قَالَ اللَّهُ تَعَالَى: وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام: ١٥٣)
އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! (އޭރުން) އެއިލާހުގެ މަގުން ތިޔަބައިމީހުން އެއްކިބާވެ ވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތްކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.
___________________________________
ޝަރަޙަ
‘އާޔާތުލް ވަޞާޔާ އަލްއަޝްރި’ ގެ ނަމުން މަޝްހޫރުވެފައިވާ 3 އާޔަތުގައި ބަޔާންކުރައްވާފައިވާ 10 ވަޞިއްޔަތުގެ ތެރެއިން އެންމެ ފަހު ވަޞިއްޔަތް އައިސްފައިމިވަނީ މި އާޔަތުގައެވެ. އެއީ ﷲގެ ސީދާވެގެންވާ ތެދުމަގަށް ތަބަޢަވުމަށް ކުރައްވާފައިވާ ވަޞިއްޔަތެވެ.
(وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ): އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ!
މިއާޔަތުގައި ﷲތަޢާލާ އަންގަވާފައިމިވަނީ، ކީރިތި ޤުރުއާނަކީ އެއިލާހުގެ ސީދާވެގެންވާ ތެދުމަގުކަމެވެ. އެހެންކަމުން ﷲތަޢާލާއާ ކުއްތަންވުމަށް އޮތްމަގަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ، އޭގެ ޖަވާބަކީ، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. އެހެނީ ކީރިތިޤުރުއާނުގައި ބަޔާންވެފައިވާ ޙުކުމްތައް ތަފްޞީލުކޮށް ފެންނަންއޮތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައެވެ. އެކަލޭގެފާނުވަނީ ޢަމަލީގޮތުން ހުރިހާކަމެއް ދައްކަވައި، ﷲގެ ސީދާވެގެންވާ މަގުން ހިނގާނެގޮތް ބަޔާންކޮށްދެއްވާފައެވެ.
ޤުރުއާނުގައި، (صِرَاط) މިބަސް، ﷲތަޢާލާއަށްވެސް އިޟާފަތުކުރެވިފައި(ނިސްބަތްކުރެވިފައި) ވެއެވެ. އަދި ހަމައެހެންމެ މިމަގަށް ތަބަޢަވާ މީހުންނަށްވެސް ނިސްބަތްކުރެވިފައިވެއެވެ. (އެބަހީ: ބައެއް އާޔަތްތަކުގައި، ﷲތަޢާލާ ނިޢުމަތްދެއްވެވި މީހުންގެ މަގެވެ. އަދި ބައެއް އާޔަތްތަކުގައި ﷲގެ މަގެވެ. މިފަދައިން އައިސްފައިވެއެވެ.) ﷲތަޢާލާ އަށް ނިސްބަތް ކުރެވިފައިވަނީ، މިއީ އެއިލާހާއި ކުއްތަންވުމަށް އޮތް މަގު ކަމުގައިވާތީއެވެ. ހަމައެހެންމެ އަޅުތަކުންނަށް އެމަގުދައްކަވަނީ އެއިލާހު ކަމުގައިވާތީއެވެ. އަދި އަޅުތަކުންނަށް ނިސްބަތްކުރެވިފައިވަނީ، އެމަގަށްތަބަޢަވާ ބަޔަކީ އެބައިމީހުން ކަމުގައިވާތީއެވެ.
ﷲތަޢާލާގެ މަގު ޞިފަކޮށްދެއްވަމުން، (مُسْتَقِيمًا)، މިފަދައިން އައިސްފައިވުމުން އެއީ ބަޔާންވެފާޅުވެގެންވާ، ސާފުސީދާ އަލި މަގެއްކަން އެނގެއެވެ. އެމަގުގައި އެއްވެސް ކަހަލަ އޮޅުންބޮޅުމެއް ނުވާކަން އެނގެއެވެ. އަދި ހަމައެހެންމެ، އޮޅުންބޮޅުމުން ފުރިގެންވާ މަގުތަކަކީ ޝައިޠާނާގެ މަގުތައްކަން އެނގެއެވެ. އެހެންކަމުން އެއިލާހުގެ ސީދާވެގެންވާ މަގަށް ތަބަޢަވުމަށް އެންގެވުމަށްފަހު، ދެން އަންގަވަނީ ޝައިޠާނާގެ މަގުތަކަށް ތަބަޢަނުވުމަށެވެ.
(وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ): އަދި (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! (އޭރުން) އެއިލާހުގެ މަގުން ތިޔަބައިމީހުން އެއްކިބާވެ ވަކިވެގެން ހިނގައިދާނެތެވެ.
މިތަނުގައި އަންގަވާފައި މިވަނީ، السُّبُلَ (މަގުތައް) މިފަދައިންނެވެ. އެކަމަކު ﷲގެ މަގަށް ނިސްބަތް ކުރައްވާ އަންގަވަނީ، سَبِيل (މަގު) މިފަދައިންނެވެ. ‘ސަބީލް’ އަކީ އެންމެ މަގެކެވެ. މަގުތައް ގިނަވެއްޖެނަމަ ކިޔާނީ ‘ސުބުލް’ އެވެ. އެހެންކަމުން ﷲތަޢާލާގެ މަގަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ދައްކަވާފައިވާ މަގުކަން އެނގިގެންދެއެވެ. އެކަލޭގެފާނުގެ ސުންނާތާއި ޚިލާފަށް އެހެނިހެން މީހުން މިދައްކާ މަގުތަކަކީ އެއިލާހުގެ މަގު ނޫންކަން އެނގިގެންދެއެވެ. ހަމައެހެންމެ، ޝައިޠާނީ މަގުތައް ގިނަކަން އެނގިގެންދެއެވެ. އެއިން މަގަކަށް ތަބަޢަވެއްޖެ މީހާ ﷲތަޢާލާގެ ސީދާވެގެންވާ މަގުން އެއްކިބާވެގެންވާ އަބާއްޖަވެރިންގެ ތެރެއިން ވެގެންދާނެއެވެ. މިކަން ބަޔާންކުރައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. وَإِنَّ أُمَّتِيْ سَتَفْتَرِقُ عَلَى ثِنْتَيْنِ وَسَبْعِيْنَ فِرْقَة. كُلُّهَا فِي النَّارِ إِلَّا وَاحِدَة (رواه ابن ماجه وصححه الألباني) “އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތް 72 ބަޔަށް ބެހިގެންދާހުއްޓެވެ. އެހުރިހާ ބަޔެއް ވާނީ ނަރަކައިގައެވެ. އެންމެ ބަޔެއް ފިޔަވައެވެ.” އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. خَطَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَطًّا بِيَدِهِ ثُمَّ قَالَ هَذَا سَبِيلُ اللَّهِ مُسْتَقِيمًا قَالَ ثُمَّ خَطَّ عَنْ يَمِينِهِ وَشِمَالِهِ ثُمَّ قَالَ هَذِهِ السُّبُلُ وَلَيْسَ مِنْهَا سَبِيلٌ إِلَّا عَلَيْهِ شَيْطَانٌ يَدْعُو إِلَيْهِ ثُمَّ قَرَأَ { وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ } (رواه أحمد وحسن إسناده شعيب الأرناؤوط) “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އަތްޕުޅުން (ބިންމަތީގައި) ރޮނގެއް ކުރެއްސެފުމަށްފަހު ޙަދީޘްކުރެއްވިއެވެ. މިސީދާ މަގަކީ ﷲގެ މަގެވެ. އެއަށްފަހު އެރޮނގުގެ ކަނާތްފަރާތާއި ވައަތްފާރަތުގައި (ރޮނގުތަކެއް) ކުރެއްސެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. އެމަގަކަށް ގޮވާލައި (މަގުފުރެއްދުމަށް) ޝައިޠާނަކު ނުވާ އެއްވެސް މަގެއް، މިމަގުތަކުގެ ތެރޭގައި ނުވެއެވެ. ދެންފަހެ ކިޔަވާވިދާޅުވިއެވެ. وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ “އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ!“
މިވާހަކަތައް ކިޔައިދިނުމުން މީހަކު ބުނެފާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلامِ (المائدة : ١٦) “ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބަޢަވީ މީހަކަށް ސަލާމަތުގެ މަގުތަކަށް އެފޮތުން މަގުދައްކަވަތެވެ.” މިތަނުގައި އައިސްފައިމިވަނީ ސަލާމަތުގެ މަގުތަކެވެ. އެހެންވީމާ، މިއާޔަތާއިމެދު ބުނަނީ ކީކޭ ހެއްޔެވެ؟
އެމީހާއަށް ޖަވާބުގައި ބުނެވިދާނެއެވެ. ﷲތަޢާލާގެ މަގާއި އެހެނިހެން މަގުތައް އަޅާކިޔުމުގެ މަޤާމްތަކުގައި، އެއިލާހުގެ މަގަށް ނިސްބަތްކުރައްވައި، ﷲވަޙީކުރައްވާފައިވަނީ އެންމެ މަގެއްގެ ވާހަކައެވެ. އިތުރު މަގުތަކުގެ ވާހަކަތަކެއް ބަޔާންނުކުރައްވައެވެ. އެކަމަކު އެއިލާހުގެ މަގުގެ ވާހަކަ ތަފްޞީލުކުރައްވާއިރު ‘މަގުތައް’ މިފަދައިން އަންގަވާފައިވެއެވެ. އެހެންކަމުން މިތަނުގައި ‘މަގުތައް’ މިބަހުގެ މުރާދަކީ އެއިލާހުގެ ތަފާތު މަގުތަކެއްވާ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު އެއިލާހުގެ މަގުގައިވާ ތަފާތު ޝިޢާރުތަކުގެ ވާހަކައެވެ. އެއީ ނަމާދާއި ޒަކާތާއި އަދިމިނޫންވެސް ދީނުގެ އެހެނިހެނ ޝިޢާރުތަކެވެ. އެހެންކަމުން މިއާޔަތުގެ މުރާދަކީ، އެއިލާހު ރުހިވޮޑިގަންނަވާ މަގަށް ތަބަޢަވެއްޖެ މީހަކަށް، ސަލާމަތުގެ އައްސޭރިއަށް ދިޔުމަށްޓަކައި ކުރާނޭ ކަންތަކަށް ކީރިތިޤުރުއާނުގެ ޛަރީޢާއިން މަގުދައްކަވާނޭ ވާހަކައެވެ.
އަދިހަމައެހެންމެ އާޔަތުގެ ފަހުކޮޅަށް ބެލުމުންވެސް ސުވާލުގެ ޖަވާބު ލިބިގެންދާނެއެވެ. އެހެނީ، ﷲތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ (المائدة : ١٦) “ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބަޢަވީ މީހަކަށް ސަލާމަތުގެ މަގުތަކަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން (ކުފުރުގެ)އަނދިރިކަންތަކުގެ ތެރެއިން (އީމާންކަމުގެ)އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.” މިތަނުގައި ކުފުރުގެ ވާހަކަ ބަޔާންކުރެއްވިއިރު الظُّلُمَةގެ ބަދަލުގައި ވަޙީކުރައްވާފައި މިވަނީ الظُّلُمَاتِއެވެ. އެހެންވީމާ ހަމަ މިއާޔަތުންވެސް ކުފުރުގެ (ޝައިޠާނާގެ) ގޮތްތައް ގިނަކަން އެނގެއެވެ. ‘އައްޡުލުމަތު’ އަކީ އެންމެ އަނދިރިކަމެކެވެ. އަދި އަނދިރިކަންތައް ގިނަވީމާ ކިޔާނީ ‘އައްޡުލުމާތު’އެވެ. ދެން، އީމާންކަމުގެ ވާހަކަ ބަޔާންކުރެއްވިއިރު الأَنْوَارُގެ ބަދަލުގައި ވަޙީކުރައްވާފައިމިވަނީ النُّورِ އެވެ.
އެހެންކަމުން ޙައްޤުގެ އަހުލުވެރިންނާއި ބާޠިލުގެ އަހުލުވެރިންގެ ތަފާތަކީ، ޙައްޤުގެ އަހުލުވެރިންގެ މެދުގައި ބައިބައިވުން ނުވާނެއެވެ. އެހެނީ އެމީހުން ކަމެއްގައި ޚިޔާލުތަފާތުވުމާއެކު، ﷲގެ ފޮތާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ގޮތަށް ރުޖޫޢަވެ އެކަމުގެ ޙައްލު އެ 2މަޞްދަރުން ހޯދާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ (النساء: ٥٩) “ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲއާއި، އެއިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން، ﷲއާއި، އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ.” ޞަޙާބީ ބޭކާލުންގެ ތެރޭގައިވެސް ކަންތައްތަކުގައި ޚިޔާލުތަފާތުވިއެވެ. ނަމަވެސް އެކަންތައް ލަސްތަކެއްނުވެ ހައްލުވެއެވެ. އެއީ ކީއްވެތޯއެވެ؟ އެބޭކަލުން ﷲތަޢާލާގެ ފޮތާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން އެކަމުގެ ޙައްލުހޯއްދަވާތީއެވެ. އެ 2މަޞްދަރުން ހައްލުހޯދަން މަސައްކަތް ނުކުރާނާމަ ކަންތައް ވެގެންދާނޭގޮތް، ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރުހިންގާލި ކޮންމެ މީހަކަށް މިއަދު ފެނިގެންދާނެއެވެ.
(ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ): މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތްކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.
މި އާޔަތްތަކުގައި އެއިލާހު ވަނީ 10 ވަޞިއްޔަތް ބަޔާންކުރައްވާފައެވެ. އެއަށްފަހު ވަޙީކުރައްވާފައިމިވަނީ އެއިލާހު ތިޔަބައިމީހުންނަށް މިވަޞިއްޔަތްތައް ކުރެއްވީ، މިކަންތަކަށް ތަބަޢަވެ، ﷲއަށް ބިރުވެތިވުމަށްޓަކައެވެ. އެހެނީ ދެދުނިޔޭގައިވެސް ކާމިޔާބުލިބުންވަނީ ތަޤުވާވެރިންނަށެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-‘އާޔާތުލް ވަޞާޔާ އަލްޢަޝްރި’ގެ ނަމުން މަޝްހޫރުވެފައިވާ އާޔަތްތަކުގައި ބަޔާންވެފައިވަނީ ކިތައް ވަޞިއްޔަތް؟ އަދި އެއިން ވަޞިއްޔަތެއް ބަޔާންކުރޭ!
2-ﷲތަޢާލާ އާއި ކުއްތަންވުމަށް އޮތް މަގަކީ ކޮބާ؟
3-‘ޞިރާޠު’ މިބަސް ޤުރުއާނުގައި އައިސްފައިވާ ގޮތްތަކާމެދު އެނގޭ އެއްޗެއް ބަޔާންކުރޭ!
4-ﷲތަޢާލާގެ މަގު ޞިފަކޮށްދެއްވަމުން، (مُسْتَقِيمًا)، މިފަދައިން އައިސްފައިވުމުން އެނގިގެންދާ ކަންތައްތައް ބަޔާންކުރޭ!
5-ﷲގެ މަގަށް ނިސްބަތްކުރައްވާ އަންގަވާފައިވަނީ ‘އައްސަބީލް’ އެވެ. އެހެނެއްކަމަކު ޝައިޠާނާގެ މަގަށް ނިސްބަތްކުރައްވާ އަންގަވާފައިވަނީ ‘އައްސުބުލް’ އެވެ. މިހެން އައިސްފައިވާ ސަބަބު ބަޔާންކުރޭ! އަދި މިއާމެދު މީހަކު ކޮށްފާނެ ސުވާލެއް، އެއަށް ދޭނޭ ޖަވާބާއެކު ބަޔާންކުރޭ!
6-ޙައްޤުގެ އަހުލުވެރިންނާއި ބާޠިލުގެ އަހުލުވެރިންގެ ތަފާތަކީ ކޮބާ؟
7-މިއަދު މުސްލިމުންގެ މެދުގައި ތަފާތު އެކިއެކި ބައިބައިވުން އުފެދުމުގެ ސަބަބަކީ ކޮބާ؟
-ނުނިމޭ-
_____________________________________