[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަފްސުގެ މާނަ

nafsuge maana_XLބަހުގެ ގޮތުން ބަލާއިރު ނަފްސު މިލަފްޒުގައި އެތައް ބައިވަރު މާނަތަކެއް އެކުލެވިގެންވެއެވެ.

1- ފުރާނަ، (ރޫޙު) – يُقَالُ خَرَجَتْ نَفْسُهُ ބުނެވެއެވެ. އޭނާގެ ނަފްސު ނުކުމެއްޖެއެވެ. މިތާނގައި ނަފްސުގެ މާނައަކީ ރޫޙެވެ. (ފުރާނަ އެވެ)

2- އަލްޢައިން – (އެސްފީނާ) – يُقَالُ أَصَابَهُ نَفْس ބުނެވެއެވެ. އޭނާއަށް އެސްފީނާ ޖެހިއްޖެއެވެ.

 3- ނިޔަތް – يُقَالُ فِي نَفْسِ فُلاَنٍ كَذَا وَكَذَا ބުނެވެއެވެ. އެވެނި މީހެއްގެ ނިޔަތުގައި އެވެނި މިވެނި ކަމެއްވެއެވެ.

4- އިންސާނީ ޛާތު – މިއީ އިންސާނާގެ ނަފްސަށް ނިސްބަތްކުރުމެވެ. ތަރުބަވީ ނަފްސާނީ ޢިލްމުގައި ނަފްސު މާނަކުރަނީ މިމާނައިގައެވެ.

ކީރިތި ޤުރުއާނުގައި ނަފްސުގެ މާނަ

1- ރޫޙު (ފުރާނަ) – يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ “އޭ ހިތްހަމަޖެހިގެންވާ ނަފްސާއެވެ” މިތަނުގައި ނަފްސުގެ މާނައަކީ ރޫޙެވެ. ނުވަތަ ފުރާނައެވެ.

2- އެއްޗެއްގެ ޛާތު ނުވަތަ ޙަޤީޤަތް – މި މާނާގައި އިންސާނާގެ ނަފްސޭ ބުނުމުން އޭގެ މާނައަކީ ޖިސްމަކާއި ރޫޙަކުން އެކުލެވިގެންވާ ޙަޤީޤަތެވެ. ނުވަތަ އިންސާނާގެ ޛާތެވެ. عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ – الانفطار ٥ (އެހިނދު) ކޮންމެ ނަފްސަކަށް އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.

3- އިންސާނީ ޛާތު – މިއީ އިންސާނާގެ ޛާތަށް ނިސްބަތްކޮށް ބުނެވޭ ބުނެވުމެވެ. وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ- النساء: ٧٩ “އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ ނަފްސުގެ ފަރާތުން އައިކަމެކެވެ.”

4- އިންސާނާ ހޭވެރިކަމުގެ ހާލަތުގައި ހުންނައިރު އޭނާއަށް ކުރެވޭ އިޙްސާސް އަދި ލިބިގަނެވޭ ލިބިގަނެވުންތައް – وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ – ق: ١٦ “އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”

5- އިންސާނުންގެ އަޞްލު- އިންސާނިއްޔަތުގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް – يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الِّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ – النساء: ١  އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އެއިލާހީ އެންމެ ނަފްސަކުން(އާދަމް ޢަލައިހިއްސަލާމްއިން) ތިޔަބައިމީހުން ހެއްދެވި އިލާހެވެ.

6- ފަރުދުންނަށް ނިސްބަތްކޮށް- هِيَ رَاوَدَتْنِي عَنْ نَفْسِي- يوسف: ٢٦ ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. (މިތާނގައި ނަފްސު ނިސްބަތް އެކުރަނީ ޔޫސުފް ޢަލައިހިއްސަލާމަށެވެ.)

ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވެސް ނަފްސު މީގެ ތެރެއިން ބައެއް މާނަތަކުގައި އައިސްފައިވެއެވެ.