެ މަގްޞަދަކަށް ވާންޖެހޭނީ އެޢިލްމާއި އެއްގޮތަށް ޢަމަލުކުމެއެވެ. އަދި ޙައްޤުވެގެންވާ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަން ކުރުމެއެވެ. އަޅުކަންތަކުގެ މައްޗަށް ޢިލްމު އިސްކުރެވުނު ސަބަބކީ މިއީއެވެ.
ޙައްޤުގޮތުގައި ﷲއަށް އަޅުވެތިވެވޭނީ ދެކަމެއް ފުރިހަމަ ވެގެންނެވެ. އެއީ ޢިލްމު ޙާސިލްކޮށްގެންނާއި އެޢިލްމާ އެއްގޮތަށް ޞާލިހު ޢަމަލެކޮށްގެނެވެ. މީހެއްގެ ކިބައިގައި ޢިލްމުހުރެ، އެޢިލްމަށް ޢަމަލުނުކުރާ ކަމުގައިވާނަމަ އޭނާއަށް ޙައްޤުގޮތުގައި ﷲއަށް އަޅުވެތިއެއް ނުވެއެވެ. އަދި ހަމައެފަދައިން އޭނާ ޢަމަލުތަށް ކުރިކަމުގައިވީނަމަވެސް ޢިލްމު އޭނަގެ ކިބައިގައި ނެތްނަމަ އޭނާއަކަށް ޙައްޤުގޮތުގައި ﷲއަށް އަޅުވެތިނުވެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
(هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ) [التوبة ٣٣]
މާނައީ: “އެކަލާނގެއީ ތެދުމަގާއި، ޙައްޤު ދީނާއިގެން، އެކަލާނގެ ރަސޫލާ ފޮނުއްވި ކަލާނގެއެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެދީން ފާޅުކުރެއްވުމަށްޓަކައެވެ.”
މިއާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށްފައިވާ اَلْهُدَى “ތެދުމަގު” ނުވަތަ ހިދާޔަތަކީ: ފައިދާކުރުވަނިވި ޢިލްމެއެވެ. އަދި وَدِينِ الْحَقِّ “ޙައްގު ދީން” އަކީ: އެޢަމަލު ތަކެއްގެ ސަބަބުން ﷲއަށް ކުއްތަންވެވޭ ސާލިޙް ޢަމަލުތަކެވެ.
=ނުނިމޭ=